ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/352
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2019/HC-A/352
Prosecutor General v. - 2019/HC-A/352 (2019/HC-A/352, High Court of the Maldives, 10 January 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ނިންމީ، ދަޢުވާ ފޯމާއެކު ހެކި ހިމަނާފައިނުވާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ހުށަހަޅާފައިވާ ފޯމަކަށް ނުވާތީ ބަލައިނުގަނެވޭނެ ކަމަށެވެ.
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ފޯމު ޕްރޮސިކިއުޓަރ ޖެނެރަލް އީ-މެއިލް މެދުވެރިކޮށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވުމުން، ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ބަޔާންތަކާއި އެކްޒިބިޓްތައް ހިމަނާފައިނުވާތީ ކޯޓުން ފޯމު ބަލައިނުގަނެ އަނބުރާ ފޮނުވިއެވެ. ދެ ފަހަރަކު މުރާޖަޢާއަށް އެދުމުންވެސް ކޯޓުން ނިންމުން ދެމެހެއްޓިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ފޯމު އަނބުރާ ފޮނުވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި މައްސަލަ ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ފޯމު، ހެކި ހިމަނާފައިނުވާތީ މެޖިސްޓްރޭޓް ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމަނައި އެ އިސްތިއުނާފު ކުރިއަށް ގެންދެވިދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމި (އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތުމުން)
2019/SC-A/44 ގައި ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުން ޖިނާއީ އިސްތިއުނާފެއް ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނުނިންމޭނެކަމާއި، އެ ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެގި ސްޓޭންޑް މިހާރު ބަދަލުކުރެވިދާނެކަމަށް ނުދެކޭކަމާއި، ރައްދުވާ ފަރާތެއް ހިމަނަން ޕީޖީ އެދިފައިނުވާކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރިއަށް ގެންގޮސް ނިންމޭނެ އުޞޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނެތުމުން، އެފަދަ އިސްތިއުނާފެއްގައި ދަޢުވާ ލިބޭ ފަރާތެއް ހުންނަންޖެހޭނެއެވެ؛ އިސްތިއުނާފީ ދަޢުވާ ލިބޭ ފަރާތެއް ނެތި އެ ދަޢުވާ ކުރިއަށް ނުގެންދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ނަގާފައިވާ ސްޓޭންޑާ ޚިލާފަށް، އެއާ އެއްފަދަ ވަޤާއިޢު ހުރި މައްސަލައެއްގައި ސްޓޭންޑް ބަދަލުކުރެވިދާނެކަމަށް ހައިކޯޓުން ނުދެކެއެވެ؛ އަދި ސުޕްރީމް ކޯޓުގެ އެ ނިންމުމާ ޚިލާފަށް ހައިކޯޓަށް މައްސަލަ ނުނިންމޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
- އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމަނާފައި ނެތުމާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުންވެސް ރައްދުވާ ފަރާތެއް ހިމަނައިދިނުމަށް އިސްތިއުނާފުކުރި ފަރާތުން އެދިފައި ނުވާނަމަ، އެ އިސްތިއުނާފު ހައިކޯޓުގައި އިތުރަށް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- ހައިކޯޓުގެ ޤަވާޢިދު (2019)
- ސުޕްރީމް ކޯޓުގެ 2019/SC-A/44
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ފާޠިމަތު ފަރހީޒް
- ޚިލާފު ރައުޔު
- ނެތް