ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/518
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ އިބްރާހީމް، 2019/HC-A/518
Prosecutor General v. Abdhuﷲ Ibrahim 2019/HC-A/518 (2019/HC-A/518, High Court of the Maldives, 27 February 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ އިބްރާހީމް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 30.09.2019 ގައި ތުހުމަތުކުރެވޭ ފަރާތް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތް، ޝަރީޢަތް ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ޅ)، 59، 60 (ށ) އާއި ޚިލާފު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ނެރުނު، އަދި ޤާނޫނުއަސާސީގެ 143 (ރ) ގެ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމުގެ އުޞޫލާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދުނުއިރު، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފުވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް
ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުން 60 (ށ) ގެ ދަށުން ބަންދުގައި ބެހެއްޓުން ލާޒިމުވާތީ އަމުރަށް ބަދަލު ގެންނަންޖެހޭ ނަމަވެސް، ބަންދާމެދު ނިންމަންޖެހޭނީ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމުން އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ބަޔާންކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅާނީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ ގޮތާ އެއްގޮތަށެވެ. (03 ށ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދާމެދު ފަނޑިޔާރަށް ނިންމިދާނީ 4 ގޮތަކަށެވެ: ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުން، އެއްވެސް ޝަރުޠެއް ނެތި ދޫކޮށްލުން، ކަފާލަތުގެ ދަށުން ދޫކޮށްލުން، ނުވަތަ ޝަރުޠަކާއެކު ދޫކޮށްލުން. (03 ށ)
- ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް، ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެ ކަމަށް، ނުވަތަ ފިލައިފާނެ ކަމަށް، ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އިން ފަނޑިޔާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ. (03 ށ)
- ތުހުމަތު އުފެދޭ މިންވަރަށް ހެކި ޤަރީނާ ހުރެ، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބެހެއްޓުމަށް ކަނޑައެޅިފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ފަރާތް ބަހައްޓަންޖެހޭނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (03 ނ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ތަރުތީބުކޮށްފައިވަނީ ޤަބޫލުކުރެވޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ކަމުން، ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އުޞޫލު ކަނޑައެޅިފައިވަނީ ޝަރީޢަތުގެ އަޑުއެހުންތައް މެދުނުކެނޑި ކުރިއަށްގޮސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލާއި އިންތިޒާމާއެކު، ދަޢުވާލިބޭ ފަރާތުގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތަކާއި ޢާންމު މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަށެވެ. (03 ރ)
- ތުހުމަތުކުރެވޭ ކުށުގެ މައްސަލައަކީ ދަށު ކޯޓުގައި ޝަރީޢަތުގައި އޮތް މައްސަލައެއް ކަމަށްވާތީ، ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ މައްސަލަ ބައްލަވާ ކޯޓުން، މައްސަލަ ބައްލަވާ ފަނޑިޔާރެވެ. އެހެންކަމުން ހައިކޯޓުން ބަންދުގެ އަމުރު ބާޠިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިފިނަމަ ހައިކޯޓުން ފާހަގަކުރި ކަންކަމުގެ އަލީގައި އަލުން ގޮތެއް ނިންމުމަށް ދަށު ކޯޓަށް ބަޔާންކުރިއެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ (ރިޔާސަތު)، މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒު
- ރިޔާސަތު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް