ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/98
ޒައިދު މުޙައްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2020/HC-A/98
Zaidhu Mohamed Rasheed v. Prosecutor General 2020/HC-A/98 (2020/HC-A/98, High Court of the Maldives, 23 August 2020)
ޒައިދު މުޙައްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
ކޮވިޑް-19 ގެ ސަބަބުން ރަށްރަށުގެ ދެމެދު ދަތުރު މަނާކުރެވިފައިވާ ޙާލަތުގައި ސަޕްލައި ދޯންޏެއްގެ ފަޅުވެރިއެއްގެ ގޮތުގައި ގއ. ދެއްވަދޫއަށް ދިޔަ މީހަކު ލޯންޗެއްގައި ގދ. ތިނަދޫއަށް ދިޔުމުން، ހުއްދައެއްނެތި ސިއްރުން ދަތުރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ޙައްޤުތަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 42 އަދި 44 ވަނަ މާއްދާގެ އިޖުރާއަތުތަކާއި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ އެންގުންތަކާ ޚިލާފަށް ބަންދުކުރި ކަމަށެވެ. ދައުލަތުން ބުނީ ފަޅުވެރިއެއްކަން ސިއްރުކޮށް ދަތުރުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ކޮވިޑް-19 ގެ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހުއްދައެއް ނެތި ރަށަކަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރަކީ ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދުގެ އަމުރު ބާޠިލު
ދެއްވަދޫ ކައުންސިލުގެ ރައީސްގެ ހުއްދައާއި ތިނަދޫ ޓާސްކްފޯހުގެ 'Approved' ޖަވާބުން، ދަތުރުކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު، އެ އިދާރާތަކުގެ ލަފާއާ އެއްގޮތަށް ކަން ފެންނާތީ ބަންދުގެ އަމުރު ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާ ލިބޭ މީހަކީ ކުށް ސާބިތުވެފައިވާ މީހެއް ނޫން ކަމުން، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބެހެއްޓޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 އިން 4 އަށް ބަޔާންކުރާ ސަބަބުތަކުން ސަބަބެއް އޮތްނަމައެވެ؛ އެ ސަބަބެއް އޮތްތޯ ކަނޑައަޅާނީ ފަނޑިޔާރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ބަންދާމެދު ފަނޑިޔާރަށް 4 ގޮތަކަށް ނިންމިދާނެއެވެ: ބަންދުގައި ބެހެއްޓުން، ޝަރުޠެއް ނެތި ދޫކޮށްލުން، ކަފާލަތުގެ ދަށުން ދޫކޮށްލުން، ޝަރުޠަކާއެކު ދޫކޮށްލުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ބަންދު ޤާނޫނާ އެއްގޮތްތޯ ކަނޑައަޅާއިރު ކުށުގެ ބާވަތާއި ބޮޑުމިނާއި، ކުށްކުރި ޙާލަތާއި، އަނިޔާވެރިކަމާއި، ހެކީގެ ބުރަދަނާއި، ކުރީގެ ކުށުގެ ރެކޯޑާއި، ކޯޓަށް ހާޟިރުވުމުގައި ކުރިން ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ތުހުމަތުކުރެވޭ ފަރާތް ދަތުރުކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު، އެ އިދާރާތަކުން ދިން މަޢުލޫމާތާ އެއްގޮތަށް ކަމަށް ލިޔެކިޔުމުން ފެންނަނަމަ، ދައުލަތުގެ އިދާރާތަކަށް ސިއްރުން ނުވަތަ ދޮގު މަޢުލޫމާތު ދީގެން ދަތުރުކުރި ކަމަށް ނުބެލެވޭތީ، އެ ތުހުމަތުގައި ބަންދުގައި ބެހެއްޓުމުގެ އަމުރު ބާޠިލުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް