ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/127
ފާތިމަތު ޒަޔާން އިބްރާހިމް ވ. އިބްރާހީމް ޢަލީފުޅު، 2023/HC-A/127
Fathimath Zayaan Ibrahim v. Ibrahim Aleefulhu 2023/HC-A/127 (2023/HC-A/127, High Court of the Maldives, 17 January 2024)
ފާތިމަތު ޒަޔާން އިބްރާހިމް ވ. އިބްރާހީމް ޢަލީފުޅު
މައިގަނޑު ސުވާލު
ދަޢުވާއަށް ޤާނޫނީ މުއްދަތުގައި ދިފާޢު ހުށަނާޅާ ޙާލަތުގައި ދަޢުވާކުރާ ފަރާތަށް ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދި ހުށަހެޅިދާނެތޯއާއި، އެފަދައިން އެދުމުން ކޯޓު އަމުރުގެ ޢާއްމު އިޖުރާއަތުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ޖަވާބުދާރީވުމުގެ ނުވަތަ މައުޟޫޢީ ދަޢުވާއަށް ރައްދު ހުށަހެޅުމުގެ އިތުރު ފުރުޞަތު ދެވިދާނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، ޣައިރު ޙާޟިރުގައި ޙުކުމަށް އެދުމާމެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ މުއްދަތާއި އެ މުއްދަތު އިތުރުކުރެވޭ މިންވަރު ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ދިފާޢު ހުށަހަޅަންޖެހޭ ތާރީޚު ކޯޓުން ކުރިން އަންގަންޖެހޭކަމަށް ތަރުޖަމާކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ؛ އެގޮތަށް ކަނޑައަޅައިފިނަމަ ޤާނޫނު ނޭނގުމަކީ ދިފާޢަކަށް ވެގެންދާނެއެވެ. ސުޕްރީމް ކޯޓުގެ 01/2023-SCPD ޕްރެކްޓިސް ޑައިރެކްޝަން ބޭނުންކުރަންޖެހޭ ދާއިރާއަކީ 14 ދުވަހުގެ ދިފާޢު މުއްދަތުގައި ބަންދު ދުވަސް ހިމެނޭނަމަ މުއްދަތު ހަމަވާ ތާރީޚު ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 66-67)
- މައުޟޫޢީ ދަޢުވާއާ ގުޅުންހުރި ވަގުތީ އަމުރަށް ލިޔުމުން ދިން ޖަވާބާއި އަޑުއެހުމުގައި އަނގަބަހުން ދަޢުވާއަށް އިންކާރުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާރަވަނަ ބާބުގެ ބޭނުމަށް ދަޢުވާގެ ޖަވާބު (ދިފާޢު) ދިނުންކަމަށް ބެލެވޭނެ ޤާނޫނީ އަސާސެއް ނެތެވެ؛ އެހެން ހުށަހެޅުންތަކާއި އަނގަބަހުން ދެއްކި ވާހަކަ އެއްކޮށްގެން ދަޢުވާގެ ޖަވާބު ހޯދުމަކީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދު ގެއްލޭ، ބާރަވަނަ ބާބުގެ ބޭނުން ކެނޑޭ ނުރަނގަޅު ތަރުޖަމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 70، 72)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކި މާއްދާތަކުގައި ތަކުރާރުކޮށް ބަޔާންކުރާ ޤާނޫނީ އުޞޫލަކީ، ދަޢުވާއަށް ދިފާޢު ހުށަނޭޅުމުގެ ނަތީޖާއެއްގެ ގޮތުން ދަޢުވާކުރާ ފަރާތަށް ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދި ހުށަހެޅިދާނެކަމެވެ؛ ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ޝަރުޠުތައް ފުރިހަމަވާނަމަ، އެއީ އެގޮތަށް އެދެވިދާނެ މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71، 73)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސްވަނަ ބާބަކީ ކޯޓު އަމުރަށް އެދުމުގެ ޢާއްމު އުޞޫލުތައް ބަޔާންކުރާ ބާބެކެވެ؛ ޣައިރު ޙާޟިރުގައި ޙުކުމްކުރުމާބެހޭ ޚާއްޞަ ބާބަކީ ދިހަވަނަ ބާބެވެ. ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ދިފާޢު ހުށަހަޅާފައިނުވާ ޙާލަތުގައި ޝަރީޢަތް ހިންގުމަކާނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާނުލައި ކުރާ ޙުކުމެވެ؛ ކޯޓު އަމުރާބެހޭ މާއްދާތައް ތަރުޖަމާކުރަންވާނީ އެ މަފްހޫމުގެ ސިފަތައް ނުގެއްލޭގޮތަށެވެ. އެހެންކަމުން، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދުމުން، ކޯޓު އަމުރުގެ ނޯޓިހެއް ދިނުމަކާއި ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް ދިނުމަކާނުލައި އިޖުރާއަތު ކުރިއަށް ގެންދަންވާނެއެވެ؛ މައުޟޫޢީ ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 77-78، 83، 87)
- ޤާނޫނު ތަރުޖަމާކުރުމުގެ ޢާއްމު އުޞޫލަކީ ޤާނޫނުގެ ސާފު ޢިބާރާތުގައިވާ ގޮތަށް ކަންކުރުމެވެ؛ ޤާނޫނުގެ ވަކި މާއްދާއެއްގައި ކަމެއް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިނުވާކަމަށް ބުނެ، ޤާނޫނުގެ އެހެން މާއްދާތަކާއި ޤާނޫނުގެ މަޤްޞަދު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ އުޞޫލެއް ނޫނެވެ. ޢިބާރާތުން ކަމެއް ސާފުނުވާނަމަ ކޯޓުތަކުން ޢަމަލުކުރަންވާނީ ޤާނޫނުގެ ދާއިރާއިން ބޭރުނުވެ، އެހެން މާއްދާތަކާއި މަޤްޞަދު ހާޞިލުވާގޮތަށް ތަރުޖަމާކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 84-86)
- ޣައިރު ޙާޟިރުގައި ޙުކުމްކުރުމާބެހޭ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައެޅިފައިނުވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ޢަމަލުކުރަންވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެ މާއްދާތަކުގައިވާ ގޮތަށެވެ؛ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް (ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ) ބިނާކޮށް، ކޯޓުގެ އަމިއްލަ އިސްނެގުމުން މަދަނީ އިޖުރާއަތުގެ ޤާނޫނު އެއްފަރާތްކޮށް ޢަމަލުނުކުރެވޭނެއެވެ. އިންސާފުވެރި ގޮތަކީ ޤާނޫނުގެ ސާފު ޢިބާރާތުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81-83)
- ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ޝަރުޠުތައް ފުރިހަމަވެ ޙުކުމަށް އެދުމުން، ކޯޓުން ޙުކުމްކުރަންވާނީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށެވެ؛ އެ ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަކީ މި އިސްތިއުނާފުގެ ބަހުސްގައި ހިމެނޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 74، 80، 88)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 102، 103 އަދި 106 ވަނަ މާއްދާ (106 ވަނަ މާއްދާގެ (ހ) އާއި (ރ))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ދިހަވަނަ ބާބު (ޣައިރު ޙާޟިރުގައި ކުރާ ޙުކުމް) - 111، 112، 115، 117 (ށ)، 123 އަދި 124 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ބާރަވަނަ ބާބު (ދަޢުވާގެ ދިފާޢާއި ޖަވާބު) އަދި އެކާވީސްވަނަ ބާބު (ކޯޓު އަމުރު)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) - ޣައިރު ޙާޟިރުގައި ޙުކުމަށް އެދޭ ފޯމުތައް
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) - ޤާނޫނުގެ މަޤްޞަދަށް ބެލުމާއި ޢާއްމު މާނައަށް ބެލުމުގެ މާއްދާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40، 42، 142 އަދި 268 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) (ތަޙުވީލު)
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 01/2023-SCPD
- ސުޕްރީމް ކޯޓުގެ 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2022/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު)
- ސުޕްރީމް ކޯޓުގެ 2021/SC-A/04 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އީމާން މުޙައްމަދު ރަޝީދު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ސިޔާޒް، އިކުއިޓީ ޗެމްބަރސް، ސޮލިސިޓަރސް އެންޑް އެޓަރނީސް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް