ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/26
މުއުމިނާ ޙަސަން ވ. އަޙްމަދު ޢަބްދުﷲ، 2009/SC-A/26
Muuminaa Hassan v. Ahmed Abdhuﷲ 2009/SC-A/26 (2009/SC-A/26, Supreme Court of the Maldives, 21 June 2012)
މުއުމިނާ ޙަސަން ވ. އަޙްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ ނިންމި ގޮތަށް ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާގައި ނިންމިއެވެ.
ހ. ފެންނާގެ ކިޔާ ބަންޑާރަ ގޯތީގައި ދިރިއުޅުނީ ކުޑަޙުސައިންނާއި ކުޑަކަނބުލޮ ކަމަށާއި، ގޯތީގައި ހުރި ޢިމާރާތާއި ވަޅުފަދަ ތަންތަން މުޙައްމަދު ޒާހިރަށް ދިނުމަށްފަހު، މުޙައްމަދު ޒާހިރު ހެދި ޢިމާރާތް އަޙްމަދު ޢަބްދުﷲ އަށް ވިއްކިއެވެ. މާލޭ މުނިސިޕަލްޓީން ގޯތި އަޙްމަދު ޢަބްދުﷲ އަށް ރަޖިސްޓްރީކޮށް، ފަހުން ބަންޑާރަ ބިން އަމިއްލަކުރުމުގެ ފައިސާ ދެއްކުމުން އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނެވެ. ގޯތީގެ މިލްކު ސާބިތުކުރަން އަޙްމަދު ޢަބްދުﷲ ހުށަހެޅުމުން، މުއުމިނާ ޙަސަން އާއި އެހެން ފަރާތްތަކުން ދަޢުވާކުރިއެވެ.
މުއުމިނާ ޙަސަން ބުނީ، ގޯތި ކުޑަޙުސައިނަށް ރަޖިސްޓްރީކޮށްދީފައިވާ ތަނެއް ކަމަށާއި، މީހުން ދިރިއުޅެމުންދާ ތަންތަނާމެދު ދައުލަތަށް ތަޞައްރުފުކުރެވޭނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، ދަށު ކޯޓުގެ ނިންމުމަކީ ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 6 ގެ 252 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ ބަންޑާރަ ގޯއްޗެއް ދިރިއުޅުމަށް ވަކި ފަރާތަކާ ހަވާލުކުރުމުން އެ ފަރާތަށް މިލްކުވެރިކަން ލިބި، ދައުލަތުން އެ ގޯތި އެހެން ފަރާތަކަށް ރަޖިސްޓްރީކޮށް މިލްކުކޮށްދިނުމުގެ ޙައްޤަށް އުނިކަމެއް އަންނަންޖެހޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ދައުލަތުގެ ބިމެއް ދިރިއުޅުމަށް ހަވާލުކުރުމަކީ މިލްކުކޮށްދިނުމެއް ނޫންކަމާއި، އެކަމުން ބިމުގެ ވެރި ދައުލަތަށް ތަޞައްރުފުކުރުމުގެ ޙައްޤަށް އުނިކަމެއް ނާންނަކަމާއި، ކުޑަޙުސައިންގެ ތަރިކައިގެ މައްސަލާގައި ވާރިޘުން ޝަރީޢަތުގައި ތަނާޒުލްވި ޙައްޤަށް އަލުން ރުޖޫޢަވެވޭނެ ހަމައެއް ނެތްކަމެވެ. ބިމުގެ ވެރިފަރާތުން ރަޖިސްޓްރީކޮށްދީފައިވާ ގޯއްޗަކަށް ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 6 ގެ 252 ވަނަ މާއްދާ ނުފެތޭ ކަމަށާއި، ހައިކޯޓުގެ ޙުކުމުގައި ޤާނޫނާ ޚިލާފު ކަމެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ބިމެއް ދިރިއުޅުމަށްޓަކައި ވަކިފަރާތަކާއި ހަވާލުކުރުމަކީ، އެތަނެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެފަރާތަކަށް، މިލްކުކޮށްދިނުން ނޫންކަމާއި ތަނެއް ހަވާލުކުރުމާއި ތަނެއް މިލްކުކޮށްދިނުމަކީ ތަފާތު ދެ ޙައިޘިއްޔަތު ލިބިގެންވާ ތަފާތު ދެ ކަމެއްކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ދިވެހި ދައުލަތުގެ މިލްކިއްޔާތުތަކުގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމެއް، ވަކިފަރާތަކާ ހަވާލުކުރުމަކީ އެ ބިމުގެ ވެރިފަރާތަށް އެތަންތަނުގެ މިލްކުވެރިކަމުގެ ސަބަބުން އެތަންތަނުގެ މައްޗަށް ތަޞައްރުފުކުރުމަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއްނޫން ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ޝަރީއަތުގެ މަޖިލީހުގައި ތަނާޒުލްވެފައިވާ އެޙައްޤު އަލުން އެއިންފަރާތަކަށް ނުވަތަ އެއިންފަރާތެއްގެ ވާރިޘަކަށްވެސް ރުޖޫޢަވެވޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތް ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
- ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ޤަޟިއްޔާއެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަނީ ޢިލްތިމާސްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް، ޤާނޫނާއި ޚިލާފުތޯ ނުވަތަ އެ ޙުކުމްގައި، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ގޯހެއް ހެދިފައިވޭތޯ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/26
ދަޢުވާކުރާ ފަރާތް: މުއުމިނާ ޙަސަން
ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޢަބްދުﷲ
މައްސަލައިގެ ބާވަތް: މިލްކު ޘާބިތުކުރުން
[1]މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2009
ނިމުނު ތާރީޚް: 21 ޖޫން 2012
މައްސަލަ ނިންމި ގަޑި: 13:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު،
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2006/HC-A/28
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 02 ފެބްރުއަރީ 2006
ނިމުނު ތާރީޚް: 31 މެއި 2009
މައްސަލައިގެ ޚުލާޞާ
[2]މި ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާގެ ޙުކުމާ މެދު ހިތްހަމަނުޖެހިގެން ހ. ލޭޓެސްޓް މުއުމިނާ ޙަސަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ހ. ފެންނާގޭ އަޙްމަދު ޢަބްދުﷲ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާއަކީ ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ހ. ލޭޓެސްޓް މުއުމިނާ ޙަސަން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުގައި، މުއުމިނާ ޙަސަން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން، މުއުމިނާ ޙަސަންގެ ފަރާތުންނާއި، ދަޢުވާ ރައްދުވާ ފަރާތްކަމަށްވާ އަޙްމަދު ޢަބްދުﷲ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށާއި އުޞޫލްތަކުގެ މައްޗަށް ވިސްނާ ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
[4](ހ) ފުރަތަމަކަމަކީ، ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓް ނަންބަރު 4 އަށް ހުށަހެޅުނު އެކޯޓުގެ ނަންބަރު 337/JC-4/93 ޤަޟިއްޔާއަކީ، މ. ފެންނާގެއެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި އިންފާރުތަކުގެ މިލްކު ސާބިތުކުރުމަށް އެދި އަޙްމަދު ޢަބްދުﷲ ފެންފިޔާޒުގެ، ށ. މަރޮށި ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަމާއި އެ މައްސަލަ ހުށަހެޅުމާ ގުޅިގެން، ހ.ފެންނާގެއެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ މިލްކުވެރިކަމާ މެދު ދަޢުވާކުރާ އެހެން ފަރާތެއް ވޭތޯ ބެލުމަށް ރޭޑިޔޯއިން ކުރި އިޢުލާނާ ގުޅިގެން، ޛުލްފާ ޙަސަނާއި އާދަމް ސަލީމާއި މުއުމިނާ ހަސަނާއި އައިމިނަތު ހަސަނާއި މުޙައްމަދު މުޢާޛު ދަޢުވާކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[5](ށ) ދެވަނަކަމަކީ، ހ. ފެންނާގެއެވެ ކިޔާ ބަންޑާރަ ގޯތީގައި ދިރިއުޅެމުންއައީ ވިލިފުށީ ދޮންކޮއްކޮގެ ކުޑަޙުސައިން އާއި ކަރުކެހޭ ކުޑަކަނބުލޮގެ ދެމަފިރިންކަމާއި މި ދެމަފިރިން ދިރިއުޅެމުން އައީ ދަނޑިފަނުން ހަދައިފައި ހުރި ޢިމާރާތެއްގައި ކަމާއި މި ދެމަފިރިން ބެލުން ޝަރުތުކޮށް ހ. ފެންނާގޭގައި ހުރި ދަނޑިފަނުގެ ޢިމާރާތާއި ވަޅުފަދަތަންތަން މ. އޮނޯޑާ މުޙައްމަދު ޒާހިރަށް ދީފައިވާކަމާއި މި ދިންދިނުމަށްފަހު، އެ ދެމަފިރިންގެ ތެރެއިން ކުޑަޙުސައިން ނިޔާވެފައިވާކަމާއި ކުޑަޙުސައިން ނިޔާވުމަށްފަހު މުޙައްމަދު ޒާހިރު އެގޯތީގައި ޢިމާރާތެއް ހެދިކަމާއި އެ ޢިމާރާތް ވަނީ، މުޙައްމަދު ޒާހިރާއި ށ. މަރޮށީ ފެންފިޔާޒުގޭ އަޙްމަދު ޢަބްދުﷲ އާދެމެދު ލިޔެފައިވާ އެއްބަސްވުމެއްގެ ދަށުން -/000،225 ރ، (ދެލައްކަ ފަންސަވީސްހާސް) ރުފިޔާއަށް ށ. މަރޮށީ ފެންފިޔާޒުގޭ އަޙްމަދު ޢަބްދުﷲ އަށް ވިއްކާފައިކަމާއި، މ. އޮނޯޑާ މުޙައްމަދު ޒާހިރު ހެދި ޢިމާރާތް ތަޅާލުމަށްފަހު އެގޯތީގައި އަޙްމަދު ޢަބްދުﷲ ދިރިއުޅެން ފަށާފައިވަނީ އަލުން ޢިމާރާތެއް ހަދައިގެންކަން އެނގެން އޮންނަ އޮތުމެވެ.
[6](ނ) ތިންވަނަކަމަކީ، ހ. ފެންނާގެއެވެ ކިޔުނު ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މާލޭ މުނިސިޕަލްޓީން އަޙްމަދު ޢަބްދުﷲ އަށް 07 އޯގަސްޓް 1993 ގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާކަން މާލޭ މުނިސިޕަލްޓީން ހައްދަވާދެއްވާފައިވާ ނަންބަރު ބ. 9425 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީން އެނގެން އޮތްކަމާއި އަދި ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ބަންޑާރަ ބިން އަމިއްލަ ކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާ އަޙްމަދު ޢަބްދުﷲގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމަށްފަހު ހ. ފެންނާގެއެވެ ކިޔާ 3200 އަކަފޫޓުގެ ބަންޑާރަ ބިން އަމިއްލަ ކޮށްފައިވާކަމާ އަދި ބިން އަމިއްލަ ކުރުމާއި ގުޅިގެން އަޙްމަދު ޢަބްދުﷲގެ މައްޗަށް އަމިއްލަ ބިމެއްގެ ގޮތުގައި ހ. ފެންނާގެ ރަޖިސްޓަރީ ކޮށްދެއްވާފައިވާކަން މާލޭ މުނިސިޕަލްޓީ އިން ހައްދަވާފައިވާ ރަޖިސްޓްރީ ނަންބަރު އ. 4145 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން އެނގެން އޮންނަ ކަމެވެ.
[7](ރ) ހަތަރުވަނަކަމަކީ، ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ ހިނގި ދުވަސްވަރުވެސް އަދި އޭގެކުރިންވެސް ހ.ފެންނާގެ އާއި އެ ގޯތީގައިވާ ޢިމާރާތްތަކަކީ ހ.ފެންނާގެ ކުޑަޙުސައިނަށް ރަޖިސްޓްރީ ކޮށްދީފައިވާ ތަންތަން ކަމަށާއި މީހުން ދިރިއުޅެމުންދާ ތަންތަނާމެދު ދައުލަތަށް ތަޞައްރުފުކުރެވޭނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެފަދަ އެއްވެސް ހަމައެއްނެތި ހ.ފެންނާގޭގައި ޢިމާރާތްކޮށް ދިރިއުޅުމުގެ ހުއްދަ އަޙްމަދު ޢަބްދުﷲ އަށް މާލޭ މުނިސިޕަލްޓީން ދިންދިނުން އެއީ ދިރިއުޅުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިން އެހެން ފަރާތަކަށް މިލްކު ކުރުމުގެ ނުވަތަ ތަޞައްރުފުކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާގެ ހުކުމުގައި ކަނޑައަޅުއްވާފައި ވަނީ ރަގަޅަށް ނޫންކަމަށް ބުނެ މުއުމިނާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާކަމާއި މުއުމިނާ ޙަސަން އިލްތިމާސްކުރި މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވެނީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ބިމެއް ދިރިއުޅުމަށްޓަކައި ވަކިފަރާތަކާއި ހަވާލުކުރުމަކީ، އެތަނެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެފަރާތަކަށް، މިލްކުކޮށްދިނުން ނޫންކަމާއި ތަނެއް ހަވާލުކުރުމާއި ތަނެއް މިލްކުކޮށްދިނުމަކީ ތަފާތު ދެ ޙައިޘިއްޔަތު ލިބިގެންވާ ތަފާތު ދެ ކަމެއްކަމާއި ދިވެހި ދައުލަތުގެ މިލްކިއްޔާތުތަކުގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމެއް، ވަކިފަރާތަކާ ހަވާލުކުރުމަކީ އެ ބިމުގެ ވެރިފަރާތަށް އެތަންތަނުގެ މިލްކުވެރިކަމުގެ ސަބަބުން އެތަންތަނުގެ މައްޗަށް ތަޞައްރުފުކުރުމަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއްނޫން ކަމެވެ.
[8](ބ) ފަސްވަނަކަމަކީ، ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 85/JC-4/120 ޤަޟިއްޔާއަށް ބަލާއިރު، އެ މައްސަލައަކީ، ހ.ފެންނާގެ ވިލިފުށީ ދޮންކޮއްކޮގެ ކުޑަ ޙުސައިން ނިޔާވުމާ ގުޅިގެން އޭނާގެ ތަރިކައިގެ މައްސަލަ ހަމަޖައްސައިދިނުމަށް އެދި ކުޑަ ޙުސައިންގެ އަނބި ކަރުކެހޭ ކުޑަކަނބުލޮ ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި ކުޑަ ޙުސައިން ނިޔާވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ތިބީ އޭނާގެ އަނބި ކަރުކެހޭ ކުޑަކަނބުލޮ އާއި ކުޑަ ޙުސައިންގެ އަޚް ހ. ލޭޓެސްޓް ޙަސަން އާދަމް (ވިލިފުށީ ތުއްތު) އާ ދެމީހުން ކަމާއި މިދެމީހުންވެސް ކުރީގެ ކޯޓް ނަންބަރު 4 ގެ ޝަރީޢަތުގެ މަޖިލީހުގައި، މުޙައްމަދު ޒާހިރު ހ.ފެންނާގޭގައި ހަދާފައިވާ ޢިމާރާތް މުޙައްމަދު ޒާހިރަށް، ދޫކޮށްލާފައިވާކަން ކުރީގެ ކޯޓް ނަންބަރު 4 ގެ ނަންބަރު 85/JC-4/120 ޤާޟިއްޔާގެ ޝަރިޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމުން އެ ދެފަރާތުންމެ ޝަރީއަތުގެ މަޖިލީހުގައި ތަނާޒުލްވެފައިވާ އެޙައްޤު އަލުން އެއިންފަރާތަކަށް ނުވަތަ އެއިންފަރާތެއްގެ ވާރިޘަކަށްވެސް ރުޖޫޢަވެވޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތް ކަމެވެ.
[9](ޅ) ހަވަނަކަމަކީ، ކުރީގެ ކޯޓު ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ އަކީ ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 6 ގެ 252 ވަނަ މާއްދާގައި ބުނެފައިވާ ގޮތާ ޚިލާފަށް ނިންމަވާފައިވާ މައްސަލައެއް ކަމަށާ އަދި ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ އެ މާއްދާގައި ބުނެފައިވާ ގޮތް އިތުރަށް އޮޅޭގޮތަށް މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވާކަމަށް ބުނެ މުއުމިނާ ޙަސަންގެ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން، މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެލިއިރު، އެ މާއްދާގައި ބުނަނީ: "ސަރުކާރުގެ ޤަވާޢިދުތައް ހަމަޖެހިފައިވާ ގޮތުން ބަންޑާރަ ގޯއްޗެއް ޙަވާލުކުރެވިފައިވާ ފަރާތްފިޔަވައި އެހެން ފަރާތަކުން އެ ގޯއްޗެއްގައި ޢިމާރާތްކޮށްފައިވާކަމަށް ސާބިތުވިއަސް އެއީ ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ މިލްކުވެރިކަން ސާބިތުކޮށްނުދިނުން" މިހެން ކަމާއި ނަމަވެސް، މި މާއްދާއަށާއި މައްސަލައިގެ އޮތް ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ކުރެވެނީ ހ. ފެންނާގެއަކީ އަޙްމަދު ޢަބްދުﷲގެ މައްޗަށް ބިމުގެ ވެރިފަރާތުން ރަޖިސްޓަރީ ކޮށްދެއްވާފައިވާ ގޯއްޗެއްކަން އެނގެން އޮތުމާ އަދި އެގޯތީގައި ޢިމާރާތްކޮށްގެން ދިރިއުޅުމުގެ ހުއްދަ ބިމުގެ ވެރިފަރާތުން އަޙްމަދު ޢަބްދުﷲ އަށް ދީފައިވަނީ ހ. ފެންނާގެއަށް ރަޖިސްޓަރީއެއް ހެދިފައިވާނަމަ އެ ރަޖިސްޓަރީއެއް ބާޠިލްކުރެއްވުމަށްފަހު އާ ރަޖިސްޓަރީ އެއް ހަދައިދިނުމަށް ފަހުގައި ކަމަށްވާތީ ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު 6 ގެ 252 ވަނަ މާއްދާއަކީ ހ. ފެންނާގެއެވެ ކިޔުނުގޯތީގެ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި ޙާލަތަށް ފެތޭ މާއްދާއެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމެވެ.
[10](ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ޤަޟިއްޔާއެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަނީ ޢިލްތިމާސްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް، ޤާނޫނާއި ޚިލާފުތޯ ނުވަތަ އެ ޙުކުމްގައި، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ގޯހެއް ހެދިފައިވޭތޯކަމާއި، މިގޮތުގެ މަތިން މި މައްސަލަ ބެލި ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްގައި ޤާނޫނާ ޚިލާފުކަމެއް އޮތްކަމަށް ފާހަގަނުކުރެވޭކަމެވެ.
ޙުކުމް:
[11]އިސްވެ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކުރީގެ ކޯޓު ނަންބަރު 4 ގެ ނަންބަރު 337/JC-4/93 ޤަޟިއްޔާ ނިންމަވާފައިވާގޮތަށް ބަދަލެއް ގެނެވިދާފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއްނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/28 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފުކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
- ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ބަންޑާރަ ގޯތި އަމިއްލަ ކުރުމާބެހޭ ޤަވާޢިދު
- ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 6 ގެ 252 ވަނަ މާއްދާ
- 85/JC-4/120
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 އޮގަސްޓް 2009 · ރަޖިސްޓްރީކުރީ 13 އޮގަސްޓް 2009 · ނިމުނީ 21 ޖޫން 2012 (34.3 މަސް)