ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/91
2017/HC-A/91، 2017/HC-A/91
2017/HC-A/91 (2017/HC-A/91, High Court of the Maldives, 20 April 2017)
2017/HC-A/91
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން (2398/Cv-C/2016) ނިންމީ، އާބިޓްރޭޝަން ޤާނޫނުގެ 73(ހ) އާއި 89(ށ) ގެ ދަށުން، އެވޯޑް ތަންފީޛުކުރެވޭނީ އެ އެވޯޑާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާ ކުރާ ޙުކުމާ އެއްގޮތްވާގޮތުގެ މަތިން އޭގެ ފަހުގައި ކަމަށެވެ.
އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާސްގެ އިންޓަރނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންގެ ނަންބަރު 19482/TO މައްސަލައިގެ އާބިޓްރަލް އެވޯޑާ އެއްގޮތަށް ސަން ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުނުކުރާތީ، އެވޯޑް ތަންފީޛުކޮށްދިނުމަށް ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން އާބިޓްރޭޝަން މައްސަލަތައް ހައިކޯޓުން ބެލުމާބެހޭ ޤަވާއިދުގެ 16 ވަނަ މާއްދާގައިވާ އުޞޫލަށް ރިޢާޔަތްނުކޮށް، އާބިޓްރޭޝަން ޤާނޫނުގެ 73 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާ ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ދިވެހިރާއްޖެއިން ބޭރުގައި ހިންގި އާބިޓްރޭޝަނެއްގެ އާބިޓްރަލް އެވޯޑެއް ތަންފީޛުކުރުމަށް ހުށަހަޅަންޖެހޭ، އާބިޓްރޭޝަން ޤާނޫނު (10/2013) ގެ 73 ވަނަ މާއްދާގެ (ހ) ގައިވާ "ކަމާބެހޭ ކޯޓު" އަކީ ސިވިލް ކޯޓުތޯ، ނުވަތަ ހައިކޯޓުން އެވޯޑާމެދު އަމުރެއް ކުރުމަށްފަހުގައި ތޯ އެވޯޑް ތަންފީޛުކުރެވޭނީ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ޤާނޫނުގެ 72 އާއި 73(ހ) އާއި، ގަވާއިދު 2013/R-1698 އާއި، ޙުކުމްތަކާއި އަމުރުތައް ތަންފީޛުކުރުމުގައި ޤާއިމުވެފައިވާ އުސޫލުތަކަށް ބެލުމުން 73(ހ) ގައިވާ ކޯޓަކީ ސިވިލް ކޯޓުކަމުން، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖެނޫން އެހެން ޤައުމެއްގައި ހިންގާފައިވާ އާބިޓްރޭޝަނަކަށްފަހު ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް، އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކާ ޚިލާފުނުވާ ހިނދަކު، އެއީ ދިވެހިރާއްޖޭގައި ބަލައިގަންނާނެ އަދި ތަންފީޛުކުރެވޭނެ ނިންމުމަކަށް، އަދި ދިވެހިރާއްޖޭގައި ޢަމަލުކުރުން ލާޒިމު ނިންމުމަކަށް ވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ދިވެހިރާއްޖޭގައި ތަންފީޛުކުރަން ބޭނުންވާނަމަ، އެ މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ "ކަމާބެހޭ" ކޯޓަށް ކަމަށާއި، ދިވެހިރާއްޖޭގައި އެ ނިންމުން ތަންފީޛުކޮށްދޭނީ އެ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) އަށާއި، އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވާއިދު ނަންބަރު 2013/R-1698 އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ޤަވާޢިދުގައިވާ ކަންކަމުގެ މައްޗަށާއި، ޙުކުމްތަކާއި އަމުރުތައް ތަންފީޛުކުރުމުގައި ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ އުސޫލުތަކުގެ މައްޗަށް ބެލުމުން، ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓަކީ ސިވިލް ކޯޓެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 72 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2013/R-1698 (އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ޤަވާޢިދު)
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް