ސައިޓޭޝަން ކޮޕީ ކުރުމަށް
[2026] SC 41
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ވ. ޔުދްރާ، [2026] SC 41 (2026/SC-A/17)
State of Maldives (Ministry of Education) v. Yudhra [2026] SC 41 (2026/SC-A/17, Supreme Court of the Maldives, 28 October 2026)
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ވ. ޔުދްރާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން (2434-CVC-2024) ނިންމީ، ސަރކިއުލަރ 2024 އަކީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތަރަހައިގެ ތެރެއިން ޢާންމުކޮށްފައިވާ އުސޫލަކަށްވާތީ، އެދިފައިވާ ފަރުވާ ނަގައިނުދެވޭނެ ކަމަށެވެ. ހައިކޯޓުން (2025/HC-A/123) ކަނޑައެޅީ، ދައުލަތުން ޢަމަލުކޮށްފައިވަނީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުސޫލާ ޚިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށް ކަމަށް ނުބެލެވޭ ނަމަވެސް، ކުއްޖާގެ ޚާއްޞަ ޙާލަތާއި އެސެސްމަންޓްތައް މިނިސްޓްރީގެ ފަންނުވެރިން އަލުން ވަޒަންކޮށް ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 2024 ވަނަ އަހަރު ދިރާސީ އަހަރަށް ބަދަލު ގެނެސް ކުދިން ކްލާސްތަކަށް ވެއްދުމުގެ އުމުރުފުރާ ބަދަލުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު ނަރސަރީއަށް ބަދަލުނުކޮށް ރިޕީޓްކުރުމަށް މިނިސްޓްރީން ނިންމިއެވެ. މި ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން އަޅާފައިވާ އިދާރީ ފިޔަވަޅެއް ނޫންކަމަށް ބުނެ، އިސްތިއުނާފު ރައްދުވާ ފަރާތުން މިނިސްޓްރީއަށް ރައްދުކޮށް ސިވިލް ކޯޓުގައި ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ހުށަހެޅިއެވެ.
ހައިކޯޓުގެ ނިންމުމުގެ ދެވަނަ ބައި ދައުލަތުން އިސްތިއުނާފުކުރީ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލަށް ވެއްދުމަށް ކުއްޖާގެ އުމުރަށް ބެލުން ލާޒިމުކުރާއިރު އެ މާއްދާގައި ނެތް ކަންކަމަށް ރިޢާޔަތްކޮށް، ޚަޞްމުން ފައިޞަލާކުރަން އެދިފައިނުވާ ކަމެއްގައި ހައިކޯޓުން ގޮތެއް ނިންމާފައިވާ ކަމަށާއި، އެ ނިންމުމަކީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް ކުރި ނިންމުމެއް ކަމަށް ބުނެއެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ ޚާއްޞަ ޙާލަތާއި އެސެސްމަންޓްތައް އަލުން ވަޒަންކޮށް ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއް ނިންމުމަށް ހައިކޯޓުން އަންގާފައިވަނީ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް މިނިސްޓްރީއަށް ލިބިފައިވާ ބާރު ގެއްލޭގޮތަށް، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާ ޚިލާފަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުމުގެ ދެވަނަ ބައި ބާޠިލު (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (މ)، 14 ވަނަ މާއްދާ އަދި 6 ވަނަ މާއްދާގެ (ހ) ގެ (1) އެކުއެކީގައި ކިޔުމުން ކުއްޖާގެ ގްރޭޑް ކަނޑައެޅިފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެން ކަމަށާއި، ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރުމުގެ ބާރު ލިބިގެންވަނީ ތަންފީޛީ ބާރުގެ ހައިސިއްޔަތުން މިނިސްޓްރީއަށް ކަމަށެވެ. ޤާނޫނުގައި ސާފުކޮށް އުމުރު ކަނޑައަޅާފައިވާއިރު އާ މިންގަނޑެއް ކަނޑައަޅައި ތަންފީޛީ އިދާރާއަށް އެންގުމަކީ ކޯޓުގެ އިޚްތިޞާޞުން ބޭރު ކަމެއް ކަމަށާއި، އެއީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭ ގޮތަށް ކުރާ އެންގުމެއް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނިންމުމުގެ ދެވަނަ ބައި އިއްތިފާޤުން ބާޠިލުކުރެއްވިއެވެ. އަދި އާދަޔާ ޚިލާފު ޤާބިލުކަން ހުރި ކުދިންގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރާ ނިޒާމެއް ޤާއިމުކުރުމަކީ ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރާ ފަރާތުން ކުރުން މުހިންމު ކަމެއް ކަމަށް ކޯޓުން ފާހަގަކުރެއްވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި 14 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެކުއެކީގައި ކިޔުމުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުއްޖާގެ ގްރޭޑް ކަނޑައެޅިފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެންކަން ސާފުކޮށް އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 34)
- ތަޢުލީމުގެ ޤާނޫނު ގައި ބަޔާންވެގެންވާ ގޮތުން ދިވެހިރާއްޖޭގައި ތަޢުލީމީ ސިޔާތު ކަނޑައެޅުމާއި އެ ސިޔާސަތު ހިންގައި ތަންފީޛުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ފަރާތަކީ މިނިސްޓްރީއެވެ. ތަޢުލީމީ ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ނެރެންޖެހޭ ސަރކިއުލަރތައް ނެރެ ކަންކަން ތަންފީޛުކުރުމަކީ ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން ތަންފީޛީ ބާރުގެ ހައިސިއްޔަތުން މިނިސްޓްރީގެ މަސައްކަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެގެންވަނީ ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު، މި ތިން ބާރު ވަކިވެފައިވުމުގެ އަސާސްގެ މައްޗަށްކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި، ރައްޔިތުންގެ މަޖިލީހުން އެ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވަނީ ޕްރީސްކޫލަށް އެއްވެސް ކުއްޖެއް ވެއްދޭނީ އެ ކުއްޖެއްގެ އުމުރުން 4 (ހަތަރެއް) އަހަރު ފުރުމުންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޢަމަލުކުރާނެ އާ މިންގަނޑެއް ކަނޑައަޅައި އެކަން ކުރަން ތަންފީޛީ އިދާރާއަށް އެންގުމަކީ ކޯޓުގެ އިޚްތިޞާޞުން ބޭރު ކަމެކެވެ. އަދި އެއީ ތަޢުލީމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލް ތަޢުލީމަށް ކުއްޖާ ވެއްދުމަށް ކުއްޖާގެ އުމުރަށް ބެލުމަށް ލާޒިމުކޮށްފައިވާ މާއްދާއާ ޚިލާފަށް އެންގޭ އެންގުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 34)
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/123 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ، މިނިސްޓްރީ އޮފް އެޑިއުކޭޝަން (މީގެފަހުން "މިނިސްޓްރީ" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އިން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޔުދްރާ (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.
2އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު، އަކީ 2023 ވަނަ ދިރާސީ އަހަރު ކެންގަރޫ ކިޑްސް ސްކޫލްގެ ޕްލޭ ސްކޫލަށް ވައްދާފައިވާ ކުއްޖެކެވެ.
3މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/CIR/2023/08 (17 އެޕްރީލު 2023) ސަރކިއުލަރ (މީގެފަހުން "ސަރކިއުލަރ 2023" ކަމަށް ބުނެފައިވާ ސަރިކިއުލަރ) ގައިވާ ގޮތުން 2023-2024 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވައްދާ އުމުރުފުރާގެ ތެރެއިން ބޭބީ ނަރސަރީއަށް ވަދެވެނީ 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 އަހަރު ފުރި، 3 އަހަރު ނުފުރޭ ކުދިންނަށެވެ. 2023 ވަނަ އަހަރުގެ ދިރާސީ އަހަރު ދެމިގެން ގޮސްފައިވަނީ 6 އޮގަސްޓް 2023 އިން 13 ޖޫން 2024 ގެ ނިޔަލަށެވެ.
4އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ އުފަން ތާރީޚަކީ […] އެވެ. 2023 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދަރިފުޅު ސްކޫލަށް ވައްދައި، ދިރާސީ އަހަރު ފުރިހަމަކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ.
52024 ގައި ދިރާސީ އަހަރަށް ބަދަލު ގެނެސް ނެރެފައިވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/CIR/2024/06 (30 ޖަނަވަރީ 2024) ސަރކިއުލަރ (މީގެފަހުން "ސަރކިއުލަރ 2024" ކަމަށް ބުނެފައިވާ ސަރކިއުލަރ) ގައިވާ ގޮތުން ކުދިން ނަރސަރީއަށް ވެއްދޭނީ 31 ޑިސެންބަރު 2023 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިންނަށެވެ. 2024 ގެ ދިރާސީ އަހަރު 26 މޭ 2024 ގައި ފެށިފައިވާއިރު، ސަރކިއުލަރ 2024 ގައިވާ ތާރީޚާ ހަމައަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅަށް 3 އަހަރު ފުރިފައި ނުވާތީ، ނަރސަރީއަށް ޕްރޮމޯޓްވުމަށް ހުރަސް އެޅިގެން ދިޔައެވެ.
6ދިރާސީ އަހަރަށް ގެނެވުނު ބަދަލުގެ ސަބަބުން ކުދިން ރިޕީޓް ނުކޮށް މައްސަލައަށް ޙައްލެއް ލިބިދިނުމަށް އެދި 5 ފެބުރުއަރީ 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ސިޓީއެއް ފޮނުވިއެވެ. ސިޓީއަށް ޖަވާބު ލިބިފައި ނުވާތީ، 25 ފެބުރުއަރީ 2024 އަދި 20 މާރޗް 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން މިނިސްޓްރީއަށް އީމެއިލް ކޮށްފައިވެއެވެ. އެފަހުން 25 އެޕްރީލު 2024 ގައި މިނިސްޓްރީގެ ނަންބަރު 22-SA/INDIV/2024/372 ސިޓީގައި ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، 26 މޭ 2024 ގައި ފަށާފައިވާ ދިރާސީ އަހަރަށް ފައުންޑޭޝަން ސްޓޭޖްގެ ލެވެލްތަކަށާއި، ގްރޭޑް އަށް ދަރިވަރުން ވެއްދުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރުފުރާގެ މުއްދަތަށް ދަރިވަރުގެ އުމުރު ހަމަނުވާތީ، 2024 ވަނަ އަހަރު މޭ 26 ގައި ފަށާ ދިރާސީ އަހަރު ކުއްޖާ ނަރސަރީއަށް ބަދަލުކުރެވެން ނެތްކަމަށެވެ.
7މިނިސްޓްރީގެ މި ނިންމުން މުރާޖަޢާކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ. ނަމަވެސް، ކުދިން ސްކޫލަށް ވައްދާފައިވަނީ ތަޢުލީމުގެ ޤާނޫނު1 ގައި ކަނޑައަޅާފައިވާ އުމުރާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ކުދިންނަށްވެސް އުނގެނުމުގެ ޙައްޤު ކަށަވަރުވާ ގޮތަށް ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި، އެޑިއުކޭޝަން މިނިސްޓަރާއި، މިނިސްޓަރ އޮފް ސްޓޭޓް ވަކިވަކިން ބައްދަލުކޮށް، ކުދިން ސްކޫލަށް ވެއްދުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޢަމަލުކުރާ ސިޔާސަތުތައް ވަރަށް ތަފްޞީލުކޮށް ހިއްސާކޮށްފައިވާނެ ކަމަށް ބަޔާންކޮށް މިނިސްޓްރީން ޖަވާބު ދީފައިވެއެވެ.
8އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު ރިޕީޓްކުރުމަށް މިނިސްޓްރީން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން އަޅާފައިވާ އިދާރީ ފިޔަވަޅެއް ނޫންކަމަށް ބުނެ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައްދުވާ ގޮތަށް ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2434-CVC-2024 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ، ސަރކިއުލަރ 2024 އަކީ މިނިސްޓްރީއަށް ތަޢުލީމުގެ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ތަރަހައިގެ ތެރެއިން އެކުލަވާލައި ޢާންމުކޮށްފައިވާ އުސޫލަކަށްވާތީ، މި ސަރކިއުލަރ އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ މައްޗަށް ތަޠުބީޤުކުރުމުގައި ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7)، އަދި އެ ޤާނޫނުގެ 7، 9 އަދި 12 ވަނަ މާއްދާއާ މިނިސްޓްރީން ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅައި، އޭގެ ނަތީޖާއެއްގެ ގޮތުން މި މައްސަލައިގައި ނަގައިދިނުމަށް އެދިފައިވާ ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމުގައި ކަނޑައަޅައެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
9.1. މައްސަލަ ދިމާވެފައިވަނީ ދިރާސީ އަހަރު ފެށޭ ތާރީޚަށް ގެނައި ބޮޑު ބަދަލަކާ ގުޅިގެން ކަމާއި، ސަރކިއުލަރ 2024 ގައި ދިރާސީ އަހަރަށް ގެނައި ބަދަލާއެކު އުމުރުފުރާތައް ކަނޑައެޅުން ބިނާކޮށްފައިވަނީ ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ލާޒިމު ތަޢުލީމު ލާޒިމުވާ އުމުރުފުރާ ކަމުގައިވާ 4 އަހަރުގެ އުމުރުފުރާއަށް މަގުފަހިކުރަންކަން އެނގޭކަމާއި، މިކަން ކޮށްފައިވަނީ ތަޢުލީމުގެ ޤާނޫނުގެ 9 ވަނަ މާއްދާ އާއި 13 ވަނަ މާއްދާގައި ބަޔާންވެގެންވާ މަސްއޫލިއްޔަތުތަކާ އެއްގޮތަށް، މިނިސްޓްރީއަށް ލިބިދީފައިވާ ޤާނޫނީ މެންޑޭޓް ފުރިހަމަކުރުމުގެ ބޭރުންކަން އެނގެން ނެތްކަމާއި، މިކަމުގައި ވަކި ފަރާތަކާމެދު ތަފާތުކުރުމެއް އޮތްކަން އެނގެން ނެތްކަން؛
9.2. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަދާކޮށްފައިވާ ޤާނޫނީ ވާޖިބަކީ ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި އެންމެންގެ މައްޗަށް ހަމަހަމައަށް ތަޠުބީޤުކުރެވޭގޮތަށް އާންމު ކުރެވިފައި އޮތް އުސޫލެއް ކަމުގައި ޝަރީޢަތުން ދެކޭކަމާއި، މިހެންކަމުން ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) އަދި އެ ޤާނޫނުގެ 7، 9 އަދި 12 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމުގައި ބަލާނެ ތަނެއް ނެތްކަން؛
9.3. އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު ސްކޫލަށް ވެއްދިއިރުވެސް ކަނޑައެޅިފައިވާ އުމުރުފުރާ ހަމަނުވާނަމަ ރިޕީޓްކުރަންޖެހިދާނެކަން ކުރިއާލައި އަންގާފައިވާކަން، ކެންގަރޫ ކިޑްސްގެ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލް އަންޑަރއޭޖް އެންރޯލްމަންޓް ފޯމު ގައި ބަޔާންކޮށްފައި އޮތުމުން، ރިޕީޓްކުރަންޖެހޭ ވާހަކައަކީ ކުރިއާލައި އެންގުމެއް ނެތި އަލަށް އުފަންވެފައިވާ ކަމެއް ކަމުގައި ބަލާނެ ތަނެއް ނެތްކަން.
10ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
11އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2025/HC-A/123 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި ހައިކޯޓުން އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައިވެއެވެ.
11.1. އުއްމީދުގެ މަޙައްލެއް އުފަންވުމަކީ ޠަބީޢީ ޢަދާލަތުގެ ޙައްޤަކަށްވެފައި، އެފަދަ ޙައްޤެއް އުފަންވުމަކީ ޤާނޫނީގޮތުން ސަބަބުވެރި އުއްމީދަކަށް ވާންޖެހޭ ކަމާއި، ފާސްކޮށްފައިވާ ޤާނޫނަކީ އުއްމީދުގެ މަޙައްލެއް ޤާނޫނީގޮތުން އުފަންވުމަށް ހުރަސްއަޅާ އެއް ސަބަބުކަން އެނގޭކަމާއި، އަދި އެ ޙާލަތުގައި އުއްމީދު ނަފީވާކަމަށް ބަލަންޖެހޭކަމާއި، ދިރާސީ އަހަރު ފެށޭ ތާރީޚު ކަނޑައެޅުމަކީ ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމާއި، އެ ބާރަކީ މިނިސްޓްރީއަށް ލިބިގެން ނުވާ ބާރެއްކަމުގެ މައްޗަށް ވާހަކަ ދައްކައި މިނިސްޓްރީން ދިރާސީ އަހަރު ކަނޑައެޅުމުގައި ޤާނޫނީ އުސޫލަކާ ޚިލާފުވެފައިވާ ކަމުގެ ޤާނޫނީ ބަހުސެއް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގައިވެސް ހުށަހަޅާފައި ނުވާކަން؛
11.2. ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ޕްރީ ސްކޫލްގެ އުމުރުފުރާއާ ޙަވާލާދީފައިވާއިރު، ޘާނަވީ ތަޢުލީމާއި މަތީ ޘާނަވީ ތަޢުލީމު މާނަކުރުމުގައި ޙަވާލާދީފައިވަނީ ގްރޭޑަށް ކަމާއި، ޕްރީ ސްކޫލް އުމުރުފުރާ ކަމުގައިވާ 4 އަހަރާއި 6 އަހަރަށްފަހު ކުއްޖާގެ އުމުރަކީ ކުއްޖާގެ ގްރޭޑް ކަނޑައެޅުމަށްޓަކައި ގައިދެއްކަން ޤާނޫނު ދަންނަކަމަށް ނުބެލެވޭ ކަމާއި، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުއްޖާއަށް އިތުރު އެހީއަށް ބޭނުންވާނަމަ އަދި ބައެއް ޙާލަތުގައި ކުއްޖާގެ ޤާބިލުކަން ހުރިނެތް މިންވަރަށް ރިޢާޔަތްކޮށް، ތަޢުލީމުގެ އެއް ހަރުފަތުން ދެން އޮންނަ ހަރުފަތަށް ބަދަލުނުކޮށް، ކުއްޖާ ރިޕީޓްކުރުމަށް ނިންމާ ނިންމުމަކީ ކުއްޖާގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް ދައުލަތުން އަޅާ ފިޔަވަޅެއް ކަމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 8 ވަނަ މާއްދާގައި ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރުމުގެ ޒިންމާ ދައުލަތުގެ މައްޗަށް އޮތުމާ އެކުއެކީގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ 29 ވަނަ މާއްދާގެ ދަށުން ކުއްޖާގެ އުނގެނުމުގެ ޙައްޤުގެ ތެރެއިން، ދައުލަތުން ކުޑަކުދިންނަށް ފޯރުކޮށްދޭ ތަޢުލީމަކީ، ކުއްޖާގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާ އެކުއެކީ، ކުއްޖާގެ ބަދަލުވަމުން އަންނަ ޤާބިލުކަން އެންމެ މަތީ ދަރަޖަރައަކަށް ގެންދިއުމަށް މަގުފަހި ކުރުވަނިވި ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ ޒިންމާއާ އެއްގޮތަށް ދައުލަތުން އެކަށީގެންވާ ގޮތެއްގެ މަތިން މަސައްކަތްކުރުމުގެ ބަދަލުގައި، މި ޙާލަތުގައި، ދައުލަތުން ކުއްޖާއާމެދު ގޮތް ނިންމުމުގައި ބަލާފައިވަނީ ކުއްޖާގެ ޠަބީޢީ އުމުރަށް އެކަނިކަމާއި، ކުއްޖާގެ ހެދިބޮޑުވުމުގެ ޠަބީޢީ ދުވެލީގެ ސަބަބުން ކުއްޖާގެ ޤާބިލުކަމަށް އައިސްފައިވާކަމަށް ބެލެވޭ ކުރިއެރުންތަކަށް ނުވަތަ ކުއްޖާގެ އުމުރަށްވުރެ ޠަބީޢީ ތޫނުފިލިކަން އިތުރުވެފައި ވާކަމަށް ބެލެވޭ މިންވަރަށް، މި ޙާލަތުގައި މިނިސްޓްރީން ރިޢާޔަތްކޮށްފައި ވާކަމަށް ނުބެލެވޭކަން.
12އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ދެ ބައެއްވެއެވެ.
12.1. ފުރަތަމަ ބަޔަކީ: އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުސޫލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށް ކަމަށް މި ޙާލަތުގައި ނުބެލެވޭކަމަށް ކަނޑައަޅާފައިވާ ބައެވެ.
12.2. ދެވަނަ ބަޔަކީ: އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި އެސެސްމަންޓްތައް މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން، ހައިކޯޓުގެ ނިންމުމުގައިވާ ކަންކަމުގެ އަލީގައި އިންސާފުވެރިކަމާއެކު އަލުން ވަޒަންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅާފައިވާ ބައެވެ.
13ހައިކޯޓުގެ މި ނިންމުމުގެ ދެވަނަ ބައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
14ދައުލަތުން ހުށަހެޅި އިސްތިއުނާފުގައި، ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުވާކަމަށް ޤަބޫލުކުރާ ދެ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
14.1. ފުރަތަމަ ނުކުތާއަކީ، ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި ކުއްޖާ ޕްރީސްކޫލަށް ވެއްދޭނީ ކުއްޖާގެ އުމުރުން 4 (ހަތަރެއް) އަހަރު ފުރުމުންކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިނުވާ އިތުރު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑް މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން އަލުން ވަޒަންކުރަންޖެހޭ ކަމަށް ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާ ގުޅިގެން ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތައްކަމާއި، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އުސޫލާއި، އަދި ސުޕްރީމް ކޯޓުގެ ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗަރލްސް ސީފަރޓް ޤަޟިއްޔާގައި ކަނޑައަޅާފައިވާ، އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14.2. ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން، ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ވަޒަންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް، އަދި ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލް ތަޢުލީމަށް ކުއްޖާ ވެއްދުމުގައި ކުއްޖާގެ އުމުރަށް ބެލުމަށް ލާޒިމުކޮށްފައިވާ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15ތަޢުލީމުގެ ޤާނޫނު ގެ 14 ވަނަ މާއްދާގައި، މަޖުބޫރު ތަޢުލީމު ލާޒިމުވާ އުމުރުފުރާއަކީ އުމުރުން 4 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި ރަސްމީ ތަޢުލީމަކީ، ޤައުމީ މަންހަޖަށް ކިޔަވައިދޭ ޕްރީސްކޫލް ތަޢުލީމާއި، ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމު ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ރަސްމީ ތަޢުލީމު ބެހިގެންވަނީ 3 މަރުޙަލާއަކަށްކަން އެނގެއެވެ. އެއީ؛
(i) ޕްރީސްކޫލް ތަޢުލީމު؛
(ii) ފަށާ ތަޢުލީމު؛ އަދި (iii) ޘާނަވީ ތަޢުލީމެއެވެ.
16ތަޢުލީމުގެ ޤާނޫނު ގައި އިސްވެ ބަޔާންވެދިޔަ ތިން މަރުޙަލާ މާނަކޮށްފައިވާ ގޮތަށް ބަލާއިރު؛ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި، ޕްރީސްކޫލް ތަޢުލީމަކީ ކުއްޖާގެ އުމުރުން 4 އަހަރާއި 6 އަހަރާ ދެމެދުގައި ދެވޭ ތަޢުލީމުގެ މަރުޙަލާ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ފ) ގައި، ފަށާ ތަޢުލީމަކީ ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 ގެ ނިޔަލަށް ފުރިހަމަކުރާ ތަޢުލީމުގެ މަރުޙަލާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ދ) ގައި ޘާނަވީ ތަޢުލީމަކީ ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 ގެ ނިޔަލަށް ފުރިހަމަކުރާ ތަޢުލީމުގެ މަރުޙަލާ ކަމަށް ބަޔާންކޮށްފައިވެއެވެ.
17ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ދިރިއުޅޭ، އުމުރުން 4 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުއްޖެއް ކަމުގައެވެ.
ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވަނީ، ކުޑަކުއްޖެއްގެ އުމުރުން 4 އަހަރު ފުރުނީއްސުރެ، އުމުރުން 18 އަހަރު ވަންދެން، ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 ނިމެންދެން ތަޢުލީމު ލިބުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.
18ތަޢުލީމުގެ ޤާނޫނުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކުގެ އަލީގައި ކުއްޖާގެ އުމުރަށް ބިނާކޮށް ކުއްޖާ ހުންނަންޖެހޭ ގްރޭޑް ޤާނޫނުން ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ.
(i) ޕްރީސްކޫލް ތަޢުލީމު (އެލްކޭޖީ އަދި ޔޫކޭޖީ): އުމުރުން 4 އަހަރާއި 6 އަހަރާއި ދެމެދުގެ ކުދިންނަށް؛
(ހ) އެލްކޭޖީ: ކުއްޖާގެ އުމުރުން 4 އަހަރުވުން އަދި 5 އަހަރުނުވުން (ށ) ޔޫކޭޖީ ނުވަތަ އެސްކޭޖީ: ކުއްޖާގެ އުމުރުން 5 އަހަރުވުން އަދި 6 އަހަރުނުވުން؛
(ii) ފަށާތަޢުލީމު (ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 ގެ ނިޔަލަށް): އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް؛
(ހ) ގްރޭޑް 1: ކުއްޖާގެ އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދު؛
(ށ) ގްރޭޑް 2: ކުއްޖާގެ އުމުރުން 7 އަހަރާއި 8 އަހަރާ ދެމެދު؛
(ނ) ގްރޭޑް 3: ކުއްޖާގެ އުމުރުން 8 އަހަރާއި އަހަރާ ދެމެދު؛
(ރ) ގްރޭޑް 4: ކުއްޖާގެ އުމުރުން 9 އަހާރާއި އަހަރާ ދެމެދު؛
(ބ) ގްރޭޑް 5: ކުއްޖާގެ އުމުރުން 10 އަހަރާއި އަހަރާ ދެމެދު؛
(ޅ) ގްރޭޑް 6: ކުއްޖާގެ އުމުރުން 11 އަހަރާއި އަހަރާ ދެމެދު؛ (iii) ޘާނަވީ ތަޢުލީމު (ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 ގެ ނިޔަލަށް):
(ހ) ގްރޭޑް 7: ކުއްޖާގެ އުމުރުން 12 އަހަރާއި އަހަރާ ދެމެދު؛
(ށ) ގްރޭޑް 8: ކުއްޖާގެ އުމުރުން 13 އަހަރާއި 14 އަހަރާ ދެމެދު؛
(ނ) ގްރޭޑް 9: ކުއްޖާގެ އުމުރުން 14 އަހަރާއި 15 އަހަރާ ދެމެދު؛
(ރ) ގްރޭޑް 10: ކުއްޖާގެ އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދު؛
(iv) މަތީ ޘާނަވީ ތަޢުލީމު (ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 އިން ފެށިގެން ގްރޭޑް 12 ގެ ނިޔަލަށް):
(ހ) ގްރޭޑް 11: ކުއްޖާގެ އުމުރުން 16 އަހަރާއި 17 އަހަރާ ދެމެދު؛
(ށ) ގްރޭޑް 12: ކުއްޖާގެ އުމުރުން 17 އަހަރާއި 18 އަހަރާ ދެމެދު؛
19ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ތަޢުލީމުގެ ނިޒާމު ބައްޓަންވެގެންވަނީ ތަޢުލީމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުމުރު ކަމުގައިވާ އުމުރުން 4 އަހަރުގައި ކުއްޖާ ޕްރީސްކޫލަށް ވެއްދުމުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޖުބޫރު ތަޢުލީމު ނިމޭ އުމުރު ކަމަށްވާ 16 އަހަރު ފުރޭއިރު، ކުއްޖާ ގްރޭޑް 10 ނިމޭގޮތަށްކަން ފާހަގަކުރެވެއެވެ. ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި 14 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެކުއެކީގައި ކިޔުމުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުއްޖާގެ ގްރޭޑް ކަނޑައެޅިފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެންކަން ސާފުކޮށް އެނގެއެވެ.
20އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު އުފަންވެފައި ވަނީ […] ގައެވެ. މިހާރު ކުއްޖާގެ އުމުރަކީ 5 އަހަރާއި 3 މަހެވެ. މިހާރު ކުއްޖާ ކިޔަވަމުންދަނީ އެލްކޭޖީގައެވެ. އެލްކޭޖީއަށް ވަދެވެނީ 4 އަހަރުފުރި 5 އަހަރު ނުވާ ކުދިންނަށެވެ. މިގޮތުން ކުއްޖާ މިހާރު ހުރި ގްރޭޑަކީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުން އެ އުމުރުގެ ކުދިންގެ ގްރޭޑްކަން ފާހަގަކުރެވެއެވެ.
21ތަޢުލީމީ ސިޔާސަތު ކަނޑައެޅުމާ ގުޅޭގޮތުން ތަޢުލީމުގެ ޤާނޫނު9 ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިން، އަދި މި ޤާނޫނުގެ އެއްވެސް އުސޫލަކާ ޚިލާފުނުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ، މިނިސްޓަރު ކަމަށެވެ. މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޛުކުރުމާ ގުޅޭ ގޮތުން އެ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޛުކުރާނީ، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ކަމުގައެވެ.
22ޤާނޫނުގެ 13 ވަނަ މާއްދާގައި މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ބަޔާންކުރަމުން، ޕްރީސްކޫލް ތަޢުލީމާއި، ފަށާ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތީ ޘާނަވީ އަދި ނުރަސްމީ ތަޢުލީމުގެ ސިޔާސަތުތައް ތަންފީޛުކުރުމާއި، ރަސްމީ ތަޢުލީމާއި ނުރަސްމީ ތަޢުލީމުގެ ފުރުޞަތުތައް ހަމަހަމަކަމާއެކު ލިބިދެވޭކަން ކަށަވަރުކުރުން، މިނިސްޓްރީގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.
23ޕްރިސިޑެންސް 2ތަޢުލީމުގެ ޤާނޫނު10 ގައި ބަޔާންވެގެންވާ ގޮތުން ދިވެހިރާއްޖޭގައި ތަޢުލީމީ ސިޔާތު ކަނޑައެޅުމާއި އެ ސިޔާސަތު ހިންގައި ތަންފީޛުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ފަރާތަކީ މިނިސްޓްރީއެވެ. ތަޢުލީމީ ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ނެރެންޖެހޭ ސަރކިއުލަރތައް ނެރެ ކަންކަން ތަންފީޛުކުރުމަކީ ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން ތަންފީޛީ ބާރުގެ ހައިސިއްޔަތުން މިނިސްޓްރީގެ މަސައްކަތެކެވެ.
24ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެގެންވަނީ ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު، މި ތިން ބާރު ވަކިވެފައިވުމުގެ އަސާސްގެ މައްޗަށްކަން އެނގެއެވެ. މިގޮތުން ބަލާއިރު، ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އަދި ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖުލީހަށްކަމަށް ބަޔާންކޮށްފައިވެއެވެ.
25ހަމައެއާއެކު، ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) ގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަކީވެސް ވެރިކަން ހިންގުމުގެ ބާރުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
26އަދި، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވާ ކޯޓުތަކުގެ ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއް ކަމަށާއި، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ބަޔާންކޮށްފައިވެއެވެ.
27މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުސޫލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށް ކަމަށް މި ޙާލަތުގައި ނުބެލެވޭކަމަށް ކަނޑައެޅުމަށްފަހު، ހައިކޯޓުން މިނިސްޓްރީއަށް އަންގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި އެސެސްމަންޓްތައް މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން، ހައިކޯޓުގެ ނިންމުމުގައިވާ ކަންކަމުގެ އަލީގައި އިންސާފުވެރިކަމާއެކު އަލުން ވަޒަންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއް ނިންމުމަށެވެ.
28ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ތަޢުލީމާގުޅޭ ސިޔާސަތު ކަނޑައެޅުމުގެ ބާރުގެ ދަށުން، މިނިސްޓްރީން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައި، އުސޫލެއްގައި އަދި އެ މިނިސްޓްރީގެ އެއްވެސް ސިޔާސަތެއްގައިވެސް އެއްވެސް ކުއްޖެއްގެ ޙާލަތަށް ރިޢާޔަތްކޮށް އަދި އެއްވެސް ކުއްޖެއްގެ ސައިކޮލަޖިކަލް އެސެސްމަންޓަކަށް ރިޢާޔަތްކޮށް ކުއްޖެއްގެ ގްރޭޑް ބަދަލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުނެފައިވެއެވެ.
29ޕްރިސިޑެންސް 4ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި، ރައްޔިތުންގެ މަޖިލީހުން އެ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވަނީ ޕްރީސްކޫލަށް އެއްވެސް ކުއްޖެއް ވެއްދޭނީ އެ ކުއްޖެއްގެ އުމުރުން 4 (ހަތަރެއް) އަހަރު ފުރުމުންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޢަމަލުކުރާނެ އާ މިންގަނޑެއް ކަނޑައަޅައި އެކަން ކުރަން ތަންފީޛީ އިދާރާއަށް އެންގުމަކީ ކޯޓުގެ އިޚްތިޞާޞުން ބޭރު ކަމެކެވެ. އަދި އެއީ ތަޢުލީމުގެ ޤާނޫނު11 ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލް ތަޢުލީމަށް ކުއްޖާ ވެއްދުމަށް ކުއްޖާގެ އުމުރަށް ބެލުމަށް ލާޒިމުކޮށްފައިވާ މާއްދާއާ ޚިލާފަށް އެންގޭ އެންގުމެކެވެ.
30ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ކުޑަކުދިންގެ ކަންކަމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ކުއްޖާގެ މަޞްލަޙަތަށް އިސްކަން ދިނުމަށް ބާރުއަޅައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ނުވަތަ ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަމަށެވެ.
31އަދި ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤުވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގެ 29 ވަނަ މާއްދާގައި ތަޢުލީމުގެ މަޤުޞަދުތައް ބަޔާންކުރަމުން އެ މާއްދާގެ އެއްވަނަ ނަންބަރުގައި ކުދިންނަށް ދެވޭ ތަޢުލީމު އެ ކަންކަމެއްގެ މައްޗަށް ބިނާވެގެންވާ ކަންތައްތައް ކަމަށް މެންބަރު ދައުލަތްތަކުން އެއްބަސްވާ ކަންތައްތައް ބަޔާންކުރަމުން އެ ނަންބަރުގެ (a) ގައި، ކުއްޖާގެ ޝަހުޞިއްޔަތާއި، ހުނަރުތަކާއި، ނަފްސާނީ އަދި ޖިސްމާނީ ގާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކުރުމަކީ ތަޢުލީމުގެ މަޤްޞަދެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
32ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ލިބިދޭ ޚާއްޞަ ރައްކާތެރިކަމުގެ ޙައްޤާއި، 18 ވަނަ މާއްދާގައި އަސާސީ ޙައްޤުތައް ލިބިދިނުމުގައި ދައުލަތުގެ މައްޗަށް އޮންނަ ޒިއްމާއާއި، 68 ވަނަ މާއްދާގެ ދަށުން ޙައްޤުތައް މާނަކުރުމާއި ލިބިދިނުމުގައި، ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާތަކުގައިވާ އުސޫލުތަކަށް ރިޢާޔަތްކުރުމާއި، 69 ވަނަ މާއްދާގެ ދަށުން ޙައްޤުތައް ފުޅާކޮށް ތަރުޖަމާކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް ބަލާއިރު، ތަޢުލީމީ ގޮތުން ދަށް ކުދިންގެ ފެންވަރު މަތިކުރުމަށް އިތުރު ކްލާސްތައް ބާއްވައި އެ ކުދިންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަކީ ތަޢުލީމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަކަށްވާއިރު، އާދަޔާ ޚިލާފު ތޫނު ކުދިންނަށް އެ ކުދިންނަށް ހަމަހަމަކަމާއެކު އެކަށީގެންވާ ފުރުސަތުތައް ފަހިކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ދެކެމެވެ. މިފަދަ ކުދިންނަކީ ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. އެ ކުދިންނަށް އެކަށީގެންވާ ފުރުސަތަކެއް ފަހިކޮށްދީގެން އެ ކުދިންގެ ހުނަރުތައް ތަރައްގީކޮށް ޤައުމަށް ފައިދާހުރި ބަޔަކަށް އެ ކުދިން ހެދުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި އިންތިހާއަށް މުހިންމު ކަމެކެވެ.
33މިގޮތުން، ކުއްޖާގެ ޖިސްމާނީ އުމުރަށް އެކަނި ބެލުމުގެ ބަދަލުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން "ކުއްޖާގެ އެންމެ މަތީ މަޞްލަޙަތަށް" އިސްކަންދީ، ތޫނުފިލި ކުދިން ދެނެގަނެ، އެ ކުދިންނަށް ތަޢުލީމީ ގޮތުން ކުރިއަށްދެވޭނެ އެއްހަމަ މިންގަނޑުތަކާއި ދިރާސާގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއް އެކުލަވާލައި، އެއް ކުއްޖަކަށްޓަކައި މުޅި ނިޒާމު ބަދަލުނުކުރެވުނު ނަމަވެސް، އާދަޔާ ޚިލާފު ޤާބިލުކަން ހުރި ކުދިންގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް، އެ ކުދިންގެ މަޞްލަޙަތު ކުރިއެރުވޭނެ ނިޒާމެއް ވީއެންމެ އަވަހަކަށް ޤާއިމުކުރުމަކީ ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރާ ފަރާތުން ކުރުން މުހިންމު ކަމެއްކަމަށް ދެކެމެވެ.
34އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން އަލުން ވަޒަންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނު12 ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް ކަމަށްވާތީއާއި، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި 14 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެކުއެކީގައި ކިޔުމުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުޑަކުދިންގެ ގްރޭޑް ކަނޑައެޅިފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެން ކަމަށްވާއިރު، ހައިކޯޓުގެ ބުނެވިދިޔަ ނިންމުން އެއާ ޚިލާފުވާތީ، ހައިކޯޓުގެ ނިންމުމުގެ އެބައި ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.
35މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
36މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/123 ޤަޟިއްޔާގެ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅުގެ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން އަލުން ވަޒަންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގްރޭޑާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނު13 ގެ 12 ވަނަ މާއްދާގެ ދަށުން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދީފައިވާ ބާރު ގެއްލޭގޮތަށް ކަމަށްވާތީއާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) އާއި 14 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގެ
(1) ވަނަ ނަންބަރު އެކުއެކީގައި ކިޔުމުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުޑަކުދިންގެ ގްރޭޑް ކަނޑައެޅިފައިވަނީ ކުއްޖާގެ އުމުރަށް ބަލައިގެން ކަމަށްވާއިރު، ހައިކޯޓުގެ ބުނެވިދިޔަ ނިންމުން އެއާ ޚިލާފުވާތީ، ހައިކޯޓުގެ ނިންމުމުގެ އެބައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަބްދުﷲ ޙަމީދު
ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މުޙައްމަދު ސަލީމް
- ޤާނޫނު ނަންބަރު 24/2020
- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/INDIV/2024/926 (11 ޖޫން 2024) ސިޓީ
- ޤާނޫނު ނަންބަރު 19/2019
- ޤާނޫނު ނަންބަރު 13/2010
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާ.
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ (1)، (6) އަދި (7)
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5، 6، 7، 18، 35، 36، 68، 69، 70، 115 (ބ) އަދި 142 ވަނަ މާއްދާ
- ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ 29 ވަނަ މާއްދާ
- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/CIR/2023/08 (17 އެޕްރީލު 2023) ސަރކިއުލަރ
- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/CIR/2024/06 (30 ޖަނަވަރީ 2024) ސަރކިއުލަރ
- މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު (2013/SC-A/44)
- ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗަރލްސް ސީފަރޓް (2017/SC-A/42)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ސުދައިސް، އީމާނު ހާނީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް