ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 68
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު، [2022] SC 68 (2022/SC-A/84)
Prosecutor General's Office v. Arushadhu Khaalidhu [2022] SC 68 (2022/SC-A/84, Supreme Court of the Maldives, 30 October 2022)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުގެ 190/Cr-C/2020 ޤަޟިއްޔާގައި ދަޢުވާ ސާބިތު ނުވާ ކަމަށް ޙުކުމް ކުރުމުން ދައުލަތުން ހައިކޯޓަށް އިސްތިއުނާފު ކުރި (2022/HC-A/51) އެވެ. ހައިކޯޓުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ އަމުރެއް ނެރެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް 12 އޮކްޓޯބަރ 2022 ގައި ބޭއްވި އަޑުއެހުމުގައި، ބަންދާމެދު އިތުރު ގޮތެއް ނިންމޭނެ ޤާނޫނީ ސަބަބެއް ނެތް ކަމަށް ނިންމައި، ޕާސްޕޯޓާއި ދަތުރުކުރެވޭ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަމުރު ކުރިއެވެ (95-B2/CHT/2022/4637). ހައިކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން މި މައްސަލަ ސުޕްރީމް ކޯޓަށް އައީއެވެ.
ކްރިމިނަލް ކޯޓުން އަރުޝަދު ޚާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ސާބިތު ނުވާ ކަމަށް ޙުކުމް ކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދެ ފަހަރު އެދުނެވެ.
ދައުލަތުން ބުނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅި އެދުމާމެދު ހައިކޯޓުން ގޮތެއް ނުނިންމައި، ސަބަބު ވެސް ބަޔާން ނުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މައްސަލައިގެ އުޞޫލާ ޚިލާފު ކަމަށެވެ. އަރުޝަދު ޚާލިދުގެ ފަރާތުން ބުނީ، އެ އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ދަށުން ބޭއްވި އަޑުއެހުމަކަށް ވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ އެދުމާމެދު އެ އަޑުއެހުމުގައި ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
މައިގަނޑު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް ބޭއްވި އަޑުއެހުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ހުށަހެޅި ބަންދުގެ އެދުމާމެދު ހައިކޯޓުން ގޮތެއް ނުނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުން ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ފާހަގަކުރީ، 12 އޮކްޓޯބަރ 2022 ގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް ބޭއްވި އަޑުއެހުމެއްގެ ނިންމުމެއް ކަމަށާއި، އެ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެދުމާމެދު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ސަބަބު ބަޔާންކުރަން ޖެހޭ ހާލަތެއް ވެސް އުފެދިފައި ނުވާ ކަމަށެވެ. އެ އެދުމާމެދު ހައިކޯޓުން ގޮތެއް ނުނިންމަވާ ނަމަވެސް، ޤާނޫނުގައިވާ ގޮތުގެ މަތިން އެ އެދުމާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ގެއްލިފައި ނުވާތީ، އަމުރެއް ނެރެދޭން ޖެހޭ ތަނެއް ނެތް ކަމަށް ބަލައި، ހައިކޯޓުގެ ނިންމުމަށް ބަދަލު ނުގެނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެފައިވަނީ ކުށެއް ސާބިތު ނުވާ ކަމަށް ދަށު މަރުޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތައް އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ހ) ގައި އެ ފަދަ ޙުކުމްތައް އިސްތިއުނާފު ކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައި ބަޔާން ކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގައި ވަނީ ކުށް ސާބިތު ނުވެ، ދަށު މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރާ އިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެނަމަ، އެ މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި އެވަނީ، އެ ފަދަ އަމުރެއްގެ ދަށުން ހައިކޯޓުން މީހަކު ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، އެ މީހަކަށް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށް ދިނުމަށް ހައިކޯޓުގައި އެދެވިދާނެ ވާހަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު
1ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާގައި އަރުޝަދު ޚާލިދު ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން "ދައުލަތް") އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އަރުޝަދު ޚާލިދުގެ މައްޗަށް ސާބިތު ނުވާ ކަމުގައި އެ ކޯޓުން ޙުކުމް ކުރުމުން އެ މައްސަލަ އެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 2021 ޑިސެމްބަރ 28 ވަނަ ދުވަހު އިސްތިއުނާފު ކުރިއެވެ. އެ މައްސަލައަށް ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2022/HC-A/51 އެވެ.
2ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު، 2022 މެއި 31 ވަނަ ދުވަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން އެއިރު ކުރެވެމުންދާ މަސައްކަތަކީ އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކަމުގައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ އަމުރު އެ ހިނދަށް ނެރެދިނުމާމެދު މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވިފައި ނުވާކަން ފާހަގަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހައިކޯޓުން 06 ޖޫން 2022 ގައި ޖަވާބު ދީފައިވެއެވެ.
3ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް 07 ޖޫން 2022 ގައި ހައިކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވެއެވެ. މި އަމުރުގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްފައި ވަނީ، 10 އޮކްޓޯބަރ 2022 ގައެވެ. އަދި މި ދުވަހު އޭނާ ބަންދު ކުރި ކުރުމާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގައިވާ އިޖުރާއަތު ފުރިހަމަ ކުރުމަށްޓަކައި 12 އޮކްޓޯބަރ 2022 ގައި އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރުކޮށް އެ ކޯޓުގައި އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރާ ގުޅިގެން އަޑުއެހުމެއް ބޭއްވުނެވެ.
412 އޮކްޓޯބަރ 2022 ގައި ހައިކޯޓުގައި އޮތް އަޑުއެހުމުގެ ކުރިން 11 އޮކްޓޯބަރ 2022 ގައި ދެވަނަ ފަހަރަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ.
512 އޮކްޓޯބަރ 2022 ގައި ހައިކޯޓުގައި ބޭއްވުނު އަޑުއެހުމަށް އަރުޝަދު ޚާލިދު ހާޒިރު ވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. ވުމާއެކު، އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރާމެދު އިތުރު ގޮތެއް ނިންމޭނެ ޤާނޫނީ ސަބަބެއް އެ ވަގުތު ނެތްކަން ފާހަގަކޮށް، އަރުޝަދު ޚާލިދު ކޯޓަށް ހާޒިރުވާނޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ވަކި ގޮތެއް އަންގަންދެން އަރުޝަދު ޚާލިދުގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ އެ ނޫންވެސް ލިޔުމެއްވާ ނަމަ، ހައިކޯޓުން ވަކި ގޮތެއް އަންގަންދެން އެ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފައިވެއެވެ. އަދި "އަރުޝަދު ޚާލިދު ޢަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ޕްރޮސިކިއުޝަނަށް ފެންނަ ޤާނޫނީ ސަބަބުތަކާއެކު، އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިގެން އެ ނިންމުން މުރާޖަޢާ ކުރުމަށް ޕްރޮސިކިއުޝަނަށް ހުރަހެއް ނެތް" ކަމުގައި އެ އަމުރުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
6ޝަރީޢަތުގެ ކުރިމަތީގައި މި އޮތް މައްސަލައަކީ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ކުރި އަމުރާ ގުޅިގެން 12 އޮކްޓޯބަރ 2022 ގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަރުޝަދު ޚާލިދުގެ ބަންދާމެދު އެ ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ.
7ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައެވެ.
8މި އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން 11 އޮކްޓޯބަރ 2022 ގައި ހައިކޯޓަށް ހުށަހެޅި ނަމަވެސް، 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން އަރުޝަދު ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމިއިރު، އެ ހުށަހެޅުމާމެދު އެ ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ. ނަމަވެސް އެ އަޑުއެހުމުގައި ތަފުސީލުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދުކޮށް ދިނުމުގެ އަމުރެއް ނެރެދޭންޖެހޭ ކަމަށް ފެންނަ ސަބަބުތައް ޝަރީޢަތަށް ހިއްސާ ކުރި ކަމުގައެވެ. އަދި އެ އަޑުއެހުމުގައި އަރުޝަދު ޚާލިދުގެ ބަންދާމެދު އިތުރަށް ގޮތެއް ނިންމޭނެ ޤާނޫނީ އަސާސެއް ނެތް ކަމުގައި ހައިކޯޓުން ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އޮފީހުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް އޮތް ހުރަހެއް ނޫންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
9އިތުރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން އަރުޝަދު ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްދިނުން އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމުގައެވެ. އަދި އެ ކޯޓުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައި ނެތްއިރު، އެފަދައިން ގޮތެއް ނުނިންމި ސަބަބު ވެސް ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައި ނެތް ކަމުގައެވެ. އަދި އެ ކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ނިންމުންތަކަށް ވާސިލުވި ސަބަބު ބަޔާން ކުރަން އޮންނަ އުސޫލާ ޚިލާފަށް ހައިކޯޓުން އަމަލު ކޮށްފައި އޮތް އޮތުމެއްކަން އެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
10މި ކަންކަން ފާހަގަ ކުރުމަށްފަހު، ދައުލަތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/51 ޤަޟިއްޔާގެ ތެރޭގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އަރުޝަދު ޚާލިދު ބަންދު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ހުށަހަޅައިފި ނަމަ، އެފަދަ އަމުރެއް ނެރެދިނުމާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
11އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާ ޚިލާފު ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައި ނުވާކަމުގައެވެ. އަދި އެ މާއްދާގައިވާ އެއްވެސް އުސޫލަކާ ފުށުއަރާ ކަމެއް، ނުވަތަ އެއިން އުސޫލަކާ ޚިލާފު ވާހަކައެއް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައި ނުވާކަމުގައެވެ.
12އިތުރަށް އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ފަރާތުން ހުށަހެޅި ކަމަށް ބުނާ ހުށަހެޅުމާމެދު ހައިކޯޓުން 12 އޮކްޓޯބަރ 2022 ގައި ބޭއްވުނު އަޑުއެހުމުގައި ގޮތެއް ނިންމަންޖެހޭނެ ތަނެއް ވެސް ނެތްކަމުގައެވެ. އެހެނީ އެ އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ދަށުން ހައިކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރަކާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވި އަޑުއެހުމެއް ކަން އެ އަޑުއެހުން ފަށަމުން ފަނޑިޔާރުވެސް ފާހަގަ ކޮށްފައި ވުމެވެ. އަދި އެ އަޑުއެހުމުގެ ބޭނުމާމެދު ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ ތަފުސީލުތަކުގެ 03 ވަނަ ނަންބަރުގައި ދައުލަތުން ފާހަގަ ކޮށްފައިވަނީވެސް އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ދަށުން 72 ގަޑިއިރުގެ ތެރޭގައި އަރުޝަދު ޚާލިދު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނައުމަށްޓަކައި ބޭއްވުނު އަޑުއެހުމެއް ކަމުގައެވެ. ކަންމިހެން އޮތުމުން އެ އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމި ސަބަބު ބަޔާންކޮށް ދޭންޖެހޭ ތަނެއް މި މައްސަލައިގައި ނެތްކަމުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
13ޕްރިސިޑެންސް 1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެފައިވަނީ ކުށެއް ސާބިތު ނުވާ ކަމަށް ދަށު މަރުޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތައް އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކެވެ. މި ގޮތުން މި މާއްދާގެ (ހ) ގައި އެ ފަދަ ޙުކުމްތައް އިސްތިއުނާފު ކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައި ބަޔާން ކުރުމަށްފަހު، އެ މާއްދާގެ (ށ) އާއި (ނ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިސްތިއުނާފު ކުރާއިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދަޢުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، މި ޤާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިޚްތިޔާރު ދަޢުވާ ލިބޭ މީހާއަށް ލިބިގެންވެއެވެ.
14ޕްރިސިޑެންސް 2ޕްރިސިޑެންސް 3މި ދެ އަކުރުގެ ތެރެއިން (ށ) ގައި ވަނީ ކުށް ސާބިތު ނުވެ، ދަށު މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރާ އިރު ދަޢުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެނަމަ، އެ މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމުގައެވެ. (ނ) ގައި އެވަނީ، އެ ފަދަ އަމުރެއްގެ ދަށުން ހައިކޯޓުން މީހަކު ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، އެ މީހަކަށް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށް ދިނުމަށް ހައިކޯޓުގައި އެދެވިދާނެ ވާހަކައެވެ.
1512 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެފައިވާ އުސޫލަކާ ޚިލާފު ކަމެއް ނިންމާފައި ވާކަން ނުވަތަ ނޫން ކަމަށް ބަލާއިރު، ހައިކޯޓުގެ ނިންމުމުގައި އެ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅި ކަމެއް، ނުވަތަ އެ ފަދަ ހުށަހެޅުމަކާމެދު ނިންމި ނިންމުމެއް ފާހަގަ ކޮށްފައި ނުވެއެވެ. އަދި އެ ކަންކަމަކީ އެ ނިންމުމުގައި ގޮތެއް ނިންމަންޖެހޭ ކަމެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، މި މައްސަލައިގެ ދެ ފަރާތުގެ ވާހަކަ އާއި މި އިސްތިއުނާފީ މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެ ކިޔުންތަކުން 12 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި އެ ކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރާ ގުޅިގެން ބޭއްވިފައިވާ އަޑުއެހުމެއްކަން ސާފުކޮށް އެނގެއެވެ.
16ވުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހައިކޯޓުގެ އެ ނިންމުމުގައި ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ. އަދި މިކަމާ ގުޅިގެން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޙަވާލާދީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މައްސަލައިގައި ފާހަގަ ކޮށްފައިވާ ވަކި އަމުރެއް ނެރެ ނުދިނުމަށް ފަނޑިޔާރު ނިންމާ ހާލަތުގައި އެކަމުގެ ސަބަބު ބަޔާން ކޮށްދޭންޖެހޭ މަހައްލެއް އުފަންވެ، އެކަމާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
17މި އިސްތިއުނާފީ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޝަރީޢަތުން ކުރި ސުވާލުތަކުގެ އަލީގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން 11 އޮކްޓޯބަރ 2022 ގައި އަރުޝަދު ޚާލިދު ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދުކޮށް ދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަން އެނގެއެވެ. ވުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމުގައި ނުދެކެމެވެ. އަދި ދައުލަތުން ހުށަހަޅައިފި ނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އަރުޝަދު ޚާލިދު ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަން އަމުރު ކުރާނެ ތަނެއް މި މައްސަލައިގައި އޮތްކަމުގައި ނުދެކެމެވެ. އެހެނީ އެފަދަ އަމުރަކަށް ދައުލަތުން އެދުމަށް ހުރަސްއަޅާނެ ތަނެއް، ނުވަތަ ހުށަހަޅައިފިނަމަ، އެ އަމުރާމެދު ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް ހުރަސް އެޅޭނެ ކަމެއް 12 އޮކްޓޯބަރ 2022 ގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައި ނެތެވެ.
18ކަންމިހެން އޮތުމުން ހައިކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުވާ ގޮތެއް ދައުލަތުން ބުނެދެވިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. އަދި ހައިކޯޓުގެ ނިންމުން ޤާނޫނީ އެ މާއްދާތަކާ ޚިލާފު ކަމުގައި ބަލައި އުފެދޭ ޤާނޫނީ ބަހުސެއް އޮތްކަމުގައި ވެސް އަހުރެން ނުދެކެމެވެ. ވުމާއެކު މި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ. އަދި މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމުގައި ވެސް އަހުރެން ނުދެކެމެވެ.
19މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
20މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B2/CHT/2022/4637 (12 އޮކްޓޯބަރ 2022) ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ހ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ނައުފަލް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު، ލެގްޒަވީ ޗެމްބަރސް އެލްއެލްޕީ
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 އޮކްޓޫބަރު 2022 · ރަޖިސްޓްރީކުރީ 20 އޮކްޓޫބަރު 2022 · ނިމުނީ 30 އޮކްޓޫބަރު 2022 (10 ދުވަސް)