ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-A/35
ޒުނައިރާ މުޙައްމަދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް، 2011/SC-A/35
Zunairaa Mohamed v. Attorney General's Office 2011/SC-A/35 (2011/SC-A/35, Supreme Court of the Maldives, 21 June 2012)
ޒުނައިރާ މުޙައްމަދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މަދަނީ ކޯޓުން 544/MC/2008 ގައި ނިންމީ ވަކިކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެއްކަން ސާބިތުނުވާތީ މާލީ ބަދަލާއި ވަޒީފާ އަނބުރާ ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށެވެ. ހައިކޯޓުން 2009/HC-A/23 ގައި އެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓުގެ ޙުކުމާމެދު ސުޕްރީމް ކޯޓަށް މައްސަލަ އައީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން ޒުނައިރާ މުޙައްމަދު އިލްތިމާސްކުރުމުންނެވެ.
ހއ. ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޒުނައިރާ މުޙައްމަދު 14 އޮކްޓޯބަރ 2002 ގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ވަޒީފާއިން ވަކިކުރުމުން، އެ ވަކިކުރުމަކީ ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދާ ޚިލާފަށް ކުރި ކަމެއްކަމަށްބުނެ، ގެއްލުނު މުސާރައާއި ޢިނާޔަތްތަކުގެ ބަދަލާއި ވަޒީފާ އަނބުރާ ހޯދުމަށް އޭނާ ދަޢުވާކުރިއެވެ. މިނިސްޓްރީ ތަމްސީލުކުރަމުން އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، ލިޔުމުން ނަޞޭޙަތްތެރިވެ އިންޒާރުދީގެންވެސް އޭނާ އިޞްލާޙު ނުވާތީ ވަކިކުރިކަމަށެވެ.
ޒުނައިރާ މުޙައްމަދު ހުށަހެޅީ ފަސް ސަބަބެކެވެ: ސަރުކާރުގެ މުވައްޒަފުންގެ ޤަވާއިދުގެ 3 ވަނަ ބައިގެ 35 ވަނަ މާއްދާގައިވާ އަސާސެއް ނެތި އިޞްލާޙީ ފިޔަވަޅު އެޅުމާއި، 43 ވަނަ މާއްދާގެ ދަށުން ދެ ހެކިން ސޮއިކުރި އެންގުމެއްގެ މައްޗަށް ޙުކުމް ބިނާކުރުމާއި، ސަލާމުގެ ސެޓްފިކެޓާ ގުޅޭ ޤަވާޢިދުގެ 8 ވަނަ ބައި އަދި 9 ވަނަ ބައިގެ އުޞޫލުތަކަށް ރިޢާޔަތް ނުކުރުމާއި، 11 މާރޗް 2002 ގެ އިންޒާރުގައި މަޖުބޫރުވެގެން ސޮއިކުރި ކަމަށް ނަޒަރު ނުކުރުމާއި، އޭނާއަށް ނޭނގޭ ދައުލަތުގެ ވަކީލެއްގެ ބަޔާނެއް ހައިކޯޓުގެ ޙުކުމުގައި ހިމެނުމެވެ.
މައިގަނޑު ސުވާލު
ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު 1 އޯގަސްޓް 2000 ގައިވާ އިޞްލާޙީ ފިޔަވަޅު އެޅުމާއި ވަޒީފާއިން ވަކިކުރުމުގެ އުޞޫލުތަކާ ޚިލާފަށް ޒުނައިރާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ފާހަގަކުރީ، ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 3 ވަނަ ބައިގެ 35، 39، 40، 43 އަދި 48 ވަނަ މާއްދާތަކުގައި އިޞްލާޙީ ފިޔަވަޅުތަކާއި ވަކިކުރުމުގެ އުޞޫލު ބަޔާންކޮށްފައިވާކަމާއި، 11 މާރޗް 2002 ގެ އިންޒާރުގައި ޒުނައިރާ މުޙައްމަދު ސޮއިކުރީ ރުހުމާއި އިޚްތިޔާރަށް އުނިކަމެއް ގެނެސްދޭ ޢަމަލެއް ނެތިކަމާއި، 8 ސެޕްޓެމްބަރ 2002 ގެ އިންޒާރު ދެ ހެކިންގެ ޙާޟިރުގައި އަންގާފައިވަނީ ޤަވާޢިދުގެ 3 ވަނަ ބައިގެ 43 ވަނަ މާއްދާއާ އެއްގޮތަށްކަމެވެ. ސަލާމުގެ ސެޓްފިކެޓް 8 ސެޕްޓެމްބަރ 2002 ހިމަނާފައި ނެތުމުން އެދުވަހު ސަބަބެއްނެތި އޮފީހަށް ނުނިކުމެ ހުރުމަކީ ޤަވާޢިދުގެ 1 ވަނަ ބައިގެ 2 ވަނަ މާއްދާގެ (ޅ) އާއި 8 ވަނަ ބައިގެ 1، 2 އަދި 6 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމާއި، އިޞްލާޙީ ފިޔަވަޅު އަޅައިގެންވެސް އިޞްލާޙު ނުވާތީ 3 ވަނަ ބައިގެ 48 ވަނަ މާއްދާގެ ދަށުން ވަކިކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 3 ވަނަ ބައިގެ 35 ވަނަ މާއްދާއިން މަސައްކަތަށް ފަރުވާކުޑަކުރުމާއި، ހާޒިރީއަށް ފަރުވާކުޑަކުރުމާއި، ވަޒީފާއަދާކުރުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާ ޚިލާފުވުމާއި، މުވައްޒަފުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ އުޞޫލުތަކަށް ޙުރުމަތްތެރިކޮށްނުހިތުމާއި، މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ޢަމަލެއްކުރުމާއި، އޮފީހުގެ ނަމަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭފަދަ ގޮތަކަށް ކަމެއްކުރުމާއި، މިކަންތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫންވެސް އެފަދަކަމެއް މުވައްޒަފެއްގެ ފުށުން ފެނިގެން އެކަމެއް ރަނގަޅުކުރުމަށް ފިޔަވަޅުއެޅުމަކީ އެމުވައްޒަފަކާމެދު އެޅޭ އިޞްލާޙީ ފިޔަވަޅެއްކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 3 ވަނަބައިގެ 39 ވަނަ މައްދާގައި ނަސޭޙަތްދިނުމާއި ޖޫރިމަނާކުރުމާއި، ވަޒީފާއިން ވަކިކުރެވިދާނެ ކަމުގެ އިންޒާރުދިނުމާއި މިކަންކަމަކީ، މުވައްޒަފުން ކުރާ ކުށްތަކާމެދު ޢާންމުގޮތެއްގައި އެޅުމަށް ހަމަޖެހިފައިވާ އިޞްލާޙީ ފިޔަވަޅުތަކެއްކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 3 ވަނަބައިގެ 40 ވަނަ މާއްދާގައި ޢާންމު އުޞޫލަކީ، އެކުރި ކުށަކާ ގުޅިގެން ފުރަތަމަ ނަސޭޙަތްދިނުން ކަމަށާއި ނަސޭޙަތްދީގެން އިޞްލާޙު ނުވިނަމަ ޖޫރިމަނާކުރުންކަމަށާއި، ޖޫރިމަނާކުރުމަށްފަހު ވެސް އިޞްލާޙުނުވިނަމަ، ވަޒިފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުކުރުންކަމަށާއި ނަމަވެސް ކުށުގެ ކުޑަ ބޮޑުމިނަށާއި، ކުށުގެ ބާވަތަށާއި، އެކުށެއް ކޮށްފައިވާ ގޮތަށާއި އެމުވައްޒަފެއްގެ ރެކޯޑަށް ބެލުމަށްފަހު، އެމުވައްޒަފެއްގެ މައްސަލަތައް ހުރިގޮތެއްގެ މައްޗަށް ބިނާކޮށް މީގެތެރެއިން އެފަހަރަކަށް އެކަށީގެންވާކަމަށް އެއޮފީހުގެ ކަމާބެހޭ ވެރިއަކަށް ފެނުނު ފިޔަވަޅެއް އެޅިދާނެކަމަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 3 ވަނަބައިގެ 48 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެމުވައްޒަފެއްގެ ބޭނުން ކެނޑިއްޖެކަމަށް ފެނުމުން، ނުވަތަ ވަޒީފާގައި ބެހެއްޓުމަށް އެކަށީގެން ނުވާފަދަ ކަމެއްކުރަމުން ނުވަތަ މިޤަވާޢިދުގައިވާގޮތުގެ މަތިން އިޞްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެންކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16]، [22])
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" (01 އޯގަސްޓް 2008) ގެ 3 ވަނަ ބައިގެ 43 ވަނަ މާއްދާގައި ނަޞޭހަތްދީ، ޖޫރިމަނާކޮށް، އިންޒާރުކޮށްހަދާނީ އޮފީހުގައި އެކަމަށް ޚާއްޞަކޮށްފައިވާ ފޮތެއްގައި ލިޔެފަކަމަށާއި، މިލިޔުމުގައި މުވައްޒަފުން ސޮއިނުކުރިނަމަ، ދެ މީހުންގެ ހާޒިރުގައި އެފިޔަވަޅެއް މުވައްޒަފަށް އަންގާނީކަމަށާއި މިގޮތަށް ޢަމަލުކުރާއިރު، އެފިޔަވަޅެއް އެޅިކަމަށް އެދެމީހުން ހެކިވެ އެލިޔުމުގައި އެދެމީހުން ސޮއިކުރަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [19])
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 1 ވަނަ ބައިގެ "މުވައްޒަފުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުޞޫލު" މިނަމުގައިވާ އަރިމަތީ ސުރުޚީގެ ދަށުން އަންނަ 2 ވަނަ މާއްދާގެ (ޅ) ގައި އެއްވެސް މުވައްޒަފަކު އޮފީހުގެ މަސައްކަތަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކޮށްގެންނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [21])
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 8 ވަނަ ބައިގައި ހިމެނޭ "ސަލާމްބުނުން" މިބައިގެ 1 ވަނަ މާއްދާގައި ސަލާމް ބުނަންވާނީ، ތިމާ ބަލިވެގެން، ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ބަލިވެގެން އެތަނުގައި ތިމާނުހުރެ ނުވާފަދަ ގޮތެއް މެދުވެރިވެގެންކަމަށް ކަނޑައެޅި ބަޔާންވެފައި އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [21])
- ލިޔުމުގައި ސޮއިކޮށްފައިވަނީ ރުހުމާއި، އިޚުތިޔާރަށް އުނިކަމެއް ގެނެސްދެނިވި، ނުވަތަ ރުހުމާއި އިޚްތިޔާރު ނެތިކޮށްލައިފަނިވި، ޢަމަލެއް ކޮށްގެންނޫންކަން އެނގެން އޮތުމުން، އެ ލިޔުމުގައި ސޮއިކުރިކުރުން އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ޞައްޙަ ގޮތުގައި ސޮއިކުރި ކުރުމެއް ނޫންކަމަށްބަލާނެ ޝަރުއީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/35
ދަޢުވާކުރާ ފަރާތް: ޒުނައިރާ މުޙައްމަދު
ދަޢުވާ ލިބޭ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
[1]މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 04 ޖުލައި 2011
ނިމުނު ތާރީޚް: 21 ޖޫން 2012
މައްސަލަ ނިންމި ގަޑި: 11:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/23
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 2 ފެބުރުއަރީ 2009
ނިމުނު ތާރީޚް: 10 އޭޕްރީލް 2011
[2]1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ޒުނައިރާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
[3]1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ޒުނައިރާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
[4]2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ޒުނައިރާ މުޙައްމަދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
[5]3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށްބެލިއިރު، އެޤަޟިއްޔާއަކީ، ޒުނައިރާ މުޙައްމަދު ހއ. ހޯރަފުށި ކޯޓުގެ ކާތިބާކަމުގެ ވަޒީފާ އަދާކުރަމުން އަންނަނިކޮށް ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކާ ޚިލާފަށް މިނިސްޓްރީ އޮފް ޖަސްޓިސްއިން 14 އޮކްޓޯބަރ 2002 ގައި ޒުނައިރާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާ މެދުކެނޑުމުގެ ސަބަބުން ގެއްލިގެންދިޔަ މުސާރައާއި، އެހެނިހެން ޢިނާޔަތްތަކުގެ ބަދަލު ހޯދުމަށާއި، ޒުނައިރާ މުޙައްމަދު ވަޒީފާއިން ވަކިކުރުމާމެދު ޝަރީޢަތުން ގޮތެއް ނިންމަވައި ދެއްވުން އެދި މިނިސްޓްރީ އޮފް ޖަސްޓިސްގެ މައްޗަށް ޒުނައިރާ މުޙައްމަދު ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި، މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު އެކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޒުނައިރާ މުޙައްމަދު އަދާކުރަމުންއައި ހއ. ހޯރަފުށި ކޯޓުގެ ސ. ކްލާކު ކަމުގެ ވަޒީފާއިން 14 އޯގަސްޓް 2002 ގައި، މިނިސްޓްރީ އޮފް ޖަސްޓިސް އިން ޒުނައިރާ މުޙައްމަދު ވަކިކޮށްފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުންއައި ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދާ ޚިލާފަށްކަން ޝަރީޢަތަށް ސާބިތުނުވާތީ ޒުނައިރާ މުޙައްމަދު ހޯދުމަށްއެދި ހުށަހަޅާފައިވާ މާލީ ބަދަލާއި، ވަޒީފާ، ޒުނައިރާ މުޙައްމަދަށް އަނބުރާ ދިނުމަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފަކަމާއި މިކަންކަން މަދަނީ ކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
[6]4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ، ހއ. ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޒުނައިރާ މުޙައްމަދު، 14 އޮކްޓޯބަރ 2002 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ "ސަރުކާރުގެ މުވައްޒަފުންގެ ޤަވާއިދު" އާ ޚިލާފަށް ކަން ޝަރީޢަތަށް ސާބިތުނުވާތީ، ޒުނައިރާ މުޙައްމަދު ހޯދުމަށް އެދި ހުށަހަޅާފައިވާ މާލީ ބަދަލާއި، ވަޒީފާ އަނބުރާ ދިނުމަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާ، މަދަނީކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އިއްތިފާޤްވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްގެންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
[7]5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ޒުނައިރާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަސް ސަބަބެއް ހުށަހަޅައި ވާހަކަދައްކާފައިވެއެވެ.
[8]ފުރަތަމަ ސަބަބަކީ، ސަރުކާރުގެ މުވައްޒަފުންގެ ޤަވާއިދު 01 އޯގަސްޓް 2000 ގެ 03 ވަނަ ބައިގެ 39 ވަނަ މާއްދާގައިވާފަދަ އިޞްލާޙީ ފިޔަވަޅެއް ޒުނައިރާ މުޙައްމަދުގެ މައްޗަށް އެޅޭނީ އެޤަވާއިދުގެ 35 ވަނަ މާއްދާ ބުނާގޮތުން ފެންނަން އޮންނަންޖެހޭ އަސާސެއްގެ މައްޗަށްކަމަށާއި، 43 ވަނަ މާއްދާގައި ބުނާ ފަދައިން ދެހެކިންގެ ހާޟިރުގައިވެސް ޒުނައިރާ މުޙައްމަދުގެ މައްޗަށް އިޞްލާޙީ ފިޔަވަޅެއް އެޅުނީކަމަށް ބެލެވޭނީ 35 ވަނަ މާއްދާގައި ވާފަދައިން ފެންނަން އޮންނަންޖެހޭ އަސާސެއްއޮވެ، އެއަސާސުގެ މައްޗަށް ބިނާކޮށް ދެ ހެކިންގެ ޙާޟިރުގައި އެ އެންގުން، ޒުނައިރާ މުޙައްމަދަށް އަންގާ، އެއެންގުން ޒުނައިރާ މުޙައްމަދަށް އެންގިކަމަށް ހެކިވެ، ދެ ހެކިން ސޮއިކުރުމުންކަން ޤަވާޢިދުގެ 43 ވަނަ މާއްދާއިން އެނގެން އޮންނައިރު، އެއްވެސް އަސާސެއް ފެންނަންނެތި ހަމައެކަނި އެއެންގުންތަކުގައި ޒުނައިރާ މުޙައްމަދު ސޮއިނުކުރިކަމަށް ހެކިވެ ދެ ހެކިން ސޮއިކޮށްފައިވާ އެންގުންތަކުގެ މައްޗަށް މައްސަލައިގެ ޙުކުމް ބިނާވެފައި އޮތުންކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[9]ދެވަނަ ސަބަބަކީ ސަރުކާރުގެ މުވައްޒަފުންގެ ޤަވާޢިދު 01 އޯގަސްޓް 2000 ގެ 9 ވަނަ ބައިގެ 2 ވަނަ މާއްދާ ބުނާގޮތުން މުވައްޒަފަކު ސަލާމުގައި ހުރުމަށްފަހު، އޮފީހަށް ނިކުމެ ސަލާމުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ދުވަހަކަށް ސަލާމުގެ ސެޓްފިކެޓް ހުށަނާޅައިފިނަމަ، އެދުވަހެއް ހިމެނޭ އަހަރުގެ އަހަރީ ޗުއްޓީ އެމުވައްޒަފަކަށް ގެއްލޭގޮތަށް އޮތުމާއި، އެޤަވާޢިދުގެ 8 ވަނަ ބައިގެ 7 ވަނަ ނަންބަރުގައި ސަލާމުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ދުވަހަކަށް ސަލާމުގެ ސެޓްފިކެޓް ހުށަނާޅައިފިނަމަ އަމަލުކުރަންޖެހޭގޮތަކީ، ގަޑިލާރި ނެގުންކަމަށްބުނެ ޤަވާޢިދުގައި ވަކިގޮތެއް ހަމަޖެހިފައިވާއިރު، އެކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި 08 ސެޕްޓެމްބަރ 2002 ވަނަ ދުވަހުގެ ސަލާމުގެ ސެޓްފިކެޓު ހުށަނޭޅި އޮތުމުގެ ސަބަބުން ޤަވާޢިދާ އެއްގޮތަށް ހުށަހަޅާފައިވާ 3 ދުވަހުގެ ސަލާމުގެ ސެޓްފިކެޓަކީ ޤަވާޢިދާ އެއްގޮތަށް ހުށަހަޅާފައިވާ ސެޓްފިކެޓެއް ނޫންކަމަށް ބެއްލެވުމާއެކު އުޞޫލެއް ހަމައެއް ނެތި (ޤަވާޢިދާ ޚިލާފަށް) ތައްޔާރުކޮށްފައިވާ އެންގުންތަކެއްގެ މައްޗަށް މައްސަލައިގެ ޙުކުމް ބިނާވެފައި އޮތުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[10]ތިންވަނަ ސަބަބަކީ، 08 ސެޕްޓެމްބަރ 2002 އިން 11 ސެޕްޓެމްބަރ 2002 އަށް، ޒުނައިރާ މުޙައްމަދު ސަލާމުގައިހުރެ، އޮފީހަށް ނިކުތުމުގެކުރިން 11 ސެޕްޓެމްބަރ 2002 ގައި ޒުނައިރާ މުޙައްމަދު، ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު A/2/2002/26 (11 ސެޕްޓެމްބަރ 2002) ވަޒީފާއިން ވަކިކުރުމަށް ދަންނަވާ ޗިޓުގެ ތާރީޚުންނާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު (2)/2002/1581/D ވަޒީފާއިން ވަކިކުރެއްވި ޗިޓުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮންނައިރު، ބުނެވިދިޔަ ދެ ޗިޓަށް ނުބައްލަވައި، ވަޒީފާ އިން ވަކިކުރުމުގެ ފިޔަވަޅު އެޅުމުގެފަހަށް، ހުށަހަޅާފައިވާ ސަލާމުގެ ސެޓްފިކެޓްގެ މައްޗަށް މައްސަލައިގެ ޙުކުމް ބިނާވެފައިއޮތުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.
[11]ހަތަރުވަނަ ސަބަބަކީ، 11 މާރޗް 2002ގެ ތާރީޚުގައިވާ މިނިސްޓްރީ އޮފް ޖަސްޓިސްގެ އެންގުމުގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައި އޮތަސް އެއެންގުމަކީވެސް މުވައްޒަފުންގެ ޤަވާއިދު 01 އޯގަސްޓް 2000 ގެ 03 ވަނަ ބައިގެ 35 ވަނަ މާއްދާގައި ބުނާފަދަ ފެންނަން އޮންނަންޖެހޭ އެއްވެސް އަސާސެއްނެތި އަންގާފައިވާ އެންގުމެއްކަމަށާއި، މިއެންގުމުގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވަނީ، މަޖްބޫރުވެގެންކަން 31 މާރޗް 2008 ގައި މަދަނީކޯޓުގައި އޮތް ނަންބަރު 544/MC/2008 ޤަޟިއްޔާގެ އަޑުއެހުމުގައި ފާހަގަކުރުމުން މަދަނީކޯޓުން އެކަމަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާއިރު، ހައިކޯޓުގެ ނަންބަރު 2009/HC-A/23 ޤަޟިއްޔާގައިވެސް އެކަމަށް ނަޒަރުކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[12]ފަސްވަނަ ސަބަބކީ، ހައިކޯޓުގެ ނަންބަރު 2009/HC-A/23 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގައި 05 މާރޗް 2009 ތާރީޚުގައިވާ ދައުލަތުގެ ވަކީލާ ޚަދީޖާ ނަޢީމްގެ ބަޔާނަކީ، ޝަރީއަތުގެ މަޖިލީހުގައި ޒުނައިރާ މުޙައްމަދަށް އަޑުއިވިފައިނުވާ އަދި ލިޔުމުންވެސް ލިބިފައިނުވާ ބަޔާނަކަށްވާއިރު، އެބަޔާން ޝަރީޢަތުގައި ހިމަނުއްވާފައި އޮތުންކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[13]5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ، ޝަރީއަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ ޒުނައިރާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ، މިމައްސަލައާގުޅޭ އެންމެހައި ލިޔުންތަކަށާއި، ބަޔާންތަކަށާއި، ޒުނައިރާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[14](ހ) ފުރަތަމަކަމަކީ، މަދަނީކޯޓުގެ އިސްވެ ޙަވާލާދެވުނު އެކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގައި ޒުނައިރާ މުޙައްމަދު ކޮށްފައިވާ ދަޢުވާއާމެދު އެޤަޟިއްޔާގައި ދަޢުވާލިބުނު، އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިސް ތަމްސީލުކުރަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީއަތުގައި ދައްކަވާފައިވާ ވާހަކަތަކަށްބަލާއިރު، ޒުނައިރާ މުޙައްމަދު، ހއ. ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރުގެ ޤަވާޢިދުތަކާ ޚިލާފަށް ބައެއް ކަންތައް ކުރުމާއި، ތަނުގެ މަޞްލަހަތު ގެއްލޭފަދަ ޢަމަލުތައް ކުރަމުންދާތީ މީނާގެ ޢަމަލުތައް އިސްލާޙުކުރުމަށް ލިޔުމުން ނަޞޭހަތްތެރިވެ، އިންޒާރު ދެވި އިޞްލާޙުވެފައިނުވާތީކަމަށްބުނެ ޒުނައިރާ މުޙައްމަދުގެ ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެވާހަކަތަކަށް ބެލުމުން އެނގެންއޮންނަކަމެވެ.
[15](ށ) ދެވަނަކަމަކީ، ޒުނައިރާ މުޙައްމަދު، ހއ. ހޯރަފުށި ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާގައި ހުއްޓާ، އެމަޤާމުން އޭނާ ވަކިކުރިކަމަށްބުނާ 14 އޮކްޓޯބަރ 2002 ގެ ތާރީޚްގައި، ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅިފައިވަނީ 1 އޯގަސްޓް 2000 ގައި ޢަމަލުކުރެވެމުންދިޔަ "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" މިނަމުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާފައިވާ ޤަވާޢިދުގައިކަން، މިމައްސަލައާގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
[16](ނ) ތިންވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު 01 އޯގަސްޓް 2000 ގައި ޢަމަލުކުރެވެމުންދިޔަ "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގައި މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އަޅާނެ އުޞޫލުތަކާއި އަދި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރެވިފައިވާކަމާއި، މިގޮތުން އެޤަވާޢިދުގެ 3 ވަނަ ބައިގެ 35 ވަނަ މާއްދާއިން މަސައްކަތަށް ފަރުވާކުޑަކުރުމާއި، ހާޒިރީއަށް ފަރުވާކުޑަކުރުމާއި، ވަޒީފާއަދާކުރުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާ ޚިލާފުވުމާއި، މުވައްޒަފުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ އުޞޫލުތަކަށް ޙުރުމަތްތެރިކޮށްނުހިތުމާއި، މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ޢަމަލެއްކުރުމާއި، އޮފީހުގެ ނަމަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭފަދަ ގޮތަކަށް ކަމެއްކުރުމާއި، މިކަންތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫންވެސް އެފަދަކަމެއް މުވައްޒަފެއްގެ ފުށުން ފެނިގެން އެކަމެއް ރަނގަޅުކުރުމަށް ފިޔަވަޅުއެޅުމަކީ އެމުވައްޒަފަކާމެދު އެޅޭ އިޞްލާޙީ ފިޔަވަޅެއްކަން އެނގޭކަމާއި، އަދި އެޤަވާޢިދުގެ 3 ވަނަބައިގެ 39 ވަނަ މައްދާގައި ނަސޭޙަތްދިނުމާއި ޖޫރިމަނާކުރުމާއި، ވަޒީފާއިން ވަކިކުރެވިދާނެ ކަމުގެ އިންޒާރުދިނުމާއި މިކަންކަމަކީ، މުވައްޒަފުން ކުރާ ކުށްތަކާމެދު ޢާންމުގޮތެއްގައި އެޅުމަށް ހަމަޖެހިފައިވާ އިޞްލާޙީ ފިޔަވަޅުތަކެއްކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި އަދި އެޤަވަޢިދުގެ 3 ވަނަބައިގެ 40 ވަނަ މާއްދާގައި ޢާންމު އުޞޫލަކީ، އެކުރި ކުށަކާ ގުޅިގެން ފުރަތަމަ ނަސޭޙަތްދިނުން ކަމަށާއި ނަސޭޙަތްދީގެން އިޞްލާޙު ނުވިނަމަ ޖޫރިމަނާކުރުންކަމަށާއި، ޖޫރިމަނާކުރުމަށްފަހު ވެސް އިޞްލާޙުނުވިނަމަ، ވަޒިފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުކުރުންކަމަށާއި ނަމަވެސް ކުށުގެ ކުޑަ ބޮޑުމިނަށާއި، ކުށުގެ ބާވަތަށާއި، އެކުށެއް ކޮށްފައިވާ ގޮތަށާއި އެމުވައްޒަފެއްގެ ރެކޯޑަށް ބެލުމަށްފަހު، އެމުވައްޒަފެއްގެ މައްސަލަތައް ހުރިގޮތެއްގެ މައްޗަށް ބިނާކޮށް މީގެތެރެއިން އެފަހަރަކަށް އެކަށީގެންވާކަމަށް އެއޮފީހުގެ ކަމާބެހޭ ވެރިއަކަށް ފެނުނު ފިޔަވަޅެއް އެޅިދާނެކަމަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާކަމާއި އަދި އެޤަވާޢިދުގެ 3 ވަނަބައިގެ 48 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެމުވައްޒަފެއްގެ ބޭނުން ކެނޑިއްޖެކަމަށް ފެނުމުން، ނުވަތަ ވަޒީފާގައި ބެހެއްޓުމަށް އެކަށީގެން ނުވާފަދަ ކަމެއްކުރަމުން ނުވަތަ މިޤަވާޢިދުގައިވާގޮތުގެ މަތިން އިޞްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެންކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި މިކަންކަން މިއިޝާރާތްކުރެވުނު ޤަވާޢިދުގެ މިއިޝާރާތްކުރެވުނު މާއްދާތަކުން އެނގެން އޮންނަ އޮތުމެވެ.
[17](ރ) ހަތަރުވަނަކަމަކީ، 11 މާރޗް 2002 ގެ ތާރީޚްގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ޒުނައިރާ މުޙައްމަދަށް ނަޞޭޙަތްތެރިވެ އިންޒާރުކޮށްފައިވާކަން އެނގެން އޮންނަ ލިޔުމަށްބަލާއިރު، ހޯރަފުށި ކޯޓުގެ ދާއިރާއާ ޙަވާލުވެވަޑައިގަންނަވާ ބައެއް މެޖިސްޓްރޭޓުންގެ ފަރާތުން ސީނިއަރ ކްލާކް ޒުނައިރާ މުޙައްމަދު، ސަރުކާރުގެ ޤަވާޢިދުތަކާ ޚިލާފަށް ބައެއްކަންތައްތައް ކުރަމުންދާކަމަށާއި، ތަނުގެ މަޞްލަހަތު ގެއްލޭފަދަ ބައެއް ޢަމަލުތައް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބެމުންދާކަމަށާއި އަދި ދާއިރާއާ ޙަވާލުވެ ތިއްބަވާ މެޖިސްޓްރޭޓުންނަށް ބައެއް ފަހަރަށް ދަތިވާފަދަ ޢަމަލުތައް ހިންގުމާއި، މައްސަލަތަކުގައި ކޯޓަށް ޙާޟިރުކުރެވޭ ބައެއް މީސްމީހުންނާ ކޯޓުގެ ތެރޭގަ އާއި ކޯޓުން ބޭރުގައި ބައްދަލުކޮށް މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލުދީ ހަދާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށާއި މީގެ އިތުރުން ބޭރުމީހުން ކޯޓު ތެރެއަށް ވައްދާ ކޯޓުގެ ބައެއް ލިޔުންތައް އެމީސްމީހުން ލައްވާ ލިޔުއްވާ ކޯޓުގެ ބައެއް ފޮތްތަކާއި ލިޔުންތައް އެމީހުންނަށް ދައްކާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށާއި، އަދިމިފަދަ ކަންތައްތައް ހިނގާފައިވާކަން އިތުބާރުހުރި ގޮތެއްގައި މެޖިސްޓްރޭޓުންގެ ފަރާތުން އެމިނިސްޓްރީއަށް ލިބިފައިވާކަމަށް ބަޔާންކޮށް މިފަދަ ކަންތައްތައް މީގެ ފަހުން ނުކުރުމަށް ނަސޭޙަތްތެރިވެ، އަދި މީގެ ފަހުން މިފަދަކަމެއް ޒުނައިރާ މުޙައްމަދުގެ ފަރާތުން ހިނގައިފިނަމަ މިނޫންގޮތަކަށް ޢަމަލުކުރަން ޖެހިދާނެކަން ޒުނައިރާ މުޙައްމަދަށް އަންގައި އިންޒާރުކޮށްފައިވާކަން އެލިޔުމުން އެނގެން އޮންނައިރު މިލިޔުމުގެ ތިރީގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވާކަން އެނގެން އޮތުމުގެ އިތުރުން، މިލިޔުމުގެ ތިރީގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވާކަން މިމައްސަލައާ ގުޅިގެން ޒުނައިރާ މުޙައްމަދު ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތުމުން، މިލިޔުމުގައި ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވުނުކަންކަން ޒުނައިރާ މުޙައްމަދު ޤަބޫލުކޮށްފައިވާކަން އެނގެންއޮންނަކަމެވެ.
[18](ބ) ފަސްވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު 11 މާރޗް 2002 ގެ ތާރީޚްގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ޒުނައިރާ މުޙައްމަދަށް ނަޞޭޙަތްތެރިވެ އިންޒާރުކޮށްފައިވާކަން އެނގޭ ލިޔުމުގެ ތިރީގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވަނީ ޒުނައިރާ މުޙައްމަދަށް މަޖުބޫރުވެގެންކަމަށް ޒުނައިރާ މުޙައްމަދު ޝަރީޢަތުގައި ބުނާ ބުނުމަށް ބަލާއިރު، އެލިޔުމުގައި ޒުނައިރާ މުޙައްމަދު ސޮއިކުރަންޖެހުނު ސަބަބު ބަޔާންކުރަމުން ޒުނައިރާ މުޙައްމަދު 31 މާރޗް 2008 ވަނަ ދުވަހު، މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި "އެއިންޒާރުގައި އަޅުގަނޑު ސޮއިކުރީ، ޖަސްޓިސްއަށް އަޅުގަނޑު އައީ އެކަނި ނޫޅެވޭވަރުގެ ކިޔަވާކުދިންތަކެއް އެއްވެސް އެހީތެރިއަކާނުލައި ރަށުގައި ބައިތިއްބައިފައި ކަމަށްވާތީ، އެކުދިންގާތަށް އަވަހަށް ދިޔުމަށް ބޭނުންވާތީއާއެކު އުމުރުން ހަތަރު އަހަރުގެ ދަރިފުޅަކު ގޮވައިގެން މާލޭގައި ހުރުމުގެ ދަތިކަން އިޙްސާސް ކުރަންޖެހިފައިވާލެއް ބޮޑުކަމުން މަޖުބޫރުވެގެންނެވެ." މިފަދައިން ޒުނައިރާ މުޙައްމަދު ބުނެފައިވާ ބުނުމަށާއި، އަދި ޒުނައިރާ މުޙައްމަދު 16 ޖުލައި 2003 ވަނަ ދުވަހުގެ ތާރިޚު ޖަހައި އޭރުގެ މިނިސްޓަރ އޮފް ޖަސްޓިސްއަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައި އިސްވެ އިޝާރާތްކުރެވުނު މިނިސްޓްރީ އޮފް ޖަސްޓިސްއިން ޒުނޭރާ މުޙައްމަދަށް ނަސޭޙަތްތެރިވެ އިންޒާރުކޮށްފައިވާ ލިޔުމުގައި ޒުނައިރާ މުޙައްމަދު ސޮއިކުރި ސަބަބު ބަޔާންކުރަމުން "އަޅުގަނޑަށް ދެއްވި އިންޒާރުގައި އަޅުގަނޑު ސޮއިކުރީ އަޅުގަނޑުފަދަ އާރެއް ބާރެއްނެތް ނިކަމެތި އަންހެނަކު މަނިކުފާނުފަދަ ބޭފުޅެއްގެ އަރިހުން އެއްވެސް ކަމެއްނެތި "ހުސްއަތާ" ފޮނުވާލުމަކީ މަނިކުފާނުގެ ހައިބަތަށްލިބޭ އުނިކަމަކަށްވާތީކަން އެނގިހުރި ޙާލުގައިވެސް މަނިކުފާނަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ." މިފަދައިން ޒުނައިރާ މުޙައްމަދު ބުނެފައިވާ ބުނުމަށް ބަލާއިރު 11 މާރޗް 2002 ގެ ތާރީޚްގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ޒުނައިރާ މުޙައްމަދަށް ނަޞޭޙަތްތެރިވެ އިންޒާރުކޮށްފައިވާކަން އެނގޭ އިސްވެ އިޝާރާތްކުރެވުނު ލިޔުމުގެ ތިރީގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވަނީ އޭރުގެ ޖަސްޓިސް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން، ޒުނައިރާ މުޙައްމަދަށް މަޖުބޫރުކޮށްގެން ނޫންކަމާއި، އަދި އެލިޔުމުގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައިވަނީ ޒުނައިރާ މުޙައްމަދުގެ ރުހުމާއި، އިޚުތިޔާރަށް އުނިކަމެއް ގެނެސްދެނިވި، ނުވަތަ ޒުނައިރާ މުޙައްމަދުގެ ރުހުމާއި އިޚްތިޔާރު ނެތިކޮށްލައިފަނިވި، ޢަމަލެއް ކޮށްގެންނޫންކަން އެނގެން އޮތުމުން މިބުނެވުނު ލިޔުމުގައި ޒުނައިރާ މުޙައްމަދު ސޮއިކުރިކުރުން އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ޞައްޙަ ގޮތުގައި ޒުނައިރާ މުޙައްމަދު ސޮއިކުރި ކުރުމެއް ނޫންކަމަށްބަލާނެ ޝަރުއީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަން އެނގެން އޮންނަކަމެވެ.
[19](ޅ) ހަވަނަކަމަކީ، "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" (01 އޯގަސްޓް 2008) ގެ 3 ވަނަ ބައިގެ 43 ވަނަ މާއްދާގައި ނަޞޭހަތްދީ، ޖޫރިމަނާކޮށް، އިންޒާރުކޮށްހަދާނީ އޮފީހުގައި އެކަމަށް ޚާއްޞަކޮށްފައިވާ ފޮތެއްގައި ލިޔެފަކަމަށާއި، މިލިޔުމުގައި މުވައްޒަފުން ސޮއިނުކުރިނަމަ، ދެ މީހުންގެ ހާޒިރުގައި އެފިޔަވަޅެއް މުވައްޒަފަށް އަންގާނީކަމަށާއި މިގޮތަށް ޢަމަލުކުރާއިރު، އެފިޔަވަޅެއް އެޅިކަމަށް އެދެމީހުން ހެކިވެ އެލިޔުމުގައި އެދެމީހުން ސޮއިކުރަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައިރު،
[20]ޒުނައިރާ މުޙައްމަދު ޗުއްޓީއަށް އެދި ސިޓީ ފޮނުވާފައި ޗުއްޓީ ހަމަނުޖެހެނީސް ކޯޓުގެ މަސައްކަތަށް ނުނިކުމެ ހިންގުމަށް ދަތިވާފަދަ ޖެއްސުމުގެ ޢަމަލުތައް ކުރަމުންދާތީ، އެފަދަ ޢަމަލުތައް ނުކުރުމަށް އިންޒާރުކޮށް 08 ސެޕްޓެމްބަރ 2002 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކޯޓުން ޒުނައިރާ މުޙައްމަދަށް އިންޒާރުކޮށްފައިވާކަން އެނގޭ ލިޔުމަށްބަލާއިރު، މިއެންގުމުގެ ތިރީގައި ޒުނައިރާ މުޙައްމަދު ސޮއިކޮށްފައި ނެތްނަމަވެސް "މިލިޔުމުގައި ޒުނައިރާއަށް ސޮއިކުރުމަށް އެންގުމުން ސޮއި ނުކުރީ އަޅުގަނޑުމެންގެ ދެމީހުންގެ ޙާޟިރުގައެވެ." މިގޮތަށްލިޔެ 08 ސެޕްޓެމްބަރ 2002 ގެ ތާރީޚުގައި ތިލަދުންމަތީ އުތުރުބުރީ ކޯޓުގެ ދެ މުވައްޒަފުންކަމުގައިވާ އެސިސްޓެންޓް ސެކެރެޓަރީ އާމިނަތު މުޙައްމަދާއި، މަސައްކަތު އިބްރާހިމް ޢަބްދުﷲ އާއި މިދެމީހުން އެލިޔުމުގެ ތިރީގައި ސޮއިކޮށްފައިވާކަން އެނގެން އޮތުމުން މިފިޔަވަޅު، ޒުނައިރާ މުޙައްމަދާ މެދު އެކޯޓުން އަޅާފައިވަނީ އިސްވެ ޙަވާލާދެވުނު ޤަވާޢިދުގެ 03 ވަނަ ބައިގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިންކަން އެނގެން އޮންނަކަމެވެ.
[21](ކ) ހަތްވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު 01 އޯގަސްޓް 2008 ގެ 1 ވަނަ ބައިގެ "މުވައްޒަފުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުޞޫލު" މިނަމުގައިވާ އަރިމަތީ ސުރުޚީގެ ދަށުން އަންނަ 2 ވަނަ މާއްދާގެ (ޅ) ގައި އެއްވެސް މުވައްޒަފަކު އޮފީހުގެ މަސައްކަތަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކޮށްގެންނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮތް ހިނދު، އަދި ހަމަ އެޤަވާޢިދުގެ 8 ވަނަ ބައިގައި ހިމެނޭ "ސަލާމްބުނުން" މިބައިގެ 1 ވަނަ މާއްދާގައި ސަލާމް ބުނަންވާނީ، ތިމާ ބަލިވެގެން، ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ބަލިވެގެން އެތަނުގައި ތިމާނުހުރެ ނުވާފަދަ ގޮތެއް މެދުވެރިވެގެންކަމަށް ކަނޑައެޅި ބަޔާންވެފައި އޮތްހިނދު، މިބައިގެ 2 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އޮފީހަށް ނުނިކުމެ ހުންނަންޖެހުނު ސަބަބު ބަޔާންކޮށް 2002 ސެޕްޓެމްބަރ 08 ވަނަ ދުވަހުން ފެށިގެން 2002 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށް 04 ދުވަހުގެ މުއްދަތަށް ޒުނައިރާ މުޙައްމަދު ސަލާމުގައި ހުރެފައިވާކަން މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ރަސްމީ ލިޔުމުން އެނގެންއޮވެފައި، ޒުނައިރާ މުޙައްމަދު ސަލާމުގައި ހުރެފައި އޮފީހަށް ނުކުމެ ސަލާމުގެ ސެޓްފިކެޓް ހުށަހަޅާފައިވަނީ، 9 ސެޕްޓެމްބަރ 2002 ވަނަ ދުވަހުން ފެށިގެން 11 ސެޕްޓެމްބަރ 2002 ވަނަ ދުވަހުގެ ނިޔަލަށް 03 (ތިނެއް) ދުވަހުގެ މުއްދަތަށްކަން ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ނަންބަރު: (2002-09-12)A6-SM/2002/78 "ސަލާމުގެ ސެޓްފިކެޓް" އިން ސާފުކޮށް އެނގެން އޮތުމުން ޒުނައިރާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސެޓްފިކެޓް ހުށަހަޅާފައިވަނީ އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގައި އެކަމަށް ކަނޑައެޅި ބަޔާންވެފައިވާ އުޞޫލާއެއްގޮތަށް ނޫންކަން އެނގެން އޮތުމުގެ އިތުރުން، ޒުނައިރާ މުޙައްމަދު 8 ސެޕްޓެމްބަރ 2002 ވަނަ ދުވަހު، ސަލާމްބުނެ އޮފީހަށްނުނިކުމެ ހުރި ނަމަވެސް އެދުވަހު ޒުނައިރާ މުޙައްމަދު ސަލާމްބުނެފައިވަނީ އެއްވެސް ސަބަބެއް ނެތިކަން، އިސްވެ އިޝާރާތްކުރެވުނު ސަލާމުގެ ސެޓްފިކެޓްގައި އެދުވަސް ހިމަނާފައި ނެތުމުން އެނގެން އޮންނައިރު، އެދުވަހު، ޒުނައިރާ މުޙައްމަދު އޮފީހަށް ނުނިކުމެހުރި ހުރުމުގެ ސަބަބުން ޒުނައިރާ މުޙައްމަދު ވަޒީފާއަދާކުރާ ހއ. ހޯރަފުށި ކޯޓު ހިންގުމަށް ދަތިވާފަދަކަންތަކެއް ކުރިމަތިވެފައިވާކަން، އިސްވެ އިޝާރާތްކުރެވުނު 08 ސެޕްޓެމްބަރ 2002 ގައި ހޯރަފުށީ ކޯޓުން ޒުނައިރާ މުޙައްމަދަށް ކޮށްފައިވާ އިންޒާރުގެ ލިޔުމުން އެނގެން އޮންނައިރު، އެދުވަހު، ޒުނައިރާ މުޙައްމަދު ސަލާމްބުނެ އޮފީހަށް ނުނިކުމެހުރެމެ، ގެއިން ބޭރުގައި، އާންމުންގެ ތެރެއަށްނުކުމެ، ރަށުތެރޭގައި އުޅެފައިވާކަން ޒުނައިރާ މުޙައްމަދުގެ ބަހުންވެސް އެނގެން އޮތުމުން، ޒުނައިރާ މުޙައްމަދު 8 ސެޕްޓެމްބަރ 2002 ވަނަ ދުވަހު، ސަލާމްބުނެ އޮފީހަށް ނުނިކުމެހުރެ، ޢަމަލުކޮށްފައިވަނީ "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" 1 އޯގަސްޓް 2008 ގެ އެއްވަނަ ބައިގެ 2 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރެވިފައިވާ އުޞޫލާ އެއްގޮތަށް ކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަކަމެވެ.
[22](އ) އަށްވަނަކަމަކީ، "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" 1 އޯގަސްޓް 2000 ގެ 3 ވަނަ ބައިގެ 48 ވަނަ މާއްދާއިން އެޤަވާޢިދުގައިވާ ގޮތުގެމަތިން އިޞްލާޙީ ފިޔަވަޅު އަޅައިގެން މުވައްޒަފަކު ރަނގަޅު ނުވިނަމަ އެމުވައްޒަފަކު، ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެން އޮންނައިރު، 11 މާރޗް 2002 ގައި ޒުނައިރާ މުޙައްމަދަށް މިނިސްޓްރީ އޮފް ޖަސްޓިސްއިން ނަޞޭހަތްތެރިވެ އިންޒާރުކޮށް އިޞްލާޙީ ފިޔަވަޅު އަޅާފައިވަނިކޮށް، 8 ސެޕްޓެމްބަރ 2002 ގައި ހޯރަފުށި ކޯޓުން ޒުނައިރާ މުޙައްމަދު އޮފީހުގެ މަސައްކަތަށް ނުނިކުމެ ހިންގުމަށް ދަތިވެފައިވާފަދަ ޢަމަލުކުރަމުންދާކަމަށްބުނެ އެފަދަ ޢަމަލުތައް ނުކުރުމަށް ޒުނައިރާ މުޙައްމަދަށް އިންޒާރުކޮށްފައިވާކަން އިސްވެ ޙަވާލާދެވުނު ރަސްމީ ލިޔުންތަކުން އެނގެން އޮންނައިރު 8 ސެޕްޓެމްބަރ 2002 ގައި ހޯރަފުށީ ކޯޓުން ޒުނައިރާ މުޙައްމަދަށް އިންޒާރުކުރަން ޖެހިފައިވަނީ އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 1 ވަނަ ބައިގެ 2 ވަނަ މާއްދާގެ (ޅ) ގައިވާ އުޞޫލުތަކާއި އަދި ހަމައެޤަވާއިދުގެ 8 ވަނަ ބައިގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ޚިލާފުވާފަދަގޮތަކަށް ޒުނައިރާ މުޙައްމަދު ޢަމަލުކުރުމުގެ ސަބަބުންކަން އިސްވެ ޙަވާލާދެވުނު ރަސްމީ ލިޔެކިޔުންތަކުންނާއި، އަދި 8 ސެޕްޓެމްބަރ 2002 ވަނަ ދުވަހު، ޒުނައިރާ މުޙައްމަދު ސަލާމްބުނެ އޮފީހަށް ނުނިކުމެހުރެ، އެދުވަހު ޒުނައިރާ މުޙައްމަދު އަމަލުކޮށްފައިވާގޮތްކަމަށްބުނެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން 11 މާރޗް 2002 ގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ޒުނައިރާ މުޙައްމަދާމެދު އެޅި އިސްވެ އިޝާރާތްކުރެވުނު އިޞްލާޙީ ފިޔަވަޅު އަޅައިގެންވެސް ޒުނައިރާ މުޙައްމަދު އިޞްލާޙުވެފައިނުވާކަން އެނގެން އޮތުމުން 14 އޮކްޓޯބަރ 2002 ގައި ޒުނައިރާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އިޞްވެޙަވާލާދެވުނު ޤަވާޢިދާ ޚިލާފަށްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ހަމައެއް ނެތްކަން އެނގެން އޮންނަކަމެވެ.
[23](ވ) ނުވަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސަނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެމަތިންކަން އެނގެންއޮންނާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނިފައިނުވުމެވެ.
ޙުކުމް:
[24]އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ހއ. ހޯރަފުށި ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާ އަދާކުރަމުންދިޔަ ހއ. ހޯރަފުށި އަސްރަފީގެ ޒުނައިރާ މުޙައްމަދު 14 އޮކްޓޯބަރ 2002 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ، އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" 1 އޯގަސްޓް 2000 އާޚިލާފަށްކަން ސާބިތުނުވާތީ ޒުނައިރާ މުޙައްމަދު ހޯދުމަށް ހުށަހަޅާފައިވާ މާލީބަދަލާއި ވަޒީފާ އަނބުރާ ދިނުމަށް އަންގާނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި މަދަނީކޯޓުގެ ނަންބަރު 544/MC/2008 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މުޙ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" 1 އޯގަސްޓް 2000
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 1 ވަނަ ބައިގެ 2 ވަނަ މާއްދާގެ (ޅ)
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 3 ވަނަ ބައިގެ 35 ވަނަ މާއްދާ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 3 ވަނަބައިގެ 39 ވަނަ މައްދާ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 3 ވަނަބައިގެ 40 ވަނަ މާއްދާ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 3 ވަނަ ބައިގެ 43 ވަނަ މާއްދާ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 3 ވަނަބައިގެ 48 ވަނަ މާއްދާ
- "ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 8 ވަނަ ބައިގެ 1 ވަނަ މާއްދާ، 2 ވަނަ މާއްދާ އަދި 6 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޢަރީފް (ރިޔާސަތު)، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- ޢަބްދުﷲ ޢަރީފް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 ޖުލައި 2011 · ރަޖިސްޓްރީކުރީ 4 ޖުލައި 2011 · ނިމުނީ 21 ޖޫން 2012 (11.6 މަސް)