ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 12
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމީން ރަޝީދު، [2025] SC 12 (2025/SC-A/04)
Prosecutor General's Office v. Yaameen Rasheed [2025] SC 12 (2025/SC-A/04, Supreme Court of the Maldives, 9 March 2025)
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމީން ރަޝީދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (C/2017-1281/Cr) ދަޢުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ނިންމިއެވެ. ދައުލަތުން ހައިކޯޓަށް (2023/HC-A/81) އިސްތިއުނާފުކޮށް އިސްތިއުނާފު ނިމެންދެން ބަންދުކުރުމަށް އެދުމުން، ބަންދުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުން 20 ނޮވެންބަރު 2024 ގައި ނިންމިއެވެ.
2017 ސެޕްޓެންބަރު 29 ގެ ރޭ ހުޅުމާލޭގައި ހާރިސް ޢަބްދުލްޣަފޫރަށް ވަޅިން ހަމަލާދީ އޭނާ ނިޔާވި މައްސަލައެއްގައި، ޔާމިން ރަޝީދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދަޢުވާ ކުރެވުނެވެ.
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި ފަތުޙީ (2) ގެ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށާއި، ޔާމިން ރަޝީދުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. ޔާމިން ރަޝީދުގެ ފަރާތުން ބުނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުން ދަޢުވާ ސާބިތުނުވާ ކަމަށް ނިންމި މީހަކު ހައިކޯޓުގެ އިސްތިއުނާފު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުމުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ކަންކަމަށް ރިޢާޔަތްކުރަންޖެހޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ބަންދާބެހޭ ނިންމުން ބާޠިލު، ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް ތަޙްވީލު
ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިކަމާ ސުވާލެއް ނެތް ނަމަވެސް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތޯ ބެލުމުގައި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3، 4 އަދި 6 ވަނަ ނަންބަރުގައިވާ ކަންކަމަށް ހައިކޯޓުން ނަޒަރުކޮށްފައިވާކަން ނިންމުމުން ނޭނގޭތީ، ނިންމުން ބާޠިލުކޮށް ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް ތަޙްވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11) ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން އެދެނީ އިސްތިއުނާފީ މަރުޙަލާގައި ކަމުގައިވިޔަސް، ޢަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ޝަރަޙަކޮށްދީފައިވާ އުޞޫލުތަކަށެވެ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ގައި ކަނޑައެޅި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ (2) ގައި އިތުރަށް ޝަރަޙަކުރި ގޮތަށް).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12–13) ބަންދާމެދު ނިންމުމުގައި ދެ ސުވާލެއްގެ ޖަވާބު ހޯދަންޖެހޭނެއެވެ: (ހ) ތުހުމަތުކުރެވުނު ކުށް އެ މީހާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ، (ށ) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވެދާނެތޯ. ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތްނަމަ ބަންދުގައި ބަހައްޓާނެ ޙާލަތެއް ނޯންނާނެއެވެ؛ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިނަމަ ބަންދުގައި ބެހެއްޓޭނީ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުގައި އޮތްނަމައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) 49 ވަނަ މާއްދާގެ ޙާލަތެއް ވޭތޯ ބެލުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ ބޭނުންކުރެވިދާނެއެވެ؛ އެ މާއްދާގައިވާ ކަންކަމުގެ އިތުރުން އިތުރު ކަންކަންވެސް ބަންދަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. މުހިންމީ، 49 ވަނަ މާއްދާގެ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ތަފްސީލު ބަންދަށް އެދޭ ފަރާތުން ހުށަހެޅުމެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15) އެ ތަފްސީލު ދިނުމުގައި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ކަންކަމަށް ރިޢާޔަތްކުރެވިދާނެއެވެ: (1) ބަންދާއި ހައްޔަރާއި ކުށުގެ ރެކޯޑު؛ (2) މުޖުތަމަޢުގައި އަދާކުރާ ދައުރާއި ވަޒީފާއާއި ދިރިއުޅުމުގެ ވައްޓަފާޅި؛ (3) ކުށުގެ ޢަމަލުގައި ބައިވެރިވި ގޮތް؛ (4) ކުށުގެ ބާވަތާއި ޙާލަތާއި ކުޑަބޮޑުމިނާއި އަނިޔާވެރިކަން؛ (5) މުޖުތަމަޢަށް ނުރައްކާވެދާނެކަން އެނގޭ އެހެން ސަބަބުތައް؛ (6) ޖަމާޢަތް ހަދައިގެން ކުށްކުރުން.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) މި ހުރިހާ ކަމެއް ފުރިހަމަވުން ލާޒިމެއް ނޫނެވެ؛ 13 ވަނަ މާއްދާގެ (ނ) ގެ އެއް އަކުރެއް ނުވަތަ އެއަށްވުރެ ގިނަ އަކުރެއްގެ ޙާލަތު ވުޖޫދުވާނަމަ ބަންދާމެދު ގޮތެއް ނިންމުމަށް ހުރަހެއް ނެތެވެ؛ ބަލާނީ ކޮންމެ މައްސަލައަކަށް ވަކިވަކިން، ހުށަހެޅޭ ތަފްސީލާއި ޙާލަތާއި ވަށައިގެންވާ ކަންކަމަށެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19–20) ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތޯ ބެލުމުގައި ކުށުގެ ބާވަތާއި ޙާލަތާއި ކުޑަބޮޑުމިނާއި އަނިޔާވެރިކަން (13 (ނ) (4))، ޖަމާޢަތް ހަދައިގެން ކުށްކުރުން (13 (ނ) (6)) އަދި ކުށުގައި ބައިވެރިވި ގޮތް (13 (ނ) (3)) ފަދަ ކަންކަމަށް ފަރުވާތެރިކަމާއެކު ނަޒަރުކޮށްފައިވާކަން ނޭނގޭ ބަންދާމެދު ނިންމުމަކީ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފު ނިންމުމެކެވެ؛ އެފަދަ ނިންމުމެއް ބާޠިލުކޮށް އަލުން ގޮތެއް ނިންމުމަށް ތަޙްވީލުކުރެވޭނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 12 2025/SC-A/04 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމިން ރަޝީދު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ނިމުނު ތާރީޚު 09 މާރިޗު 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 95-B5/CHT/2024/4788 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޔާމިން ރަޝީދު، ހޯދަޑު. ހިލްޓަން، ޏ. ފުވައްމުލައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: އަޙްމަދު ޔާމީން، އެމިކަސް ކިއުރޭ އެލް.އެލް.ޕީ
ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުފަލް
ޖިނާއީ - ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ގޮތް - އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުން - ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ - ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1
ތަޢާރަފް 1
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ 1
ޝަރީޢަތް ނިމެންދެން ބަންދާމެދު ނިންމި ގޮތް 2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 3
ބަންދާމެދު ގޮތެއް ނިންމުން 4
އުޞޫލުތައް ތަތުބީޤުކުރުން 6
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 8
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 8
ޙުކުމް 8
` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމިން ރަޝީދު [2025] SC 12 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރަފް
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/CHT/2024/4788(20 ނޮވެންބަރު 2024) ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތްކޮށްފައިވާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޏ. ފުވައްމުލައް، ހޯދަޑު. ހިލްޓަން، ޔާމިން ރަޝީދު1 އަށެވެ.
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ
22017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 21:50 ހާއިރު، ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރު ހުޅުމާލޭގެ ކުރިކީލަމަގުން ހިނގަމުންދަނިކޮށް ޔާމިން ރަޝީދު ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އެރޭ 22:45 ހާއިރު ހާރިސް ޢަބްދުލްޣަފޫރު ނިޔާވުމާ ގުޅިގެން، ދައުލަތުން ޔާމިން ރަޝީދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރިއެވެ.
3ކްރިމިނަލް ކޯޓުގެ ނަންބަރު 1281/Cr-C/2017 ޤަޟިއްޔާއިން ބެލި މި މައްސަލައިގައި
އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޔާމިން ރަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާ ކަމުގައެވެ.
4ކްރިމިނަލް ކޯޓުގެ މި ޤަޟިއްޔާ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ޔާމީން ރަޝީދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން އެ ކޯޓުގައި އެދުނެވެ.
ޝަރީޢަތް ނިމެންދެން ބަންދާމެދު ނިންމި ގޮތް
5ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމެންދެން ޔާމިން ރަޝީދު ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން އެދުނީ އޭނާގެ ފަރާތުން މިހާރުވެސް މުޖުތަމަޢަށް ނުރައްކާވުމުގެ ޙާލަތާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމަށް ދެކިއެވެ. މިގޮތުން ދައުލަތުން އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަ2 ބަލައި ގޮތެއް ނިމެންދެން، ޔާމިން ރަޝީދު ބަންދުގައި ބަހައްޓައި ދިނުމަށެވެ.
6މި ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެ ކޯޓުގައި ބަލަމުންދާ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ޔާމިން ރަޝީދު ބަންދުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/CHT/2024/4788 (20 ނޮވެންބަރު 2024) ނިންމުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ(2)3 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައެވެ.
9މަތީގައި އެވާ އިސްތިއުނާފީ ނުކުތާ ހުށަހެޅުމަށްފަހު ދައުލަތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޔާމިން ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކޮށްދިނުމަށެވެ. މި މައްސަލައިގައި، ޔާމިން ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޔާމިން ރަޝީދު ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދެކި ދައުލަތުން ފާހަގަކޮށްފައިވަނީ ދެ ކަމެކެވެ. އެއީ، މުޖުތަމަޢުގެ ސަލާމަތާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމަށް ބުނެއެވެ. ނަމަވެސް، މި ދެ ސަބަބު ވުޖޫދުގައި ނުވާ ކަމަށް ދެކި ޔާމިން ރަޝީދު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި ވެއެވެ. މިހާރު ދައުލަތުން ޔާމިން ރަޝީދު ބަންދުގައި ބެހެއްޓުމަށް އެދޭ ސަބަބަކީ އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ދެކި އެވެ.
10ޔާމިން ރަޝީދުގެ ފަރާތުން ދެކޭގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތެވެ.
ބަންދާމެދު ގޮތެއް ނިންމުން
11ޕްރިސިޑެންސް 1ކުށުގެ ތުހުމަތުކުރެވޭ މީހަކުގެ ބަންދާ މެދު ގޮތެއް ނިންމަން އެދި ހުށަހަޅާފައިވަނީ އިސްތިއުނާފީ މަރުޙަލާގައި ކަމަށްވީ ނަމަވެސް ޢަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް4 މި ޤަޟިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް5 މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައި ވެއެވެ. އަދި މި އުޞޫލުތައް އިތުރަށް ޝަރަހަކޮށްދީފައިވަނީ
މި އިސްތިއުނާފުގައި ހަވާލާދެވިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ(2) ޤަޟިއްޔާގައެވެ.
12ޕްރިސިޑެންސް 2ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންވީ ގޮތާބެހޭ ގޮތުން ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް6 ޤަޟިއްޔާގައި އަންނަނިވި އުޞޫލަށް ތަބާވުމަށް ކަނޑައަޅާފައިވެއެވެ. މިގޮތުން މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާ މެދު ކޯޓުން ގޮތެއް ނިންމުމުގައި މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ.
(ހ) ފުރަތަމަ ސުވާލަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ.
(ށ) ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.
13ތުހުމަތު ކުރެވުނު ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަ މުއްތަހަމު ބަންދުގައި ބަހައްޓާނެ ހާލަތެއް ނޯންނާނެއެވެ. އެއާ ޚިލާފަށް، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ނުވަތަ އެ ވަގުތު އެ މިންވަރަށް ހެކި ނެތް ނަމަ އެ ކުށް އެ މީހާ ކުރި ކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރިނަމަ، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތް ނަމައެވެ.7
14ޕްރިސިޑެންސް 3ޤާނޫނުއަސާސީގެ49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ ބޭނުންކުރެވިދާނެއެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) އަށް ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ބުނެދިނުމުގައި އެއިން ކޮންމެ އަކުރެއްގެ ފަހަތުގައި ރިޢާޔަތްކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. މުހިންމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކޯޓަށް ހުށަހަޅާ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ހުށަހެޅުމެވެ.8
15ޕްރިސިޑެންސް 4ތަފްސީލު ދިނުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބުނާ އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރެވިދާނެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ(2) ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ.
(1) ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރިކޯޑުތަކާއި، ކުށުގެ ރެކޯޑު
(2) ތުހުމަތުކުރެވޭ މިހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތް ގޮތް
(3) ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް
(4) ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން
(5) ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތައް
(6) ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމުގައިވުން
16ޕްރިސިޑެންސް 5ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި9 ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތަށް ހުށަހެޅިފައިވޭތޯ ބެލުމުގައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަވެފައި އޮތުން ލާޒިމެއް ނޫނެވެ. މީގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް (އެބަހީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އަކުރުތަކުގެ ތެރެއިން އަކުރެއްގައި ބުނާ ކަންތައްތައް ނުވަތަ އެއް އަކުރަށްވުރެ ގިނަ އަކުރުގައިވާ ޙާލަތު ވުޖޫދު ވާނަމަ) ނުވަތަ ފުރިހަމަވާނަމަ، ބަންދާމެދު ގޮތެއް ނިންމުމަށް ހުރަހެއް ނެތެވެ. މިކަމުގައި، ގޮތެއް ކަނޑައެޅުމުގައި ބަލާނީ އެ މައްސަލައެއްގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅޭ ކަންކަމުގެ ތަފްސީލަށާއި ޙާލަތާއި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ކޮންމެ މައްސަލައަކަށް ވަކިވަކިންނެވެ.
އުޞޫލުތައް ތަތުބީޤުކުރުން
17ބުނެވުނު އުޞޫލުތަކަށް ބަލައި، ޔާމިން ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފީ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ދައުލަތުން ތަފްސީލުތަކާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެއެވެ. ޖަވާބު ލިބެންޖެހޭ ފުރަތަމަ ސުވާލު ކަމުގައިވާ ޔާމިން ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ކަމުގައިވާ ޤަސްދުގައި މީހަކު މެރިކަމާމެދު ބާރުދޭ ހެކި ހުރިކަމާމެދު ސުވާލެއް ނެތެވެ. ސުވާލު އުފެދިފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
18ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޔާމިން ރަޝީދު ބަންދުގައި ބެހެއްޓުމުގައި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ފަދަ ޙާލަތެއް ވުޖޫދުގައި އޮތް ކަމަށް ނުފެންނަ ކަމަށެވެ.
19ޕްރިސިޑެންސް 6ނަމަވެސް މި ނިންމުމަށް ވާސިލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކަންކަމަށް ފަރުވާތެރިކަމާއެކު ރިޢާޔަތްކޮށްފައިވާ ކަމަށް އެނގެން ނެތެވެ. އެހެނީ، ބަންދާމެދު ގޮތެއް ނިންމުމުގައި ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި، ކުށުގެ ބާވަތާއި، ކުށްކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް އޮތުމާއި ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމުގައި ވަނީނަމަ އެކަމަށް ވެސް ރިޢާޔަތް ކުރަން ޖެހޭނެ ކަމަށް 6 ވަނަ ނަންބަރުގައި ބުނެފައި ވުމާއެކު ކުށުގެ ޢަމަލު ހިންގުމުގައި އެ މީހަކު ބައިވެރިވެފައިވާ ގޮތަށް ވެސް ރިޢާޔަތް ކުރަން ވާނެ ކަމަށް އެ އަކުރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން ޔާމީން ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމުގައި މި ކަންކަމަށް ނަޒަރު ކޮށްފައިވާކަން އެ ކޯޓުގެ ނިންމުމުން އެނގެން ނެތެވެ.
20ނަތީޖާއެއްގެ ގޮތުން ޔާމިން ރަޝީދުގެ ބަންދާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
95-B5/CHT/2024/4788 (20 ނޮވެންބަރު 2024) "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ގޮތް" ބާތިލުކޮށް ދައުލަތުން އެދިފައިވާ ފަދައިން އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރަންޖެހޭ ކަމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
21މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B5/CHT/2024/4788 (20 ނޮވެންބަރު 2024) "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ގޮތް" ގައި އިސްތިއުނާފީ މަރުޙަލާ ނިމެންދެން ޔާމިން ރަޝީދު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމުގައި ނިންމާފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށްކަމުގައިވާތީވެ އެ ނިންމުން ބާޠިލު ކަމުގައި ކަނޑައަޅައި، ޔާމީން ރަޝީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1
2 މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 2023/HC-A/81 ޤަޟިއްޔާ އިންނެވެ.
3 ސުޕްރީމް ކޯޓުގެ ނަންބަރު2024/SC-A/16 ޤަޟިއްޔާ
4ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
6އބމ 4
7 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
8 އބމ
9ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވަނީ "އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ." މިފަދައިންނެވެ.
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާ، 13 ވަނަ މާއްދާގެ (ނ) ގެ (3)، (4) އަދި (6)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2023] SC 60 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް)
- 2024/SC-A/16 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ (2))
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 24 ނޮވެމްބަރު 2024 · ރަޖިސްޓްރީކުރީ 28 ޖަނަވަރީ 2025 · ނިމުނީ 9 މާރިޗު 2025 (40 ދުވަސް)