ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/44
ދައުލަތް (އެޓަނީ ޖެނެރަލްގެ އޮފީސް) ވ. އަޙްމަދު އަލްޠާފް، 2014/HC-A/44
State (Etanee General's Office) v. Ahmed Altaaf 2014/HC-A/44 (2014/HC-A/44, High Court of the Maldives, 25 August 2016)
ދައުލަތް (އެޓަނީ ޖެނެރަލްގެ އޮފީސް) ވ. އަޙްމަދު އަލްޠާފް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 2011/HC-A/124 އާ ޙަވާލާދީ 2012/SC-C/35 ގެ އުޞޫލުތައް ތަޠްބީޤުކޮށް، ޖިނާއީ ތުހުމަތެއްގެ ޢަމަލާ ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭރުން ވަޒީފާއިން ވަކިކުރުމަކީ ޑަބަލް ޖެޕަޑީގެ މަފްހޫމަށް ވަންނަ ކަމެއްކަމަށް ބުނެ ވަކިކުރުން ބާޠިލުކޮށް، ވަޒީފާ އަނބުރާ ދިނުމަށާއި މުސާރަ ދިނުމަށް ޙުކުމްކުރިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިޝަން އޮފިސަރަކު، ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓްގެ ކޮމްޕްރެސަރ ވޭލްވަކާއި އޭނާގެ އަތުގައިއޮތް ބައު ވޭލްވެއް ބަދަލުކޮށްދިނުމަށް ދަށް ރޭންކެއްގެ ސިފައިއެއްގެ ގާތު އެދުމާ ގުޅިގެން، ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރިއެވެ.
ދައުލަތުން ބުނީ، ސިފައިން އަކީ 2011/HC-A/124 ގައި ބުނާ އިސްތިސްނާ ޙާލަތުގައިވާ ފަރާތެއް ކަމަށާއި، 2012/SC-C/35 އާ މި މައްސަލައާ ތަފާތަށް ރިޢާޔަތް ނުކުރާކަމަށާއި، ވަޒީފާގެ އުޞޫލުތަކާ ޚިލާފުވުމުން އިދާރީ ފިޔަވަޅު އެޅުމަކީ ޑަބަލް ޖެޕަޑީއެއް ނޫންކަމަށެވެ.
މައިގަނޑު ސުވާލު
ސިފައިންގެ ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ 2012/SC-C/35 ޤަޟިއްޔާގެ (ޑަބަލް ޖެޕަޑީގެ) އުޞޫލުތައް ތަޠްބީޤުކުރެވޭތޯ، އަދި ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފިސަރަކު ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ ޚިލާފު ވަކިކުރުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
2012/SC-C/35 އަކީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިން ބޭރު ދުސްތޫރީ މައްސަލައެއްކަމާއި، ސިފައިންނަށް ތަޠްބީޤުވަނީ ސިފައިންގެ ޤާނޫނާއި ޤަވާއިދު ކަމުން މި މައްސަލައަކީ އެ ޤަޟިއްޔާއާ ތަފާތު މައްސަލައެކެވެ. ޢަމަލު ޘާބިތުވެފައިވާއިރު އެއީ 8 (ރ) އާއި ޤަވާއިދާ ޚިލާފު ޢަމަލަކަށްވާތީ ވަކިކުރުމަކީ ޤާނޫނާ ޚިލާފު ވަކިކުރުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާއާ ގުޅިގެން އެބައެއްގެ މައްޗަށް ތަޠްބީޤުކުރެވޭނެ ވަކި ޚާއްޞަ ޤާނޫނެއް އޮތްނަމަ، އެބަޔެއްގެ މައްޗަށް ތަޠްބީޤުކޮށް ޢަމަލުކުރެވޭނީ އެ ޤާނޫނެއްކަމާއި، އަދި އެފަދަ ފަރާތެއްގެ މައްޗަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް ތަޠްބީޤްނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާއަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމްކުރައްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތެއް ނޫން ފަރާތެއް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކެއް އެކުލެވޭ، ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ޢާންމު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ޝަރުޢީ ނިޒާމުގެ ތެރެއަށް ވަދެފައިވާ މައްސަލައަކީ އެ ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައާ ތަފާތު މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ސިފައިންގެ ވަޒީފާއަކީ، ޗެއިން އޮފް ކޮމާންޑް އަށް ތަބާވެ އެ އަސާސްގެ ދަށުން މަސައްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ތަފާތު، ވަކި ޤާނޫނެއްގައި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް ކަނޑައެޅި ބަޔާންކުރެވިފައިވާ ވަޒީފާއެއްކަމާއި، ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އެފަރާތްތަކުގެ މައްޗަށް ތަޠްބީޤް ކުރެވެމުންދަނީ ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ކަމުގައި އެނގެން އޮތުމުން، ސިފައިންގެ ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާއާ ތަފާތު މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ)، (ރ))
- ޤާނޫނީ މާއްދާތަކަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ނުވަތަ މާއްދާތަކެއްކަމަށް މިހާތަނަށް ޝަރުޢީ އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާއިރު، އެ މާއްދާތަކަކީ އޭގެ ޞައްޙަކަންމަތީ ޤާނޫނީ ބާރުވެރިކަމާއެކު ދެމިއޮތް މާއްދާތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ))
- ތުހުމަތުން ބަރީއަވުމަށް ގެއްލުނު މުދަލުގެ އަގުގެ ބަދަލު ދިނުމަށް ތުހުމަތުކުރެވޭ މީހާ އެއްބަސްވުމަކީ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޢަމަލުގެ މައްޗަށް ބާރު ލިބިދޭ ޤަރީނާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ)؛ ޙުކުމް)
- ސިފައިންގެ ކޮމިޝަން އޮފިސަރަކަށްވެހުރެ އޭނާއަށްވުރެ އެތައް ރޭންކެއް ދަށް ސިފައިންގެ މީހެއް ގާތު އެފަދަ ކަމެއް ކޮށްދިނުމަށް އެދުމަކީ، ސިފައިންގެ ވެރިންގެ އިތުބާރާއި ޤަދަރާއި ޢިއްޒަތް ސިފައިންގެ ޖޫނިއަރ ރޭންކްތަކުގެ ސިފައިންގެ ކުރިމަތީގައި ވެއްޓި، ވެރިންކުރާ އަމުރުތަކަށް ޖޫނިއަރ ސިފައިން ކިޔަމަންތެރިކަން އަދާކުރުމަށް ފަސްޖެހުމަށް މަގުފަހިވެގެންދާނެ ކަމަކަށްވާތީ، ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ރ) އާއި ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1) ވަނަ މާއްދާގެ (ބ) އާއި ޚިލާފު ޢަމަލެކެވެ؛ އަދި އެކަމާ ގުޅިގެން ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ ޚިލާފަށް ކުރެވުނު ކަމެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ)؛ ޙުކުމް)
- ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާ
- ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1) ވަނަ މާއްދާގެ (ބ)
- ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދުގެ ބާބު 2 ގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ)
- 2012/SC-C/35
- 2011/HC-A/124
- 2010/HC-A/47
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް