ސައިޓޭޝަން ކޮޕީ ކުރުމަށް
2016-HC-A/428
2016-HC-A/428، 2016-HC-A/428
2016-HC-A/428 (2016-HC-A/428, High Court of the Maldives, 23 November 2017)
2016-HC-A/428
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރު ޖަލަށްލުމަށް ޙުކުމްކޮށް، ދެވަނަ މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ.
ރިސޯޓެއްގައި ވަޒީފާ އަދާކުރި ދެމީހަކު ރިސޯޓުގެ މުވައްޒަފެއް ރޭޕްކުރިކަމަށް ދައުލަތުން ދަޢުވާކުރި މައްސަލައެކެވެ. ހާދިސާ ހިނގި ވަގުތު ކުށުގެ ޝިކާރައަކަށްވީ ފަރާތް ހުރީ މަސްތުގެ ޙާލަތުގައި ކަމަށް ހެކިބަހުން އެނގެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ރޭޕްކުރިކަމާއި ރޭޕްކުރި ގޮތް ސާބިތުވެފައިނުވާކަމަށާއި، ހިއަރސޭ ހެކި ބަލައިގަނެފައިވާކަމަށާއި، ޝިކާރައަކަށްވީ ފަރާތް ޝަރީޢަތަށް ހާޟިރުކޮށްފައިނުވާކަމަށާއި، މަސްތުގެ ޙާލަތާއި ފޮރެންސިކް ފުށުއެރުންތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ ހެކީގެ ނިސްބަތް ހަމަނުވާކަމަށެވެ.
މައިގަނޑު ސުވާލު
ރޭޕްކުރުމުގެ ކުށުގެ ދަޢުވާގައި ޖިންސީ ގުޅުން ހިންގާފައިވާކަން ސާބިތުވުމަށްފަހު، އެ ޢަމަލު ހިންގާފައިވަނީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމެއްނެތި ގަދަކަމުންކަން ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 އަދި 53 ވަނަ މާއްދާގެ މިންގަނޑުތަކަށް ސާބިތުވޭތޯ؛ އަދި ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ ދަޢުވާ ނަފީކުރާ ޙާލަތެއް ދިމާވެފައިވޭތޯ.
ނިންމި ގޮތް
ކުށްވެރިކޮށް 15 އަހަރު ޖަލަށްލުމަށް ކުރި ޙުކުމް ބާޠިލު
ގަދަކަމުން ކަމާއި ނުރުހުން ސާބިތުކުރުމަށް ހުރީ ޝިކާރައަކަށްވީ ފަރާތުގެ ބުނުން އެކަނިކަމާއި، ވެޖައިނަލް ސްވޮބުގެ ޑީ.އެން.އޭ ނަތީޖާއާ އެ ފަރާތުގެ ވާހަކަ ފުށުއަރާތީ 53(ހ) ގެ ޙާލަތް ދިމާވާކަމާއި، ތަޙުޤީޤަށާއި ޑޮކްޓަރަށް ފުށުއަރާ މަޢުލޫމާތު ދީފައިވާތީ 53(ނ) ގެ ޙާލަތްވެސް ދިމާވާތީ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާނައަށް ބަލާއިރު، ރޭޕްގެ ކުށް ފުރިހަމަ ވުމަށް ފުރިހަމަ ވާންޖެހޭ އުންސުރުތަކުގެ ތެރޭގައި، އެ ޢަމަލެއް ހިންގުނު ދެމީހުންނަކީ ދެމަފިރިން ކަމުގައި ނުވުމާއި، ޖިންސީ ގުނަވަނެއް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ރުހުމެއް ނެތި ގަދަކަމުން އެހެން މީހެއްގެ ޖިންސީ ގުނަވަނަށް ނުވަތަ އެހެން ގުނަވަނަކަށް ނަމަވެސް ވައްދާފައިވުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ރޭޕުގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތާއި މިންވަރަށް ބެލުމުން އެކަނި ނުފުދޭނެއެވެ. އެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ދިމާވެފައިވޭތޯ ނުވަތަ ނޫންތޯވެސް ކަށަވަރުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ދިމާވެފައިވާނަމަ، ރޭޕުކުރުމުގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ރޭޕުކުރުމުގެ ކުށުގެ ޢަމަލު ފުރިހަމަވެފައިވާކަން ކަނޑައެޅުމުގައި، ޖިންސީ ޢަމަލެއް ހިނގާފައިވާކަން ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އެހެންމީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން އެހެން ގުނަވަނަކަށް ވެއްދުން އެކަނި ސާބިތުވުން ނުފުދޭނެއެވެ. ނަމަވެސް، އެ ޢަމަލު އެގޮތަށް ހިނގާފައިވަނީ އެމީހެއްގެ ރުހުމާ ނުލައިކަންވެސް ސާބިތުވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޖިންސީ ޢަމަލު ހިންގާފައިވަނީ ރުހުމެއްނެތި ގަދަކަމުންކަން ސާބިތުކުރުމަށްޓަކައި ބުރަވާންއޮތް އެއްޗަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތް ބުނާ ބުނުން އެކަނިކަމަށްވެ، ކަން ހިނގައިދިޔަގޮތް ކަމުގައި އެފަރާތުން ބަޔާންކޮށްފައިވާ ގޮތަށް ފޮރެންސިކް ތަޙުލީލުތަކުން ފާހަގަވާންހުރި ކަންތައްތަކުން ބާރުލިއްބައިނުދީ، އެ ވާހަކަ ފޮރެންސިކް ތަޙުލީލުތަކުން ފެންނަން ހުރި ނަތީޖާތަކާ ފުށުއަރާނަމަ، އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ، ތުހުމަތު ނުވަތަ ދަޢުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ޙާލަތެކެވެ. އެފަދަ ޙާލަތުގައި އެފަރާތުގެ ބަހުގެ މައްޗަށް ބުރަވެ، ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމަށް ކަނޑައެޅިދާނެކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ކުށުގެ ޝިކާރައަކަށްވީ ފަރާތަކީ މައްސަލަ ތަޙުޤީޤުކުރި ފަރާތާއި މެޑިކޯލީގަލް ރިޕޯޓު ހެދި ފަރާތާއި ދެފަރާތަށް ފުށުއަރާގޮތަށް މަޢުލޫމާތުދީފައިވާ ފަރާތެއްކަން ސާފުކޮށް އެނގި ސާބިތުވާނަމަ، އެއީ ދޮގު ހެކި ދީފާނެ މީހެއްކަމަށް ޤަބޫލުކުރެވޭފަދަ ޙާލަތެއްކަމުގައިވާ، ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ، ތުހުމަތު ނުވަތަ ދަޢުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހާލަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ ("ރޭޕްކުރުން" ގެ މާނަ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 51 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ، (ހ) އަދި (ނ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ބެންޗު
- ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން (ރިޔާސަތު)
- ރިޔާސަތު
- ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް