ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-A/37
މުޙައްމަދު ސަޢީދު ވ. ޢަބްދުﷲ ޙަމީދު، 2011/SC-A/37
Mohamed Saeed v. Abdhuﷲ Hameed 2011/SC-A/37 (2011/SC-A/37, Supreme Court of the Maldives, 15 February 2012)
މުޙައްމަދު ސަޢީދު ވ. ޢަބްދުﷲ ޙަމީދު
މައްސަލައިގެ ޚުލާޞާ
ކ. ދިއްފުށީ ކޯޓުން ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތުން ހުވައިދޭ އުޞޫލުން މައްސަލަ ނިންމިއެވެ. ހައިކޯޓުން ނަންބަރު 2010/HC-A/219 ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކުރިއެވެ.
ކ. ދިއްފުށި ވައިމަތީގެ މުޙައްމަދު ސަޢީދު، ޢަބްދުﷲ ޙަމީދާ ދެމެދު ހިނގިކަމަށް ބުނާ މުޢާމަލާއަކަށް ފައިސާ ހޯދުމަށް ދިއްފުށީ ކޯޓަށް ދަޢުވާ ކުރިއެވެ. ދަޢުވާ ސާބިތުކުރުމަށް އޭނާ ހުށަހެޅީ އަމިއްލައަށް ލިޔެ، އޭނާގެ ބެލުމުގެ ދަށުގައި ގެންގުޅޭ ފޮތެއް ކަމުގައިވާއިރު، ހެކިން ހުށަހަޅާފައެއް ނުވެއެވެ.
ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ މުޙައްމަދު ސަޢީދު އިލްތިމާސްކުރިއެވެ.
މައިގަނޑު ސުވާލު
ދަޢުވާކުރާ ފަރާތް އަމިއްލައަށް ލިޔެ، އޭނާގެ ބެލުމުގެ ދަށުގައި ގެންގުޅޭ ފޮތަކީ ޚުޞޫމަތްތެރި ފައިސާ ހޯދުމުގެ ދަޢުވާއެއް ސާބިތުކުރެވޭނެ ކާފީ ހެއްކެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުގެ ބުރައެއް ކަމާއި، ދަޢުވާކުރާ ފަރާތް އަމިއްލައަށް ލިޔެ ގެންގުޅޭ ލިޔުމަކީ، ދަޢުވާލިބޭ ފަރާތުން ޤަބޫލުނުކުރާ ނަމައާއި އިތުރު ހަރުދަނާ ހެއްކެއް ނެތް ނަމަ، ޚުޞޫމަތްތެރި ދަޢުވާއެއް ސާބިތުކުރެވޭނެ ހެއްކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ކާފީ ހެކި ނެތުމުން ދަޢުވާލިބުނު ފަރާތުގެ ހުވާއިން މައްސަލަ ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާތީ، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތަށް ހުށަހެޅޭ ކޮންމެ ދަޢުވާއެއްގައިވެސް އެ ދަޢުވާއެއް ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެ ދަޢުވާއެއް ކުޅަ ފަރާތުން އުފުލަންޖެހޭނެ މަސްއޫލިއްޔަތަކަށްވާއިރު، ދަޢުވާކުރާފަރާތަށް އެފަރާތަކުންކުރާ ދަޢުވާއެއް ސާބިތުކޮށްދިނުމަށް ބޭނުންވާ ކާފީ ހެކި ޝަރީޢަތަށް ހުށަހެޅެން ނެތުމަކީ އުޞޫލެއްގެ ގޮތުން އެ ދަޢުވާއަކާއި ގުޅޭ ޙާދިޘާ ނުވަތަ މުޢާމަލާއަކީ އެއީ ނުހިނގާ ޙާދިޘާއެއް ނުވަތަ މުޢާމަލާއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުންވިޔަސް ބަލަންޖެހޭ ސަބަބަކަށް ނުވިނަމަވެސް އެކަމުގެ ޒިންމާ އެހެން ފަރާތަކުން އުފުލަންޖެހޭނެކަމަށް ބެލެވެންޖެހޭ ސަބަބެއްވެސް ނެތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [6])
- މުޙައްމަދު ސަޢީދު އަމިއްލައަށް ލިޔެ މުޙައްމަދު ސަޢީދުގެ ބެލުމުގެ ދަށުގައި މުޙައްމަދު ސަޢީދު ގެންގުޅޭ ފޮތަކީ ދަޢުވާލިބޭ ފަރާތުން އޭގައިވާ އެއްޗެއް ޤަބޫލުނުކުރާހާ ހިނދަކު، ނުވަތަ އޭގައިވާ ލިޔުން އެއްކޮށް ނުވަތަ އޭގެ ބަޔަކާ ބެހޭގޮތުން އެއީ ހިނގާފައިވާ ކަމެއްކަން އެނގޭ ހަރުދަނާ ހެކި މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތަށް ހުށަނާޅާހާ ހިނދަކު، އެފަދަ އަމިއްލަ ލިޔުމަކީ ޚުސޫމަތްތެރި ދަޢުވާއެއް ސާބިތުކުރެވިދާފަދަ ހަރުދަނާ ހެއްކަކަށް ނުވާ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި މުޙައްމަދު ސަޢީދު ޝަރީޢަތަށް ހުށަހަޅާފައި ނެތުމާއިއެކު، އެ ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތުން ހުވައިދޭ އުޞޫލުން އެމައްސަލަ ޝަރީޢަތުގެ ފަރާތުން ކުރިޔަށްގެންދެވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/37
ދަޢުވާކުރާ ފަރާތް: މުޙައްމަދު ސަޢީދު
ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ ޙަމީދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
[1]މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 28 އޮގަސްޓް 2011
ނިމުނު ތާރީޚް: 15 ފެބްރުއަރީ20121 ބް 2009
މައްސަލަ ނިންމި ގަޑި:14:5544
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2010/HC-A/219
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 18 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 05 މެއި 2011
މައްސަލައިގެ ޚުލާޞާ
[2]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/219 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށްބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޢަބްދުﷲ ޙަމީދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
[3]މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިމައްސަލައިގައި ކަންހިނގާފައިވާގޮތުގެ މައްޗަށާއި، އަދި މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[4](ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/219 ޤަޟިއްޔާއަކީ، ކ. ދިއްފުށީ ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި ކ. ދިއްފުށީ ވައިމަތީގެ މުޙައްމަދު ސަޢީދު ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި އަދި އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ކ. ދިއްފުށީ ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެތަނެއް ނެތްކަމަށް ކަނޑައެޅުއްވުމާއެކު، ދިއްފުށީ ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެފަރާތުގެ ބަހުން އެނގެން އޮންނައޮތުމެވެ.
[5](ށ) ދެވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ޝަރީޢަތަށް ކަމެއް ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅަންޖެހޭ ހެއްކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭ އެއްޗަކަށްވާއިރު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާ ހެކި، ހެކީގެ ގޮތުގައި ހުށަހެޅިކަމުގައިވިޔަސް އެއީ ޝަރީޢަތަށް ކަމެއް ސާބިތުކުރުމަށް ބޭނުންވާފަދަ ކާފީ ހެއްކެއްކަމަށް ޝަރުޢީގޮތުން ބެލެވެންޖެހޭ ސަބަބެއް ނެތްއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކ. ދިއްފުށީ ވައިމަތީގެ މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އެފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ހެކިތަކަކީ ޝަރީޢަތަށް ކަމެއް ސާބިތުކޮށްދިނުމަށް ބޭނުންވާފަދަ ކާފީ ހެކިތަކެއް ނޫންކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
[6](ނ) ތިންވަނަކަމަކީ، ޝަރީޢަތަށް ހުށަހެޅޭ ކޮންމެ ދަޢުވާއެއްގައިވެސް އެ ދަޢުވާއެއް ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެ ދަޢުވާއެއް ކުޅަ ފަރާތުން އުފުލަންޖެހޭނެ މަސްއޫލިއްޔަތަކަށްވާއިރު، ދަޢުވާކުރާފަރާތަށް އެފަރާތަކުންކުރާ ދަޢުވާއެއް ސާބިތުކޮށްދިނުމަށް ބޭނުންވާ ކާފީ ހެކި ޝަރީޢަތަށް ހުށަހެޅެން ނެތުމަކީ އުޞޫލެއްގެ ގޮތުން އެ ދަޢުވާއަކާއި ގުޅޭ ޙާދިޘާ ނުވަތަ މުޢާމަލާއަކީ އެއީ ނުހިނގާ ޙާދިޘާއެއް ނުވަތަ މުޢާމަލާއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުންވިޔަސް ބަލަންޖެހޭ ސަބަބަކަށް ނުވިނަމަވެސް އެކަމުގެ ޒިންމާ އެހެން ފަރާތަކުން އުފުލަންޖެހޭނެކަމަށް ބެލެވެންޖެހޭ ސަބަބެއްވެސް ނެތުމެވެ.
[7](ރ) ހަތަރުވަނަކަމަކީ، މުޙައްމަދު ސަޢީދު ކ. ދިއްފުށީ ކޯޓަށް ހުށަހެޅި ދަޢުވާއާއި ގުޅިގެން އެދަޢުވާ ސާބިތުކުރުމަށްޓަކައި ހެކިން ޝަރީޢަތަށް ހުށަހަޅާފައިވާނުވާކަމާއި، އަދި ހެކިން ހުށަހަޅަން ބޭނުންކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެސްނުވާކަމާއި، އެމައްސަލައިގައި ދަޢުވާ ސާބިތުކުރުމަށްޓަކައި މުޙައްމަދު ސަޢީދު ހުށަހަޅާފައިވަނީ، މުޙައްމަދު ސަޢީދު އާއި، އެޤަޟިއްޔާގައި ދަޢުވާ ލިބުނު ޢަބްދުﷲ ޙަމީދު އާ ދެމެދު ހިނގާފައިވާކަމަށް މުޙައްމަދު ސަޢީދު ބުނާ މުޢާމަލާއާ ގުޅޭގޮތުން މުޙައްމަދު ސަޢީދު އަމިއްލައަށް ލިޔެ، މުޙައްމަދު ސަޢީދުގެ ބެލުމުގެ ދަށުގައި ގެންގުޅޭ ފޮތެއްކަމާއި، އޭގެ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާކަން ޚުދު މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، މުޙައްމަދު ސަޢީދު އަމިއްލައަށް ލިޔެ މުޙައްމަދު ސަޢީދުގެ ބެލުމުގެ ދަށުގައި މުޙައްމަދު ސަޢީދު ގެންގުޅޭ ފޮތަކީ ދަޢުވާލިބޭ ފަރާތުން އޭގައިވާ އެއްޗެއް ޤަބޫލުނުކުރާހާ ހިނދަކު، ނުވަތަ އޭގައިވާ ލިޔުން އެއްކޮށް ނުވަތަ އޭގެ ބަޔަކާ ބެހޭގޮތުން އެއީ ހިނގާފައިވާ ކަމެއްކަން އެނގޭ ހަރުދަނާ ހެކި މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތަށް ހުށަނާޅާހާ ހިނދަކު، އެފަދަ އަމިއްލަ ލިޔުމަކީ ޚުސޫމަތްތެރި ދަޢުވާއެއް ސާބިތުކުރެވިދާފަދަ ހަރުދަނާ ހެއްކަކަށް ނުވާތީއާއި، އެދަޢުވާ ސާބިތުކުރެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތަތީ، އަދި އެފަދަ މުޢާމަލާއެއް ހިނގާފައިވާކަން ސާބިތުވިކަމުގައިވިޔަސް އެފަދަ ލިޔުމެއްގައި ލިޔެވިފައިވާ މުޢާމަލާއަކާ ބެހޭ ޒިންމާއިން ފަހުގެ ތާރީޚެއްގައި ދަޢުވާލިބޭ ފަރާތް ބަރީޢުއް ޒިންމާވެފައި އޮތުމަކީވެސް އެކަށީގެންވާކަމަކަށްވާތީ، މުޙައްމަދު ސަޢީދުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ މުޙައްމަދު ސަޢީދު އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިޔުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ކަމެއް ސާބިތުކުރުމަށް ފުދޭ ކާފީ ހެއްކެއް ނޫންކަން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
[8](ބ) ފަސްވަނަކަމަކީ، ކ. ދިއްފުށީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި މުޙައްމަދު ސަޢީދު ޝަރީޢަތަށް ހުށަހަޅާފައި ނެތުމާއިއެކު، އެ ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތުން ހުވައިދޭ އުޞޫލުން އެމައްސަލަ ޝަރީޢަތުގެ ފަރާތުން ކުރިޔަށްގެންދެވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާތީ އާއި، އަދި އެދަޢުވާ ސާބިތުކުރުމަށްޓަކައި ބޭނުންވާ ކާފީ ހެކި ހުށަހެޅިފައި ނެތްކަމަށްޓަކައި، ކ. ދިއްފުށި ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރެއްވި ކުރެއްވުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވެންޖެހޭ ސަބަބެއް ނެތަތީއާއި، މިކަންކަން މިހެން ހުރުމާއެކު ކ. ދިއްފުށީ ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
[9]އިސްވެ ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކ. ދިއްފުށީ ކޯޓުގެ ނަންބަރު 15/H-3-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/219 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފުކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ބެންޗު
- ޢަލީ ޙަމީދު މުޙައްމަދު (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޢަލީ ޙަމީދު މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 28 އޮގަސްޓް 2011 · ރަޖިސްޓްރީކުރީ 28 އޮގަސްޓް 2011 · ނިމުނީ 15 ފެބުރުއަރީ 2012 (5.6 މަސް)