ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/319
ޢަބްދުއްރައްޒާޤު އަބޫބަކުރު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް، 2016/HC-A/319
Abdhurazaaqu Abubakr v. Maldives Customs Service 2016/HC-A/319 (2016/HC-A/319, High Court of the Maldives, 4 February 2018)
ޢަބްދުއްރައްޒާޤު އަބޫބަކުރު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން އެދިފައިވާ ފައިސާ ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ ސިޔާސީ މަޤާމުގައި ހުރި ފަރާތެއް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ވަޒީފާއިން ވަކިކުރުމުން، ރިޓަޔަރމަންޓް ޕޭއާއި މަހުން މަހަށް ލިބޭ ފައިސާއާއި ވަކީލުގެ ފީ ހޯދުމަށް ދަޢުވާކުރިއެވެ. އޭނާ ކަސްޓަމްސްއަށް ޚިދުމަތްކޮށްފައިވަނީ ޖުމްލަ 4 އަހަރާއި 8 މަހާއި 17 ދުވަހެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ސިވިލް ކޯޓުގެ ނިންމުމަކީ ކަސްޓަމްސް ޤަވާޢިދުގެ 157(ރ) އަދި 161(ށ) އާ ޚިލާފު ނިންމުމެއްކަމަށެވެ.
މައިގަނޑު ސުވާލު
ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ސިޔާސީ މަޤާމަކުން ވަކިކުރެވުނު ކަސްޓަމްސްގެ މުވައްޒަފަކަށް ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާޢިދުގެ 157 ވަނަ މާއްދާގެ (ރ) އަދި 161 ވަނަ މާއްދާގެ (ށ) ގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތް ލިބެންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އޭނާ ވަކިވެފައިވަނީ ރިޓަޔަރވެގެން ނޫންކަމާއި، 161(ށ) ގައިވާ ކޮމިޝަނަރ ޖެނެރަލް ނުވަތަ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުގައި ހުރި ފަރާތެއް ނޫންކަމާއި، ޤަވާޢިދު ނަންބަރު 2012/R-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު) ގެ 150 ވަނަ މާއްދާގެ ޙާލަތަކަށް ނުފެތޭތީއާއި 20 އަހަރު ޚިދުމަތް ނުކުރާތީ ރިޓަޔަރމަންޓް ފައިސާ ލިބެންޖެހޭ ފަރާތެއް ނޫންކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކަސްޓަމްސް މުވައްޒަފުންގެ ޤަވާޢިދުގެ 157 ވަނަ މާއްދާއަކީ ރިޓަޔަރކުރެވޭ ކަސްޓަމްސްގެ މުވައްޒަފަކަށް ދެވޭނެ ޢިނާޔަތްތައް ބަޔާންކުރާ މާއްދާކަމުން، މިމާއްދާ ކިޔަންޖެހޭނީ ރިޓަޔަރކުރުމާއި ގުޅޭ ގޮތުން އެޤަވާޢިދުގައި ހުރި އެހެނިހެން މާއްދާތަކާއިއެކު އެކީގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު ވަޒީފާއިން ރިޓަޔަރކުރެވޭނެ ޙާލަތުތައް ބަޔާންކޮށްދެނީ ކަސްޓަމްސްގެ ޤަވާޢިދުގެ 150 ވަނަ މާއްދާގައެވެ. ވަޒީފާގައި ދެމިހުރުމަށް ސިއްޙީ ޙާލަތު ތަންނުދީގެން ރިޓަޔަރކުރެވޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް ރިޓަޔަރ ކުރުމުގެ ދަރަޖަ ދެވޭނީ، ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސްއަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށްކަމަށް ކަސްޓަމްސް ޤަވާޢިދުގެ 151 ވަނަ މާއްދާގައި ބަޔާންވެގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ކަސްޓަމްސްގެ ޤަވާޢިދުގެ 150 ވަނަ މާއްދާގައި ބުނާ ޙާލަތުތަކުގެ ތެރެއިން ޙާލަތަކަށް ނުފެތުނުނަމަވެސް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުރި މުވައްޒަފަކު، ޤާނޫނީ ގޮތުން ކުށްވެރިނުވެ، މަޤާމުން ވަކިކޮށްފިނަމަ ނުވަތަ އިސްތިއުފާދީފިނަމަ، އެމުވައްޒަފަކާމެދު ޢަމަލުކުރަންވާނީ ކަސްޓަމްސްގެ ރިޓަޔަރކޮށްފައިވާ މުވައްޒަފެއްގެ ގޮތުގައިކަމަށް ކަސްޓަމްސްގެ ޤަވާޢިދުގެ 161 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގެ ތެރެއިން މަޤާމަކަށް ޢައްޔަންކުރެވިފައިނުވާ މުވައްޒަފަކީ ކަސްޓަމްސް ޤަވާޢިދުގެ 161 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ މަޤާމެއްގައި ހުރި ފަރާތެއް ނޫނެވެ. އަދި 150 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތިގެން ރިޓަޔަރ ކުރެވިފައިވާ އަދި ރިޓަޔަރ ކުރުމުގެ ދަރަޖަދެވޭ ފަދަ ޙާލަތަކަށް ފެތޭ ގޮތަށް ހުރި ފަރާތެއްކަމުގައިނުވާ ފަރާތަކީ ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާޢިދުގެ ދަށުން ރިޓަޔަރމެންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބެންޖެހޭ ފަރާތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޤަވާޢިދު ނަންބަރު 2012/R-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު) ގެ 150 ވަނަ މާއްދާ
- ޤަވާޢިދު ނަންބަރު 2012/R-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު) ގެ 151 ވަނަ މާއްދާ
- ޤަވާޢިދު ނަންބަރު 2012/R-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު) ގެ 157 ވަނަ މާއްދާގެ (ރ)
- ޤަވާޢިދު ނަންބަރު 2012/R-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު) ގެ 161 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް