ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/357
އެކީޓާސް ލީގަލް ކޮންސަލްޓަންސް ވ. އެކްރޫޕްލަސް އެލްއެލްޕީ، 2016/HC-A/357
Ekeetaas Leegal Konsaltans v. Ekrooplas Elelpee 2016/HC-A/357 (2016/HC-A/357, High Court of the Maldives, 14 February 2018)
އެކީޓާސް ލީގަލް ކޮންސަލްޓަންސް ވ. އެކްރޫޕްލަސް އެލްއެލްޕީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޚިދުމަތް ދިނުމަށް އެއްބަސްވެ ޚިދުމަތް ދިންކަން ލިޔުންތަކުން ނޭނގޭތީ، ދަޢުވާކުރި ފައިސާ ދައްކަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުނުވާކަމަށް ކަނޑައަޅައި ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ލީގަލް ފާމަކުން ސަރުކާރުގެ 100% ޙިއްޞާވާ ކުންފުންޏަކަށް ދީފައިވާކަމަށް ބުނާ ޤާނޫނީ ޚިދުމަތްތަކުގެ އަގުގެ ގޮތުގައި 302,100 ރުފިޔާ ހޯދުމަށް ދަޢުވާކުރިއެވެ. ދަޢުވާލިބުނު ކުންފުނި ކޯޓަށް ޙާޟިރުނުވިއެވެ؛ އިސްތިއުނާފުގެ މަރުޙަލާގައި އެ ކުންފުނި އުވާލުމަށް ލިކުއިޑޭޓަރެއް ޢައްޔަންކޮށްފައިވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހުށަހެޅި ކިތާބީ ހެކިތަކަށް ރިޢާޔަތް ނުކުރި ކަމަށާއި، މާލިއްޔަތު ވުޒާރާއިން މައްސަލަ އެޑްރެސްކުރާނެ ކަމަށް ބުނާ ލިޔުމުން ޚިދުމަތް ހޯދިކަން އެނގޭ ކަމަށެވެ.
މައިގަނޑު ސުވާލު
ލިޔެކިޔުމުން އެއްބަސްވުމެއް ނެތި ދީފައިވާކަމަށް ބުނާ ޤާނޫނީ ޚިދުމަތުގެ އަގު ހޯދުމަށް ކުރި ދަޢުވާގައި، އިންވޮއިސްތަކާއި އީމެއިލްތަކުން ޚިދުމަތް ދިންކަމާއި އަގަށް އެއްބަސްވިކަން ސާބިތުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހުށަހެޅީ ހަމައެކަނި އިންވޮއިސްތަކާއި ވުޒާރާއާ ދެމެދުގެ އީމެއިލްތައް ކަމުން، ޚިދުމަތް ޙަޤީޤަތުގައި ދިންކަމާއި އަގަށް އެއްބަސްވިކަން ސާބިތުވުމަށް ފުދޭ ހެކި ނެތުމުން ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ރައްދުވާ ފަރާތް ކޯޓަށް ޙާޟިރުވުމަށް ދިން ފުރުސަތުގައި ޙާޟިރުނުވެއްޖެނަމަ، އެފަރާތުގެ ޣައިރު ޙާޟިރުގައި، ދަޢުވާއަށް އެފަރާތުން އިންކާރުކުރީކަމުގައި ބަލައިގެން މައްސަލަ ހިންގޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ކުންފުންޏެއް އުވާލުމަށް ނިންމައި، އެކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ލިކުއިޑޭޓަރެއް ޢައްޔަންކުރެވިފައިވާ ޙާލަތުގައި، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެކުންފުނީގެ ފަރާތުން ކޯޓުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިކުއިޑޭޓަރަށް ދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ފޯރުކޮށްދީފައިވާކަމަށް ބުނާ ޚިދުމަތްތަކަކީ ލިޔެކިޔުމުން އެއްބަސްވެގެން ފޯރުކޮށްދީފައިވާ ޚިދުމަތްތަކެއް ނޫންނަމަ، ހުށަހަޅާ އިންވޮއިސްތަކާއި އީމެއިލްގެ މުޢާމަލާތްތަކުން، އެ ޚިދުމަތްތައް ޙަޤީޤަތުގައިވެސް ފޯރުކޮށްދިންކަމާއި، ޚިދުމަތުގެ އަގު ހަމަޖެއްސުމަށް ދެފަރާތާ ދެމެދު އެއްބަސްވެފައިވާ ގޮތް ސާބިތުވުމަށް ފުދޭ ހެކި ޤަރީނާ ނެތްނަމަ، ދަށުކޯޓުން އެ ލިޔުންތަކަށް ރިޢާޔަތްނުކޮށްވާކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް