ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/77
2017/HC-A/77، 2017/HC-A/77
2017/HC-A/77 (2017/HC-A/77, High Court of the Maldives, 7 February 2017)
2017/HC-A/77
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ، ތުހުމަތު ފުލުހުންނަށް ކުރިން އެނގިހުރެ ކޯޓު އަމުރެއް ނެތި ހައްޔަރުކުރި ކުރުމަކީ އިޖުރާއާތާ އެއްގޮތަށް ކުރި ހައްޔަރެއް ކަމަށް ނުފެންނާތީ ބަންދުގެ މުއްދަތު އިތުރުނުކުރުމަށެވެ.
އިސްތިއުނާފު ރައްދުވި ފަރާތް (އަޙްމަދު ޖިނާން)، އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވި، ކްރިމިނަލް ކޯޓުން 24 ގަޑިއިރުގެ ތެރޭގައި 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. އެ މުއްދަތު ހަމަވާތީ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 46 އާއި 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއަށް ރިޢާޔަތް ނުކޮށް ނެރުނު އަމުރެއްކަމަށާއި، ޤާނޫނުއަސާސީގެ 143 (ރ) ގެ ދަށުން ތަބާވާންޖެހޭ ސުޕްރީމް ކޯޓުގެ ސާބިޤާތަކަށް ރިޢާޔަތް ނުކުރާކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތެއްގެ ބަންދުގެ މުއްދަތު، ހައްޔަރުކުރުން އިޖްރާއާތާ އެއްގޮތަށް ނުވާކަމަށް ބުނެ އިތުރުނުކުރުމަށް ކްރިމިނަލް ކޯޓުން (145-J/MD/2017/116) ނިންމީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާ އެއްގޮތަށްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ކުރިން ނެރުނު، އިސްތިއުނާފު ނުކުރެވުނު ބަންދު އަމުރަކުން ހައްޔަރު ޤާނޫނީ އިމުގެ ތެރެއިންކަން ޤަބޫލުކުރެވިފައިވާއިރު، ހަމަ އެ ކޯޓުން އެ ނިންމުމާ ޚިލާފަށް ނިންމުމަކީ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. ކުށުގެ ބޮޑުމިނާއި، ތަޙްޤީޤު ކުރިއަށްދާތީއާއި، ހެކި ޤަރީނާއަށް ބަލާއިރު ދޫކޮށްލުމުން ޢަމަލު ތަކުރާރުވެ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ވާތީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެކަށީގެންވާ ސަބަބު ހުރިކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެކެވެ. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ، އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ހައްޔަރުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތައް ފުރިހަމައަށް ލިބިދީފައިވާ މަޖިލީހެއްގައި ބަންދާމެދު ގޮތެއް ނިންމައި، ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރެއް އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވުމަކީ، އެ ހައްޔަރުކުރުމަކީ ޤާނޫނީ އިޖްރާއާތުގެ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށް ކޯޓުންނާއި ތުހުމަތުކުރެވޭ ފަރާތުން ޤަބޫލުކުރާކަމަށް ދަލާލަތުކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޝަރުޢީ ކޯޓަކުން ނިންމާ ނިންމުމެއް ބާޠިލުކުރެވޭނީ، އެނިންމުން ނިންމި މަރުޙަލާއަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުންނެވެ. ހަމަ އެކޯޓުން ތުހުމަތުކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައަޅާފައިވަނިކޮށް، އެ ހައްޔަރުކުރުމަކީ ޤާނޫނީ އިޖްރާއާތުގެ އިމުން ބޭރުން ކޮށްފައިވާ ހައްޔަރެއްކަމަށް ކަނޑައަޅައި ނިންމި ނިންމުމަކީ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އެއްމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ނިންމާ ނިންމުންތައް ހަމަ އެމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރާނަމަ، ޢަދަލު އިންސާފު ޤާއިމު ކުރުމުގައި ޝަރުޢީ ޤާނޫނީ ގޮތުން ފުށުއެރުންތަކެއް އެކަމުގެ ސަބަބުން ނުކުމެގެންދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- މައްސަލައެއްގެ ތަޙްޤީޤު ކުރެވޭ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ މީހެކެވެ. އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، ފަނޑިޔާރަކު ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫނެވެ. ތުހުމަތުކުރެވިފައިވާ ފަރާތުގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެކެވެ. އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރުމާއި ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޝަރީޢަތުން ދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (އިސްތިއުނާފީ އުޞޫލުތައް)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/19
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2016/SC-A/10
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2011/SC-A/33
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/HC-A/260
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/HC-A/35
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް