ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/85
ޒީބާ ޢަޠާ މުޙައްމަދު ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން، 2019/HC-A/85
Zeebaa Ataa Mohamed v. Enti-Korapshan Commission 2019/HC-A/85 (2019/HC-A/85, High Court of the Maldives, 25 January 2021)
ޒީބާ ޢަޠާ މުޙައްމަދު ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުކަމަށް ކަނޑައަޅައި، އެދިފައިވާ އަމުރުތައް ނުކުރުމަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި 2006 އިން ފެށިގެން ވަޒީފާ އަދާކުރި އިންވެސްޓިގޭޝަން އޮފިސަރަކު، ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގެ ޝަރުޠުތަކާ މެދު މުވައްޒަފުންގެ ވައިބަރ ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރުމުން، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށާއި ވަޒީފާގައި ބެހެއްޓުމަކީ ކޮމިޝަނަށް ގެއްލުންވާނެ ކަމެއްކަމަށް ބުނެ 14 ޑިސެންބަރު 2017 ގައި ވަޒީފާއިން ވަކިކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޓްރައިބިއުނަލްގެ ނިންމުމަކީ ހައިކޯޓުގެ 2011/HC-A/134 އާއި 2016/HC-A/68 ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުކޮށް ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ކޮމިޝަނުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ އިޞްލާޙީ ފިޔަވަޅު ނާޅާ ވަކިކުރުމަށް ޓްރައިބިއުނަލުން ރިޢާޔަތް ނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފަކު، ވަޒީފާއިން ވަކިކުރުމުގެ ސަބަބަކަށް ވައިބަރ ގްރޫޕެއްގައި ފާޅުކުރި ޚިޔާލާއި ތުހުމަތު ދިފާޢުކުރަމުން ދެއްކި ވާހަކަ ހެދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް އޮވެ ކުރެވުނު ކަމެއްތޯ ނުވަތަ ނޫންތޯ.
ނިންމި ގޮތް
ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެނެސް، ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ވަޒީފާއަށް ރުޖޫޢަވުމުގެ ފުރުޞަތު ހަމަޖައްސައިދިނުމަށް ނިންމި
ވަކިކުރުން ބިނާވެފައިވަނީ ހަމައެކަނި ވައިބަރ ގްރޫޕުގައި ފާޅުކުރި ޚިޔާލާއި ތުހުމަތު ދިފާޢުކުރަމުން ދެއްކި ވާހަކައިގެ މައްޗަށް ކަމަށާއި، މުވައްޒަފުގެ ކަންބޮޑުވުން ޙަޤީޤަތެއްތޯ ބަލާނެ އިޢުލާނާއި ގަވާއިދު ހުށަހަޅާފައި ނުވާކަމަށާއި، ސުލޫކަށް 100 ޕޮއިންޓް ލިބިފައިވާ ކަމަށާއި، ގަވާއިދުގެ 44 އާއި 45 ވަނަ މާއްދާގެ ތަރުތީބަށް ޢަމަލު ނުކުރާ ކަމަށް ބަލައި، ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިހެއް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުޠު ފުރިހަމަވެގެންނެވެ. އެއީ، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއި، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 15)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ދޭ ޤަވާޢިދެއްގެ މާއްދާއެއް (މިސާލަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ)) ކިޔަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ އަލީގައެވެ. އެހެންކަމުން، އެ ގަވާއިދުގައި "އެކަށީގެންވާ ހަމަ" މި ޢިބާރާތް ނެތްނަމަވެސް، މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ ގެއްލުންވާނެ ކަމެއްކަމަށް ފެނުން ބިނާވާންޖެހޭނީ އެކަށީގެންވާ ހަމަތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- އެކަށީގެންވާ ސަބަބަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމީ ޤާނޫނުގެ ޢާންމު އުޞޫލެވެ. ކޮންމެ މައްސަލައެއްގައިވެސް ވަކިކުރީ އެކަށީގެންވާ ސަބަބަކާއި އެކަށީގެންވާ ހަމަތަކުގެ މައްޗަށްތޯ ޓްރައިބިއުނަލުން ބަލަންޖެހޭނީ، މައްސަލައިގެ ޙަޤީޤަތްތަކާއި ވަޒީފާގެ ބާވަތާއި ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮންނަންޖެހޭ އިތުބާރު ފަދަ ކަންކަމުގެ އަލީގައި، ވަޒީފާދޭ ފަރާތުގެ މަޤާމުގައި ހުންނަ ސަބަބުވެރި އިންސާނަކަށް އެ ހަމަތައް ޤަބޫލުކުރެވޭތޯ މައުޟޫޢީ ހަމައަކުންނެވެ. އިތުބާރު ގެއްލިއްޖެކަމަށް ނުވަތަ ގެއްލުންވާނެކަމަށް ބުނުން ބިނާވާންޖެހޭނީ ޖައުހަރީ ކަންތައްތަކެއްގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- މުވައްޒަފަކު ފާޅުކުރި ކަންބޮޑުވުމަކީ ޙަޤީޤަތެއްތޯ ދެނެގަތުމަށް އެ ކަންބޮޑުވުމާ ގުޅޭ ކަންކަން (މިސާލަކަށް ވަޒީފާގެ އިޢުލާނާއި އޭގެ ޝަރުޠުތަކާއި ވަޒީފާއަށް މީހުން ނަގާ ގަވާއިދު) ބަލަންޖެހެއެވެ. ކަންބޮޑުވުމަކީ ޙަޤީޤަތަކަށް ވާނަމަ އެކަން ފާޅުކުރި މުވައްޒަފާމެދު ފިޔަވަޅު އެޅުމަކީ ޤާނޫނީ ހަމައަކުން ނުވަތަ އެކަށީގެންވާ ހަމައަކުން ކުރެވިދާނެ ކަމެއް ނޫނެވެ. ޚިޔާލަކީ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ފިތުނަވެރި ޚިޔާލެއްނަމަ ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އެޅިދާނެ ނަމަވެސް، އެ ފިޔަވަޅު ކުރި ކަމާ ނިސްބަތްކުރާއިރު މުނާސިބު ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 18)
- މުވައްޒަފެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދިފާޢުކުރުމުގެ ގޮތުން ދައްކާ ވާހަކައާއި ހުށަހަޅާ ހުއްޖަތަކީ އޭގެ ޒާތުގައި އިޙްތިރާމް ކުޑަކުރުމެއް ކަމަށް ބަލައިގެން ނުވާނެއެވެ. އެހެން ބަލައިފިނަމަ ތަބީޢީ ޢަދާލަތުގެ އަސާސީ ޙައްޤެއް ކަމުގައިވާ އަޑުއެހުމުގެ ޙައްޤު ހަނިވެގެންދާނެއެވެ. އިޙްތިރާމް ކުޑަކުރުމެއް ކަމަށް ބެލެވޭނީ އިޙްތިރާމް ކުޑަކުރާ ބަސްމަގު ނުވަތަ އަޑު ނުވަތަ އެފަދަ ނޭއްގާނީ ޢަމަލެއް ކުރިނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން، މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދޭފަދަ ވާހަކަ ދެއްކުމަކީ އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ވަޒީފާއިން ވަކިކުރުމަކީ އިޞްލާޙީ ފިޔަވަޅެއް ނޫނެވެ. 45 ވަނަ މާއްދާގެ ދަށުން އެ ފިޔަވަޅު އަޅާނީ އިޞްލާޙީ ފިޔަވަޅު އެޅުމަށްފަހުވެސް ކަން ތަކުރާރުވުމުންނެވެ. އެހެންކަމުން، ވައިބަރ ގްރޫޕެއްގައި ފާޅުކުރި ޚިޔާލަކީ ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ހ) އަދި (ށ)
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ 44 ވަނަ މާއްދާ (ހ) 6 އަދި (ށ)
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ 45 ވަނަ މާއްދާ (ހ) 1 އަދި (ށ)
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ 47 ވަނަ މާއްދާ (ހ) އަދި (ށ)
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު (13 އޮގަސްޓް 2014) ގެ 6 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ހައިކޯޓުގެ ނަންބަރު 2011/HC-A/134 (އިސްތިއުނާފީ ނުކުތާގައި)
- ހައިކޯޓުގެ ނަންބަރު 2016/HC-A/68 (އިސްތިއުނާފީ ނުކުތާގައި)
- ބެންޗު
- މުޙައްމަދު ނިޔާޒް، ހާތިފް ޙިލްމީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް