ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/281
ޢަލީ ނަޞީރު އާދަމް ވ. ސިވިލް ސަރވިސް ކޮމިޝަން (ދައުލަތް)، 2014/HC-A/281
Ali Naseer Adam v. Civil Service Commission (State) 2014/HC-A/281 (2014/HC-A/281, High Court of the Maldives, 1 December 2016)
ޢަލީ ނަޞީރު އާދަމް ވ. ސިވިލް ސަރވިސް ކޮމިޝަން (ދައުލަތް)
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ނިންމީ ވަޒީފާއިން ވަކިވީ މުވައްޒަފުގެ ރުހުމުގައިކަމަށާއި، ރުހުން ލިޔުމުން ފެންނަން ނުޖެހޭކަމަށާއި، ނޯޓިސްގެ ބަދަލާއި އެއްފަހަރާ ދެވޭ ޢިނާޔަތް ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
ޢަލީ ނަޞީރު އާދަމް ބޮޑުކަތީބުކަމުގެ ސިވިލް ސަރވިސް ވަޒީފާގައި ހުއްޓައި، ޤާނޫނުއަސާސީގެ 115 (ޅ) ގެ ދަށުން ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމުގެ މަޤާމަށް ޢައްޔަންކުރެވުމުން، ސިވިލް ސަރވިސް ކޮމިޝަނުން 55 އަހަރުވުމުން މުވައްޒަފު އެދިގެންކަމަށް ބުނެ މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިއެވެ. ނޯޓިސްގެ ބަދަލާއި އެއްފަހަރާ ދެވޭ ޢިނާޔަތް ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ވަކިކުރީ އޭނާގެ އެދުމަކާނުލައި ކޮމިޝަނުގެ އިޚްތިޔާރުގެ ދަށުންކަމަށާއި، ސިޔާސީ މަޤާމުގެ ވާޖިބުތައް އަދާކުރުމަކީ މުސްކުޅިކުރުމަށް އެދުނުކަމުގެ ޙުއްޖަތަކަށް ނުވާނެކަމަށެވެ. ކޮމިޝަނުން ބުނީ ވަކިކުރީ ސިޔާސީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމުންކަމަށެވެ.
މައިގަނޑު ސުވާލު
ސިވިލް ސަރވިސްގެ މުވައްޒަފަކު ޤާނޫނުއަސާސީގެ 115 (ޅ) ގެ ދަށުން ސިޔާސީ މަޤާމަކަށް ޢައްޔަންކުރުމާ ގުޅިގެން ސިވިލް ސަރވިސްގެ ވަޒީފާއިން 55 އަހަރުގައި މުސްކުޅިކޮށް ވަކިކުރީ އޭނާގެ އެދުމުގައިތޯ، ނުވަތަ ކޮމިޝަނުގެ އިޚްތިޔާރުގެ ދަށުންތޯ، އަދި އެހެންވެއްޖެނަމަ އެއްފަހަރާ ދެވޭ ޢިނާޔަތް ލިބެންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ އެއްފަހަރާ ދެވޭ ޢިނާޔަތް 30 ދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި ޙުކުމްކުރި
ސިޔާސީ މަޤާމަކީ ސިވިލް ސަރވިސްގައި ނުހިމެނޭ މަޤާމެއް ކަމާއި، މުވައްޒަފު ރައީސުލްޖުމްހޫރިއްޔާއަށާއި ކޮމިޝަނަށް ފޮނުވި ސިޓީތަކުން ވަކިކުރީ އޭނާ އެދިގެން ނޫންކަން އެނގޭތީ، ކޮމިޝަނުގެ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޖަދުވަލު 15 ގައިވާ އެއްފަހަރާ ދެވޭ ޢިނާޔަތް ވެސް އޭނާއަށް ޙައްޤުވާކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާއިރު، 50 ވަނަ މާއްދާގެ (ށ) ގައި، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ ޖަދުވަލު 15 ގައި، އުމުރުން 55 އަހަރުވުމުން މުސްކުޅިކުރެވޭ ފަރާތްތައް، އަމިއްލައަށް އެދިގެން މުސްކުޅިކުރެވޭ މުވައްޒަފުންނާއި އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅިކުރެވޭ މުވައްޒަފުންނަށް ބަހާލެވެއެވެ. އަމިއްލައަށް އެދިގެން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް ދޭ ޢިނާޔަތެއް ކަމަށްވާއިރު، މުވައްޒަފު މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް އެއްފަހަރާ ދެވޭ ޢިނާޔަތަކާއި މަހުން މަހަށް މުޅި ޢުމުރަށް ދެވޭ ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް ކަނޑައަޅާ މަޤާމްތަކަކީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުވައްޒަފު އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެމަޤާމުން އޭނާ ވަކިކޮށްދިނުމަށް އޭނާ އެދިގެން ނޫންކަން އެނގެން އޮތުމުން، ޢުމުރުން 55 އަހަރުވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނުން ލިބިދޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢިނާޔަތްތައް އޭނާއަށް ޙައްޤުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ޙާލަތުގައި، އޭނާއަށް މަހުން މަހަށް ދޭންޖެހޭ ޢިނާޔަތް ލިބެމުންދިޔަ ނަމަވެސް، ދިވެހި ސިވިލް ސަރވިސް ޤަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކުރާ އެއްފަހަރާ ދެވޭ ޢިނާޔަތްވެސް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އޭނާއަށް ދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ށ)
- ޤަވާއިދު ނަންބަރު R-1/2010 (ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010) ގެ ޖަދުވަލު 15، 2 ވަނަ ނަންބަރުގެ 2.1
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް