ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/05
2018/HC-A/05، 2018/HC-A/05
2018/HC-A/05 (2018/HC-A/05, High Court of the Maldives, 28 February 2018)
2018/HC-A/05
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ތުހުމަތުގައި ބަންދުގައި ތިބި ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުނެވެ. އެ ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މެޖިސްޓްރޭޓް ކޯޓަކަށް ފޮނުވާފައިވެއެވެ.
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60(ށ) ވަނަ މާއްދާގައިވާ އުޞޫލުތަކަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފަށް ނެރުނު އަމުރެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނިއެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ތުހުމަތުގައި ބަންދުގައި ތިބި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއާ އެއްގޮތް އަމުރެއްތޯއާއި، ދަޢުވާ ކޯޓަށް ފޮނުވުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ހުށަހަޅަންވީ ކޯޓު.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ހުށަހަޅަން އެންގި
ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހެޅިފައިވާއިރު، ކުށުގެ ބާވަތަށް ބަލާއިރު ތުހުމަތުކުރެވޭ ފަރާތް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކަމުގައި ޤަބޫލުކުރެވޭތީ އަމުރަށް ބަދަލު ގެންނަންޖެހެއެވެ. ނަމަވެސް މައްސަލަ ދަޢުވާއަށް މެޖިސްޓްރޭޓް ކޯޓަކަށް ފޮނުވާފައިވާތީ 2017/HC-A/338 ގެ މަތިން ބަންދާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނީ އެ ކޯޓަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރި ސަބަބެއް އޮތްތޯއެވެ؛ އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ފުރަތަމަ ކަމަކީ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ފުރަތަމަ ކަމަކީ))
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާގޮތަށް ރިޢާޔަތްކުރަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ފުރަތަމަ ކަމަކީ))
- ތުހުމަތުކުރެވޭ މީހާ އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެމައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެކަން އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ފުރަތަމަ ކަމަކީ))
- ތުހުމަތުކުރެވިފައިވާ މައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޤަބޫލުކުރެވޭނަމަ، ބަންދުން ދޫކޮށްލުމަށް ނެރުނު ކޯޓު އަމުރަށް ބަދަލު ގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ދެވަނަ ކަމަކީ))
- ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި، ޝަރީޢަތުން އެމައްސަލައާމެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ، އެކަން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ދެވަނަ ކަމަކީ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ 1 އިން 4 އަށް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ)
- 2017/HC-A/338
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް