ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/82
2017/HC-A/82، 2017/HC-A/82
2017/HC-A/82 (2017/HC-A/82, High Court of the Maldives, 13 February 2017)
2017/HC-A/82
މައްސަލައިގެ ޚުލާޞާ
ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި.
ހަށިވިއްކުމާ ގުޅޭ ކުށްތަކުގެ ތުހުމަތުގައި ބަންދުގައި ހުރި ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނީ ތަޙްޤީޤު ހިނގަމުންދާތީ، ޢަމަލު ތަކުރާރުވެދާނެތީ އަދި މުޖުތަމަޢުގެ ސަލާމަތަށްޓަކައެވެ. ފުލުހުން ވަކި ތަނެއްގައި ބަހައްޓަން އެދިފައި ނުވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގައި ކަނޑައެޅި އުޞޫލަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގައި ކަނޑައެޅި އުޞޫލާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ޤާއިމް؛ އިސްތިއުނާފު ބަލައިނުގަނެވި
ކުރިންވެސް ހުރީ ގޭ ބަންދުގައިކަމާއި، ވަކި ތަނެއްގައި ބަހައްޓަން ފުލުހުން އެދިފައިނުވާކަމާއި، ތަޙްޤީޤު ނިމި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވާފައިވާތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ 2010/SC-A/19) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތުހުމަތުކުރެވޭ ފަރާތް ކުރިން ނެރުނު އަމުރެއްގެ ދަށުން ހުރީ ގޭ ބަންދުގައިކަމާއި، ވަކި ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން އެދިފައިނުވާކަމާއި، މައްސަލާގެ ތަޙްޤީޤު ނިމި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކުރެވެންއޮތުމުން، ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ނިންމާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް