ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-S-A/15
މަރްޔަމް ޝަކީބާ ވ. އިބްރާހީމް ރަޝީދު، 2017/HC-S-A/15
Mariyam Shakeebaa v. Ibrahim Rasheed 2017/HC-S-A/15 (2017/HC-S-A/15, High Court of the Maldives, 19 June 2019)
މަރްޔަމް ޝަކީބާ ވ. އިބްރާހީމް ރަޝީދު
މައްސަލައިގެ ޚުލާޞާ
ފޭދޫ މެޖިސްޓްރޭޓް ކޯޓުން ބަންޑާރަ ގޯތީގެ ޢިމާރާތާއި ރުއްގަސް ފަދަ ތަކެތި މަރުވި މީހާއާއި އިސްތިއުނާފުކުރި ފަރާތުގެ މިލްކުވެރިކަމުގައި ހުރި ތަކެތިކަމަށް ކަނޑައަޅައި، ރަޖިސްޓްރީ ދެމީހުންގެ ނަމުގައި ހެދުމަށް އަމުރުކުރިއެވެ.
2001 ގައި ނިޔާވި މީހެއްގެ ތަރިކައެއްގެ ގޮތުގައި ސ. ފޭދޫގެ ގެއާއި ގޯތި 5 ވާރިޘުންގެ މެދުގައި ބަހަން ވާރިޘަކު ހުށަހެޅިއެވެ. އެ ގޯތި ޙަވާލުކުރެވިފައިވަނީ އަދި ގޭގެ ރަޖިސްޓްރީ އޮތީ އިސްތިއުނާފުކުރި (މަރުވި މީހާގެ ދަރި) ފަރާތުގެ ނަމުގައެވެ.
އެހެން މީހެއްގެ ނަމުގައިވާ ރަޖިސްޓްރީއެއްގެ މައްޗަށް ތަރިކައިގެ މައްސަލަ ކުރިއަށް ގެންދިޔުމާއި، ރަޖިސްޓްރީގެ ޞައްޙަކަން ބާޠިލުކުރުމާއި، ހެކި ވަޒަންނުކުރުމާއި، ޤާނޫނުއަސާސީގެ 40، 42 އަދި 56 ވަނަ މާއްދާތަކާ ޚިލާފުވުން އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވެއެވެ.
މައިގަނޑު ސުވާލު
އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވާ ގޯއްޗާއި ގެ، މަރުވެފައިވާ މީހެއްގެ ތަރިކައެއްގެ ގޮތުގައި ބަހަން ހުށަހަޅައި، ގޯތީގެ ޢިމާރާތްތައް އެ ދެމީހުންގެ ގޮޅިމިލްކެއްކަމަށް ކަނޑައެޅުން ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ގޯއްޗާއި ގެއަކީ އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ރަސްމީކޮށް ރަޖިސްޓްރީވެފައިވާ، އަދި ކޯޓުން މިލްކުވެރިކަން ސާބިތުކޮށްފައިވާ މުދަލަކަށްވާއިރު، އެ ލިޔުންތައް ނަފީކުރާ ލިޔުމެއް ހުށަހެޅިފައި ނުވާތީ، އެ މުދާ އިސްތިއުނާފުކުރި ފަރާތުގެ އެކަނި މިލްކެއްކަމަށް ބަލަންޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވާރިޘުންގެ މެދުގައި ބެހޭނީ މުވައްރިޘްގެ ތަރިކައެވެ. ތަރިކައަކީ މީހާ މަރުވުމަށްފަހު ދޫކޮށްފައިދާ އޭނާގެ މުދަލާއި މާލީ ޙައްޤުތަކެވެ. ބަހަން ހުށަހަޅާ މުދަލަކީ މަރުވި މީހާގެ މުދަލެއްކަން ދަލާލަތުކުރާ ލިޔުމެއް ނެތި، އެ މުދާ ތަރިކައެއްގެ ގޮތުގައި ބަހަން ބަލައިގަތުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫނެވެ. (3(ހ))
- ގޯތި ގެދޮރަކީ ޤާނޫނީ ގޮތުން ރަޖިސްޓްރީކުރުން ލާޒިމުވާ މުދަލަކަށްވާތީ، ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަންކަމުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނީ އެފަދަ ލިޔުމެވެ. (3(ހ)، 3(ށ))
- ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނާ އެއްގޮތަށް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށް ދޫކުރާ ރަސްމީ ރަޖިސްޓްރީއަކީ އެ މުދަލުގެ މިލްކުވެރިކަން އޭނާއަށް އޮތްކަން ޔަޤީންކަމާއެކު ހާމަކޮށްދޭ، އެންމެންގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެހެން ގޮތެއް ޝަރުޢީ ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެން ނުދާނެއެވެ. (3(ށ))
- ޔަޤީނީ ޢިލްމު ޙާޞިލުކުރެވޭ ޤާނޫނީ ޙުއްޖަތްތައް ބާޠިލުވެގެންދާނީ އެފަދަ ޔަޤީނީ ޙުއްޖަތަކުންނެވެ. އަމިއްލައަށް ދޭ މަޢުލޫމާތުގެ މައްޗަށް ހެދޭ ރަސްމީ ލިޔުންތަކަކީ ޔަޤީނީ ޙުއްޖަތެއްގެ ގޮތުގައި ބަލަންޖެހޭ ލިޔުމެއް ނޫނެވެ. ސާބިތުވުމުގެ ބާރުގައި ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ ބަލި ވަސީލަތެކެވެ. (3(ށ))
- އެހެން ފަރާތެއްގެ އެއްޗެއްކަން ސާބިތުވާ ލިޔުމެއް ނެތްނަމަ، ބަންޑާރަ ބިމެއްގައި ހުންނަ ޢިމާރާތާއި ރުއްގަސް ފަދަ ބިމާ ގުޅިފައިވާ ތަކެއްޗަކީ އެ ބިން ދޫކުރެވިފައިވާ ފަރާތުގެ ތަކެއްޗެވެ. އަދި ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތް ނޫން ފަރާތަކަށް މިލްކުވެރިކަން ލިބޭ ގޮތަށް އެހެން ފަރާތަކުން ޢިމާރާތް ނުކުރެވޭނެއެވެ. (3(ނ))
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/14
- ހައިކޯޓުގެ ނަންބަރު 2015/HC-A/221
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް