ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/03
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަޙީދު، 2018/HC-A/03
Prosecutor General v. Ali Waheed 2018/HC-A/03 (2018/HC-A/03, High Court of the Maldives, 29 November 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަޙީދު
މައްސަލައިގެ ޚުލާޞާ
ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، ހައްޔަރުކުރުމަށްފަހު ފުލުހުންގެ މަރުކަޒަކަށް ނުގެންގޮސް ކޯޓަށް ހާޒިރުކުރުމަކީ 45 (ހ) އާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، ވަގުތުން ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އަމުރުކުރުމަށެވެ.
ޖިންސީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް، އއ. ތޮއްޑޫ ކައުންސިލް އިދާރާގައި ފުލުހުން ބޭނުންކުރާ ބަޔަށް ގެންގޮސް، ބަންދާމެދު ގޮތް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ބަންދު އިތުރުކުރެވުނެވެ. ދެން ހޭބިއަސް ކޯޕަސް ރިޓަކަށް އެދުނެވެ.
ދައުލަތުން ބުނީ ރިޓް ނެރުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 207 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ބަންދުގެ މުއްދަތު އިތުރުކުރި އަމުރެއްގެ ދަށުން ބަންދުގައި ހުރި މީހަކު ހޭބިއަސް ކޯޕަސް ރިޓަކަށް ނޫން، އެ އަމުރު އިސްތިއުނާފު ކުރަންޖެހޭނެކަމަށެވެ.
މައިގަނޑު ސުވާލު
ކޯޓު އަމުރަކާ ގުޅިގެން ހައްޔަރުކުރި މީހަކު ފުލުހުން ކައުންސިލް އިދާރާގައި ފުލުހުން ބޭނުންކުރާ ބަޔަށް ގެންގޮސް ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 45 (ހ) އާ ޚިލާފު ޢަމަލެއްތޯއާއި، ބަންދާމެދު ކޯޓުން ގޮތެއް ނިންމުމަށްފަހު ހޭބިއަސް ކޯޕަސް ރިޓަކަށް އެދެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ހޭބިއަސް ކޯޕަސް ރިޓް ބާޠިލު
ކައުންސިލް އިދާރާގައި ފުލުހުން ބޭނުންކުރާ ބައި ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބެލެވޭތީ 45 (ހ) އާ ޚިލާފުވެފައެއް ނުވެއެވެ. ބަންދާމެދު ކޯޓުން ގޮތް ކަނޑައެޅުމުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދުމުގެ ޙައްޤު ބަންދުވާތީ، ރިޓް ނެރުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 207 ވަނަ މާއްދާއާ ޚިލާފަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- މިނިވަންކަމުގެ ޙައްޤަކީ އިންސާނީ ކަރާމާތާ ގުޅިފައިވާ މުހިންމު އަސާސީ ޙައްޤެކެވެ؛ ހޭބިއަސް ކޯޕަސް ރިޓަކީ ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ފަރާތެއް ހައްޔަރުން ދޫކޮށްލުމަށް ކަމާބެހޭ ކޯޓުން ނެރޭ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ހައްޔަރުކުރުމާއި ބަންދުކުރުމަކީ ޤާނޫނީ ގޮތުން ތަފާތު ދެ ޙާލަތެއްގައިވާ ދެކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3، 3.9)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 45 (ހ) ގެ ބޭނުމަށް، ފުލުހުންގެ ވަކި މަރުކަޒެއް ނެތް ރަށްރަށުގައި ސަރުކާރު އިދާރާއެއްގައި ފުލުހުންނަށް ޚާއްޞަކޮށް ފުލުހުން ބޭނުންކުރާ ތަނަކީވެސް 213 (މ) ގައި ބުނާ "ފުލުހުންގެ މަރުކަޒެއް" ގެ ގޮތުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.7-3.8)
- ހައްޔަރުކުރުމަށްފަހު، ތުހުމަތުކުރެވޭ ފަރާތަށް ލިބިދޭ ޙައްޤުތައް ކަށަވަރުކުރުމަށްފަހު، ފުލުހުންގެ މަރުކަޒަކަށް ހާޒިރުނުކޮށްވެސް 58 (ހ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވިދާނެއެވެ؛ 45 ވަނަ މާއްދާ އެކަމަށް ހުރަސް ނާޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.8)
- ކަނޑުދަތުރުގެ ދަތިތަކުގެ ސަބަބުން 24 ގަޑިއިރަށްވުރެ ގިނައިރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބެހެއްޓޭނީ ހައްޔަރުކުރެވުނު ރަށް ނޫން އެހެން ރަށެއްގެ ކޯޓަކަށް ހާޒިރުކުރަންޖެހޭ ޙާލަތުގައެވެ؛ ހައްޔަރުކުރި ރަށުގައި މެޖިސްޓްރޭޓެއް ހުރިނަމަ އެ ސަބަބު ނުހިނގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.8)
- ޣައިރު ޤާނޫނީ ހައްޔަރަކާ ގުޅިގެން ހޭބިއަސް ކޯޕަސް ރިޓަކަށް އެދެވޭ މުއްދަތު ދެމިގެންދަނީ ހައްޔަރުކުރެވުނު ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅަންދެނެވެ؛ ޤާނޫނީ ގޮތުން ކުރާ ހައްޔަރަކަށްފަހު ކުރާ ޣައިރު ޤާނޫނީ ޢަމަލެއް ބަންދާމެދު ގޮތް ކަނޑައަޅާ ޝަރީޢަތުގައި ދިފާޢެއްގެ ގޮތުގައި ހުށަހެޅޭނެއެވެ؛ ބަންދާމެދު ގޮތެއް ކަނޑައެޅުމުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދުމުގެ ޙައްޤު ބަންދުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.9)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45، 46، 47 ވަނަ މާއްދާ އަދި 48 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 ން 44 އާ ހަމައަށް، 41 (ރ) (1)، 44 (ށ) އަދި (ނ)، 45، 52، 58 (ހ) އަދި (ނ) (1)، 207، 208، 209، 213 (މ) ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް