ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/615
ވޫ ޗެން ވ. ނަންބަރ ތްރީ ޕްރައިވެޓް ލިމިޓެޑް، 2019/HC-A/615
Voo Chen v. Nanbar Three Private Limited 2019/HC-A/615 (2019/HC-A/615, High Court of the Maldives, 16 November 2022)
ވޫ ޗެން ވ. ނަންބަރ ތްރީ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ގެސްޓްހައުސް މެނޭޖްމަންޓް ޕާޓްނަރޝިޕް އެއްބަސްވުމުގައިވާ '80% is contributed by the INVESTOR' ގެ ލަފްޒުން ހަމައެކަނި އިންވެސްޓަރު 160,000 އެމެރިކާ ޑޮލަރު ދީފައިވާކަން ސާބިތުވޭތޯއާއި، އެ ފައިސާ ދިންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ކޮން ފަރާތެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11) ކޮންޓްރެކްޓަކީ ބައިވެރިން ރުހި ޤަބޫލުވެގެން އަމިއްލަ އިޚްތިޔާރުގައި ވަދެވޭ އެއްޗެކެވެ؛ ލިޔުމުން ވެފައިވާ އެއްބަސްވުމެއްގައި ރުކުންތައް ފުރިހަމަވާނަމަ، އެ އެއްބަސްވުމާ ގުޅޭ މައްސަލައެއްގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނީ އެ އެއްބަސްވުމަށާއި ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11) ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޤަޟިއްޔާގައިވާ ގޮތުން: އެއްބަސްވުމުގައި ވަކި ބަހަކަށް މާނަ ބަޔާންކޮށްފައި ނުވާނަމަ ލަފްޒުތަކުގެ އާންމު މާނަ ބޭނުންކުރެވޭނެއެވެ؛ އެއްބަސްވުން މާނަކުރާނީ އެއްބަސްވުން ވީއިރު ކަންހިނގާދިޔަ ގޮތާއި ވަށައިގެންވާ ކަންކަން އެނގިހުރި ސަބަބުވެރި އިންސާނަކަށް ދޭހަވާ މާނައިގެ މިންގަނޑުންނެވެ؛ ވިޔަފާރި މުޢާމަލާތެއްގައި އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާނަމަ ބަސްތަކާ ފުށުނާރާ، ވިޔަފާރިއަށް ފަހި (business common sense) މާނަ ކުރަންވާނެއެވެ؛ މާއްދާތައް ކިޔާ މާނަކުރަންވާނީ އެކުއެކީގައެވެ؛ ސޮއިކުރުމުގެ ކުރިން ދެކެވުނު ވާހަކަތަކާއި މުޢާމަލާތްތަކަކީ އާންމު އުޞޫލެއްގެ ގޮތުން މާނަކުރުމަށް ބޭނުންކުރެވޭ ވަސީލަތްތަކެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12) 'is contributed' ފަދަ ލަފްޒެއް ހިމެނޭ މާއްދާއަކީ ފައިސާ ދީފައިވާކަމަށް ނުވަތަ ފައިސާ ދޭނެ ގޮތް ބަޔާންކުރާ މާއްދާއެއްކަމަށް ދެގޮތަކަށް މާނަކުރެވިދާނެ މާއްދާއެއް ނަމަ، އެ މާއްދާ މާނަކުރަންވާނީ ކަންހިނގާދިޔަ ގޮތުގެ ޙަޤީޤަތްތަކާއި ވަށައިގެންވާ ކަންކަމަށާއި ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނެ ގޮތެއްގެ މަތިންނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13) ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ؛ ދަޢުވާއެއްގައި އެއް ޚަޞްމަކު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެ ދަފްޢު ކުރާ ފަރާތެވެ (ސުޕްރީމް ކޯޓުގެ 2010/SC-A/02).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) ބޮޑު އަދަދެއްގެ ފައިސާ ދިންކަމަށް ދަޢުވާކުރާއިރު، ފައިސާ ދިންކަމުގެ ލިޔުމެއް، ޓްރާންސްފަރ ކުރިނަމަ ބޭންކް ސްޓޭޓްމަންޓް، ނަގުދު ދިންނަމަ ރަސީދު ނުވަތަ މުޢާމަލާތް ކުރިއިރު ހާޟިރުގައި ތިބި ތިންވަނަ ފަރާތުގެ ހެކިބަސް ފަދަ ހެއްކެއް ހުށަހަޅަންޖެހޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16) ދިފާޢީ ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ އެ ދަފްޢު ކުރިމަތިކުރުވި ފަރާތުގެ ޒިންމާއެއް ކަމުގައިވީނަމަވެސް، އެ ޒިންމާ ދަފްޢު ހުށަހަޅާ ފަރާތަށް ފޮރުޅިގެންދާނީ ދަޢުވާކުރާ ފަރާތުން ފުރަތަމަ އެކަށީގެންވާ މިންވަރަކަށް އެ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށްފަހުގައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17) ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ އިތުރަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، ހަމައެކަނި އެއްބަސްވުމަށް ރިޢާޔަތްކޮށް އިންވެސްޓްމަންޓްގެ ފައިސާ ޚަރަދުކުރިކަން ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2021/SC-A/53 ޤަޟިއްޔާ (ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ މުޙައްމަދު އިބްރާހީމްމަނިކު) ([2022] SC 60)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާ (ފާހަގަކުރެވުނު ނުކުތާތަކުގެ (ނ))
- ބެންޗު
- މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް