ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/266
2016/HC-A/266، 2016/HC-A/266
2016/HC-A/266 (2016/HC-A/266, High Court of the Maldives, 14 May 2018)
2016/HC-A/266
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން އިޖުރާއީ ނިންމުމަކުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ކަނޑައަޅައި، ފަހުން ވަކިކުރުމަކީ ޤާނޫނާ ޚިލާފު ވަކިކުރުމެއްކަމަށް ކަނޑައަޅައި 54,500 ރުފިޔާ ދިނުމަށް ޙުކުމްކުރި.
ހޮސްޕިޓަލެއްގެ ސީނިއަރ މެޑިކަލް އޮފިސަރު 3 މަހުގެ ނޯޓިސް ދީ އިސްތިޢުފާ ދިނުމަށްފަހު، ވަޒީފާދޭ ފަރާތުން ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއިން ވަކިކޮށް، އެއްބަސްވުމުގެ ބާކީ މުއްދަތުގެ މާލީ މަންފާ/ބަދަލު ދޭނެކަމަށް ސިޓީގައި ބުނުމަށްފަހު އެ ފައިސާ ދިނުމަށް އިންކާރުކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލައެއްކަމަށާއި (2012/HC-A/315)، ޙުކުމަކީ އިޖުރާއީ ނިންމުމާ ތަޢާރަޟުވާ ޙުކުމެއްކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމާއި "Compensation" ގެ މާނައަށް ރިޢާޔަތްނުކުރާކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ވަޒީފާދޭ ފަރާތުން ދޭނެކަމަށް އެއްބަސްވި ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވޭތޯ؛ އަދި އެފަދަ މައްސަލައެއް ވަޒީފާގެ މައްސަލައެއްގެ ގޮތުގައި ބައްލަވައި ވަކިކުރުމުގެ ޤާނޫނީ ކަމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުން ޞައްޙަވޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ސިވިލް ކޯޓުގެ އިޖުރާއީ ނިންމުމާއި ފައިސާ ދިނުމުގެ ނިންމުން ޤާއިމު؛ ވަޒީފާގެ މައްސަލައެއްގެ ގޮތުގައި ފާހަގަކުރި ކަންކަން ބާޠިލު)
ވަޒީފާގެ ގުޅުން ނިމޭފަހުން ވެވޭ އެއްބަސްވުމުން އުފެދޭ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅިދާނެތީ އިޖުރާއީ ނިންމުން ޞައްޙަ؛ ނަމަވެސް ވަޒީފާގެ މައްސަލައެއްގެ ގޮތުގައި ބައްލަވައި ވަކިކުރުމުގެ ޤާނޫނީ ކަމާމެދު ފާހަގަކުރި ކަންކަން އިޚްތިޞާޞުގެ ބޭރުން؛ ސިޓީގައި އެއްބަސްވި ބަދަލުގެ މިންވަރު ދޭންޖެހޭ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ މައްސަލައެއް ވަޒީފާގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދަޢުވާކުރާނަމަ، ދަޢުވާކުރެވޭނީ ވަޒީފާއާބެހޭ މައްސަލަތައް ހުށަހެޅުމަށް އޮންނަ މުއްދަތުގައި، އެފަދަ މައްސަލަތައް ހުށަހެޅުމަށް ކަނޑައެޅިފައިވާ އުޞޫލުން، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮންނަ ފަރާތަށް ހުށަހަޅައިގެންނެވެ. އެއާ ޚިލާފަށް އެފަދަ މައްސަލައެއް، ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެއްބަސްވުމަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ނުވަތަ ކަމާބެހޭ ދަށު ކޯޓަށް ހުށަނޭޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ ގުޅުން ނިމޭފަހުން ދެފަރާތުން ވެވޭ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް އުފެދޭ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުބެލުނު ކަމުގައިވިޔަސް، އެފަދަ މައްސަލަތައް ހުށަހެޅުމަށް އޮންނަ އުޞޫލުތަކާ އެއްގޮތަށް ސިވިލް ކޯޓަށް ނުވަތަ އެނޫންވެސް ކަމާބެހޭ ދަށު ކޯޓަށް ހުށަހެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- އެފަދަ މައްސަލަތައް ބެލެވޭގޮތަށް އޮތުމަކީ ވަޒީފާ އަދާކުރި މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު ނުވަތަ ވަކިވާއިރު، އެފަރާތަށް ލިބެންވާ ޙައްޤުތައް ލިބިދިނުމަށް މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ، މުވައްޒަފަށް ދޭންޖެހޭ މުސާރަ ނުވަތަ ވަޒީފާއާ ގުޅިގެން ލިބެންވާ ޙައްޤެއް ނުވަތަ ބަދަލެއް ދިނުމަށް އެއްބަސްވެ، 03 މަސް ފާއިތުވަންދެން މުވައްޒަފު އިންތިޒާރުގައި ބެހެއްޓުމަށްފަހު އެ ޙައްޤު ދިނުމަށް ފަހުން އިންކާރުކޮށް، މުވައްޒަފުންނަށް ލިބެންވާ ޙައްޤުތަކުން އޮޅުވާލައިގެން މަޙުރޫމުކުރުމަށް ނުޙައްޤު މަގެއް ހުޅުވޭގޮތްވާނެއެވެ. މިއީ އިންޞާފުގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި، އެއްބަސްވުމުގެ ބާކީ މުއްދަތަށް ދޭންޖެހޭ މާލީ މަންފާތައް (Remunerations) ނުވަތަ މާލީ ބަދަލު (Compensation) ދޭނެކަމަށް ބުނެ އެކަމަށް އެއްބަސްވުމަށްފަހު، އެ ބަދަލު ދިނުމަށް ފަހުން އިންކާރުކޮށްފައިވުމުން، އެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- މައްސަލައަކީ ވަޒީފާގެ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓުން ބަލައިގަނެފައިވާ މައްސަލައަކަށް ނުވާއިރު، މުވައްޒަފު ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލައެއް ވަޒީފާގެ މައްސަލައެއްގެ ގޮތުގައި ބައްލަވައި ފާހަގަކުރައްވާފައިވާ ކަންކަމަކީ، ސިވިލް ކޯޓަށް ބަލައިގަނެފައިވާ މައްސަލައާއި ތަފާތުކޮށް ސިވިލް ކޯޓުގެ އިޚްތިޞާޞުގެ ބޭރުން ފާހަގަކުރައްވާފައިވާ ބާޠިލު ކަންތައްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2، 3.4)
- ވަޒީފާއިން ވަކިކޮށް ފޮނުވި ސިޓީގައި އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ބަދަލެއްގެ (Compensation) ގޮތުގައި މުސާރައާއި އިނާޔަތްތައް (Remunerations) ދިނުމަށް ވަޒީފާދޭ ފަރާތުން އެއްބަސްވެފައިވާނަމަ، ވަޒީފާގެ އެއްބަސްވުމުގައި "Compensation" ބަޔާންކުރެވިފައިވާ ގޮތަށް ރިޢާޔަތްކުރުމަކީ ލާޒިމު ކަމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ހައިކޯޓުގެ ނަންބަރު 2012/HC-A/315 ޤަޟިއްޔާ
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު އުޘްމާން
- ޚިލާފު ރައުޔު
- ނެތް