ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/369
ޙުސައިން އަފީފް ވ. ސިވިލް ސަރވިސް ކޮމިޝަން، 2016/HC-A/369
Hussain Afeef v. Civil Service Commission 2016/HC-A/369 (2016/HC-A/369, High Court of the Maldives, 5 February 2020)
ޙުސައިން އަފީފް ވ. ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ އެކަށީގެންވާ ސަބަބަކާހުރެ ކަމަށް ކަނޑައަޅައި ވަޒީފާ އަނބުރާ ދިނުމަށް ނުއަންގައި، ނަމަވެސް އިޖްރާއީ ޢަދުލުވެރިކަން ސާބިތުނުވާތީ 19,995 ރުފިޔާ ބަދަލު ދިނުމަށް ޙުކުމްކުރިއެވެ.
ލ.އިސްދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބަލިވެގެން މާލެ އައިސް ޗުއްޓީ ހުސްވުމުން 1 އަހަރުގެ މުސާރަ ނުލިބޭ ޗުއްޓީއަކަށް އެދުނެވެ. އިދާރާއިން ލިޔެކިޔުން ފުރިހަމަނުވާތީ ޗުއްޓީ ނުދީ ޙާޟިރުވުމަށް އެންގިއިރުވެސް ޙާޟިރުނުވުމުން 10 މާރިޗު 2016 ގައި ވަޒީފާއިން ވަކިކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޓްރައިބިއުނަލުގެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21، 23، 74 ވަނަ މާއްދާއާއި ސިވިލް ސަރވިސް ޤާނޫނުގެ 34، 47 ވަނަ މާއްދާއާއި ސިވިލް ސަރވިސް ގަވާއިދުގެ 195، 197، 198، 272 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ބަލިވެގެން ޗުއްޓީއަށް އެދުނު ސިވިލް ސަރވިސްގެ މުވައްޒަފަކު، ޗުއްޓީ ހަމަޖެހުމަކާނުލައި ވަޒީފާއަށް ޙާޟިރުނުވާތީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯއާއި، އިޖްރާއީ ޢަދުލުވެރިކަން ނެތުމުން ބަދަލު ކަނޑައެޅި ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ހުއްދަ ނުލިބި ޙާޟިރުނުވާތީ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާއިރު، މެޑިކަލް ލިޔުންތަކުން ޞިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަން ނުދައްކައެވެ. އިންޒާރާއި އިޞްލާޙީ ފިޔަވަޅު ނުއަޅާތީ އިޖްރާއީ ޢަދުލުވެރިކަން ނެތްކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމުންނެވެ. (ނުކުތާ (ށ))
- ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށްފަހުގައެވެ. (ނުކުތާ (ނ))
- މައުޟޫޢީ ޢަދުލުވެރިކަމަކީ ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުމެވެ؛ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން ނެތުމަކީ އެފަދަ ސަބަބުތަކެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައިވާ ސަބަބަކަށްޓަކައި ވަކިކޮށްފިނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށް ނުބެލެވޭނެއެވެ. (ނުކުތާ (ނ))
- ބަލިވުމުން ވަގުތީ ގޮތުން މަސައްކަތަށް ނުނިކުމެ ހުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 (ށ) (4) ގެ ދަށުން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް ނޫނެވެ. ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފަކު ވަގުތީ ގޮތުންވެސް ވަޒީފާއަށް ނުނިކުމެ ހުރެވޭނީ ވަޒީފާ އަދާކުރާ އިދާރާގެ ހުއްދަ ލިބިގެންނެވެ؛ އަދި މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 198 (ހ) ގައިވާ ގޮތަށް ބައްޔާއި މުއްދަތު ބަޔާންކޮށް ޤަބޫލުކުރާ ސިއްޙީ އެހީތެރިއެއްގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ. ހުއްދަ ނުލިބި، ޙާޟިރުވުމަށް އެންގުމުންވެސް ޙާޟިރުނުވާ މުވައްޒަފަކު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެއެވެ. (ނުކުތާ (ނ))
- އިޖްރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގައި ޢަމަލުކުރި އިޖްރާއަތަކީ ޢަދުލުވެރި އިޖްރާއަތަކަށްވުމެވެ؛ ވަކިކުރުމުގެ ކުރިން އިޖްރާއީ ގޮތުން ތަބާވުން ލާޒިމް ކަންތައްތަކަށް ތަބާވެ، ބަލަންޖެހޭ ބެލުންތައް އެކަށީގެންވާ މިންވަރަކަށް ބަލާފައިވޭތޯ ކަށަވަރުކުރަންޖެހެއެވެ. ވަޒީފާއަށް ނުނިކުމެގެން އިންޒާރު ދީ އިޞްލާޙީ ފިޔަވަޅެއް އަޅާފައިނުވާނަމަ އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައެއް ނުވެއެވެ. (ނުކުތާ (ނ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 34 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 195، 197، 198 (ހ)، 270 (ހ)، 272 ވަނަ މާއްދާ
- 2010/HC-A/24
- 2011/HC-A/134
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް