ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 60
މުޢާޛު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، [2024] SC 60 (2024/SC-A/44)
Muaazu Ali v. Prosecutor General's Office [2024] SC 60 (2024/SC-A/44, Supreme Court of the Maldives, 28 November 2024)
މުޢާޛު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ފޮޓޯ އަދި އަޑުގެ ސާމްޕަލް ދިނުމަށް ކްރިމިނަލް ކޯޓުން ދެ އަމުރު ނެރުނެވެ. 48 (ނ) ގެ އިސްތިސްނާއަކީ ކޮންމެ ފަހަރަކު ސާމްޕަލަކަށް ހައްޔަރުކުރުން ލާޒިމުކުރާ ކަމެއް ނޫންކަމަށާއި، އެހެން ހެކި ހުރިނަމަ 49 (ނ) ގެ ދަށުން ސާމްޕަލް ދޭންޖެހޭނެ ކަމަށް ބުނެ ހައިކޯޓުން އަޣުލަބިއްޔަތުން އަމުރުތަކަށް ތާއީދުކުރިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފަކު ކަމަށްވާ މުޢާޛު ޢަލީ ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި އޭސީސީން ތަޙުޤީޤުކުރަމުން ދަނިކޮށް، އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ބޭނުންކޮށް ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ދިނުމަށް އިންކާރުކުރިއެވެ. އޭނާ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައެއް ނުވެއެވެ.
48 (ނ) ގެ ދަށުން ކޯޓު އަމުރުގެ އިޖުރާއަތު ކަނޑައެޅިފައިވަނީ ހައްޔަރުކުރެވޭ ހާލަތަށް އެކަނި ކަމަށް މުޢާޛު ޢަލީ ބުންޏެވެ. ހައްޔަރު ނުކޮށް ސާމްޕަލް ނެގުމާބެހޭ ސީދާ މާއްދާއެއް ނެތީތީ އެންމެ ގާތް މާއްދާއަކީ 48 (ނ) ކަމަށާއި، 49 (ނ) އިން އެކަން ކުރަން އެންގިދާނެކަން ސާފުވާ ކަމަށް ދައުލަތުން ބުންޏެވެ.
މައިގަނޑު ސުވާލު
ހައްޔަރުކޮށްފައި ނުވާ އަދި ބަންދުގައި ނުވާ، ކުށެއްގެ ތުހުމަތުގައިވާ މީހަކު ސާމްޕަލް ދިނުމަށް އިންކާރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ނުވަތަ 49 ވަނަ މާއްދާގެ ދަށުން އޭނާގެ ފޮޓޯ އަދި އަޑުގެ ސާމްޕަލް ނެގުމަށް މަޖުބޫރުކުރާ ކޯޓު އަމުރެއް ނެރެވިދާނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުމާއި ކްރިމިނަލް ކޯޓުގެ ދެ އަމުރު ބާޠިލު
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 48 (ނ) އިން ކޯޓު އަމުރު ހުއްދަކުރަނީ ހައްޔަރުކުރެވޭ މީހާގެ ސާމްޕަލަށް އެކަނި ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާއިން ލިބޭ ނަތީޖާއަކީ ޝަރީޢަތުގައި ނެގަޓިވް އިންފަރެންސް ނެގުމުގެ ފުރުޞަތު ކަމަށާއި، ޤާނޫނުން ބާރު ނުދޭ ކަމެއްގައި ކޯޓު އަމުރެއް ނުނެރެވޭނެ ކަމަށް ބުނެ އަމުރުތައް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއަކީ ތަޙުޤީޤު މަރުޙަލާގައި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ބޭނުންކުރެވޭނެ ގޮތް ބަޔާންކުރާ މާއްދާއެކެވެ؛ މާއްދީ ހެއްކެއް ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށް އޮތް ހަމައެކަނި ގޮތަކީ އޭނާގެ ސާމްޕަލް ނެގުން ނަމަ، އެ ހާލަތުގައި ސާމްޕަލް ނުދިނުމަކީ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ (48 (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16، 20)
- ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ ކޯޓު އަމުރެއްގެ ދަށުން އެ ސާމްޕަލް ހޯދިދާނެއެވެ (48 (ނ))، އަދި އަމުރު ތަންފީޛުކުރުމަށް އެންމެ ކުޑަ މިންވަރުގެ ބާރު ފުލުހުންނަށް ބޭނުންކުރެވިދާނެއެވެ (48 (ރ)). ބަންދުގައިވާ މީހެއްގެ ބައެއް ސާމްޕަލް ރުހުމެއް ނެތިވެސް ނެގުން 55 އަދި 56 ވަނަ މާއްދާއިން ހުއްދަކުރި ނަމަވެސް، އެއީ މުޠުލަޤު ބާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18، 28-29)
- ހައްޔަރުކޮށްފައި ނުވާ ނުވަތަ ބަންދުގައި ނުވާ ތުހުމަތުކުރެވޭ މީހެއްގެ ސާމްޕަލް ނެގޭނީ އޭނާގެ ރުހުމާއެކުގައެވެ؛ ރުހުން ނުދޭ ހާލަތުގައި ސާމްޕަލް މަޖުބޫރުން ހޯދުމަށް 48 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ނެރެވޭކަށް ނެތެވެ. 48 ވަނަ މާއްދާގެ (ނ) ގައި ހައްޔަރުކުރެވޭ މީހުންގެ ވާހަކަ އެކަނި ބަޔާންކޮށްފައިވަނީ އޮޅުމަކުން ނޫނެވެ؛ އަދި ހަމައެކަނި ސާމްޕަލެއް ހޯދުމަށް މީހަކު ހައްޔަރުކުރުމުގެ އެކަށީގެންވާ ސަބަބު ނުވަތަ ޕްރޮބަބްލް ކޯޒް ދެއްކުމުގެ ފުރުޞަތު ހަނިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-32، 38، 46)
- 48 ވަނަ މާއްދާގެ (ށ) ގައިވާ "ހަމައެކަނި ގޮތަކީ" ގެ މާނައަކީ، މައްސަލައެއްގައިވާ ކޮންމެ މާއްދީ ހެއްކެއް ވަކިވަކިން ތުހުމަތުކުރެވޭ މީހާއާ އެހެން ގޮތަކަށް ގުޅިފައި ނެތްނަމަ ސާމްޕަލް ނުދިނުން ހުއްދަވުން ނޫނެވެ (އެގޮތަށް މާނަކުރުމަކީ 2 ވަނަ މާއްދާގެ (ހ) ގެ މަޤުޞަދާ ޚިލާފު ކަމެކެވެ)؛ ކުށް ކުރިކަމަށް ތުހުމަތުކުރެވޭވަރުގެ އެހެން ހެކި ހުރިނަމަ އިންކާރުކުރުމަކީ 48 (ށ) ގެ ދަށަށް ފެތޭ ހާލަތެއް ނޫނެވެ. 48 (ށ) ހިމާޔަތްކޮށްދެނީ ހަމައެކަނި ޝައްކެއްގައިވާ، ކުށާ ގުޅުވާލެވޭ އިތުރު ހެއްކެއް ނެތް މީހާއެވެ؛ އެ ހާލަތުގައި ސާމްޕަލް ނުދިނުމުން "ނެގަޓިވް އިންފަރެންސް" އެއް ނުނެގޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-37)
- 49 ވަނަ މާއްދާގައި ލިސްޓުކޮށްފައިވަނީ ހަނުހުރުމާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާއިން ބޭރުގައިވާ ކަންކަމެވެ؛ 48 (ށ) ގެ ހާލަތު ނުދެއްކޭ ހިނދު (އެހެން ހެކި ހުރިނަމަ) ތަޙުޤީޤުގައި ސާމްޕަލް ނުދިނުމަށް ޤާނޫނީ ޢުޛުރެއް ނެތެވެ. ނަމަވެސް 49 ވަނަ މާއްދާއިން ސާމްޕަލް ދިނުމަށް މަޖުބޫރުކުރާ ކޯޓު އަމުރެއް ނެރުމުގެ ބާރެއް ނުލިބެއެވެ؛ ހައްޔަރު ނުވަތަ ބަންދު ނުކުރާ މީހަކަށް ތަޠުބީޤުކުރާއިރު އޭގެ ނަތީޖާއަކީ، އެއްބާރުލުން ދިނުމަށް ބާރުއެޅުމާއި، ދަޢުވާ އުފުލައިފިނަމަ އިންކާރުކުރިކަން ވާޤިޢާއެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅައި ނެގަޓިވް އިންފަރެންސް ނެގުމުގެ ފުރުޞަތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-43)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަންކުރަންވާ ގޮތް ވަކި ގޮތަކަށް ތަޞައްވުރުކޮށްފައިވާއިރު، ޤާނޫނުން ބާރު ނުދޭ ކަމެއްގައި ތަޙުޤީޤުގެ ބޭނުމަށްޓަކައިވެސް ކޯޓު އަމުރެއް ނެރެވޭކަށް ނެތެވެ؛ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 47 ވަނަ މާއްދާ ހަވާލާދެނީ ޤާނޫނުގައި ކޯޓު އަމުރު ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-47)
- ދަޢުވާ އުފުލައިފިނަމަ، ތަޙުޤީޤުގައި ސާމްޕަލް ދިނުމަށް އިންކާރުކުރުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ ޢުޛުރެއްތޯ ކަނޑައަޅާނީ އެ މައްސަލައިގެ ޝަރީޢަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 60 2024/SC-A/44 ޝަރީޢަތް ނިމުނުގޮތް މުޢާޛު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 28 ނޮވެމްބަރ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2024/HC-B12/47,48 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލް މުޢާޛު ޢަލީ، ހ. ނިއުހެޕިނަސް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިހް
ޕަބްލިކް ޕްރޮސިކިއުޓަރ ޙުސައިން ސާމީ ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް އެލްއެލްޕީ ކޯޓު އަމުރު، ހަށިގަނޑުން ބޭރުން ސާމްޕަލްނެގުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ އާއި 49 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ކްރިމިނަލް ކޯޓުގެ އަމުރުތައް 2
ހައިކޯޓުން މައްސަލަ ނިންމިގޮތް 3
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ 5
ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ 6
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ 6
ހަނުހުރުމާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ކަންކަން 9
ބަންދުގައިވާ މީހާ 11
ތުހުމަތު ކުރެވޭ މީހާގެ ނުރުހުމުގައި ސާމްޕަލް ނެގުން 11
ދައުލަތުގެ ފަރާތުން ހަވާލާދޭ އެހެނިހެން މާއްދާތައް 16
ހުށަހެޅިފައިމިވާ މައްސަލަ 17
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 18
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 18
ޙުކުމް 18
` މުޢާޛު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2024] SC 60 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/47,48 ނަންބަރު ގަޒިއްޔާ ނިންމާފައިވާ ގޮތް ޤާނޫނީ އުސޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ ފަރާތުން އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2މުޢާޛު ޢަލީގެ މައްޗަށް ރިޝްވަތަށް އެދުނުކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އެގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާގައި ހުރެ، މުޢާޛު ޢަލީ އެ އޮފީހުން ބަލަމުން ދިޔަ މައްސަލައެއްގައި އެކިއުޓް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ފަހިވާގޮތަށް އެ މައްސަލަ ނިންމުމަށްޓަކައި، އެކިއުޓް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ރިޝްވަތަށް އެދިފައިވާކަމުގެ ތުހުމަތުކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (މީގެ ފަހުން "އޭސީސީ") އިން މައްސަލައެއް ތަޙުޤީޤު ކުރަމުންދެއެވެ.
3މި މައްސަލައިގެ ތަޙުޤީޤުގައި މުޢާޛު ޢަލީގެ އޯޑިއޯ އަދި ފޮޓޯ ސާމްޕަލް ނަގަން އޭސީސީއިން އެދުމުން، އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ބޭނުންކުރާކަމަށް ބުނެ، ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ދިނުމަށް މުޢާޛު ޢަލީ އިންކާރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން، މުޢާޛު ޢަލީގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ނެގުމަށް ކޯޓު އަމުރަކަށް އެދި އޭސީސީއިން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.1
ކްރިމިނަލް ކޯޓުގެ އަމުރުތައް
4ކްރިމިނަލް ކޯޓުގެ 145-J/JSA/2024/38 ނަންބަރު ކޯޓު އަމުރުގެ ދަށުން މުޢާޛު ޢަލީގެ ހަށިގަނޑުގެ ބޭރުފުށުން ފޮޓޯ ނަގަން ދިނުމަށް މުޢާޛު ޢަލީގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އަދި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރުގެ ދަށުން، މުޢާޛު ޢަލީގެ އަޑުގެ ސާމްޕަލް ނެގުމަށް ދިވެހި ފުލުހުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށް މުޢާޛު ޢަލީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
5މި ދެ އަމުރަކީވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ2 48 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ދެ އަމުރެވެ. އަދި ދެ އަމުރުވެސް ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަން ހޯދަން ބޭނުންވެއްޖެނަމަ، އެފަދަ އެހީތެރިކަމެއް ހޯދުމުގެ ހުރަހެއް ނުވާކަމަށް އެ އަމުރުތަކުގައި ބަޔާންކޮށްފައިވެއެވެ.
6މުޢާޛު ޢަލީގެ ފަރާތުން މި ދެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރު ބަލާފައިވަނީ ހައިކޯޓުގެ 2024/HC-B12/47 ނަންބަރު ގަޒިއްޔާގައެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު އިސްތިއުނާފު ކުރުމުން ބަލާފައިވަނީ ހައިކޯޓުގެ 2024/HC-B12/48ނަންބަރު ގަޒިއްޔާގައެވެ. މި ދެ ގަޒިއްޔާއަކީ އެއް މައުލޫއެއްގެ އަދި އެއް ޤާނޫނީ ނުކުތާތަކެއްގެ މައްޗަށް ބިނާވި ދެ މައްސަލަ ކަމަށްވާތީ ހައިކޯޓުން މި ދެ މައްސަލަ ބަލާފައިވަނީ އެކުއެކީގައެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
7ހައިކޯޓުގައި މުޢާޛު ޢަލީގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ މުޢާޛު ޢަލީއަކީ ހައްޔަރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކެއް އޭނާގެ މައްޗަށް ހިންގައި، ކްރިމިނަލް ކޯޓުގެ މި ދެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤު ކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ3 164 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.
8ހައިކޯޓުގެ އަޣުލަބިއްޔަތުން4 ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ މި ދެ އަމުރު ބާޠިލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. މިގޮތަށް ހައިކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
8.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއް" ކަމަށް ބަޔާންކޮށް ޢާންމު އުޞޫލަށް ގެނެސްފައިވާ އިސްތިސްނާއަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އިންކާރުކުރާ ޙާލަތުގައި، އޭނާގެ ދުސްތޫރީ ޙައްޤު ހަނިކުރުމަށް ކޯޓު އަމުރެއް މެދުވެރިކޮށް ހުއްދައެއް ހޯދަންޖެހޭ އިޖުރާއަތެއްގެ ގޮތުގައިކަމަށާއި، އެއީ ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކޮށް ބަންދުކުރެވޭ ޙާލަތުގައި ލިބިދެވޭ މި ދުސްތޫރީ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން ލެވޭ އިތުރު ފަށަލައެއްގެ ގޮތުންކަމަށާއި، ވީމާ، އެ އިސްތިސްނާގެ ބޭނުމަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުނުކޮށް ހުރި މީހެއްގެ ކިބައިން ސާމްޕަލެއް ހޯދަންޖެހޭ ކޮންމެ ފަހަރަކު އޭނާ ހައްޔަރުކޮށް ބަންދު ކުރުން ކަމުގައި މާނަ ކުރެވިދާނެ ކަމަކަށް ނުދެކޭކަން.
8.2 މުޢާޛު ޢަލީގެ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ ކަމާއި، މާއްދީ ހެއްކާއި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވޭނެ އެހެން ގޮތެއް އޮތްނަމަ، 49 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހޭނެކަމަށާއި، އެ ޙާލަތުގައި އެއީ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން.
8.3 ހޯދިފައިވާ މާއްދީ ހެއްކާއި މުޢާޛު ޢަލީ އާ ގުޅުވާލެވޭނެ އެހެން ހެކިތައް ހުރިނަމަ، ކުރިން ދީފައިވާ ހަނުހުރުމުގެ ޙައްޤު އެއްފަރާތްކޮށް، މުޢާޛު ޢަލީގެ ސާމްޕަލް ދިނުމަށް އެންގުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށާއި، އަދި މުޢާޛު ޢަލީ ސާމްޕަލް ދިނުމަށް އިންކާރު ކޮށްފިނަމަ، ކޯޓު އަމުރެއް މެދުވެރިކޮށް، އެފަދަ ސާމްޕަލް ހޯދޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އިން އެނގޭކަމާއި، މި މައްސަލައިގައި ހުށަހަޅާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓަށާއި، ވީޑިއޯ އަށް ބަލާއިރު، މާއްދީ ހެއްކާގުޅުވާލެވޭ ހަމައެކަނި ގޮތަކީ މުޢާޛު ޢަލީގެ ސާމްޕަލް ނެގުން ނޫންކަން.
9ތަފާތުވި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔުގައި، އެ މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްޗަށް ބާރުލިބިދޭ އެއްވެސް އިތުރު ހެއްކެއް ނެތް ހާލަތެއްގައި، އެމީހެއްގެ އަތުން އެމީހަކާ ދެކޮޅަށް ހެކި ހޯދުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) މަނާކޮށްފައިވާ، އަދި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެއްކަމަށެވެ. އަދި އެހާލަތުގައި ހޯދާ ހެއްކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ހެއްކެއް ކަމުގައި ބަލަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ، މުޢާޛު ޢަލީގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން އިތުރު ހެއްކެއް ހުށަހެޅިފައިނެތި، މުޢާޛު ޢަލީގެ މައްޗަށް ސާމްޕަލް ދިނުމުގެ އަމުރެއް ކޯޓުން ނެރެވިދާނެ ކަމުގައި ނުފެންނަކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އިސްތިއުނާފުކުރެވުނު މި ދެ އަމުރު ބާޠިލު ކުރަންޖެހޭކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
10ހައިކޯޓުގެ 2024/HC-B12/47,48 ނަންބަރު ގަޒިއްޔާ ނިންމާފައިވާގޮތް ޤާނޫނާ އެއްގޮތް ނުވާކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޢާޛު ޢަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަމުން ފާހަގަކުރި ނުކުތާއަކީ، މުޢާޛު ޢަލީއަކީ ކުށުގެ ތުހުމަތުގައި ހައްޔަކުރެވުނު ފަރާތަކަށް ނުވާއިރު، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓު އަމުރު ނެރުމުގައި އިޖުރާއަތެއް ކަނޑައެޅިފައިވަނީ ހައްޔަރުކުރެވޭ ހާލަތުގައި އެކަނިކަން އެ މާއްދާގެ ނައްސުން އެނގޭއިރު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި، ހައްޔަރު ނުކުރެވޭ ފަރާތެއްގެ މައްޗަށްވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން އަމުރެއް ނެރެވިދާނެކަމަށް ނިންމާފައިވަނީ އެ މާއްދާއާ ޚިލާފަށް ކަމަށެވެ.
11މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ މީހަކު ހައްޔަރު ނުކޮށް ނުވަތަ ބަންދު ނުކޮށް ހަށިގަނޑުން ބޭރުގެ ސާމްޕަލް ނެގުމަށް އަމުރު ހޯދުމާބެހޭ ސީދާ މާއްދާއެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތިން ހާލަތެއް ތަސައްވުރުކުރާ ކަމަށާއި، އެއީ ތުހުމަތުގައިވާ މީހާއާ މެދު ޢަމަލުކުރެވޭ ގޮތާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއާ މެދު ޢަމަލުކުރެވޭ ގޮތާއި އަދި ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާއާ މެދު ޢަމަލުކުރެވޭ ގޮތްކަމަށެވެ. ނަމަވެސް 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް ފިޔަވައި އެނޫން ހާލަތުގައިވާ ތުހުމަތު ކުރެވޭ މީހާގެ ސާމްޕަލް ހޯދޭނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތްކަމަށެވެ. ނަމަވެސް އެކަންކުރަން އެންގިދާނެކަން 49 ވަނަ މާއްދާގެ (ނ) އިން ސާފުވާ ކަމަށެވެ. ރުހުމުގައި ސާމްޕަލް ނެގިދާނެކަން ސާފުވާއިރު، ނުރުހުމުގައި އެކަންކުރެވިދާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުން، އެކަމާ އެންމެ ގާތްކުރާ ގުޅުންހުރި މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
12މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭ މައިގަނޑު ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް، ހައްޔަރު ނުކުރެވޭ ނުވަތަ ބަންދުގައި ނުވާ މީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެވިދާނެތޯއެވެ.
13ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ ދާއިރާގެ ތެރޭގައި ފޮޓޯ އަދި އަޑުގެ ސާމްޕަލް ހިމެނިދާނެކަން ނުވަތަ ނޫންކަމާ މެދު މި މައްސަލައިގެ އެއްވެސް ފަރާތަކުން ބަހުސެއް އުފައްދާފައިނުވާތީ، އެކަމާމެދު ވަކި ގޮތެއް މި ގަޒިއްޔާގައި ކަނޑައަޅާފައިނުވާނެއެވެ. އަދި މި ގަޒިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ދެ މާއްދާއަށް ހަވާލާދީފައިވާނީ ހައްޔަރު އަދި ބަންދު ނުކުރެވޭ ތުހުމަތުގައިވާ މީހާ، އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް ދިނުމާ ގުޅޭ ގޮތުން އެކަންޏެވެ.5
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ
14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ފަސްވަނަ ބާބުގައި ބަޔާންކުރަނީ މީހުން ހުއްޓުވައި، ބަލައި ފާސްކުރުމާއި ހައްޔަރުކުރުމާ ގުޅޭ ކަންކަމެވެ. އެ ބާބުގައި ހިމެނޭ 48 ވަނަ މާއްދާގައި ބަޔާންކުރަނީ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤެވެ. އެ މާއްދާ ތިރީގައި އެވަނީ ނަކަލު ކުރެވިފައެވެ.
48(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ޙާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ޤާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޛުކުރުމަށް އެއްބާރުލުން ނުދޭ ޙާލަތްތަކުގައި، އެ އަމުރު ތަންފީޛުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ޙާލަތުގައި، އެ އަކުރުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް މި ޤާނޫނުގައި ބަޔާންވެގެންވާ ޙާލަތްތަކުގައި އަދި މި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި އެފަދައިން ހޯދާ ބަޔާން، ޝަރީޢަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި، އެފަދަ ބަޔާނެއް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ.
15. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްވެސް އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު (right against self-incrimination) ލިބިގެން ވާކަމަށެވެ.
16. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދިނުމަށް ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް އިންކާރު ކުރެވިދާނެ ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ތުހުމަތު ކުރެވޭ މީހާއާ ގުޅުވުމަށްޓަކައި އޭނާގެ ސާމްޕަލް ނަގައިގެން ކަމުގައިވާނަމައެވެ. އެ ހާލަތުގައި ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހެދުމަކީ އަމިއްލަ ނަފުސާ ދެކޮޅަށް އޭނާ ބަޔާން ނުދިނުންކަމަށް އެ އަކުރުގައި ބަޔާންކޮށްފައިވެއެވެ.
17. ނަމަވެސް، ތުހުމަތު ކުރެވޭ މީހާއަކީ ހައްޔަރުކުރެވިފައިވާ މީހެއްނަމަ، 48 ވަނަ މާއްދާގެ (ށ) ގައިވާ އުސޫލު ނުހިނގައެވެ. މިކަން ބަޔާންކޮށްފައިވަނީ 48 ވަނަ މާއްދާގެ (ނ) ގައެވެ. އެ އަކުރުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން އެފަދަ ސާމްޕަލެއް ހޯދިދާނެއެވެ. އަދި އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައިވެސް އެ ސާމްޕަލް ބޭނުންކުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހުރަހެއް ނާޅައެވެ.
18. 48 ވަނަ މާއްދާގެ (ރ) ގައި ބުނަނީ އެ މާއްދާގެ (ނ) ގައި ބުނާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ކޯޓު އަމުރެއް ހޯދައިގެންވެސް، އޭނާ އެއްބާރުލުން ނުދީފިނަމަ، އެ އަމުރު ތަންފީޒު ކުރުމަށް އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
19. އަދި 48 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ އެ އަކުރުގެ (ށ) ގައިވާ ހާލަތެއްގައި މީހެއްގެ ސާމްޕަލް ނެގުން ލާޒިމު ކުރުވުމަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ތުހުމަތު ކުރެވޭ މީހާގެ ބަޔާން މަޖުބޫރުން ހޯދި ހާލަތެއް ކަމުގައި ބެލެވޭނެކަމަށެވެ. އަދި އެފަދަ ހެއްކެއް ޝަރީޢަތަށްވެސް ހުށަހަޅައި، ބަލައިނުގަނެވޭނެކަމަށެވެ.
20. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ޖުމްލަކޮށް ބަލާއިރު، އެ މާއްދާއަކީ ތަހުޤީޤު މަރުހަލާގައި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ބޭނުންކުރެވޭނެ ގޮތްބަޔާންކުރާ މާއްދާއެއް ކަމުގައި ދެކެމެވެ. އަދި މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ކުށުގެ ތުހުމަތުގައިވާ މީހާއާ ގުޅުވުމަށްޓަކައި އޭނާގެ ސާމްޕަލް ނެގުންކަމުގައިވާނަމަ، އެ ހާލަތުގައި ސާމްޕަލް ދިނުމަކީ އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށްދެވޭ ބަޔާނެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ހަނުހުރުމާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ކަންކަން
21. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަހުޤީޤު މަރުހަލާގައި އާއި ޝަރީޢަތުގެ މަރުހަލާގައި ހަނުހުރުމާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައިނުވާ ކަންކަން ބަޔާންކޮށްފައިވަނީ 49 ވަނަ މާއްދާގައެވެ. މި މާއްދާގައިވާ ކަންކަން އަކުރުން އަކުރަށް ނަކަލު ނުކުރިނަމަވެސް، ޖުމްލަކޮށް 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ކުރެވޭ ސުވާލަކަށް ދެވޭ ޖަވާބަކުން އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިނުވާ ހާލަތުގައި، ސުވާލަކަށް ދެވޭ ޖަވާބަކީ އޭނާ ލަދުގަންނަ ނުވަތަ ދިރިއުޅުމުގެ ދަތިތަކެއް ކުރިމަތިވެދާނެ ނުވަތަ އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެދާނެ ކަމެއް ކަމުގައިވިނަމަވެސް، އެ ސުވާލަށް ޖަވާބު ނުދިނުމަކީ ހަނުހުރުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.
22. 49 ވަނަ މާއްދާގެ (ށ) ގައި ޖުމްލަކޮށް ބުނަނީ އޭނާ ކުރިން ކުރި ކުށަކާމެދު ސުވާލުކޮށްފިނަމަ، ހަނުހުރުމުގެ ހައްޤު އެ ހާލަތުގައިވެސް ވުޖޫދުނުވާކަމަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުވެ ނިމިފައިވާ ކަމަށްޓަކައި، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ ދަށުން ދެވަނަ ފަހަރަށް އެ ކުށަށް އޭނާއަށް އަދަބު ނުދެވޭނެތީއެވެ.
23. 49 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެނޫން ހާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށެވެ.
24. 49 ވަނަ މާއްދާގެ (ނ) އިން ނެރެވޭ މާނައަކީ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް އެހެން ހެކި ހުރި ހާލަތުގައި، އޭނާ ސާމްޕަލެއް ދޭން އިންކާރު ކޮށްފިނަމަ، އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުން، ދިފާއުއެއް ގޮތުގައި އޭނާއަށް ފަހުން ބޭނުމެއް ނުކުރެވޭނެކަމެވެ.
25. 49 ވަނަ މާއްދާގެ (ރ) ގައި ޖުމްލަކޮށް ބަޔާންކޮށްފައިވަނީ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާގެ ބޭރުން، ވަކި އެއްޗެއް އޮތް ތަނެއް، ނުވަތަ ވަކި އެއްޗެއް ހުޅުވޭނެ ގޮތް، ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވޯޑެއް، ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެ ނުދިނުމަކީ، ހަނުހުރުމުގެ ޙައްޤު ނުވަތަ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށެވެ.
26. 49 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ނުވާ ގޮތުން، މީހެއްގެ އިނގިލީގެ ނިޝާނެއް ނުވަތަ އަޑުގެ ރެކޯޑިންގއެއް ނުވަތަ އިސްތަށީގެ ނުވަތަ ޑީއެންއޭ ސާމްޕަލެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއި ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ އެކްސްރޭއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން އެކަން ކުރަންޖެހުމަކީ، ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ނުވަތަ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.
27. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރަނީ ހަނުހުރުމާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ އިންތަކެވެ. މާނައަކީ، ތަހުޤީޤު މަރުހަލާގައި ހިނގާ ކަންކަން އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭނަމަ، ހަނުހުރުމުގެ ޙައްޤު ނުވަތަ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ޤާނޫނީ ޢުޒުރެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހާއަށް ބޭނުމެއް ނުކުރެވޭނެއެވެ.
ބަންދުގައިވާ މީހާ
28. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުމާ ގުޅޭ ތަފްސީލު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހައްޔަރުކޮށް، ބަންދުގައި ހުންނަ މީހާގެ ބައެއް ކަހަލަ ސާމްޕަލް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދެވިފައިވާއިރު، ކޯޓު އަމުރެއް އޮވެގެން މެނުވީ ނުނެގޭނެ ބާވަތުގެ ސާމްޕަލްތައް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
29. ތުހުމަތު ކުރެވޭ މީހާ އާއި ހައްޔަރު ކުރެވިފައިވާ މީހާއާއި ބަންދުގައިވާ މީހާ އަޅައިކިޔާއިރު، ބަންދުގައިވާ މީހާގެ ރުހުމެއް ނެތިވެސް ބައެއް ކަހަލަ ސާމްޕަލް ނެގުން 55 ވަނަ މާއްދާގައާއި 56 ވަނަ މާއްދާއިން ހުއްދަކުރެއެވެ. ނަމަވެސް މިއީވެސް ފުލުހުންނަށް ލިބިދެވިފައިވާ މުޠުލަގު ބާރެއް ނޫންކަން އެނގެއެވެ. ބުނެވިދިޔަ މާއްދާތަކުގައި ބަންދުގައިވާ މީހާގެ ޙައްޤުތަކެއްވެސް ބަޔާންކޮށްފައިވެއެވެ. މިސާލަކަށް، ބަންދުގައިވާ މީހެއްގެ "އިންޓިމޭޓް ސާމްޕަލް" (intimate sample) ނެގޭނެ ގޮތާއި ހާލަތް ޤާނޫނުގައި ތަފްސީލުކޮށްފައިވެއެވެ.
ތުހުމަތު ކުރެވޭ މީހާގެ ނުރުހުމުގައި ސާމްޕަލް ނެގުން
30. ހައްޔަރުކޮށްފައިނުވާ ނުވަތަ ބަންދު ކޮށްފައިނުވާ، ތުހުމަތު ކުރެވޭ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދާނީ ކިހިނެތް ހެއްޔެވެ؟
31. މި މައްސަލައިގެ ދެފަރާތުންވެސް ހަވާލާދީފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ މާއްދާތަކުން، ހައްޔަރު ކުރެވިފައިނުވާ ނުވަތަ ބަންދުގައިނުވާ، ތުހުމަތު ކުރެވޭ މީހާގެ ސާމްޕަލް ނެގޭނީ އޭނާގެ ރުހުމާއެކުގައެވެ. އޭނާ ރުހުން ނުދޭ ހާލަތުގައި އޭނާގެ ސާމްޕަލް މަޖުބޫރުން ހޯދުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ނެރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.
32. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގައިވެސް ހައްޔަރު ކުރެވިފައިނުވާ ނުވަތަ ބަންދުގައި ނުވާ ތުހުމަތު ކުރެވޭ މީހާގެ ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހަދައިފިނަމަ، އޭނާއަށް އެކަން ކުރުން ލާޒިމުކުރުމަށް ކޯޓު އަމުރެއް ހޯދިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ނުވަނީ އޮޅުމަކުން ނުވަތަ ޤާނޫނު އެކުލަވާލި ފަރާތްތަކުގެ އަތްދަށުން ގޮސްގެން ކަމުގައި ނުބެލެވެއެވެ.
33. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގައިވާ މައިގަނޑު މަފްހޫމަކީ ސާމްޕަލް ދިނުމަކީ ތިމާގެ ނަފުސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުބެލުމެވެ. މި އުސޫލުގެ އިސްތިސްނާ ހާލަތަކީ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ ހެއްކެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ތުހުމަތު ކުރެވޭ މީހާއާ ގުޅުވުމަށްޓަކައި އޭނާގެ ކިބައިން ސާމްޕަލް ނެގުމަށް އެދޭ ހާލަތުގައި، އޭނާ ދެކޮޅު ހެދުން އެއީ އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުން ކަމުގައި ބެލުމެވެ.
34. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާތަކުގައިވެސް 48 ވަނަ މާއްދާގެ (ށ) އިން ދޭހަވާ މާނައާ މެދު ޚިޔާލު ތަފާތުވެފައިވެއެވެ. އަޣުލަބިއްޔަތު ރައުޔުގައި ހުށަހެޅިފައިވާ މައްސަލައިގައި މުޢާޛު ޢަލީއާ ދެކޮޅަށް އެހެނިހެން ހެކި ހުރިކަމަށް ބަޔާންކޮށްފައިވާއިރު، ތަފާތުވި ރައުޔުގައި މުޢާޛު ޢަލީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ އޭނާއާ ގުޅުވާލަދޭ އިތުރު ހެއްކެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.
35. ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤުސަދުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ހ) ގައި "ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ޖިނާއީ ކުށުގެ ތަހުޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން" މިހެން ބަޔާންކޮށްފައިވެއެވެ.
36. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި "މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ތުހުމަތު ކުރެވޭ މީހާއާ ގުޅުވުމަށްޓަކައި..." މި އިބާރާތުގެ މާނައަކީ މައްސަލައެއްގައި ފެންނަ ކޮންމެ މާއްދީ ހެއްކެއް ވަކިވަކިން ތުހުމަތު ކުރެވޭ މީހާއާ އެހެންގޮތަކަށް ގުޅިފައި އޮވެގެން މެނުވީ، އޭނާ ސާމްޕަލް ދިނުމުން މަނާވެގަތުމަކީ ޤާނޫނު ހުއްދަކުރާ ކަމެއްކަމުގައި ބެލުމެއް ނޫނެވެ. މިގޮތަށް މާނަކުރުން ވާނީވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއް ކަމުގައި އަހުރެން ދެކެމެވެ. މިސާލަކަށް މީހަކު މަސްތުވާ ތަކެތި ޕެކްކޮށް ބަންދުކުރަން ހުރި ވީޑިއޯއެއް ފުލުހުންނަށް ލިބި، އެ ތަކެތި ބަންދުކުރާ ތަނުން ފެންނަ ފިންގަޕްރިންޓަކީ ވީޑިއޯގައި ފެންނަ މީހާގެ ފިންގަރޕްރިންޓުތޯ ބެލުމަށް ފިންގަރޕްރިންޓް ސާމްޕަލްއަކަށް އެދޭ ހިނދު، އެ ސާމްޕަލް ދިނުމަށް އިންކާރުކުރުމަކީ 48 ވަނަ މާއްދާގެ (ށ) ގެ ދަށަށް ފެތޭ ހާލަތެއް ނޫނެވެ. ސަބަބަކީ އޭނާގެ މައްޗަށް ކުށްކުރިކަމަށް ތުހުމަތު ކުރެވޭވަރުގެ އެކަށީގެންވާ އެހެނިހެން ހެކި ހުރުމެވެ. މި ހާލަތުގައި 48 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު އޭނާއަށް ބޭނުން ކުރެވިދާނެ ކަމުގައި ބަލައިފިނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާ މަޤުސަދާ ޚިލާފުވެއެވެ. އެ އަކުރުގައި ބުނަނީ ކުށުގެ ތުހުމަތުގައިވާ މީހާގެ ޙައްޤުތަކަށް އުނިކަން ނާންނަގޮތަށް ފުލުހުން ޢަމަލުކުރުމާއެކު، ޖިނާއީ ތަހުޤީޤު ކުރިއަށް ގެންދިޔުން މަގުފަހި ކުރުމަށެވެ. ކޮންމެ ހެއްކަކާއި ތުހުމަތު ކުރެވޭ މީހާއާ ގުޅޭ ގޮތް ސާބިތުކޮށްނުދެވޭ ކަމަށް ބުނެ އެފަދަ ތަހުޤީޤުތަކަށް ހުރަސް އަޅައި ހުއްޓުވުމަކަށް ނޫނެވެ.
37. 48 ވަނަ މާއްދާގެ (ށ) އިން ހިމާޔަތް ކޮށްދެނީ ތަހުޤީޤު ކުރެވެމުންދާ ކުށް ކުރިކަމުގެ އެއްވެސް ތުހުމަތެއް ނުވާ މީހާ ކަމުގައި ބެލެވެއެވެ. މިއީ އެމީހަކު ކުށެއް ކުރިކަމުގެ ހަމައެކަނި ޝައްކެއްގައިވާ މީހާއެވެ. އެ ކުށާއި އޭނާއާ ގުޅުވާލަދެވޭ އިތުރު އެއްވެސް ހެއްކެއް ނެތް މީހާއެވެ. އެ ހާލަތުގައި، ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމަކުން އޭނާގެ މައްޗަށް "ނެގަޓިވް އިންފަރެންސް" (negative inference) އެއް ނުނެގޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ހާލަތުގައި ސާމްޕަލް ނުދިނުމަކީ ފަހުން ޝަރީޢަތުގައި އޭނާގެ މަސްލަހަތާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާގިއާއެއް ނޫނެވެ. ސަބަބަކީ، އެ ހާލަތުގައި އޭނާ ސާމްޕަލް ދިނުމަކީ އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާންދިނުން ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާތީއެވެ.
38. މިއާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ހައްޔަރުކުރެވޭ މީހާގެ ސާމްޕަލް ކޯޓު އަމުރެއްގެ ދަށުން ނެގިދާނެއެވެ. މީހަކު ހައްޔަރު ކުރެވޭނީ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށެއް ކުރިކަމުގެ ނުވަތަ ކުރަން އުޅޭކަމުގެ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ޕްރޮބަބްލް ކޯޒް ހުރެގެންނެވެ. ހަމައެކަނި ސާމްޕަލްއެއް ހޯދުމުގެ ބޭނުމުގައި މީހަކު ހައްޔަރުކުރުމުގެ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ޕްރޮބަބްލް ކޯޒް ދެއްކުމުގެ ފުރުސަތު ހަނިކަމުގައި އަހުރެން ދެކެމެވެ.
39. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ތަބީއަތަށް ޖެހިލާނަމަ، އެ މާއްދާގައި ލިސްޓު ކުރެވިފައިވަނީ ހަނުހުރުމުގެ ޙައްޤުގެ އަދި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާއިން ބޭރުގައިވާ ކަންކަމެވެ. ސާމްޕަލެއް ދޭންޖެހިގެން އުޅޭ ހައްޔަރުނުކުރާ އަދި ބަންދުގައިނުވާ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް މި މާއްދާގެ ބޭނުން ހިފޭނީ ކިހިނެތްތޯ ބަލާއިރު، އެއް ގޮތަކީ ތަހުޤީޤު މަރުހަލާގައި އޭނާގެ އެއްބާރުލުން ނުލިބޭ ހިނދު، އޭނާ އެއްބާރުލުން ދޭން ބޭނުންނުވާ ކަންކަމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހަނުހުރުމުގެ ޙައްޤާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާއިން ބޭރުގައިވާ ކަންކަން ކަމުގައި ބުނެދީ، އެއްބާރުލުން ދިނުމަށް ބާރު އެޅުމެވެ.
40. އަނެއް ގޮތަކީ، އޭނާގެ މައްޗަށް ދަޢުވާ އުފުލައިފިނަމަ، އެއްބާރުލުން ނުދޭން ނިންމި ނިންމުން މައްސަލައިގެ ވާގިއާއެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅުމެވެ. މައްސަލައެއްގައި ދަޢުވާއެއް އުފުލުމާ ހަމައަށްދާނީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުރެގެންނެވެ. މިސާލަކަށް، ރިކޯޑު ކުރެވިފައިވާ ފޯން ކޯލެއް އޮވެމެ، ބައެއް ހެކިންގެ ހެކިބަހުން އެ އަޑަކީ ތުހުމަތު ކުރެވޭ މީހާގެ އަޑުކަމުގައި ބުނާ ހާލަތުގައި، ތުހުމަތު ކުރެވޭ މީހާ ތަހުޤީޤު މަރުހަލާގައި ސާމްޕަލް ދިނުމަށް އިންކާރުކުރި ކުރުން، މައްސަލައިގެ ވާގިއާއެއްގެ ގޮތުގައި ގެނެވިދާނެ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެންނޫންނަމަ، ސާމްޕަލް ދޭންޖެހޭ ހައްޔަރު ނުވަތަ ބަންދު ނުކުރާ މީހާގެ މަހައްލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގައި ތަފުސީލީ ވާހަކަތަކެއް އެގޮތުގައި ބަޔާންކޮށްފައި އޮތުމުގެ މާބޮޑު މަޤުސަދެއް ނެތެވެ. ނުވަތަ އެ މާއްދާގެ ދަށުން ނަތީޖާއެއް ނުނެރެވެއެވެ.
41. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ ސާފު އިބާރާތުން ހައްޔަރު ކުރެވޭ މީހާގެ ސާމްޕަލް ހޯދުމަށްޓަކައި ކޯޓު އަމުރެއް ހޯދިދާނެކަމަށް އޮންނައިރު، އެ ޤާނޫނުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން ބަންދުގައި ހުންނަ މީހުންގެ ސާމްޕަލް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އެހެންކަމުން، 49 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ހައްޔަރުނުކުރާ އަދި ބަންދު ނުކުރާ މީހާގެ ހާލަތަށް ތަތުބީޤު ކުރުމުން، އަހުރެންނަށް ބުރަވެވެނީ އެ މާއްދާގެ ދަށުން ޝަރީޢަތުގެ މަރުހަލާގައި ނެގަޓިވް އިންފަރެންސް ނެގުމުގެ ފުރުސަތު އޮތްކަމެވެ. ނޫންނަމަ ތުހުމަތު ކުރެވޭ ކޮންމެ މީހެއްގެ ސާމްޕަލް ހޯދުމުގެ އަމުރެއް ހޯދިދާނެކަމަށް ޤާނޫނުގައި ބަޔާންކުރެވިފައި އޮންނާނެއެވެ. ސާމްޕަލް ދިނުމާއި ނުދިނުން އެއީ މީހަކަށް އިޚްތިޔާރު ކުރެވިދާނެ އެއްޗެއްގެ ސިފައިގައި ޤާނޫނު ތަސައްވުރު ނުކުރާނެއެވެ. އަދި އެފަދަ އިޚްތިޔާރެއް ދިނުމަށްފަހު އެކި ހާލަތްތަކާ ގުޅިގެން ނިކުންނާނެ ޤާނޫނީ ނަތީޖާ ތަފްސީލުކޮށްދީފައި އޮތުމުގެ ބޭނުމެއް ނެތެވެ.
42. 49 ވަނަ މާއްދާގެ (ނ) އިން ދޭހަވާ ނަތީޖާއަކީ ތަހުޤީޤުގައި ސާމްޕަލް ދިނުމަށް އިންކާރުކުރާ ހާލަތުގައި، 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތެއް އޮތްކަމުގައި ނުދެއްކޭ ހިނދު (އެހެން ގޮތަކަށް ބުނާނަމަ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެހެނިހެން ހެކި ހުރިނަމަ)، ތަހުޤީޤުގައި އޭނާ ސާމްޕަލް ދިނުމަށް އިންކާރު ކުރިކުރުމަށް ޤާނޫނީ ޢުޒުރެއް ނެތްކަމެވެ.
43. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކަމުގައިވިޔަސް ނުވަތަ 49 ވަނަ މާއްދާގެ ދަށުން ކަމުގައި ވިޔަސް، ތަހުޤީޤުގައި ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މީހެއްގެ މައްޗަށް އެ މާއްދާތަކުގެ ދަށުން ސާމްޕަލް ދިނުމަށް މަޖުބޫރުކޮށް ކޯޓު އަމުރެއް ނެރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެއީ ޤާނޫނުގެ މަޤުސަދު ކަމުގައިވެސް ނުދެކެމެވެ.
ދައުލަތުގެ ފަރާތުން ހަވާލާދޭ އެހެނިހެން މާއްދާތައް
44. ފުލުހުންނާއި ތަހުޤީޤީ އިދާރާތަކަށް ވަކި ހެއްކެއް ހޯދުމުގެ ތަފްސީލީ އިޖުރާއަތެއް ބަޔާންވެގެން ނެތް ހާލަތުގައި، އެކަން ކުރަން އޮންނަ މަގަކީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި މި ބާރަކީ ފުލުހުންނަށް ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއިންނާއި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް ދީފައިވާ ބާރެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.
45. އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ6 47 ވަނަ މާއްދާގައި އެ ގަވާއިދުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަމުރުތައް ފިޔަވައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކޯޓު އަމުރެއް ހޯދައިގެން މެނުވީ ނުކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި، ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެ ގަވާއިދުގެ ޖަދުވަލު 12 ގައިވާ ފޯމުންކަމަށް ބަޔާންކޮށްފައިވާތީ، މިކަމުން އިތުރަށް ދަލާލަތުކޮށްދެނީ، ޖިނާއީ މައްސަލަތައް ތަހުޤީޤު ކުރުމުގައި، ތަހުޤީޤީ އިދާރާތަކުން ހެކި ހޯދުމަށް ނުވަތަ ވަކި ކަމެއް ފުރިހަމަ ކުރުމަށް ކޮންމެހެން ކުރަން ބޭނުން ޖެހިއްޖެ ހިނދެއްގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަމަށެވެ.
46. ހުށަހެޅިފައިމިވާ މައްސަލައިގައި އަމުރުތައް ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުންނެވެ. ކުރިންވެސް ފާހަގަކުރި ފަދައިން އެ މާއްދާގެ (ނ) ގައި ހައްޔަރުކޮށްފައިވާ މީހުންގެ ސާމްޕަލް ނެގުމަށް އަމުރެއް ހޯދިދާނެކަމަށް ބަޔާންކޮށް، އެ ނޫން ތުހުމަތު ކުރެވޭ މީހުންގެ ވާހަކަ ބަޔާންކޮށްފައި ނުވަނީ އޮޅުމަކުން ކަމުގައި ނުބެލެވެއެވެ. އަދި މިކަމަށް ބާރު ލިއްބައިދެނީ އެ ޤާނޫނުގެ 49 ވަނަ މާއްދާއިން ކަމުގައި ދެކެމެވެ.
47. ވުމާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަންކުރަންވާ ގޮތް ވަކިގޮތަކަށް ތަސައްވުރު ކުރެވިފައިވާއިރު، ޤާނޫނުން ބާރު ނުދޭ ކަމެއްގައި ތަހުޤީޤުގެ ބޭނުމަށްޓަކައިވެސް އަމުރެއް ނެރެވިދާނެ ކަމުގައި ނުދެކެމެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ7 47 ވަނަ މާއްދާގައިވެސް ހަވާލާދެނީ ޤާނޫނުގައި ކޯޓު އަމުރު ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަމަށްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.
ހުށަހެޅިފައިމިވާ މައްސަލަ
48. ހުށަހެޅިފައިމިވާ މައްސަލައިގެ ތަރަހައަކީ ކްރިމިނަލް ކޯޓުން މުޢާޛު ޢަލީގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ހޯދުމަށް ނެރެފައިވާ އަމުރުތަކަކީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ނެރެވިދާނެ އަމުރުތަކެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ.
49ޕްރިސިޑެންސް 7މި ގަޒިއްޔާގައި ބަޔާންކުރެވިފައިވާ ސަބަބުތަކަށްތަކައި އެ އަމުރުތަކަކީ ބާޠިލު އަމުރުތަކެއް ކަމުގައި ކަނޑައަޅަންޖެހެއެވެ. މި މައްސަލައިގައި ދައުލަތުން މުޢާޛު ޢަލީގެ މައްޗަށް ދަޢުވާ އުފުލުމަށް ނިންމައިފިނަމަ، އަދި އެހައިތަނަށް މުޢާޛު ޢަލީގެ ރުހުމާއެކު އޭނާގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ތަހުޤީޤުކުރާ ފަރާތަށް ލިބިފައިނުވާނަމަ، އެ ސާމްޕަލްތައް ދިނުމަށް މުޢާޛު ޢަލީ އިންކާރު ކުރިކުރުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ ޢުޒުރެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެ މައްސަލައިގެ ޝަރީޢަތުގައި ކަމުގައި އަހުރެން ދެކެމެވެ.
50ވުމާއެކު، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ 2024/HC-B12/47,48 ނަންބަރު ގަޒިއްޔާގައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމުން، އެ ދެ ގަޒިއްޔާއާއި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ބާޠިލުކަމުގައި ކަނޑައަޅަންޖެހެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
51މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
52މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރާއި، މި ދެ އަމުރަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/47,48 ނަންބަރު ގަޒިއްޔާގައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު (ރެފަރެންސް ނަންބަރު 123-C5/CA/2024/20) އޯޑިއޯ ސާމްޕަލް ނެގުމަށް އެދި ހުށަހެޅި ފޯމު)) އަދި ރެފަރެންސް ނަންބަރު 123-C5/CA/2024/19 (ފޮޓޯ ސާމްޕަލް ނެގުމަށް އެދި ހުށަހެޅި ފޯމު)
2 ޤާނޫނު ނަންބަރު 2016/12
3 ގަވާއިދު ނަންބަރު: 2020/R-98 (މި ގަވާއިދު މިހާރުވަނީ ބާޠިލުކޮށްފައެވެ.)
4 ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު.
5 އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މައްދާގެ (ށ) ގައި ބަޔާންކުރާ އަތުލިޔުމުގެ ސާމްޕަލް، އިނގިލީގެ ނިޝާން، ހަށިގަނޑުން ބޭރުން ނެގޭ ސާމްޕަލް އަދި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްއެވެ.
6 ނަންބަރު: 2021-SC-REG-01
7 އބމ
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 55 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 47 ވަނަ މާއްދާ
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 14 ނޮވެމްބަރު 2024 · ރަޖިސްޓްރީކުރީ 18 ނޮވެމްބަރު 2024 · ނިމުނީ 28 ނޮވެމްބަރު 2024 (10 ދުވަސް)