ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/456
2016/HC-A/456، 2016/HC-A/456
2016/HC-A/456 (2016/HC-A/456, High Court of the Maldives, 29 November 2017)
2016/HC-A/456
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލާއި ނުދީވާ މުސާރަ ދިނުމަށް އަމުރުކުރިއެވެ.
ސަފާރީ ބޯޓެއްގެ ޑެކް ބޯއީއެއް ނޯޓިހެއް ނުދީ މުސާރަ ނުލިބޭ ޗުއްޓީއަށް ފޮނުވާލުމަށްފަހު، ވަޒީފާއަށް ހާޟިރުނުވާތީ ކަމަށް ބުނެ ވަޒީފާގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރިއެވެ.
ކުންފުނިން ބުނީ މުވައްޒަފު ހުއްދަ ނުހޯދާ ވަޒީފާއަށް ނުނުކުތުމުން ވަގުތުން ވަކިކުރެވޭނެ ކަމަށާއި، ކުންފުނިން އަންގައިގެން ނުނުކުތްކަން ސާބިތު ނުވާ ކަމަށާއި، 2013/HC-A/77 ގެ އުޞޫލަށް ރިޢާޔަތް ނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާދޭ ފަރާތުން މުސާރަ ނުލިބޭ ޗުއްޓީއަށް ފޮނުވާލި މުވައްޒަފަކު ވަޒީފާއަށް ހާޟިރުނުވާތީ ވަކިކުރުމަކީ ޤާނޫނީ ވަކިކުރުމެއްތޯއާއި، 2013/HC-A/77 ޤަޟިއްޔާގެ އުޞޫލު މި ޙާލަތަށް ތަޠުބީޤުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ދެފަރާތުގެ ބަސްތަކާއި ހެކިބަހުން މުވައްޒަފު ވަޒީފާއަށް ހާޟިރުނުވީ ވަޒީފާދޭ ފަރާތުން އަންގައިގެންކަން މަދަނީ މިންގަނޑުން ސާބިތުވާތީ، 2013/HC-A/77 ގެ ޙާލަތާ ތަފާތުކަމަށާއި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ކުރި ކަމެއްކަމަށް ބަލައި ޓްރައިބިއުނަލްގެ ނިންމުން ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުންފުންޏެއްގައި ޢަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، ހުއްދަނެގުމަކާ ނުލައި، ވީނުވީއެއް ނޭނގި، ވަޒީފާއަދާކުރާ ފަރާތަކުން ވަޒީފާއަށް ހާޟިރުނުވެ ހުރުމަކީ، އެފަދަ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާކަމަށާއި، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް އެކަށީގެންވާ ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ނުފެންނަކަމަށް ކަނޑައެޅުމުގެ އިތުރުން، އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ ވަޒީފާދޭ ފަރާތަށް ގެއްލުންތަކެއް ލިބިދާނެކަމަށް ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ކަމެއްކަމަށް 2013/HC-A/77 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- 2013/HC-A/77 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ ކުންފުނީގެ ހުއްދަ ހޯދުމަކާއި ނުލައި ވަޒީފާއަށް ނުނިކުމެ ހުންނަ ޙާލަތުގައި ޢަމަލުކުރެވިދާނެ އުޞޫލެކެވެ. އެހެންނަމަވެސް، މުވައްޒަފަކު ވަޒީފާއަށް ހާޟިރުނުވެހުރީ ވަޒީފާދޭ ފަރާތުން އެންގި އެންގުމެއްގެ ސަބަބުން ކަމަށްވާނަމަ އެޙާލަތުގައި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލު ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް މުވައްޒަފަށް އަންގާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށްވާނަމަ، ވަޒީފާއަށް ޙާޟިރުނުވާކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބަލާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
- 2013/HC-A/77
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން (ރިޔާސަތު)
- ރިޔާސަތު
- ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް