ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 03
އިސްމާޢީލް ޖަނާޙް ވ. މަހޮގަނީ ޕްރައިވެޓް ލިމިޓެޑް، [2022] SC 03 (2021/SC-A/17)
Ismail Janaah v. Mahoganee Private Limited [2022] SC 03 (2021/SC-A/17, Supreme Court of the Maldives, 14 February 2022)
އިސްމާޢީލް ޖަނާޙް ވ. މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (71/VTR/2018) ނިންމީ އޭނާއަކީ ދާއިމީ މުވައްޒަފެއް ކަމަށާއި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށެވެ. ހައިކޯޓުން (2019/HC-A/135) ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކޮށް، ވަޒީފާއަކީ ވަކި ޕްރޮޖެކްޓަކަށް ޚާއްޞަ ވަޒީފާއެއް ކަމަށް ކަނޑައަޅައި، ރިސޯޓު ތަރައްޤީކޮށް ނިންމަންޖެހޭ 10 މާރިޗު 2018 ގެ ނިޔަލަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ޙުކުމްކުރިއެވެ.
މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް އިލެކްޓްރިޝަނެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި އިސްމާޢީލް ޖަނާޙް، 2018 ޖަނަވަރީގައި ނޯޓިހަކާއި ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން، އެއީ ޤާނޫނާ ޚިލާފު ވަކިކުރުމެއް ކަމަށް ކަނޑައަޅައި ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. ކުންފުނިން ބުނީ އޭނާއަކީ ރިސޯޓު ތަރައްޤީކުރާ ޕްރޮޖެކްޓަކަށް ނެގި ވަގުތީ މުވައްޒަފެއް ކަމަށެވެ.
އިސްމާޢީލް ޖަނާޙް ބުނީ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ޢިމާރާތްކުރުމުގެ ހުއްދައާއި ރިސޯޓު ހިންގުމުގެ ހުއްދަ ހައިކޯޓަށް އަލަށް ހުށަހަޅައި ބަލައިގަތުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި 2014/SC-A/41 އާ ޚިލާފު ކަމަށާއި، ހައިކޯޓުން ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކުރި ކަމަށެވެ. ކުންފުނިން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި 2016/SC-A/18 ގެ ދަށުން އެފަދަ ލިޔުންތައް ހުށަހެޅިދާނެ ކަމަށާއި، ރިޢާޔަތްނުކުރި ހެއްކެއް ފާހަގަކޮށްދީފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ޓްރައިބިއުނަލަށް ހުށަނާޅައި ހައިކޯޓަށް އަލަށް ހުށަހެޅި ލިޔުންތައް ބަލައިގަތުމާއި، ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކުރުމުގެ ސަބަބުން ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
އެ ދެ ހުއްދައަކީ ވަޒީފާގެ މައްސަލައާ ސީދާ ގުޅުމެއް ހުރި ލިޔުންތަކެއް ނޫންކަމާއި، ހައިކޯޓުން ވަޒީފާއާމެދު ގޮތް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ބިނާކޮށް ކަމުން އެ ލިޔުންތަކަށް ބުރަދަނެއް ދީފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ޓްރައިބިއުނަލުން ޤާނޫނު ތަޠުބީޤުކުރުމުގައި ހެދުނު އޮޅުމެއް ހަމަމަގަށް އެޅުވުމަކީ އިސްތިއުނާފީ ކޯޓުގެ މައި ދައުރެއް ކަމަށާއި، ހައިކޯޓުން ދާއިމީ ވަޒީފާއެއް ކަމަށް ހުށަހެޅުނު ލިޔުމާ ބެހޭގޮތުން ތަފްޞީލުކޮށް ވާހަކަ ދައްކާފައިވާތީ ހެކިތަކަށް ރިޢާޔަތްނުކުރި ކަމަށް ނުބެލެވޭ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލު
- ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ވަކި ކަމަކާމެދު ގޮތް ކަނޑައަޅާފައިވަނީ ރަނގަޅު ނޫން ގޮތުގައި ޤާނޫނު ތަޠުބީޤުކޮށްގެން ކަމުގައިވާނަމަ، މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށާއި، ހުށަހަޅާ ޤާނޫނީ ނުކުތާތަކާއި، ހުރި ހެއްކާއި ޤަރީނާގެ އަލީގައި އެކަން ހަމަމަގަށް އެޅުވުމަކީ އިސްތިއުނާފީ ކޯޓުތަކުގެ މައި އެއް ދައުރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [43])
އިސްމާޢީލް ޖަނާޙް ވ. މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ފެހިއަލި، ދ.މާއެނބޫދޫ، އިސްމާޢީލް ޖަނާޙް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އިސްމާޢީލް ޖަނާޙް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/17 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-508/2005) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މަހޮގަނީ ޕްރައިވެޓް ލިމިޓެޑް") ގެ މައްޗަށެވެ.
[2]އިސްމާޢީލް ޖަނާޙް، 27 އޮކްޓޫބަރު 2016 އިން ފެށިގެން މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް އިލެކްޓްރިޝަންގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 10 ޖަނަވަރީ 2018 ގައި އެ ކުންފުނީގެ ފަރާތުން އޭނާއަށް ފޯނުން ގުޅައި، ވަކި އެއްޗެއް އަންގަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށްފަހު، 12 ޖަނަވަރީ 2018 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
[3]މިފަދައިން ވަޒީފާއން ވަކިކުރުމާ ގުޅިގެން، އިސްމާޢީލް ޖަނާޙް ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި، އަދި ވަޒީފާއިން ވަކިކުރި ސަބަބު އެންގުމަކާ ނުލައި ކަމަށް ބުނެ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމަށް ޚަރަދުވި ފައިސާ ނަގައިދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމުގައިވާނަމަ، ނޯޓިސްގެ މުއްދަތުގެ ބަދަލުގައި އޭނާއަށް ލިބެންޖެހޭ ފައިސާ ނަގައިދިނުމަށް އެދި މަހޮގަނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅައި، އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 71/VTR/2018 މައްސަލައިގެ ގޮތުގައި ހިންގާފައިވެއެވެ.
[4]ޓްރައިބިއުނަލުގެ ނަންބަރު 71/VTR/2018 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އިސްމާޢީލް ޖަނާޙް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި، މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގައި އިސްމާޢީލް ޖަނާޙް އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރާ ރުޖޫއަކުރުމަށާއި، އޭނާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ ހަމަޖެހޭ ދުވަހާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތްތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރުމަށްފަހު އަހަރީ ޗުއްޓީގެ ބަދަލުގައި ދީފައިވާ 01 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ ފައިސާ އުނިކުރުމަށްފަހު، ބާކީ ފައިސާ 10 ޖަނަވަރީ 2019 އިން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އިސްމާޢީލް ޖަނާޙްއަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެ ކަންތައްތައް ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް މަހޮގަނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށެވެ.
[5]އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިއުނަލްގެ ނަންބަރު 71/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
[6]އިސްމާޢީލް ޖަނާޙް މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއަށް ޢައްޔަންކުރެވުނީ އެ ކުންފުންނިން ރީތިފަރު ރިސޯޓު ހިންގަމުން ގެންދިޔަ ޕްރޮޖެކްޓަކާ ގުޅިގެން ވަގުތީ މުވައްޒަފެއްގެ ގޮތުގައިކަން އޭނާއަށް އަންގާފައިވާނެ ކަމަށް ކުންފުނީގެ ފަރާތުން ބުނިނަމަވެސް، މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު RFR/C/006 (30 މާރިޗު 2017) ލިޔުމަށް ބަލާއިރު، އިސްމާޢީލް ޖަނާޙްއަކީ 27 އޮކްޓޫބަރު 2016 އިން ފެށިގެން އެ ކުންފުނީގެ ޗީފް އިލެކްޓްރިޝަންގެ މަޤާމުގައި ދާއިމީ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއްކަން އެނގޭކަން؛
[7]އިސްމާޢީލް ޖަނާޙް އަކީ 27 އޮކްޓޫބަރު 2016 އިން 10 ޖަނަވަރީ 2018 ގެ ނިޔަލަށް، މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް އިލެކްޓްރިޝަންގެ މަޤާމުގައި ރީތިފަރު ރިސޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި މަސައްކަތްކޮށްފައިވާ ވަގުތީ މުވައްޒަފެއް ކަމުގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު RFR/C/042 (10 ޖަނަވަރީ 2018) ލިޔުމުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ލިޔުން ތައްޔާރުކޮށްފައިވަނީ އިސްމާޢީލް ޖަނާޙްގެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީޚްކަމުގައި، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީޚުގައި (10 ޖަނަވަރީ 2018) ކަން އެނގޭކަން؛
[8]މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި “Temporary Staff Registration Form” އާއި TEMPORARY STAFF SALARY LIST (LOCAL) (ނޮވެންބަރު 2016، ޑިސެންބަރު 2016 އަދި ޖަނަވަރީ 2017( އަށް ބަލާއިރު، އިސްމާޢީލް ޖަނާޙަކީ ވަގުތީ މުވައްޒަފެއް ކަމުގައި އެ ލިޔެކިޔުން ތަކުގައި ބަޔާންކޮށްފައި ވީނަމަވެސް، އިސްމާޢީލް ޖަނާޙަކީ ވަގުތީ މުވައްޒަފެއްކަން އޭނާއަށް އެނގިފައިވާކަން އެ ލިޔެކިޔުމުން އެނގެން ނެތްކަން؛ އަދި
[9]އިސްމާޢީލް ޖަނާޙް ވަޒީފާއިން ވަކިކުރެވިފައިވަނީ، އޭނާގެ މައްސަލައެއް އޮވެގެންކަން އެންގެން ނެތަތީ، އިސްމާޢީލް ޖަނާޙް ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ޤަބޫލު ނުކުރެވޭކަމާއި، އެހެންކަމުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަން.
[10]ޓްރައިބިއުނަލް ނަންބަރު 71/VTR/2018 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ އެ ކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 71/VTR/2018 މައްސަލައިގެ ނިންމުން ބާޠިލްކޮށް، ރީތިފަރު ރިސޯޓު ތަރައްޤީކޮށް ނިންމުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާފައިވާ އެންމެފަހުގެ ތާރީޚު ކަމުގައިވާ 10 މާރިޗު 2018 ގެ ނިޔަލަށް، މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގައި އިސްމާޢީލް ޖަނާޙް އަދާކުރަމުންދިޔަ ޗީފް އިލެކްޓްރިޝަންގެ މަޤާމުން ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއި އަދި ބޭނުން ނުކޮށް އޮތް ޗުއްޓީއަކަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ އެ މިންވަރަކާއެކު، އިސްމާޢީލް ޖަނާޙްއަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅައި، 10 މާރިޗު 2018 ގެ ނިޔަލަށް ބަޔާންވެދިޔަ ގޮތުގެ މަތިން، އިސްމާޢީލް ޖަނާޙްއަށް ލިބެންޖެހޭ ޖުމްލަ ފައިސާއަށް އުނިކަމެއް ނާންނެހެން، އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބިދީފައިވާ ފައިސާއިން އުނިއިތުރު ހަމަޖައްސައި، އިސްމާޢީލް ޖަނާޙްއާ ފައިސާ ޙަވާލުކޮށް ސަރުކާރު ބަންދު ނޫން 07 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމަކުން އެކަން އެންގުމަށް މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށެވެ.
[11]ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
[12]އިސްމާޢީލް ޖަނާޙް އަދާކުރަމުންދިޔަ ވަޒީފާއަކީ، ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާއެއްކަމުން، އެ ޕްރޮޖެކްޓް ނިމުމާއެކު، އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި އެ ވަޒީފާ ނިމުމަކަށް އަންނާނެކަން؛
[13]ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރަނީ "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް" ގެ ވާހަކަ ކަމުގައިވާތީ، މި އަކުރުގައި ބަޔާންކުރާ ހަމަ "ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުން" ތަކުގެ މައްޗަށް ހިންގިދާނެ ކަމަށް ނުބެލޭވޭ ކަމާއި، ސަބަބަކީ މި އަކުރުގެ ދަށުން ވަގުތީ ވަޒީފާއެއް ދާއިމީ ވެގެން ހިނގައިދާނެކަމަށް ބަލައިފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) އާ ތަޢާރުޟުވާނެކަން؛
[14]މަހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޫކުރި ލިޔުމުގައި، އިސްމާޢީލް ޖަނާޙްއަށް ވަޒީފާ ދީފައިވަނީ ދާއިމީ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިސްމާޢީލް ޖަނާޙްއަށް ދެވުނު ވަޒީފާއަކީ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާއަކަށްވުމުގެ ޙަޤީޤަތް ބަދަލުވެގެން ނުދާނެކަން؛
[15]މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓްރައިބިއުނަލްގައިވެސް އަދި ހައިކޯޓުގައިވެސް ބުނެފައިވަނީ އިސްމާޢީލް ޖަނާޙްގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމުގައި ބުނެ ލިޔުން ދޫކޮށްފައިވަނީ ބޭންކުގެ ބޭނުމަކަށް ކަމަށާއި، އެ ލިޔުމުގައި އިސްމާޢީލް ޖަނާޙް އަދާކުރަނީ ޕާމަނަންޓް ވަޒީފާއެއްކަން ބަޔާންކުރުމެއް ނެތި އޭނާއަށް ލޯނު ހަމަނުޖެހޭނެ ކަމަށް އިސްމާޢީލް ޖަނާޙް ބުނެފައިވާތީ، އެ ލިޔުމަކީ އޭނާއަށް އެހީތެރިވުމުގެ ގޮތުން ޕްރޮޖެކްޓް މެނޭޖަރ ސޮއިކޮށްފައިވާ ލިޔުމެއްކަން؛
[16]މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި އަދި އެ މާއްދާގެ (ވ) އަށް ރިޢާޔަތްކޮށް، އެންމެ ޢަދުލުވެރި ގޮތަކީ، ރީތިފަރު ރިސޯޓު ތަރައްޤީކޮށް ނިންމުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ދީފައިވާ އެންމެ ފަހުގެ ތާރީޚް ކަމުގައިވާ 10 މާރިޗު 2018 ގެ ނިޔަލަށް އިސްމާޢީލް ޖަނާޙްއަށް އޭނާ އޭރު ހުރި މަޤާމުން ލިބޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ނަގައިދިނުން ކަމަށް ބުރަވެވޭކަން.
[17]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
[18]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްމާޢީލް ޖަނާޙްގެ ފަރާތުން 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:
[19]މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ރީތިފަރު ރިސޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ދީފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި އެ މިނިސްޓްރީން ދޫކޮށްފައިވާ "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރުޞަތު އޮތް 2 (ދޭއް) ލިޔެކިޔުންކަމުގައިވާހިނދު، އެ ލިޔުންތައް ޓްރައިބިއުނަލްއަށް ހުށަހެޅުމަކާއި ނުލައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ ލިޔެކިޔުމަށް ބަލައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި ހައިކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި؛
[20]ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލައާއި ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ހުށަހެޅި ސަބަބެވެ.
[21]އެހެންކަމުން، މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ:
[22]ރީތިފަރު ރިސޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ދީފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި އެ މިނިސްޓްރީން ދޫކޮށްފައިވާ "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، ހައިކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ހައިކޯޓުން ބަލައިގަނެ އެއަށް ޤާނޫނީ ގޮތުން ބުރަދަން ދީފައިވާ ލިޔުންތަކެއްކަން ނުވަތަ ނޫންކަން؛ އަދި
[23]ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލައާ ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާ ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަން ނުވަތަ ނޫންކަން؛
މި 2 (ދޭއް) ނުކުތާގެ މައްޗަށްކަން ސާފެވެ.
[24]އެހެންކަމުން، އެއިން ކޮންމެ ނުކުތާއަކާމެދު އަހުރެން ދެކޭގޮތް ތިރީގައި ބަޔާންކުރަމެވެ.
[25](ހ) އައު ލިޔެކިޔުން ހުށަހެޅުންރީތިފަރު ރިސޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ދީފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި އެ މިނިސްޓްރީން ދޫކޮށްފައިވާ "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ އިސްމާޢީލް ޖަނާޙްއަކީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ދާއިމީ މުވައްޒަފެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކެއްކަމުގައި އިސްމާޢީލް ޖަނާޙްގެ ފަރާތުން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން، އިސްމާޢީލް ޖަނާޙްއަކީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ދާއިމީ މުވައްޒަފެއް ނޫންކަމާއި، އޭނާއަކީ ރީތިފަރު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތަށް ޚާއްޞަކުރެވިގެން ވަޒީފާ ދީފައިވާ ފަރާތެއް ކަމަށް ކަނޑައަޅާފައިވަނީ އެ 2 (ދޭއް) ލިޔުމަށް ބިނާކޮށް ކަމުގައިވެސް އިސްމާޢީލް ޖަނާޙްގެ ފަރާތުން ބުނެއެވެ. މީގެ އިތުރުން، އެ ލިޔުމުގައިވާ ތާރީޚުތަކަށް ބެލުމުންނާއި، ޓްރައިބިއުނަލް މަރުޙަލާގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުންވެސް، އެ ލިޔެކިޔުންތަކަކީ ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުން ދިޔައިރު، އެ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ލިޔުންކަމުގައި ވީނަމަވެސް، އެފަދައިން ޢަމަލުކުރުމަކާއި ނުލައި، އެ ލިޔުންތައް ހައިކޯޓަށް ހުށަހަޅައި، ހައިކޯޓުން މައްސަލަ ނިންމުމުގައި އެ ލިޔެކިޔުމަށް ބުރަދަން ދީފައިވަނީ ޤާނޫނާއި ޚިލާފަށްކަމުގައި އިސްމާޢީލް ޖަނާޙްގެ ފަރާތުން ބުނެއެވެ.
[26]މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅި ދެ ލިޔުމަކީވެސް ދަށު މަރުޙަލާގައި އެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތައް ތަފްސީލުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކެއް ކަމުން، މި ލިޔެކިޔުން ހައިކޯޓަށް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޕެރެގްރާފް 28 ގައި ބަޔާންކޮށްފައިވާ އުސޫލަކާ ޚިލާފު ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. މީގެ އިތުރުން، މި ނުކުތާއަށް ރައްދު ދިނުމުގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާތަކަށް ބަލާއިރު:
[27]ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ހ) ގައި "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ" މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި، "މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ" މިފަދައިން ބަޔާންކޮށްފައި އޮންނަ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ނަކަލުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ހ) އަދި (ށ) ގައިވާ އުސޫލުކަން ފާހަގަކޮށް، މިހެންކަމުން، ހައިކޯޓު މަރުޙަލާގައި އައު ހެކި ހުށަހެޅުމަކީ މުޠުލަޤަށް ބަންދުވެފައިވާ ދޮރެއްކަމުގައި ބެލެވެން ނެތްކަމާއި؛
[28]އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަނޭޅޭނެ ކަމުގައި ބުނެ އިސްމާޢީލް ޖަނާޙްގެ ފަރާތުން ފާހަގަކޮށްފައިވާ، މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ) ނިމުނު ފަހުން ނިންމާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެނޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ) ގައި ދަށުކޯޓަށް ހުށަހެޅިފައިނުވާ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެ ހާލަތްތައް ބަޔާންކޮށްފައިވާކަމަށާއި؛
[29]މިގޮތުން، ވަކި ހެއްކަކީ ދަށުކޯޓު މަރުޙަލާގައި މައްސަލަ ބެލިއިރު ލިބެން ހުރި ހެކި ނަމަވެސް، އެ ހެއްކެއް ހުށަހެޅުން މުހިންމުވަނީ ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ކަމުގައިވާނަމަ، އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހެޅިދާނެކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެނޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ) ގެ 23 ވަނަ ޕެރެގްރާފްގެ (3) ގައި ބަޔާންކޮށްފައިވާކަމަށާއި، މިފަދައިން އަމަލުކުރުމުގެ ފުރުސަތު ލިބެނީ، މައްސަލައިގެ މައްޗަށް ފަނޑިޔާރުގެ އޮތް ރަޢުޔު ބަޔާންކުރާއިރު، މައްސަލައިގެ ޚަޞްމެއް މައްސަލަ ކުރިއަށް ދިޔައިރު ކަމެއްގައި ވަކި ގޮތަކަށް މާނަކުރެވެން އޮތްކަމުގެ އިހުތިމާލު އޮތްކަން އަންދާޒާނުކުރާ، ނުވަތަ ވަކި ކަމަކަށް ހީނުކުރާ ފަދަ ބުރަދަނެއް މައްސަލަ ބެލި ފަނޑިޔާރުދޭ ހާލަތުގައި ކަމާއި، ޢާންމުކޮށް މިހާލަތް ކުރިމަތިވަނީ ދަށު ކޯޓުގައި ކުރި ދަޢުވާ ނުވަތަ ރައްދު ދަޢުވާ ބިނާވާ މައިގަނޑު ހެކިތަކުގެ މައްޗަކަށް ނޫންކަމުގައިވެސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެނޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2016/SC-A/18 ޤަޟިއްޔާ) ގައި ބަޔާންކޮށްފައިވާ ކަމަށާއި؛
[30]މި މައްސަލައިގައި ރީތިފަރު ރިސޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ދީފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި އެ މިނިސްޓްރީން ދޫކޮށްފައިވާ "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" ހައިކޯޓަށް ހުށަހެޅިފައިވަނީ އެ ރަށް ތަރައްޤީ ކުރުމަށް މުއްދަތެއް ދީފައިވާކަމާއި، އެ މުއްދަތުގެ ކުރިން އެރަށް ހުޅުވިކަން ދެއްކުމުގެ ގޮތުން ކަމުގައާއި، މި މަޢުލޫމާތަކީ ޓްރައިބިއުނަލްގައިވެސް ދެކެވިފައިވާ ވާހަކަ ކަމާއި، މި ކަންކަމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރު ނުކުރާކަމުގައާއި؛
[31]މިހެންކަމުން، ރީތިފަރު ރިސޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ދީފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި އެ މިނިސްޓްރީން ދޫކޮށްފައިވާ "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، ހައިކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ހައިކޯޓުން ބަލައިގަނެ އެއަށް ޤާނޫނީ ގޮތުން ބުރަދަން ދީފައިވާ ލިޔުންތަކެއްކަމުގައި އެ ކުންފުނިން ނުދެކޭކަމުގައެވެ.
[32]މިނިސްޓްރީ އޮފް ޓުއަރިޒަމުން ދޫކޮށްފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ ހުށަހެޅިދާނެ އައު ހެކި ކަމާމެދު އަހުރެންގެ ވިސްނުން ހުރީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާނޫނަށާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާއި ހަވާލާދީ ހުށަހަޅާފައިވާ ބަހުސާއި އެއްގޮތަށެވެ. އެހެނީ:
[33]މިނިސްޓްރީ އޮފް ޓުއަރިޒަމުން ދޫކޮށްފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާގެ މައްސަލައާއި ސީދާ ގުޅުމެއް ހުރި ލިޔުންތަކެއް ކަމުގައި ނުވާތީއާއި؛
[34]އިސްމާޢީލް ޖަނާހުގެ ވަޒީފާއާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީ، މި ރައުޔުގެ 7 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައިކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނާތީއާއި؛
[35]މިނިސްޓްރީ އޮފް ޓުއަރިޒަމުން ދޫކޮށްފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ އިސްމާޢީލް ޖަނާޙުގެ ވަޒީފާއާމެދު ހައިކޯޓުން ގޮތް ކަނޑައެޅުމުގައި ބުރަދަނެއް ދީފައިވާ ލިޔުންތަކެއްކަން އެނގެން ނެތުމުން؛
[36]އެ ލިޔުންތައް ހައިކޯޓަށް ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، ހައިކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޚިލާފަށް ކަމުގައި ބަހުސް ކުރެވޭނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި އިސްމާޢީލް ޖަނާޙުގެ ވަޒީފާއާގުޅޭ ގޮތުން ގޮތް ކަނޑައެޅުމުގައި، ހައިކޯޓަށް އަލަށް ހުށަހެޅުނު، ބުނެވުނު ދެ ލިޔުމަށް އެ ކޯޓުން ބުރަދަނެއް ދީފައިވާކަމުގައިވެސް އަހުރެން ނުދެކެމެވެ.
(ށ) ހެއްކާއި ޤަރީނާއަށް ރިޢާޔަތްނުކުރުން
[37]ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލައާއި ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާ ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމުގައި އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވެއެވެ. އަދި ހައިކޯޓާއި ޚިލާފަށް، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާ ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިވާ ކަމުގައިވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
[38]އަދި، މި ނުކުތާ ތަފްސީލުކުރުމުގައި، އިސްމާޢީލް ޖަނާޙްގެ ފަރާތުން ބުނެފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވަނީ އެ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމުގައި ކަނޑައަޅާދިނުމަށް ކަމަށާއި؛ އިސްމާޢީލް ޖަނާޙްއަކީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވާތީ، އޭނާ ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައާއި؛ ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރުމުގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް ޖަނާޙްއަކީ ވަކި ޕްރޮޖެކްޓް މަސައްކަތެއް ހަވާލުކޮށްފައިވާ މީހެއްކަމާއި، އެ މަސައްކަތް (ޕްރޮޖެކްޓް) ނިމުމުން ވަޒީފާ ނިމުމަކަށް އަންނާނެ ކަމަށް ބުނެ ހައިކޯޓަށް އައު ދެ ލިޔުން ހުށަހަށާފައިވާކަމާއި، އެ ދެ ލިޔުމަކީ އިސްމާޢީލް ޖަނާޙްގެ ވަޒީފާއާ ސީދާ ގުޅުމެއްވާ ލިޔުންތަކެއް ނޫންކަމުގައެވެ.
[39]މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމިއިރު، ޓްރައިބިއުނަލްއަށް އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާއި ޤަރީނާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަމަށާއި، ހައިކޯޓުން ރިޢާޔަތްނުކުރި ލިޔުމެއް ނުވަތަ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް އިސްމާޢީލް ޖަނާޙްގެ ފަރާތުން ބުނެދެވިފައި ނުވާކަމަށެވެ. އަދި، އިސްމާޢީލް ޖަނާޙްގެ ފަރާތުން ހަވާލާދީފައިވާ ލިޔުމަކީ، އޭނާގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމުގައި ބަޔާންކޮށް، އިސްމާޢީލް ޖަނާޙްގެ ފަރާތުން ލޯނެއް ނެގުމުގެ ބޭނުމުގައި ޕްރޮޖެކްޓް އޮފީހުން ދޫކޮށްފައިވާ ލިޔުން ކަމުގައިވާނަމަ، އެ ސިޓީގެ ބައެއް ހައިކޯޓުގެ ރިޕޯޓުގައި ނަކަލުކޮށް، އެ ސިޓީއާ ގުޅިގެން ހައިކޯޓުން ދެކޭގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.
[40]ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލައާއި ގުޅޭ ގޮތުން އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމުގައި އޭނާ ބުނާއިރު، މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވަނީ ކޮން ލިޔުމެއް ނުވަތަ ހެއްކެއް ނުވަތަ ޤަރީނާއެއް ކަން އިސްމާޢީލް ޖަނާޙްގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ.
[41]ޓްރައިބިއުނަލްގެ ފަރާތުން އިސްމާޢީލް ޖަނާޙް ހުށަހެޅި މައްސަލަ ނިންމާފައިވަނީ، އިސްމާޢީލް ޖަނާޙަކީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގަމުން އައި ޕްރޮޖެކްޓް މަސައްކަތަކަށް ޢައްޔަނުކުރެވުނު ވަގުތީ މުވައްޒަފެއްކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވާތީއާއި، އިސްމާޢީލް ޖަނާޙަކީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ދާއިމީ މުވައްޒަފެއްކަމަށް (ޓްރައިބިއނަލްއަށް) ބުރަވެވޭތީއާއި، އިސްމާޢީލް ޖަނާޙް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްސަލައެއް އޮވެގެންކަމުގައި ނުވާތީކަމަށް ބަލައެވެ.
[42]ހައިކޯޓުގައި މައްސަލަ ބެލިއިރު، އެ ކޯޓުން އިސްމާޢީލް ޖަނާޙް ހުށަހަޅާފައިވާ މައްސަލައާއި، މަހޮގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލައި، ވަޒީފާއާމެދު ގޮތެއް ކަނޑައެޅުމުގައި ވަޒީފާގެ އެއްބަސްވުމުގެ ބާވަތްތައް ސާފުކޮށްދިނުމަށްފަހު، އިސްމާޢީލް ޖަނާޙް ހުރި ވަޒީފާއަކީ ކޮން ބާވަތެއްގެ ވަޒީފާއެއްކަން ކަނޑައަޅައި، އޭގެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި، މިފަދައިން އެ ކޯޓުން ކަނޑައަޅައި ބަޔާންކުރުމުގައި، އެ ނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.
[43]ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ވަކި ކަމަކާމެދު ގޮތް ކަނޑައަޅާފައިވަނީ ރަނގަޅު ނޫން ގޮތުގައި ޤާނޫނު ތަޠުބީޤުކޮށްގެން ކަމުގައިވާނަމަ، މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށާއި، ހުށަހަޅާ ޤާނޫނީ ނުކުތާތަކާއި، ހުރި ހެއްކާއި ޤަރީނާގެ އަލީގައި އެކަން ހަމަމަގަށް އެޅުވުމަކީ އިސްތިއުނާފީ ކޯޓުތަކުގެ މައި އެއް ދައުރެވެ. އެހެންކަމުން، އިސްމާޢީލް ޖަނާޙް ހުރީ ދާއިމީ ވަޒީފާއެއްގައި ކަމުގައި ކަނޑައެޅި ކަނޑައެޅުމާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައެޅި ކަނޑައެޅުން ޓްރައިބިއުނަލުން ބިނާކޮށްފައިވަނީ އެ ހާލަތަށް ޤާނޫނު ތަޠުބީޤުކުރުމުގައި ހެދިފައިވާ އޮޅުމެއްގެ ތެރެއިން ކަމުގައިވާނަމަ، އަދި އެ ނުކުތާ އިސްތިއުނާފުކޮށްފައިވާނަމަ، ހައިކޯޓުން އެ ގޯސް ރަނގަޅުކުރަންޖެހެއެވެ. އިސްމާޢީލް ޖަނާޙް އަދާކުރަމުން ދިޔައީ ވަކި ޕްރޮޖެކްޓް މަސައްކަތެއް ކަމުގައާއި، އެ މަސައްކަތް (ޕްރޮޖެކްޓް) ނިމުމުން އޭނާގެ ވަޒީފާ ނިމުމަކަށް އަންނާނެކަމަށް ހައިކޯޓުން ބަޔާންކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. ހައިކޯޓުން މިފަދައިން ނިންމުމުގެ މާނައަކީ، އެ ކޯޓުން އިސްމާޢީލް ޖަނާޙްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ވާކަމެއް ނޫނެވެ. އެހެނީ، އިސްމާޢީލް ޖަނާޙު ހުރީ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ކަމުގައި ބަޔާންކޮށްދިނުމުގެ ގޮތުން އޭނާ ޓްރައިބިއުނަލްއަށް ހުށަހެޅި ހަމައެކަނި ލިޔުންކަމުގައިވާ ޕްރޮޖެކްޓް އޮފީހުގެ ސިޓީއާ ގުޅޭގޮތުން ހައިކޯޓުގެ ރިޕޯޓުގައި ވަރަށް ތަފްޞީލީ ގޮތެއްގައި ވާހަކަ ދައްކާފައިވެއެވެ. އެހެންކަމުން، ހައިކޯޓުން މައްސަލަ ނިންމުމުގައި އެ ލިޔުމަށް ރިޢާޔަތްނުކޮށް ވާކަމަށް ބެލެވޭން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
[44]ނިންމުން އަދި ނަތީޖާދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އިސްމާޢީލް ޖަނާޙްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި ކަންކަމަށް ބަލާއިރު:
[45]މިނިސްޓްރީ އޮފް ޓުއަރިޒަމުން ދޫކޮށްފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ" އާއި "ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ" އަކީ އިސްމާޢީލް ޖަނާޙުގެ ވަޒީފާއާމެދު ހައިކޯޓުން ގޮތް ކަނޑައެޅުމުގައި ބުރަދަނެއް ދީފައިވާ ލިޔުންތަކެއް ކަން އެނގެން ނެތުމުންނާއި، އެ ލިޔުންތަކަކީ އިސްމާޢީލް ޖަނާޙްގެ ވަޒީފާއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައާއި ސީދާ ގުޅުމެއްވާ ލިޔެކިޔުންތަކަކަށް ނުވާތީއާއި، އެ ލިޔުންތައް ހައިކޯޓަށް ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، ހައިކޯޓުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޚިލާފަށް ކަމުގައި އަހުރެން ނުދެކޭތީ؛ އަދި
[46]ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މައްސަލައާ ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެއްކާ ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމުގައި އަހުރެންނަށް ބުރަނުވެވޭތީ؛
[47]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
[48]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/135 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ)
- ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ)، (ޅ)، (ނ) އަދި (ވ)
- މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2014/SC-A/41)
- މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެނޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (2016/SC-A/18)
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 މާރިޗު 2021 · ރަޖިސްޓްރީކުރީ 8 އޭޕްރީލް 2021 · ނިމުނީ 14 ފެބުރުއަރީ 2022 (10.2 މަސް)