ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/248
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން، 2018/HC-A/248
Ahmed Ismail v. Lateefaa Ali Hassan 2018/HC-A/248 (2018/HC-A/248, High Court of the Maldives, 8 May 2019)
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 15 ދުވަހުގެ ތެރޭގައި ތަނުގައި ތިބި މީހުންނާއި މުދަލާއެކު ތަން ހުސްކޮށް މިލްކުވެރިޔާއާ ޙަވާލުކުރުމަށް ފުލުހުންނަށް އަމުރުކޮށް، ތަން ހުސްކުރުމުގައި މުދަލަށް ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެކަމަށް އެންގިއެވެ.
ސިވިލް ކޯޓުގެ C/2016-CV/984 ޤަޟިއްޔާގައި ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މިލްކުވެރިޔާއާ ޙަވާލުކުރުމަށް ޙުކުމްކުރިނަމަވެސް އެކަން ނުކުރުމުން، ސުޕްރީމް ކޯޓުގެ SC/2015/03 ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގެ އިސްނެގުމުގައި ތަންފީޛީ މައްސަލަ (C/2017-CV/2975) ބެލުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އޭނާގެ ބަސް ނުހޯދައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ އަމުރު ނެރުނީ ޤާނޫނުއަސާސީގެ 42 (ހ) އާ ޚިލާފަށް ކަމަށާއި، ގެއްލުމުގެ ޒިންމާ ފުލުހުން ނުނަގާނެކަމަށް ކަނޑައެޅުމުން 42 (ށ) އާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފަށް ތިންވަނަ ފަރާތުގެ ޙައްޤު ގެއްލޭ ކަމަށެވެ.
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު، ޙުކުމް ރައްދުވާ ފަރާތުގެ ބަސް ނުހޯދައި ނެރުމާއި، ތަން ހުސްކުރުމުގައި މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ފުލުހުން ނުނަގާނެކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
އިސްތިއުނާފުކުރި ފަރާތް ޙާޟިރުކުރުމަށް ސިވިލް ކޯޓުން ހުރިހާ ފިޔަވަޅެއް އެޅުމަށްފަހު ޣައިރު ޙާޟިރުގައި އަމުރު ނެރުނީ ކަމަށާއި، ހެޔޮ ނިޔަތުގައި ޙުދޫދުގެ ތެރެއިން ތަންފީޛުކުރާ އިދާރާއަކަށް ގެއްލުމުގެ ޒިންމާ ނުއުފުލޭނެ ކަމަށާއި، އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމް ރައްދުވާ ފަރާތް ކޯޓަށް ޙާޟިރުކުރުމަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމާއި، އިޢުލާނުކުރުމާއި، ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ފުލުހުންނަށް އަމުރުކުރުން ފަދަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އޭނާގެ ޣައިރު ޙާޟިރުގައި ތަންފީޛީ އަމުރު ނެރުމަކީ، މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުގެ ބޭރުން ކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- މަދަނީ މައްސަލަތަކުގައި އިއްވޭ ޙުކުމްތަކަކީ ޙުކުމުގައި ކަނޑައަޅާފައިވާ ފަރާތުން ތަންފީޛުކުރަންޖެހޭ ޙުކުމްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ޙުކުމް ރައްދުވާ ފަރާތުން ޙުކުމް ތަންފީޛުނުކޮށްގެން، ޙުކުމް ތަންފީޛުކުރާ އިދާރާއަކުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޙުކުމް ތަންފީޛުކުރަންޖެހޭ ޙާލަތުގައި، އެ އިދާރާއަކުން ހެޔޮ ނިޔަތުގައި، އެކަށީގެންވާ ހަމަތަކުގެ މަތިން، ތަންފީޛީ އަމުރުގެ ޙުދޫދުގެ ތެރެއިން އަޅާ ފިޔަވަޅުތަކުން ޙުކުމް ތަންފީޛުނުކުރި ފަރާތަށް ލިބިދާނެ ގެއްލުމުގެ ޒިންމާ އެ އިދާރާއަކުން އުފުލަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- މަދަނީ ޙުކުމެއް ޙުކުމް ރައްދުވާ ފަރާތުން ތަންފީޛުނުކޮށްގެން ދައުލަތުގެ އިދާރާއަކުން ތަންފީޛުކުރަންޖެހޭ ޙާލަތުގައި އެކަމަށް ހިނގާ ޚަރަދަކީ ދައުލަތުން "ތަބައްރުޢު" އެއްގެ ގޮތުގައި ކުރާ ޚަރަދަކަށް ނުވާނެއެވެ. އެ ޚަރަދަކީ ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތުން ޒިންމާވާންޖެހޭ ކަމެއް ކަމަށްވާތީ، އެ ޚަރަދު ހޯދުމަށް ދައުލަތުން ދަޢުވާކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015/03 ސަރކިއުލަރ
- ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް