ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/231
ޢަބްދުﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2020/HC-A/231
Abdhuﷲ Saeed v. Prosecutor General 2020/HC-A/231 (2020/HC-A/231, High Court of the Maldives, 5 November 2020)
ޢަބްދުﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމެންދެން ނުވަތަ ޝަރީޢަތުން އިތުރު ގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުގައިވާ ފަރާތެއްގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފުލުހުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ތަޙްޤީޤުގެ ކުރީކޮޅު ބޭނުންކުރުމަކީ މިނިވަންކަމުގެ ޙައްޤު ގެއްލޭ ކަމެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުގައިވާ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ މިނިވަންކަމުގެ ޙައްޤާ ޚިލާފު، ޤާނޫނާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ކުރިން ބަންދުކުރީ 60 (ބ) ގެ ދަށުން ކަމުން ދެން ގޮތް ކަނޑައަޅަންވާނީ (ޅ) ނުވަތަ (ކ) ގެ ދަށުން ކަމާއި، ޓްރެފިކްކުރުމަކީ ޖިނާއީ ބޮޑު ކުށަކަށްވެ އެކަށީގެންވާ ހެކި ލިބިފައިވާތީ ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ނެތަސް 60 ވަނަ މާއްދާގެ (ށ) ގެ (1) އިން (4) އަށް ހުރި ސަބަބެއް އޮވެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، 59 ވަނަ މާއްދާގެ ކަންކަމަށް ރިޢާޔަތްކޮށް 15 ދުވަހަށްވުރެ އިތުރުނުވާ ގޮތަށް ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަށް 60 ވަނަ މާއްދާގެ (ބ) ބާރުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 06)
- ކުރިން 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަންދުގެ މުއްދަތު ކަނޑައަޅާފައިވާ މީހެއްގެ ބަންދާމެދު ދެން ގޮތް ކަނޑައަޅަންވާނީ 60 ވަނަ މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 06)
- 60 ވަނަ މާއްދާގެ (ކ) އިން، ބަންދުގައިވާ މީހަކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 07)
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތަކަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 08)
- ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާއިރު، ކުށުގެ ޒާތާއި ބާވަތަށް ބަލާއިރު ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަކީ 60 ވަނަ މާއްދާގެ (ށ) ގެ (4) ގައިވާ ފަދައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމުން، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 08-09)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1)-(4)، (ބ)، (ޅ)، (ކ)
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ހައިކޯޓުގެ 2017/HC-A/242 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިޙްޞާން ޙުސައިން (2017))
- ސުޕްރީމް ކޯޓުގެ 2011/SC-A/33 ޤަޟިއްޔާ
- ބެންޗު
- ހާތިފް ޙިލްމީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް