ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/53
2017/HC-A/53، 2017/HC-A/53
2017/HC-A/53 (2017/HC-A/53, High Court of the Maldives, 30 January 2017)
2017/HC-A/53
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށްޓަކައި ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި.
ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ގޭގައި ބަންދުކޮށްފައި ހުރި ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ވަކިތަނެއްގައި ބަހައްޓަން ފޯމުގައި އެދިފައި ނުވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7 ވަނަ މާއްދާއާ ޚިލާފު، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަބާވާންޖެހޭ ސުޕްރީމް ކޯޓުގެ 2010/SC-A/19 އާއި 2011/SC-A/33 ގެ އުޞޫލަށް ރިޢާޔަތްނުކުރާ އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިތު އުޞޫލާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ޤާއިމް؛ އިސްތިއުނާފު ބަލައިނުގަނެވި
ފުލުހުން ދަށު ކޯޓުގައި ވަކިތަނެއްގައި ބަހައްޓަން އެދިފައިނުވާއިރު، ދައުލަތުން އިސްތިއުނާފުގައި އެދެނީ ދަށު ކޯޓުގައި އެދިފައިނުވާ ފަރުވާއަކަށް ކަމުން ގޭ ބަންދުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ 2010/SC-A/19) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ވަކިތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާއިރު، ދައުލަތުގެ ފަރާތުން އިސްތިއުނާފީ މަޖިލީހުގައި އެދިފައިވަނީ ދަށު ކޯޓުގައި އެދިފައިނުވާ ފަރުވާއެއް މި ކޯޓުން ދިނުމަށް ކަމުން، ގޭގައި ބަންދުގައި ބެހެއްޓުމަށް ނިންމި ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2010/SC-A/19
- 2011/SC-A/33
- ޚިލާފު ރައުޔު
- ނެތް