ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/354
ސަމީރު އަޙްމަދު ވ. މުޙައްމަދު ޔޫސުފް، 2017/HC-A/354
Sameeru Ahmed v. Mohamed Yoosuf 2017/HC-A/354 (2017/HC-A/354, High Court of the Maldives, 29 July 2019)
ސަމީރު އަޙްމަދު ވ. މުޙައްމަދު ޔޫސުފް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ދަރަނި ދެއްކުމުގެ ޒިންމާ އަޞްލު ދަރަނިވެރިޔާގެ މައްޗަށް އެނބުރިފައިވާކަމަށް ކަނޑައަޅައި، 3 މަސްދުވަހުގެ ތެރޭގައި ބާކީ ފައިސާ ސިވިލް ކޯޓަށް ދައްކަން ޙުކުމްކުރިއެވެ.
ސިވިލް ކޯޓުގެ C/2012-1516/Cv ޤަޟިއްޔާއިން އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް 1,470,000 ރުފިޔާގެ ދަރަނި ސާބިތުވިއެވެ. ފަހުން C/2015-1046/Cv ޤަޟިއްޔާގައި ތިންވަނަ ފަރާތެއް އެ ދަރަންޏަށް ފަރުދީގޮތުން ޒިންމާވުމަށް އެއްބަސްވި ނަމަވެސް 10,000 ރުފިޔާ ފިޔަވައި ދަރަނި ނުދައްކައެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ތިންވަނަ ފަރާތުގެ ބަސްނުއަހާ C/2015-1046/Cv ގެ ޙުކުމާ ޚިލާފަށް ދަރަނި އޭނާގެ މައްޗަށް ކަނޑައެޅިކަމަށާއި، ހަމަ އެ ފަނޑިޔާރު ކުރީގެ ނިންމުމެއް ބަދަލުކުރިކަމަށެވެ.
މައިގަނޑު ސުވާލު
ސާބިތު ދަރަންޏަކަށް ތިންވަނަ ފަރާތެއް ފަރުދީގޮތުން ޒިންމާވުމަށް ދަރަނިވެރިޔާއާ ދެމެދު އެއްބަސްވެ އެކަން ކޯޓުން ކަނޑައަޅާފައިވީނަމަވެސް، ދަރަނި ލިބޭ ފަރާތުގެ ރުހުމެއް ނެތިއްޔާ، ދަރަނި ދެއްކުމުގެ ޒިންމާ އަޞްލު ދަރަނިވެރިޔާގެ މައްޗަށް އެނބުރި ދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ތިންވަނަ ފަރާތާ ދެމެދުގެ އެއްބަސްވުމަކީ ޙަވާލާއެއް ކަމުން، ދަރަނި ލިބޭ ފަރާތުގެ ރުހުން ނެތި އެ އެއްބަސްވުން ޞައްޙަ ނުވާތީއާއި ދަރަނި ޚަލާޞްވެފައި ނުވާތީ، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަރަންޏެއް ތިންވަނަ ފަރާތަކަށް ޙަވާލުކުރުމަކީ 'ދަރަންޏަށް ދަރަންޏާ ޖެއްސުން' (الحوالة) ކަމުގައިވާއިރު، އޭގެ ޝަރުޠުތަކުގެ ތެރޭގައި ދަރަނިވެރިޔާއާއި ދަރަނި ލިބޭ ފަރާތާއި ދަރަނި އަލަށް ޙަވާލުވާ ފަރާތް ހިމެނޭ ހުރިހާ ފަރާތެއްގެ ރުހުން އޮންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދަރަނި ލިބޭ ފަރާތުގެ ހުއްދަ ނެތި، ދަރަނިވެރިޔާއާއި ތިންވަނަ ފަރާތަކާ ދެމެދު ވާ ދަރަނި ޙަވާލުކުރުމުގެ އެއްބަސްވުމެއް ޞައްޙަ ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދަރަނި ލިބޭ ފަރާތުގެ އެނގުމާއި ރުހުމެއްނެތި ތިންވަނަ ފަރާތެއް ފަރުދީގޮތުން ދަރަންޏަށް ޒިންމާވުމަށް އެއްބަސްވި ކަމަށް ކޯޓުން ކަނޑައަޅާފައިވީނަމަވެސް، އެ ތިންވަނަ ފަރާތުން ދަރަނި ޚަލާޞްނުކުރާނަމަ، ސާބިތުވެފައިވާ ދަރަނި ދެއްކުމުގެ ޒިންމާ އަޞްލު ދަރަނިވެރިޔާގެ މައްޗަށް އެނބުރި ދިއުމުން ދަރަނިވެރިޔާއަށް ދަރަނި ދެއްކުމަށް ތަންފީޛީ ޝަރީޢަތުން އެންގުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3-3.5)
- ސިވިލް ކޯޓުގެ C/2012-1516/Cv
- ސިވިލް ކޯޓުގެ C/2015-1046/Cv
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް