ސައިޓޭޝަން ކޮޕީ ކުރުމަށް
2019/SC-A/94
ސަމީރު އަޙްމަދު ވ. މުޙައްމަދު ޔޫސުފް، 2019/SC-A/94
Sameeru Ahmed v. Mohamed Yoosuf 2019/SC-A/94 (2019/SC-A/94, Supreme Court of the Maldives, 11 October 2020)
ސަމީރު އަޙްމަދު ވ. މުޙައްމަދު ޔޫސުފް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 1618/Cv-C/2015 ގެ ނިންމުމަށް ހައިކޯޓުން ތާއީދުކުރީ، ދަރަނި ޙަވާލުކުރުމުގައި ދަރަނި ލިބެންވާ މުޙައްމަދު ޔޫސުފްގެ ރުހުން ހޯދާފައި ނުވާތީ، އެއީ އަލްޙަވާލާއާ ބެހޭ އިސްލާމީ ޝަރީޢަތުގެ އުޞޫލާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބަލައިގެންނެވެ.
ސިވިލް ކޯޓުގެ ޙުކުމަކުން ސަމީރު އަޙްމަދު މުޙައްމަދު ޔޫސުފަށް 1,470,000 ރުފިޔާގެ ދަރަންޏެއް ސާބިތުވިއެވެ. ދެން މުޙައްމަދު ޔޫސުފް ޚަޞްމަކު ނޫން ތަންފީޛީ މައްސަލައެއްގައި (1046/Cv-C/2015) ތިންވަނަ ފަރާތެއް ކަމުގައިވާ މަޙްމޫދު ރިޔާޟު އެ ދަރަނި ދެއްކުމާ ޙަވާލުވިނަމަވެސް އޭނާ އެ ފައިސާ ނުދެއްކުމުން، ދަރަނި އަނބުރާ ސަމީރު އަޙްމަދުގެ މައްޗަށް ފުރޮޅިގެން ހިނގައްޖެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
ސަމީރު އަޙްމަދު ބުނީ މަޙްމޫދު ރިޔާޟު ދަރަނި ދެއްކުމަށް ޖާމިނުވެ އެއްބަސްވެފައިވާ ކަމަށް ހައިކޯޓުން ނުބަލާ ކަމަށާއި، ސިވިލް ކޯޓުގެ ދެ ނިންމުން އެކަކު އަނެކަކާ ތަޢާރުޟުވާ ކަމަށް ރިޢާޔަތް ނުކޮށް ހައިކޯޓުން ނިންމީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ޙުކުމަކުން ސާބިތުވި ދަރަންޏެއް ދަރަނި ލިބެންވާ ފަރާތުގެ ރުހުމެއް ނެތި، އެ ފަރާތް ޚަޞްމަކު ނޫން މައްސަލައެއްގައި ތިންވަނަ ފަރާތަކާ ޙަވާލުވުމުން ދަރަނިވެރިޔާގެ ވާޖިބު ނިމިގެންދޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ފާހަގަކުރީ، މަޙްމޫދު ރިޔާޟު ދަރަނި ދެއްކުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޔޫސުފަށް އެނގިގެން އޭނާގެ ރުހުން އޮވެގެން ނޫން ކަމަށާއި، އޭނާ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ މައްސަލައެއްގައި ކަމަށާއި، އެހެންކަމުން ސަމީރު އަޙްމަދުގެ ވާޖިބަށް ބަދަލެއް އައިސްފައި ނެތް ކަމަށެވެ. އަދި ސާބިތު ދަރަނީގެ ތަންފީޛީ ފިޔަވަޅުތަކުގައި ސާފުކޮށް ފެންނަން އޮތް ޤާނޫނާ ޚިލާފު ކަމެއް ނެތްނަމަ، އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާއާއި 2019/SC-L/91 ގައިވާ ހަމަތަކަށް އިސްތިއުނާފުގެ ހުއްދަ ހޯދުމަށް ހުށަހެޅުމުން ބަލަންވާނެ ކަމަށް ފާހަގަކޮށް، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
އިސްތިއުނާފު ކުރާ ފަރާތް:
ސަމީރު އަޙްމަދު
އިސްތިއުނާފު ރައްދުވާ ފަރާތް:
މުޙައްމަދު ޔޫސުފް
މައްސަލައިގެ ބާވަތް:
ސާބިތު ދަރަނި
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
25 އޮގަސްޓް 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:
09 އޮކްޓޯބަރ 2019ނިމުނު ތާރީޚު:
11 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
06 އޮގަސްޓް 2017ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
29 ޖުލައި 2019
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
[1]މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/354 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށްބުނެ، އިރުމަތީއާގެ، ގއ. ވިލިނގިލި (މއ. މީރު، ކ. މާލެ)، ސަމީރު އަޙްމަދު (އައިޑީ ކާޑް ނަންބަރު ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު ޔޫސުފް (އައިޑީ ކާޑް ނަންބަރުއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
[2]ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ގއ. ވިލިނގިލި، އިރުމަތީއާގެ، ސަމީރު އަޙްމަދު (މީގެ ފަހުން 'ސަމީރު އަޙްމަދު' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') މުޙައްމަދު ޔޫސުފް (މީގެ ފަހުން 'މުޙައްމަދު ޔޫސުފް' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އަށް އަދާކުރަންޖެހޭ 1,470,000.00 (އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަހާސް ރުފިޔާ) ގެ ދަރަންޏެއް ސާބިތުކޮށްފައިވެއެވެ.
[3]ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ސަމީރު އަޙްމަދުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏާއި ގދ. ހޯޑެއްދޫ، ޓޯކިޔޯ، މަޙްމޫދު ރިޔާޟު ފަރުދީގޮތުން ހަވާލުވެފައިވެއެވެ. އެކަން ހިނގާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 898/Cv-C/2013 ގަޒިއްޔާއިން މަޙްމޫދު ރިޔާޟްގެ ފަރާތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނެތުމުން ސިވިލް ކޯޓުން ހިންގި ހުކުމް ތަންފީޒުކުރުމުގެ 1046/Cv-C/2015 ގަޒިއްޔާގައެވެ. ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް އަކީ ސަމީރު އަޙްމަދު ގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާތީ، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް އަށް މަޙްމޫދު ރިޔާޟްގެ ފަރާތުން ދައްކަން ޖެހޭ ދަރަނި ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްއިން މައާފުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާގެ ދަށުން ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފް އަށް އަދާކުރަންޖެހޭ 1,470,000.00 (އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަހާސް ރުފިޔާ) މުޙައްމަދު ޔޫސުފް އަށް ދެއްކުމަށް މަޙްމޫދު ރިޔާޟް ކޯޓުގައި އެއްބަސްވެފައިވެއެވެ.
[4]ހަވާލާ ދެވުނު ސާބިތު ދަރަންޏާއި މަޙްމޫދު ރިޔާޟު ހަވާލުވުމަށްފަހުވެސް އެ ފައިސާ އަދާކޮށްފައިނުވާތީ، ސިވިލް ކޯޓުގެ 1516/CV-C/2012 ޤަޟިއްޔާގެ ހުކުމް ތަންފީޒު ކުރުމަށް އެ ކޯޓުން ހިންގި ނަންބަރު 1618/Cv-C/2015 ގަޒިއްޔާއިން ކަނޑައަޅާފައިވަނީ މަޙްމޫދު ރިޔާޟު ހަވާލުވެފައިވާ ސާބިތު ދަރަނި އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައިނުވާތީ އެ ސާބިތު ދަރަނި ދެއްކުމުގެ ޒިންމާ އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން އަނެއްކާ ސަމީރު އަޙްމަދުގެ މައްޗަށް ފުރޮޅިގެން ހިނގައްޖެ ކަމަށާއި އެހެންކަމުން އެ ފައިސާ އަނެއްކާވެސް 3 މަސްދުވަހުގެ ތެރޭގައި ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް އަދާކުރުމަށެވެ.
[5]ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2015 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަމީރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި އިސްތިއުނާފުގެ މައްސަލަ ހިންގުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހިންގި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2017/HC-A/354 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފް އަށް އަދާކުރަންޖެހޭ ދަރަންޏާއި ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގައި މަޙްމޫދު ރިޔާޒް ހަވާލުވި އިރު އެކަމާބެހޭ ގޮތުން މުޙައްމަދު ޔޫސުފްގެ ރުހުން ހޯދާފައިނުވާ ކަމަށާއި، އެއީ ދަރަންޏާ ޙަވާލުވުމާ ބެހޭގޮތުން ('އަލްޙަވާލާ' އާ ބެހޭގޮތުން) އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، މަޙްމޫދު ރިޔާޟު ހަވާލުވެފައިވާ ސާބިތު ދަރަނި އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައިނުވާތީ އެ ސާބިތު ދަރަނި، ސަމީރު އަޙްމަދުގެ މައްޗަށް ފުރޮޅިގެން ހިނގައްޖެ ކަމަށް ސިވިލް ކޯޓުގެ 1618/Cv-C/2015 ގަޒިއްޔާއިން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.
[6]ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި މިހާރު މިއޮތް މައްސަލައަކީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2017/HC-A/354 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަމީރު ޢަހްމަދު ހުށަހެޅުމުން ސުޕްރީމް ކޯޓުން ބަލާ މައްސަލައެވެ.
އިސްތިއުނާފުކުރަން ހުށަހެޅުނު ނުކުތާތައް
[7]ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2017/HC-A/354 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސަމީރު ޢަހްމަދު ހުށަހަޅާފައިވާ މައިގަނޑު ދެ ނުކުތާ ތިރީގައި މިވަނީއެވެ.
[8](ހ)ސަމީރު އަޙްމަދުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ދެއްކުމަށް މަޙްމޫދު ރިޔާޟް ޖާމިނުވެ އެއްބަސްވެފައިވަނިކޮށް އެކަމަށް ބެއްލެވުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ މިފަދަ ޚުޠޫރަތްތެރި މައްސަލައެއްގައި ހައިކޯޓުފަދަ އިސްތިއުނާފީ ކޯޓަކުން ބިނާކުރަނިވި ގޮތެއްގައި ކަމަށް ނުވުން.
[9](ށ)ސިވިލް ކޯޓުގެ ނަންބަރު 898/Cv-C/2013 އިން ސާބިތުވެގެން މަޙްމޫދު ރިޔާޟް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ދަރަނި ސަމީރު އަޙްމަދު އެކުންފުންޏަށް ދައްކައި ޚަލާސްކޮށްދީފައިވަނީ ސަމީރު އަޙްމަދު އާއި މަޙްމޫދު ރިޔާޟްއާ ދެމެދު 27 ޖޫން 2015 ގައި ވެފައިވާ އެގްރީމެންޓެއްގެ ދަށުން، ސަމީރު އަޙްމަދު މި ގަޒިއްޔާގައި ހިމެނޭ މުޙައްމަދު ޔޫސުފް އަށް ދައްކަންޖެހޭ ދަރަންޏާއި މަޙްމޫދު ރިޔާޟް ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގައި ހަވާލުވުމުން ކަމަށް ވެފައި، އަދި އެ ދަރަނި އެ ގޮތުގެމަތިން މަޙްމޫދު ރިޔާޟް ދެއްކުމަށް އެ ގަޒިއްޔާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ގަޒިއްޔާއާ ތައާރަޟު ވާގޮތަށް ހަމަ އެ ކޯޓުން ބެލި 1618/Cv-C/2015 ގަޒިއްޔާގައި ހުކުމްކޮށްފައި އޮތް އިރު ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމަށް ރިއާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައިވުން.
[10]ސިވިލް ކޯޓުގެ ނަންބަރު 898/Cv-C/2013 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ގދ. ހޯނޑެއްދޫ، ޓޯކިޔޯ، މަޙްމޫދު ރިޔާޟްގެ ފަރާތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ ދައްކާފައި ނެތުމުން، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިގެން ހުކުމް ތަންފީޒުކުރުމަށް ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހަށް މަޙްމޫދު ރިޔާޟް ހާޟިރުވެ ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ގއ. އިރުމަތީއާގެ ސަމީރު އަޙްމަދުގެ ފަރާތުން ށ. ފޭދޫ، ދުނގެތިމާގެ މުޙައްމަދު ޔޫސުފްއަށް ދައްކަންޖެހޭ ދަރަނި ދެއްކުމާއި، އޭނާ ހަވާލުވެއްޖެ ކަމަށެވެ. މިހެން މަޙްމޫދު ރިޔާޟް ބުނުމުން ސިވިލް ކޯޓުގެ ނަންބަރު 898/Cv-C/2013 ގަޒިއްޔާގެ ދަށުން މަޙްމޫދު ރިޔާޟުގެ ފަރާތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ 1,164,105.00 (އެއް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ފަހެއް) ރުފިޔާ މައާފުކޮށްފިކަމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް ލިމިޓެޑްގެ ފަރާތުން ބުނުމުން، ސިވިލް ކޯޓުގެ ނަންބަރު 898/Cv-C/2013 ގަޒިއްޔާގެ ދަށުން މަޙްމޫދު ރިޔާޟުގެ ފަރާތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ދަރަންޏެއް ނެތް ކަމަށް ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދައްކަންޖެހޭ ފައިސާ މަޙްމޫދު ރިޔާޟުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދެއްކުމަށް މަޙްމޫދު ރިޔާޟްގެ މައްޗަށް، ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގައި ހުކުމްކޮށްފައިވެއެވެ.
[11]އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދައްކަންޖެހޭ ފައިސާ މަޙްމޫދު ރިޔާޟުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދެއްކުމަށް މަޙްމޫދު ރިޔާޟްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1046/Cv-C/2015 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ މުޙައްމަދު ޔޫސުފްއަށް އެނގިގެން އޭނާގެ ރުހުން އޮވެގެންނޫނެވެ. އަދި އެގޮތަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މުޙައްމަދު ޔޫސުފް ޚަސްމެއްގެ ގޮތުގައި ނުހިމެނޭ އޭނާއާ އެއްވެސް ގުޅުމެއް ނެތް ގަޒިއްޔާއެއްގައެވެ.
[12]މަތީގައި މި ބަޔާންކުރި ސަބަބުތައް މިހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން ސަމީރު އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސަމީރު އަޙްމަދުގެ މައްޗަށް އޮތް ވާޖިބަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. އަދި އެ ދަރަނި ސަމީރު އަޙްމަދު ނޫން ފަރާތަކުން މުޙައްމަދު ޔޫސުފްއަށް ދައްކަން އެންގޭނެ ހަމައެއް ނެތެވެ.
[13]ސަމީރު އަޙްމަދުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 20 ވަނަ ދުވަހު ސާބިތުވެފައިވާ ދަރަނީގެ ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެއެވެ.
[14]މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 1516/Cv-C/2012 ގަޒިއްޔާއިން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ސާބިތުވެފައިވާ ދަރަންޏަކަށްވާއިރު، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ސަމީރު އަޙްމަދުގެ ފަރާތުން އެއްވެސް ކަމެއް ނުކޮށް، އަދި އޭގެ އިތުރުން އެ ފައިސާ ނުދައްކައި ދިގުދެއްމުމަށް ޝަރުއީ އިޖުރާއަތްތައް ނަހަމަގޮތުގައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ސާބިތު ދަރަނީގެ ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ދަށު ކޯޓުން އަޅާ ފިޔަވަޅުތަކުގައި ކަނޑައެޅިގެން ސާފުކޮށް ފެންނަން އޮތް ގާނޫނާ ޚިލާފު ކަމެއް ހިމެނިފައި ނުވާނަމަ އެފަދަ ގާނޫނީ ބަހުސެއްނެތް ފިޔަވަޅުތައް އިސްތިއުނާފުކުރަން ހުށަހެޅުމުން އެ މައްސަލަތައް ދަރަނި ލިބެންވާ ފަރާތުގެ ހައްގުތައް ނުލިބި ލަސްވާނޭ ގޮތް މެދުވެރި ނުވާނޭ އެއްގޮތަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާއާއި މިކޯޓުގެ ނަންބަރު 2019/SC-L/91 ގަޒިއްޔާގައިވާ ހަމަތަކަށް، އެފަދަ ކޮންމެ މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުން އަމަލުކުރުމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[15]ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/354 ގަޒިއްޔާގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
- ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2019/SC-L/91
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 25 އޮގަސްޓް 2019 · ރަޖިސްޓްރީކުރީ 9 އޮކްޓޫބަރު 2019 · ނިމުނީ 11 އޮކްޓޫބަރު 2020 (12.1 މަސް)