ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/371
އިސްމާޢީލް ރަޝީދު ވ. މުޙައްމަދު ފައުޒީ، 2015/HC-A/371
Ismail Rasheed v. Mohamed Fauzee 2015/HC-A/371 (2015/HC-A/371, High Court of the Maldives, 21 November 2016)
އިސްމާޢީލް ރަޝީދު ވ. މުޙައްމަދު ފައުޒީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 5,000 ޑޮލަރާއި، ކޮމާޝަލް ބޭންކުތަކުގެ އިންޓްރެސްޓާ އެއްވަރަށް އަހަރަކު 12% ގެ ރޭޓުން 2,700 ޑޮލަރު ގެއްލުމުގެ ބަދަލާއި، 12,000 ރުފިޔާ ވަކީލު ފީ ދައްކަން ޙުކުމްކުރި.
އެމެރިކާ ޑޮލަރު ވިއްކުމަށް އަނގަބަހުން އެއްބަސްވެ އެއަށްވާ ދިވެހި ފައިސާ ނަގައި، ޑޮލަރު ދިނުމަށް ދޫކުރި ދެ ޗެކުގެ ފައިސާ ނުލިބުމުން، ޑޮލަރާއި ވަކީލު ފީއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ ވަކީލު ފީ ނަގައިދިނީ 2009/HC-A/348 ގެ އުޞޫލާ ޚިލާފަށް ކަމަށާއި، ކޮންޓްރެކްޓެއް ވުޖޫދުނުވާ ކަމަށާއި، ގެއްލުމުގެ ބަދަލު ކަނޑައެޅީ 2013/SC-A/27 އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށް.
މައިގަނޑު ސުވާލު
ލިޔުމުން އެއްބަސްވުމެއް ނެތް މުޢާމަލާތެއްގައި ދަޢުވާކުރި ފަރާތަށް ވަކީލު ފީ ނަގައިދެވޭނެތޯ؛ އަދި ގެއްލުމުގެ މިންވަރު ސާބިތުނުކޮށް ކޮމާޝަލް ބޭންކުތަކުގެ އިންޓްރެސްޓް ރޭޓުގެ މައްޗަށް ގެއްލުމުގެ ބަދަލު ކަނޑައެޅުމަކީ ޤާނޫނާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ގެއްލުމުގެ ބަދަލާއި ވަކީލު ފީއަށް ކުރި ޙުކުމް ބާޠިލު؛ ޑޮލަރުގެ ދަރަނި ޤާއިމް)
ވަކީލު ފީއާ ބެހޭ އެއްބަސްވުމެއް ނެތުމުން ވަކީލު ފީ ނަގައިދެވޭނެ ފީއެއް ނޫން؛ އަނގަބަހުން ވެވުނު އެއްބަސްވުމަކީ ކޮންޓްރެކްޓެއް؛ ގެއްލުމުގެ މިންވަރު ސާބިތުނުކޮށް ބަދަލު ނަގައިދިނުން އިންސާފުވެރި ގޮތެއް ނޫން.
ކަނޑައެޅުނު އުޞޫލުތައް
- ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާގުޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ ފީ ނަގައިދިނުމާ ބެހޭ ޤާނޫނެއް އަދި ޤަވާއިދެއްވެސް ނެތުމުން، މައްސަލައިގެ ދެޚަސްމުންގެ ދެމެދުގައި އެފަދަ ޚަރަދުތަކާގުޅޭ ގޮތުން ކުރިން އެއްބަސްވުމެއް ނެތި ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށްފަހު ޚިލާފު އުފެދޭ ޙާލަތުގައި، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން އެޚަރަދު ނަގައިދިނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫނެވެ. އެހެންކަމުން، މައްސަލައެއްގައި ވަކީލުގެ ފީއާގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތްނަމަ، ވަކީލުގެ ފީއަކީ ޝަރީޢަތުން ނަންގަވައި ދެއްވޭނެ ފީއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ؛ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމުގައި ވާނެއެވެ. އެހެންކަމުން، އަނގަބަހުން އެއްބަސްވެ، އެގޮތުގެ މަތިން ދެމީހުން ރުހި ޤަބޫލުވެ ބަނދެވިފައިވާކަމަށް އެއްވެސް ފަރާތަކުން އިންކާރުކޮށްފައިނުވާ ހިނދު، އަނގަބަހުން ވެވުނު އެއްބަސްވުމަކީ ކޮންޓްރެކްޓެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- މައްސަލައެއް ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅި ފަރާތެވެ. އެހެންކަމުން، ޝަރީޢަތުން ކަނޑައަޅާ އިންސާފުވެރި ބަދަލެއް ލިބިގަތުމަށް އެދޭ ފަރާތުން، އެފަރާތަށް ގެއްލުން ލިބިފައިވާ ގޮތާއި މިންވަރު ސާބިތުކޮށް ދިނުމުގެ ގޮތުން އެކަށީގެންވާ މިންވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކޮށް ދެވިފައިނުވާއިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފައިސާ ނަންގަވައި ދެއްވުމަކީ މިފަދަ ބަދަލު ނަންގަވައި ދެއްވުމުގައި ރިޢާޔަތްކުރަންޖެހޭ އެންމެ އިންސާފުވެރި ގޮތް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (2)
- 2009/HC-A/348
- 2013/SC-A/27
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް