ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-S-A/051
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަސީމާ ޢަބްދުﷲ، 2019/HC-S-A/051
Prosecutor General v. Naseemaa Abdhuﷲ 2019/HC-S-A/051 (2019/HC-S-A/051, High Court of the Maldives, 8 March 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަސީމާ ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
އެ ހެކި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދާފައިވަނީ ކޮމިޝަނުގެ ތަޙްޤީޤުކުރުމުގެ އުސޫލާ ޚިލާފަށް ކަމަށާއި އެއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޤަބޫލުނުކުރެވޭ ހެކި ކަމަށް ބުނެ، ދަޢުވާ މައުޟޫޢީގޮތުން ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމިއެވެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ހޯދުމުގެ ކުށުގެ ދަޢުވާ ތިން ފަރާތެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. ދަޢުވާ ބިނާވެފައިވަނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވައުޗަރާއި ވަޒީފާގެ ބަޔާންތަކުގެ މައްޗަށެވެ.
ދައުލަތުން ބުނީ ކޮމިޝަނުގެ އުސޫލަކީ ޤާނޫނެއްގެ ދަށުން ހަދާ ޝާއިޢުކުރާ އުސޫލެއް ނޫންކަމަށާއި، ހެކި ހޯދާފައިވަނީ ބަލާފާސްކުރުމުގެ އަމުރެއްގެ ދަށުން، ތައްގަނޑު ޖަހައިގެން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ ބަލާފާސްކުރުމުގެ އަމުރު ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނެތްކަމަށެވެ.
މައިގަނޑު ސުވާލު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤް ކުރުމުގެ އުސޫލާ ޚިލާފަށް ހޯދި ކަމަށް ބުނާ ހެކިތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޤާނޫނާ ޚިލާފަށް ހޯދި ހެކި ކަމުގައި ބަލައި، އެ ހެކީގެ މައްޗަށް ބިނާކޮށް އުފުލި ދަޢުވާ މައުޟޫޢީގޮތުން ނުބެލޭނެ ކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުން ޞައްޙަތޯ؛ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 (ހ) އާއި ގަވާއިދުގެ 122 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ އަލުން ބެލުމަށް ފޮނުވި
ކޮމިޝަނުގެ އުސޫލަކީ ޤާނޫނަކުން ބާރުލިބިގެން ހަދާ ޝާއިޢުކުރާ އުސޫލެއް ނޫންކަމުން އެއާ ޚިލާފުވުމުން ހެކި ޤާނޫނާ ޚިލާފަށް ހޯދި ހެކި ކަމުގައި ނުބެލެވޭނެ ކަމަށާއި، އެ އުސޫލަށް ބަލާއިރުވެސް އަމުރު އޮތްކަމާއި ލިޔުންތަކުގައި އިދާރާގެ ތައްގަނޑު ޖަހާފައިވާކަން އެނގޭތީ، ދަށުކޯޓުގެ ނިންމުން ބާޠިލްކޮށް އަލުން ބެލުމަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށް ޤާނޫނާ ޚިލާފަށް ހޯދި ހެއްކަކަށް ބެލެވޭނީ ޤާނޫނަކާ ނުވަތަ ޤާނޫނުން ބާރުލިބިގެން ހަދާ ގަވާއިދަކާ ޚިލާފަށް ހޯދާ ހެއްކެވެ. އެއްވެސް ޤާނޫނަކުން ބާރުލިބިގެން ނުހަދާ، އާންމުކޮށް ޝާއިޢުނުކުރާ އިދާރީ (އިންޓަރނަލް) އުސޫލަކާ ޚިލާފަށް ހެކި ހޯދިނަމަވެސް، އެ ހެކި ޤާނޫނާ ނުވަތަ ގަވާއިދާ އެއްގޮތަށް ހޯދާފައިވާނަމަ އެއީ ޤާނޫނާ ޚިލާފަށް ހޯދި ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.1)
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤް ކުރުމުގެ އުސޫލުގެ 129 (ހ) ގައި ބަޔާންކުރަނީ ގެނެވޭ ލިޔުމުގެ ކޮޕީގައި އެ އިދާރާއެއްގެ ތައްގަނޑު ޖަހަންވާނެ ކަމެވެ. ލިޔުންތަކުގައި އެ އިދާރާގެ ތައްގަނޑު ޖަހާފައިވާނަމަ އެ ލިޔުންތަކަކީ އެ މާއްދާއާ ޚިލާފަށް ހޯދާފައިވާ ލިޔުންތަކެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.2-6.3)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 (ހ) އަކީ ދަޢުވާ ހުށަހަޅާއިރު ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ދަޢުވާ ފޯމާއެކު ހުށަހަޅަންޖެހޭކަން ބަޔާންކުރާ މާއްދާއެކެވެ. ދަށުކޯޓުން ހެކި ހުށަހަޅާފައި ނުވާކަމަށް ނުވަތަ އެ މާއްދާއާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައި ނުވާނަމަ، އެ މާއްދާއާ ބެހޭ އިސްތިއުނާފީ ނުކުތާއަކުން ޤާނޫނީ ބަހުސެއް ނުއުފެދޭތީ އެ ނުކުތާއަށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7.1)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 122 ވަނަ މާއްދާގެ ދަށުން، ދަޢުވާއަށް އިންކާރުކުރުމުން ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމަށް 15 ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދެވިދާނެ ކަމާއި، އެ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.1)
- ޤާނޫނާ ޚިލާފަށް ހޯދާފައި ނުވާ ހެކި، ޤާނޫނާ ޚިލާފަށް ހޯދި ހެކި ކަމުގައި ކަނޑައަޅައި، އެ ހެކީގެ މައްޗަށް ބިނާކޮށް އުފުލި ދަޢުވާ މައުޟޫޢީގޮތުން ނުބެލޭނެ ކަމަށް ކަނޑައެޅުމަކީ ޤާނޫނީގޮތުން ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 122 ވަނަ މާއްދާގެ (ހ) އަދި (ނ)
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤް ކުރުމުގެ އުސޫލުގެ 124 ވަނަ މާއްދާ އަދި 129 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް