ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/453
2016/HC-A/453، 2016/HC-A/453
2016/HC-A/453 (2016/HC-A/453, High Court of the Maldives, 5 December 2017)
2016/HC-A/453
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 25 މަހުގެ ކުލީގެ ގޮތުގައި 375,000 ރުފިޔާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުލީގެ 15 އިންސައްތަ (56,250 ރުފިޔާ) ދައްކަންޖެހޭކަމަށާއި، އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅިއެވެ.
ހ. ހުޅުލޭގެ ފަސްޓް ފްލޯ ކުއްޔަށް ދިނުމަށް 17 މާރިޗު 2012 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަހަކު 15,000 ރުފިޔާގެ ކުލި ދައްކަންޖެހޭއިރު، ކުލި ނުދައްކާތީ އެއްބަސްވުން ބާޠިލުކޮށް، ޙައްޤުތަކާއި ގެއްލުމުގެ ބަދަލު ހޯދުމަށް ކުލިދޭ ފަރާތުން ދަޢުވާކުރިއެވެ. ކުލި ހިފި ފަރާތުން ކުލި ދައްކާފައިވާކަމަށް ބުނެ ދެ ޕޭމަންޓް ވައުޗަރެއް ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ކުލި ދައްކާފައިވާކަމުގެ ލިޔުންތަކާއި ދެފަރާތުގެ ވާހަކަތަކަށް ދަށުކޯޓުން ރިޢާޔަތް ނުކުރާކަމަށާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެކަމަށެވެ. ދަޢުވާކުރި ފަރާތުން ބުނީ ވައުޗަރުތަކަކީ ސައްޙަ ވައުޗަރުތަކެއް ނޫންކަމަށާއި، ފައިސާ ލިބުނުނަމަ ރަސީދު ދޫކުރާނެކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުލި ދައްކާފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ޕޭމަންޓް ވައުޗަރުތައް ދަށުކޯޓުން ބަލައިނުގަތުމަކީ ހެކި ވަޒަންކުރުމުގައި ކުށެއް ކުރެވިފައިވާ ކަމެއްތޯ؛ އަދި ގެއްލުމުގެ ތަފްސީލު ހުށަނާޅާ، ހަމައެކަނި ކުލި ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދެވޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި؛ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައެޅި ބައި ބާޠިލު، ބާކީ ޙުކުމް ޤާއިމް
ވައުޗަރުތަކުގެ ސޮޔާއި އަތުލިޔުން ފާޅުކޮށް ތަފާތުކަމާއި ރަސީދެއް ނުވަތަ އެހެން ހެއްކެއް ނެތުމުން، ކުލި ދައްކަންޖެހޭ ކަމަށް ކަނޑައެޅުމުގައި ކުށެއް ނުވެއެވެ. ނަމަވެސް ގެއްލުން ހިސާބުކުރި ގޮތުގެ ތަފްސީލު ހުށަނާޅާ، އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ބާވަތުގެ ގެއްލުމެއްކަން ނުދައްކާ ގެއްލުމުގެ ބަދަލު ކަނޑައަޅާފައިވާތީ އެބައި ބާޠިލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލުދޭންޖެހޭނެއެވެ. އެ މާއްދާގެ (ށ) ގައި ނަގައިދެވޭނެ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާއިރު، ފުރަތަމަ ބާވަތަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމެވެ. ދެވަނަ ބާވަތަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގި ތަޞައްވަރުކުރެވިފައިވާ ގެއްލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައިނުވާކަން ސާބިތުވީ ކަމުގައިވިޔަސް، ހަމައެކަނި އެސަބަބުގެ މައްޗަށް ރިޢާޔަތްކޮށް، ގެއްލުން ހިސާބުކުރެވުނު ގޮތުގެ ތަފްސީލު ކޯޓަށް ހުށަހަޅާފައިނުވަނީސް، އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައިވާކަން ނުވަތަ އެއީ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރުމުން ލިބިދާނެ ގެއްލުމެއްކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާކަމަށް ބުރަވެވޭނެ ގޮތެއް އެނގެންނެތީސް، ގެއްލުމުގެ ބަދަލު ދައްކަންޖެހޭ ކަމަށް ކަނޑައެޅުމަކީ ރަގަޅަށް ކުރެވިފައިވާ ކަމެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ފައިސާ ދެއްކިކަން ސާބިތުކުރުމަށް ހުށަހެޅި ވައުޗަރުތަކުގައިވާ ސޮޔާއި އަތުލިޔުމަކީ ފޮރެންސިކް ތަޙްލީލުކުރުމަށް ފޮނުވަންޖެހޭ މިންވަރަށްވުރެވެސް ތަފާތު ބޮޑު ސޮޔަކާއި އަތުލިޔުމެއްކަން ޝަރީޢަތަށް ފާޅުކޮށް ފެންނަން އޮތްކަމަށް ފާހަގަކޮށް، އަދި އެ ވައުޗަރުގައިވާ ފައިސާ ދައްކާފައިވާކަމަށް ބާރުއަޅާ އެހެން ހެއްކެއް ހުށަހަޅާފައިނުވާތީ އެފައިސާ ދައްކާފައިވާކަމަށް ބުރަވެވެން ނެތްކަމަށް ދަށުކޯޓުން ކަނޑައެޅުމަކީ، ޝަރީޢަތަށް ހުށަހެޅި ލިޔުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރެވިފައިވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް