ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/45
މުޙައްމަދު އަސްލަމް ވ. އަޙްމަދު ޢަބްދުﷲ، 2018/HC-A/45
Mohamed Aslam v. Ahmed Abdhuﷲ 2018/HC-A/45 (2018/HC-A/45, High Court of the Maldives, 19 November 2020)
މުޙައްމަދު އަސްލަމް ވ. އަޙްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޗެކުގައިވާ 1,300,000 ރުފިޔާއަކީ ވާރިޘުންނަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅައި، 2 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކޮށްފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތް 6 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ނިޔާވެފައިވާ ފަރާތެއްގެ އަތުން 1,300,000 ރުފިޔާ ނަގައި، އެ ފައިސާ އަނބުރާ ދެއްކުމަށް ދިން ޗެކް ބައުންސްވިއެވެ. ފައިސާ ދިން ފަރާތް ދިރިހުއްޓާ ތިން ފަހަރަކު ދަޢުވާކުރި ނަމަވެސް، ނިޔާވުމަށްފަހު އޭނާގެ ވާރިޘުން ދަޢުވާ ހުށަހެޅިއެވެ.
ޗެކާ ގުޅިފައިވާ މުޢާމަލާތަށް ބެލުމެއްނެތި ހަމައެކަނި ޗެކެއް އޮތުމުގެ މައްޗަށް ފައިސާ ދޭންޖެހޭކަމަށް ކަނޑައަޅައި 2012/SC-A/22 ގެ މަފްހޫމް ގޯސްކޮށް ތަޠްބީޤުކުރިކަމަށާއި، ޗެކަށް ފައިސާ ދޫނުކުރުމަށް ބޭންކަށް އަންގާފައިވާއިރު ޗެކްގެ އަޞްލު ހޯދުމަށް ޝަރުޢީ މަރުޙަލާ މެދުވެރިނުކުރުމަކީ ފައިސާ ދޭންޖެހޭ ސަބަބަކަށް ހެދީ ގޯސްކޮށްކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ.
މައިގަނޑު ސުވާލު
ބައުންސްވި ޗެކަކަށް ފައިސާ ދޭންޖެހޭކަމަށް ކަނޑައެޅުމުގައި ޗެކާ ގުޅިފައިވާ މުޢާމަލާތަށް ރިޢާޔަތްކުރަންޖެހޭތޯއާއި، ދަރަނި ދިން ފަރާތް ނިޔާވުމަށްފަހު އޭނާގެ ވާރިޘުން ކުރި ދަޢުވާގައި، ދަރަނި ދައްކާ ޚަލާޞްކުރިކަމަށް އަލަށް ހުށަހަޅާ ހެކި ބަލައިގަނެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ނިޔާވި ފަރާތް ދިރިހުއްޓާ ދިން ޖަވާބާ ތަފާތު ޖަވާބެއް ދީ، ޚަލާޞްކުރިކަމަށް އަލަށް ހުށަހަޅާ ހެކި ޤަބޫލުނުކުރެވޭނެކަމާއި، ފައިސާ ނެގިކަން ސާބިތުވާއިރު ޚަލާޞްކުރިކަން ސާބިތުކުރުމުގެ ބުރަ ދަރަނި ނެގި ފަރާތުގެ މައްޗަށް ވާތީ ދަށުކޯޓުގެ ޙުކުމަށް ބަދަލުގެންނަ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަރަނި ދިން ފަރާތް ނިޔާވުމަށްފަހު އޭނާގެ ވާރިޘުން ކުރާ ދަޢުވާގައި، ނިޔާވި މީހާއަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކަށް އޭނާއަށް ރައްދެއް ނުދެވޭތީ، އެކަންކަމުގެ ޖަވާބު ހޯދޭނީ އޭނާ ދިރިހުއްޓާ ކޯޓުގައި މަޙްޟަރުކުރެވިފައިވާ ބަޔާންތަކާއި ހުށަހެޅި ލިޔުންތަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ދަރަނި ދިން ފަރާތް ދިރިހުއްޓާ އެ މައުޟޫޢުގައި ކުރެވުނު ދަޢުވާތަކުގައި ދީފައިވާ ޖަވާބާ މުޅިން ތަފާތު ޖަވާބެއް އޭނާ ނިޔާވުމަށްފަހު ދީ، އޭރު ހުށަނާޅާ ހެކިތަކެއް ހުށަހަޅައިގެން އެއަށް ބުރަދަން ދިނުމުގެ ފުރުޞަތު ދެވޭކަށް ނެތެވެ. އެހެނީ އެ ހެކިތަކަށް ޠަޢުނުކުރުމުގެ ފުރުޞަތު ނިޔާވި ފަރާތަށް ނެތުމާއި، އެއީ އުފެއްދި ހެކިތަކަކަށް ވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7-8)
- ޗެކަކީ ބޭންކަށް ފައިސާ ދޫކުރުމަށް ކުރާ އަމުރެއްގެ އިތުރުން، ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެވެ. ޗެކް ބައުންސްވުމުން ސާބިތުކުރުމުގެ ބުރަ ޗެކު ދޫކުރި ފަރާތަށް ފުރޮޅިގެން ދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- އަޞްލަކީ ދަރަނީގައި ނުވުމެވެ. ނަމަވެސް ދަރަނި ނެގިކަން ނުވަތަ ދަރައިއޮތްކަން ސާބިތުވުމުން، ދަރަނި ޚަލާޞްކުރިކަން ސާބިތުކޮށްދޭންޖެހޭނީ ދަރަނި ނެގި ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ސާބިތުކޮށްދޭ އެއްޗެއް ނޫންކަމަށް ކުރިން އޮތް ވިސްނުން ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމުން ބަދަލުވެފައިވެއެވެ. ބަޔާންވެދިޔަ އުޞޫލުތައް ބިނާވަނީ ޗެކް ބައުންސްވުމަށްފަހުގެ ޙާލަތަށެވެ. ޗެކް ބައުންސްވުމުގެ ކުރިން ކައުންޓަރމާންޑް ކޮށްފިނަމަ ނަތީޖާ ތަފާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ފައިސާ ނަގާފައިވާކަން ޗެކަށް ފައިސާ ނެގިކަމުން އޮޅުމެއްނެތި ސާބިތުވާއިރު ޙާދިޘާ ސާބިތުކުރުމުގެ ސުވާލެއް ނުއުފެދެއެވެ. އެ ފައިސާ އަނބުރާ ދައްކާ ޚަލާޞްކުރިކަމަށް މިހާރު ހުށަހަޅާ ހެއްކަކީ ޤަބޫލުކުރެވޭނެ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާ (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާ (އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/34 ޤަޟިއްޔާ (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މަނިކު އަދި އިތުރު ދެފަރާތެއް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ (އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލޭންޑް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް