ސައިޓޭޝަން ކޮޕީ ކުރުމަށް
2017/SC-A/07
އަޙްމަދު ޢަލީ ވ. ޢަބްދުﷲ ލަޠީފް، 2017/SC-A/07
Ahmed Ali v. Abdhuﷲ Lateef 2017/SC-A/07 (2017/SC-A/07, Supreme Court of the Maldives, 24 September 2020)
އަޙްމަދު ޢަލީ ވ. ޢަބްދުﷲ ލަޠީފް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 2368/Cv-C/2011 ގައި އެއްބަސްވުން ވާރިސުން ދަމަހައްޓަން ޖެހޭނެ ކަމަށް ޙުކުމްކޮށް، ހައިކޯޓުގެ 2013/HC-A/81 ގައި އެ ޙުކުމަށް ތާއީދުކުރިއެވެ. ސުޕްރީމް ކޯޓުގެ 2013/SC-A/25 ގައި، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން ދެ ފްލޯ ހަވާލުނުކުރުމުން އެއްބަސްވުން ބާތިލުވީ ކަމަށް ކުރި ދިފާޢާމެދު ގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުމުން، ހައިކޯޓުގެ 2015/HC-A-02/05 ގައި އެއްބަސްވުން ބާތިލުވެފައިނުވާ ކަމަށާއި ވާރިސުން އެ ދަމަހައްޓަން ޖެހޭނެ ކަމަށް ނިންމިއެވެ. ވާރިސުން އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
މ. މުންތަޒާ ގޯއްޗާއި އިމާރާތް 15 އަހަރު ދުވަހަށް ޢަބްދުﷲ ލަތީފްއަށް ކުއްޔަށް ދިނުމަށް އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި އެއްބަސްވުމެއް ހެދިއެވެ. އާމިނަތު ރިފްޢަތު ނިޔާވުމަށްފަހު، އެ އެއްބަސްވުން ދެމެހެއްޓުމަށް އޭނާގެ ވާރިސުންގެ މައްޗަށް އަމުރުކޮށްދިނުން އެދި ޢަބްދުﷲ ލަތީފް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ވާރިސުން ބުނީ 1 ޑިސެމްބަރު 2009 ގެ ކުރިން 5 ވަނަ އަދި 6 ވަނަ ބުރި ހަވާލުނުކުރުމުން، ގާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ، އެ އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އެންގުމުން ޢަބްދުﷲ ލަތީފްއަށް ނާޖާއިޒު މަންފާ ލިބޭ ކަމަށެވެ. ޢަބްދުﷲ ލަތީފް ބުނީ ކުރެހުން ފާސްވީ 10 ޖުލައި 2008 ގައި ކަމަށާއި، ފްލޯ ހަވާލުނުކުރެވިއްޖެ ނަމަ ހަދާނެ ގޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ އެ ސަބަބަށް އެއްބަސްވުން ބާތިލުނުކުރެވޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ކޮންޓްރެކްޓެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް އެ މުއްދަތުގެ ތެރޭގައި އަނެއް ފަރާތުން ކޮށްފައިނުވާ ސަބަބަށްޓަކައި، އެ ކޮންޓްރެކްޓު ބާތިލުކުރުމުގެ ޙައްޤު ކޮންޓްރެކްޓުގެ ދަށުން އަނެއް ބައިވެރިޔާއަށް ލިބިގެންވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ފާހަގަކުރީ، އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ކުއްޔަށްހިފާ ފަރާތުގެ އަސާސީ ދެ ވާޖިބާއި، ދެ ބުރި މުއްދަތުގައި ހަވާލުނުކުރެވިއްޖެ ނަމަ ދުވާލަކަށް 400 ރުފިޔާ ދެއްކުމުގެ ފަރުވާ ބަޔާންކޮށްފައިވާ ކަމަށާއި، އިމާރާތް 5 އަހަރުގެ ތެރޭގައި ނުނިމިއްޖެ ނަމަ ނިމިފައިހުރި މަސައްކަތުގެ އަގުދީގެން ބާތިލުކުރުމުގެ ބާރު އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއްބަސްވުން ނިމުމަކަށް އަންނާނެ ގޮތްތައް އެ އެއްބަސްވުމުގައި ބަޔާންކޮށް އެގޮތަށް އަމަލުކުރުމަށް ދެފަރާތް އެއްބަސްވެފައިވާތީ، އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން ނޭނގޭ ކަމަށާއި، ހައިކޯޓުގެ ޙުކުމަކީ އެއްބަސްވުމާއި ގާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ، އިއްތިފާޤުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލު
- އެއްބަސްވުން ނިމުމަކަށް އަންނާނެ ގޮތްތައް އެ އެއްބަސްވުމުގައި ބަޔާންކޮށް އެގޮތަށް އަމަލުކުރުމަށް އެއްބަސްވެފައިވާތީވެ، މި އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
އިސްތިއުނާފު ކުރާ ފަރާތް:
އަޙްމަދު ޢަލީ
އިސްތިއުނާފު ރައްދުވާ ފަރާތް:
ޢަބްދުﷲ ލަޠީފް
މައްސަލައިގެ ބާވަތް:
ގޯތިގެދޮރު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
07 ސެޕްޓެމްބަރ 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:
20 މާރޗް 2017ނިމުނު ތާރީޚު:
24 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
ހުށަހެޅުނު ތާރީޚު:
24 މެއި 2015ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
08 ޖޫން 2016
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
1މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބަހުސްކުރެވިފައިވާ މައިގަނޑު ނުކުތާއަކީ ކޮންޓްރެކްޓެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓުގައި ހިމެނޭ އަނެއް ފަރާތުން ކޮށްފައިނުވާ ކަމަށް ކޮންޓްރެކްޓުގެ ބައިވެރިޔަކު ބުނާތީ، އެ ސަބަބަށްޓަކައި އެ ކޮންޓްރެކްޓު ބާތިލުކުރުމުގެ ހައްގު ކޮންޓްރެކްޓުގެ ދަށުން އެ ފަރާތަށް ލިބިގެންވޭތޯއެވެ.
2އާމިނަތު ރިފްޢަތުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ. މުންތަޒާ އެވެ ކިޔުނު ބަންޑާރަ ގޯއްޗާއި، އިމާރާތް، 15 ޑިސެމްބަރު 2007 އިން ފެށިގެން 15 އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުﷲ ލަތީފްއަށް ކުއްޔަށް ދިނުމަށް އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ކޮންޓްރެކްޓެއް ކޮށްފައިވެއެވެ.
3މި ކޮންޓްރެކްޓުގެ ދަށުން އެ ގޯތީގައި ޢަބްދުﷲ ލަތީފްގެ ޚަރަދުގައި ހެދި އިމާރާތް ހަދައި ނިމުމަކާ ހަމަޔަށް ގޮސްފައިވަނިކޮށް 30 ސެޕްޓެމްބަރު 2011 ގައި އާމިނަތު ރިފްޢަތު ނިޔާވެފައިވެއެވެ.
4އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެގްރީމަންޓު ދެމެހެއްޓުމަށް އާމިނަތު ރިފްޢަތުގެ ވާރިސުންގެ މައްޗަށް އަމުރުކޮށްދިނުން އެދި ޢަބްދުﷲ ލަތީފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2011 ގަޒިއްޔާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުން އާމިނަތު ރިފްޢަތުގެ ވާރިސުން ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
6ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2011 ގަޒިއްޔާގައި ކޮށްފައިވާ ހުކުމާމެދު ހިތްހަމަނުޖެހިގެން އާމިނަތު ރިފްޢަތުގެ ވާރިސުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2013/HC-A/81 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު2368/Cv-C/2011 ގަޒިއްޔާގެ ހުކުމަށް ތާއީދު ކޮށްފައިވެއެވެ.
7ހައިކޯޓުގެ ނަންބަރު 2013/HC-A/81 ގަޒިއްޔާގައި ކޮށްފައިވާ ހުކުމާމެދު ހިތްހަމަނުޖެހިގެން އާމިނަތު ރިފްޢަތުގެ ވާރިސުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ގަޒިއްޔާގައި ސުޕްރީމް ކޯޓުން ދެ ނުކުތާ ފާހަގަކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ގަޒިއްޔާގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2011 ގަޒިއްޔާގެ ޝަރީޢަތުގައި ޢަބްދުﷲ ލަތީފްގެ ފަރާތުން އާމިނަތު ރިފްޢަތުގެ ވާރިސުންގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން އެ ދައުވާއަށް ދެ ދިފާޢެއް ކުރިމަތި ކުރިކަމަށެވެ. އެ ދެ ދިފާޢަކީ:
(ހ) ސިވިލް ކޯޓުގައި ކުރިން އިޝާރާތްކުރެވުނު ޝަރީޢަތުގައި، އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ރިފްޢަތަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން 1 އެޕްރީލް 2008 ގައި އާމިނަތު ރިފްޢަތު ޢަބްދުﷲ ލަތީފް އާ ނޯޓިސްއެއް ހަވާލުކުރި ކަމަށްވާތީވެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން ހުށަހެޅި ދިފާޢު.
(ށ)އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން 1 ޑިސެމްބަރު 2009 ދުވަހުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމައި އާމިނަތު ރިފްޢަތު އާ ހަވާލުކުރަންޖެހޭ ދެ ފްލޯ އާމިނަތު ރިފްޢަތު އާ ހަވާލުކޮށްފައި ނުވާތީ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާތިލުވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ހުށަހެޅި ދިފާޢު.
8މި ބަޔާންކުރެވުނު ދެ ދިފާޢުގެ ތެރެއިން ފުރަތަމަ ދިފާޢާބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ގަޒިއްޔާގައި ބުނެފައިވަނީ އާމިނަތު ރިފްޢަތުގެ ފަރާތުން 1 އެޕްރީލް 2008 ގައި ޢަބްދުﷲ ލަތީފް އާ ހަވާލުކުރި ކަމަށް ބުނާ ނޯޓިސް އަކީ އެ ލިޔުމުގެ މައްޗަށް ރިއާޔަތްކޮށް، އާމިނަތު ރިފްޢަތުއާއި ޢަބްދުﷲ ލަތީފްއާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށް ގާނޫނީ ގޮތުން ބެލެވެން ނެތް ކަމަށެވެ.
9އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން ކުރިމަތިކުރި ދެވަނަ ދިފާޢުކަމުގައިވާ، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން 1 ޑިސެމްބަރު 2009 ދުވަހުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމައި އާމިނަތު ރިފްޢަތުއާ ހަވާލުކުރަންޖެހޭ ދެ ފްލޯ އާމިނަތު ރިފްޢަތު އާ ހަވާލުކޮށްފައި ނުވާތީ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާތިލުވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ހުށަހެޅި ދިފާޢު އާމެދު ސިވިލް ކޯޓުން އަދި ހައިކޯޓުން މައްސަލަ ނިންމިއިރު ގޮތެއް ކަނޑައަޅާފައި ނުވާތީވެ، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވަނީ މި ދިފާޢުގެ މައްޗަށް ހައިކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށާއި، އެހެން ކަމުން މި ނުކުތާއާ މެދު ހައިކޯޓުން ގޮތެއް ނިންމުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށެވެ.
10ސުޕްރީމް ކޯޓުން ހައިކޯޓަށް ތަހުވީލުކުރި މައްސަލަ ހައިކޯޓުން ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރުމުން ވެސް އެގްރީމަންޓަކީ ބާތިލުވެފައިވާ އެގްރީމަންޓެއް ކަމަށް ކަނޑައެޅޭނެ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުން އާމިނަތު ރިފްޢަތުގެ ވާރިސުން ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގައި ކޮށްފައިވާ ހުކުމާމެދު ހިތް ހަމަނުޖެހިގެން އަނެއްކާވެސް އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅިއެވެ. އެހެން ކަމުން، މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގައި ކޮށްފައިވާ ހުކުމާމެދު ހިތް ހަމަނުޖެހިގެން އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A-02/05 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ރަނގަޅުނޫން ކަމަށް ބުނެ އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، މ. މުންތަޒާގެ 5 ވަނަ ބުރި އާއި 6 ވަނަ ބުރީގެ ހުރިހާ މަސައްކަތެއް ނިންމައި 1 ޑިސެމްބަރު 2009 ގެ ކުރިން އެ ދެ ފްލޯ އާމިނަތު ރިފްޢަތު އާ ހަވާލު ނުކުރެވިއްޖެ ނަމަ އަމަލުކުރަންޖެހޭ ގޮތަށް ޢަބްދުﷲ ލަތީފްގެ ފަރާތުން އަމަލުކޮށްފައި ނުވާކަން ޢަބްދުﷲ ލަތީފްގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ހިނދު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ތާރީޚަކީ ހަތް އަހަރުގެ ކުރިން މާޒީވެ ގޮސްފައިވާ ތާރީޚަކަށްވާ ހިނދު، މިހާރު، އެ މާއްދާއާ އެއްގޮތަށް އަމަލުކުރުމަކީ ޢަބްދުﷲ ލަތީފަށް ކުރެވޭނެ ކަމަކަށްނުވާ ހިނދު، އެއީ ގާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނިމުމަކަށް އައިސްފައިވާ އެއްބަސްވުމަކަށް އިހްތިރާމް ކުރުމަށް އާމިނަތު ރިފްޢަތުގެ ވާރިސުންނަށް ހައިކޯޓުން އެންގެވި އެންގެވުމުގެ ސަބަބުން ޢަބްދުﷲ ލަތީފްއަށް ނާޖާއިޒު މަންފާތަކެއް ލިބެމުންދާ ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
13މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ނިންމި ނަންބަރު 2013/SC-A/25 ގަޒިއްޔާގެ ހުކުމުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށް ތަހުވީލުކުރެވުނު ނުކުތާ ކަމުގައިވާ، އެއްބަސްވުމުގެ2 ވަނަ މާއްދާގެ ދަށުން 1 ޑިސެމްބަރު 2009 ދުވަހުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމައި އާމިނަތު ރިފްޢަތު އާ ހަވާލުކުރަންޖެހޭ ދެ ފްލޯ އާމިނަތު ރިފްޢަތު އާ ހަވާލުކޮށްފައި ނުވާތީ އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަތީފް އާ ދެމެދު 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ބާތިލުވެ ނިމުމަކަށް އައިސްފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ދިފާއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގެ ހުކުމުގައި އެ ނުކުތާއާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި މިވަނީއެވެ.
(ހ)ދެ ފަރާތުގެ ދެމެދުގައިވާ ކޮންޓްރެކްޓުގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނެފައިވަނީ އެގްރިމަންޓުގެ ދަށުން ކުރެވޭ އިމާރާތް ކުރެހުމާ އެއްގޮތަށް މަސައްކަތް ފަށާތާ 5 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވާނެ ކަމަށާއި، ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކޮމްޕްލީޓްކޮށް ކުއްޔަށްދޭ ފަރާތާ ހަވާލުކުރަންޖެހޭ ދެ ބުރި ހަވާލުކުރަންވާނެ ކަމަށާއި، މި މުއްދަތު ގުނުމުގައި ގުދުރަތީ ގޮތުން ދިމާވާ ކަންތައްތަކުގެ ސަބަބުން މަސައްކަތްނުކުރެވޭ ދުވަސްތައް ނުހިމެނޭނެ ކަމަށާއި، މި މުއްދަތުގައި މި ދެ ބުރި ހަވާލު ނުކުރެވިއްޖެ ނަމަ އެ ދެ ބުރި ނިންމައި ހަވާލުކުރެވެންދެން އިތުރުވާ ކޮންމެ ދުވަހަކަށް 400.00 (ހަތަރު ސަތޭކަ) ރުފިޔާ ކުއްޔަށް ދޭ ފަރާތަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި، އިމާރާތްކުރުމަށް ދީފައިވާ މުއްދަތުގައި އިމާރާތް ނުނިމިއްޖެ ނަމަ، ނިމިފައިހުރި މަސައްކަތަށް އަގުދީފައި އެގްރިމަންޓު ބާތިލުކުރުމުގެ ބާރު ވެރިފަރާތަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
(ށ)އާމިނަތު ރިފްޢަތުގެ ވާރިސުންގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން 1 ޑިސެމްބަރު 2009 ގެ ކުރިން މަސައްކަތް ނިންމައި ހަވާލުކުރަން އެއްބަސްވެފައިވާ ދެ ބުރި އާމިނަތު ރިފްޢަތު އާ ހަވާލުކޮށްފައި ނެތުމުން އެއްބަސްވުން ބާތިލުވެފައިވާ ކަމަށެވެ. މި ނުކުތާގެ ޖަވާބުގައި ޢަބްދުﷲ ލަތީފްގެ ފަރާތުން ބުނެފައިވަނީ އެގޮތަށް ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވީ ނަމަވެސް އިމާރާތުގެ ކުރެހުމާއި އިމާރާތްކުރަންޖެހޭ ބިމުގެ މިންތަކާއި ދިމާނުވާތީ އިމާރާތްކުރުމުގެ މަސައްކަތް ފެށުނީ އެ ކުރެހުންތައް އިސްލާހުކުރަން ހުށަހަޅައިގެން 10 ޖުލައި 2008 ގައި އެ ކުރެހުންތައް ކަމާބެހޭ އިދާރާއިން ފާސްކުރުމުން ކަމަށާއި، އެހެން ކަމުން އެ ދެ ބުރި ހަވާލުކުރަން ޖެހެނީ 10 ޖުލައި 2010 ގެ ކުރިންކަން އެނގި ސާބިތުވާއިރު، އެއްބަސްވުމުގެ ދަށުން އެ ދެ ފްލޯ 1 ޑިސެމްބަރު 2009 ގެ ކުރިން ލިބެންޖެހޭނެ ކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، އެ ތާރީޚުގައި ހަވާލު ނުކުރެވިއްޖެ ނަމަ ހަދާނެ ގޮތް އެ މާއްދާގައި ލިޔެފައިވާތީވެ، މި ސަބަބަށްޓަކައި އެގްރިމަންޓު ބާތިލުނުކުރެވޭނެ ކަމަށެވެ.
(ނ)އެއްބަސްވުމުގެ މާއްދާތަކަށް ބަލާއިރު އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމުގެ މުއްދަތާއި ބެހޭގޮތުން ބަޔާންކޮށްފައިވާ މާއްދާތައް ހުރީ އެއްބަސްވުމުގެ 12 ވަނަ މާއްދާއިން ފެށިގެން 16 މާއްދާއަށް ކަމަށާއި، މިގޮތުން 12 ވަނަ މާއްދާގައި ބުނަނީ އެގްރިމަންޓުގައި ސޮއިކޮށް އެގްރިމަންޓު އަގުދުކުރުމަށްފަހު މި އެގްރިމަންޓު ބާތިލުކޮށް ކުއްޔަށް ހިފި ފަރާތުގެ ހައްގުތައް ނިގުޅައިގަތުމުގެ އެއްވެސް އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށާއި، މި އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބުނެފައިވަނީ މި އެގްރިމަންޓުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްދޭ ފަރާތުން އެގްރިމަންޓު ބާތިލުކުރަން ބޭނުންވެއްޖެ ނަމަ 15 ދުވަސް ކުރިން ކުއްޔަށް ހިފި ފަރާތަށް އަންގައިގެން ބާތިލުކުރުމުގެ ކަންތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށާއި، މި ގޮތުން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތަށް 30 ދުވަހުގެ ނޯޓިސް ދިނުމާއި، އިމާރާތަށް ކޮށްފައިވާ ޚަރަދުން ބާކީ ދޭންޖެހޭ ޚަރަދު އެގްރިމަންޓު ބާތިލުކުރާތާ 15 ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށެވެ.
(ރ)އެހެންކަމުން މި އެގްރިމަންޓުގެ ހަވާލާދެވުނު 12 ވަނަ މާއްދާ އާއި 15 ވަނަ މާއްދާއަށް ބެލުމުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރަންޖެހޭނަމަ، އަމަލުކުރަންޖެހޭނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައިވާ ގޮތަށްކަން އެނގޭ ކަމަށެވެ.
(ބ)އެއްބަސްވުމުގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނާ 2 ފްލޯ އެއްބަސްވުމުގެ އެ މާއްދާގައި ބުނާ ތާރީޚުގައި ހަވާލުނުކުރެވި އޮތް އޮތުމަކީ އެ ސަބަބަށްޓަކައި އެ ހިނދުން ފެށިގެން އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ސަބަބެއް ނޫންކަމަށާއި، މިގޮތުން އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބުނާ ގޮތާއި ޢަބްދުﷲ ލަތީފް ޚިލާފުވެއްޖެ ނަމަ ކަންކުރަންޖެހޭނެ ގޮތް އެ މާއްދާގައި ބުނެފައިވާއިރު، އެ ގޮތަކީ އެ މާއްދާގައި ބުނާ މުއްދަތަށް އެ ފްލޯ ނިންމައި ހަވާލުކުރެވެންދެން ދުވާލަކަށް 400.00 (ހަތަރު ސަތޭކަ) ރުފިޔާ އާމިނަތު ރިފްޢަތަށް ޢަބްދުﷲ ލަތީފް ދޭން ޖެހުމެވެ.
(ޅ)މީގެ އިތުރުން އެ މާއްދާއަށް އަމަލު ނުކޮށްގެން އެއްބަސްވުން ބާތިލުކުރަން ބޭނުން ނަމަ އެކަން ކުރަންޖެހޭނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބުނާ ގޮތަށް ނޯޓިސް ދީ، އެހާތަނަށް އެ އިމާރާތަށް ޢަބްދުﷲ ލަތީފްގެ ފަރާތުން ކޮށްފައިވާ ޚަރަދު ދިނުމަށް ފަހުގައިކަން އެއްބަސްވުމަށް ބެލުމުން އެނގޭ ކަމަށެވެ. މީގެ އިތުރުން ހައިކޯޓުން ބުނެފައިވަނީ އެއްބަސްވުމުގެ ދެވަނަ މާއްދާގެ ދަށުން ހަވާލުކުރަންޖެހޭ 2 ފްލޯގެ ތެރެއިން 1 ފްލޯގެ ފިނިޝިންގ ނިންމައި އާމިނަތު ރިފްޢަތުއާ ހަވާލުކުރެވިފައިވާނެ ކަމަށް ޢަބްދުﷲ ލަތީފް ބުނެފައިވާ ކަމަށާއި، ދެ ފްލޯގެ ތެރެއިން ދެން ދޭންޖެހޭ އަނެއް ފްލޯގެ ފިނިޝިންގ ނިންމައި ހަވާލުކުރެވިފައި ނުވަނީ އާމިނަތު ރިފްޢަތުގެ ފަރާތުން އެއްބަސްވުން ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ފްލޯގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން އެންގި އެންގުމަކާ ގުޅިގެން ކަމަށެވެ.
14ޕްރިސިޑެންސް 1ދެ ފަރާތުގެ ދެމެދުގައި 20 ޖެނުއަރީ 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ލަތީފްގެ ފަރާތުން އަދާކުރަންޖެހޭ އަސާސީ ދެ ވާޖިބު ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 2 ވަނަ މާއްދާގައެވެ. އެ މާއްދާގައިވާ ގޮތުން ޢަބްދުﷲ ލަތީފްގެ ފަރާތުން އަދާކުރަންޖެހޭ އަސާސީ ދެ ވާޖިބަކީ: (1) އެގްރިމަންޓުގެ ދަށުން ކުރެވޭ އިމާރާތް ކުރެހުމާ އެއްގޮތަށް މަސައްކަތް ފަށާތާ 5 އަހަރު ދުވަހުގެ ތެރޭގައި ނިންމުން؛ އަދި (2) ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުއްޔަށްދޭ ފަރާތާ ހަވާލުކުރަންޖެހޭ ދެ ބުރި ކޮމްޕްލީޓް ކުރުމަށްފަހު ހަވާލުކުރުން، މިއެވެ. މި މުއްދަތުގައި މި ދެ ބުރި ހަވާލު ނުކުރެވިއްޖެ ނަމަ ކުއްޔަށްދޭ ފަރާތަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ފަރުވާ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ފަރުވާއަކީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ބުރި ނިންމައި ހަވާލުކުރެވެންދެން އިތުރުވާ ކޮންމެ ދުވަހަކަށް 400.00 (ހަތަރު ސަތޭކަ) ރުފިޔާ ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދައްކަން ޖެހުމެވެ. އަދި، އިމާރާތްކުރުމަށް ދީފައިވާ 5 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާފައި ނުވާނަމަ އެ ހާލަތުގައި ކުއްޔަށްދޭ ފަރާތަށް ލިބޭނޭ ފަރުވާވެސް އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ މުއްދަތުގައި އިމާރާތް ނުނިމިއްޖެ ނަމަ، ނިމިފައިހުރި މަސައްކަތަށް ކުއްޔަށްހިފާ ފަރާތަށް އިމާރާތުގެ އަގުދީފައި އެގްރިމަންޓު ބާތިލުކުރުމުގެ ބާރު ކުއްޔަށްދޭ ފަރާތަށް ލިބުމެވެ. އެހެންކަމުން މި ގަޒިއްޔާގައި ހިމެނޭ އެއްބަސްވުން ނިމުމަކަށް އަންނާނެ ގޮތްތައް އެ އެއްބަސްވުމުގައި ބަޔާންކޮށް އެގޮތަށް އަމަލުކުރުމަށް އެއްބަސްވެފައިވާތީވެ، މި ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި ހައިކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގައި އެ ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު މި އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެން ނެތެވެ.
15މަތީގައިވާ ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު2015/HC-A-02/05 ގަޒިއްޔާގެ ހުކުމަކީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާއި ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަން އެނގެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/05 ގަޒިއްޔާގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޙުސްނުއް ސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ގާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ)
- 2013/SC-A/25
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ހުސްނުއްސުއޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 7 ސެޕްޓެމްބަރު 2016 · ރަޖިސްޓްރީކުރީ 20 މާރިޗު 2017 · ނިމުނީ 24 ސެޕްޓެމްބަރު 2020 (42.2 މަސް)