ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/42
އަޙްމަދު ހަފީޡު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2025/HC-B12/42
2025/HC-B12/42 (2025/HC-B12/42, High Court of the Maldives, 14 December 2025)
އަޙްމަދު ހަފީޡު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މި އަމުރަކީ އަޙްމަދު ހަފީޡުގެ ފަރާތުން އިސްތިއުނާފްކުރި އަމުރެކެވެ. އަޙްމަދު ހަފީޡު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޤާނޫނު ނަންބަރު: 17/2010 ގެ ދަށުން ކުރެއްވި އަމުރު މުރަޖަޢާކުރުމަށް އޭނާ ހުށަހެޅީ ޤާނޫނު ނަންބަރު 7/2025 އަށް ޢަމަލުކުރަން ފެށުމާއެކު ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އުވިފައިވާތީ އޭނާގެ މައްޗަށް އެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާތަކާގުޅިގެން ބަންދުކޮށްފައި ހުރި ހުރުން މުރާޖަޢާކުރުމަށެވެ.
ދަށުކޯޓުން ނިންމީ ދެ ކުށްވެސް ޤާނޫނު ނަންބަރު: 7/2025 ގެ 33 ވަނަ މާއްދާއިން ތަޖުރީމުކޮށްފައިވާތީއާއި ބަންދަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތުމުން ބަންދު ދެމެހެއްޓުމަށެވެ. އަދި ބަންދު ދަމަހައްޓަން ނިންމެވީ ޤާނޫނު ނަންބަރު: 7/2025 ގެ 58 ވަނަ މާއްދާގެ (ހ) (ށ) އަދި (ނ)ގެ 1، 2 އަދި 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، މި މައްސަލައިގެ ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒުފޯރުވާފާނެކަމަށް ބެލެވޭތީ، 10,11/M2C/2024 ޤަޟިއްޔާގެ ޝަރީޢަތް ނިމެންދެންނެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް ސާބިތުވާ ހާލަތުގައިވެސް އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ މުއްދަތަށްވުރެ އިތުރަށް ބަންދުގައި ހޭދަކޮށްފައިވާތީއާއި.
9 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ޤާނޫނު ނަންބަރު: 7/2025 ގައި ތަޖުރީމްކޮށްފައިނުވާތީ އެ ތުހުމަތު މިހާރު ނެތަތީ، އެ ޤަޟިއްޔާއާ ހަވާލާދީ ބަންދުގައި ނުބެހެއްޓޭނެކަމަށާއި،
ދަށުކޯޓުން ބަންދު ދަމަހައްޓަށް ނިންމާފައިވަނީ އެ ކުށްތައް ޤާނޫނު ނަންބަރު 7/2025 ގެ 33 ގައި ތަޖުރީމްކޮށްފައިވާކަމަށް ބަޔާންކޮށް، އެ ޤާނޫނުގެ 58 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެންކަމަށްވާތީ، އެއީ ބުރަ އިޖުރާއަތެއް ކަމަށާއި އެއީ ޤާނޫނު މާޒީއަށް ތަތްބީޤް ނުކުރުމުގެ މަބްދަޢާ ޚިލާފްކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ނިންމި ގޮތް
މި މައްސަލާގައި އިސްތިއުނާފްކޮށްފައިވާ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:M2C/AM/2025/02 ބަންދު އަމުރު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލްކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
ހައިކޯޓުން ނިންމެވީ:
1. ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އުވާލެވިފައިވީނަމަވެސް، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ ދަށުން ހިނގާފައިވާ ތަޙްޤީޤާއި އަޅާފައިވާ ފިޔަވަޅަށް އަސަރު ނުކުރާނެކަމަށާއި، އިސްތިއުނާފްކުރާ ފަރާތުގެ މައްޗަށް އޮތް ތުހުމަތަށް ބަދަލެއް ނާންނާނެކަމަށެވެ.
2. ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭނެ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާއާއި، ނަންބަރު: 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި، ނަންބަރު: 2024/SC-A/19 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، އެ ޓެސްޓާ ޚިލާފަށް ޤާނޫނު ނަންބަރު: 7/2025 ގެ 58 ވަނަ މާއްދަގައިވާ ކަންކަން ވަޒަންކޮށް ބަންދުކުރުމަށް އަމުރުކުރައްވަފައިވަނީ ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭ ޓެސްޓާ ޚިލާފަށްކަމަށެވެ. އިސްތިއުނާފްކުރެވިފައިވާ ނިންމުމުގައި އިސްތިއުނާފްކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ބާޠިލްކޮށްފައި ނުވާކަމަށާއި ބަންދު ކުރި ހާލަތަށް ބަދަލެއް އައިސްފައިނުވާކަން ދަށުކޯޓުގެ ނިންމުމުގެ 7 ވަނަ ނުކުތާއަށާއި ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރަށް ބަލާއިރު އެނގޭކަމަށާއި،
3. އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ދައުލަތް ވ. ޙަސަން ޢަބްދުالله އަދި އިތުރު ފަރާތްތައް ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމުގައި ޢަމަލުކުރާ އުޞޫލާ ގުޅޭގޮތުން ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުމާ ގުޅޭ ޤަޟިއްޔާއަކަށްވާތީ މި މައްސަލައަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކުރެވޭނެ ކަމަށް ނުދެކޭކަމަށާއި،
4. ނަމަވެސް އިސްތިއުނާފްކޮށްފައިވާ ނިންމުމުގައި ޤާނޫނު ނަންބަރު: 7/2025 ގެ 58 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ބަންދު މުރާޖަޢާކުރުމުގެ އުސޫލާ ޚިލާފަށްކަމުގައިވާތީއާއި،
5. މި މައްސަލާގައި އިސްތިއުނާފްކޮށްފައިވާ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: M2C/AM/2025/02 ބަންދު އަމުރު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލްކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.