ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/169
2016/HC-A/169، 2016/HC-A/169
2016/HC-A/169 (2016/HC-A/169, High Court of the Maldives, 16 November 2017)
2016/HC-A/169
މައްސަލައިގެ ޚުލާޞާ
ދަޢުވާ ކޮށްފައިވަނީ ހަމައެކަނި އެކަކުގެ މައްޗަށް ކަމަށާއި، ދިފާޢީ ހެކިންގެ ހެކިބަހުން ދައުލަތުގެ ހެކިބަސް ނަފީވާކަމަށް ބުނެ ދަޢުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ.
ވަޒީރަކު ރަށަކަށް ކުރި ދަތުރެއްގައި ފާލަމުން ފޭބި ވަގުތު، އެ ވަޒީރަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އާއިލާއަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދިން ކަމަށް ބުނެ، ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލުން ކުރިއެވެ. ފުލުހުން ދަޢުވާކުރުމަށް ފޮނުވީ ދެމީހެއްގެ މައްޗަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލުން ބުނީ ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ އިޖުރާއާތާ ޚިލާފަށް، ހެކިބަސް ނަފީކުރެވޭވަރަށް ހެކި ނެތި ހެކިބަސް ނަފީވި ކަމަށް ބުނެ، އަދި ދެމީހުންގެ މައްޗަށް ހަމަހަމަ ވާންޖެހޭނެ ކަމަށް ބުނެ މައްސަލަ ނިންމާފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ބިރުދެއްކުމުގެ ކުށުގެ ދަޢުވާގައި، ތަޙްޤީޤު އިދާރާއިން ދެމީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވިއިރު ޕްރޮސިކިއުޓަރ ޖެނެރަލުން ދަޢުވާކުރީ އެކަކުގެ މައްޗަށް ކަމަށްވުމާއި ހެކިބަހުގެ ވަޒަނަށް ބަލައި ދަޢުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަކީ ހެކި ޤަރީނާއަށް ރިޢާޔަތްކުރަންޖެހޭ މިންގަނޑުން ކުރެވުނު ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް މެޖިސްޓްރޭޓް ކޯޓަށް ފޮނުވި
ދަޢުވާ ސާބިތުނުވާ ކަމަށް ނިންމާފައިވަނީ ދައުލަތުން ހަމަހަމަކަން ޤާއިމުނުކުރި ކަމަށް ބަލައިކަމަށާއި، ދަޢުވާ ކުރުމުގެ ވަޒަން ކުރުމުގެ ބާރަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރެއް ކަމަށާއި، އެހެން މީހެއްގެ މައްޗަށް ދަޢުވާ ނުކުރުމަކީ ދަޢުވާ ސާބިތު ނުވާކަމަށް ކަނޑައަޅާނެ ޙުއްޖަތެއް ނޫންކަމަށް ބަލައި، ހެކި ޤަރީނާއަށް ރިޢާޔަތްކުރަންޖެހޭ މިންގަނޑުން ބަލާފައި ނުވާތީ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގެ ޤާނޫނީ ބާރުވެރިކަން ލިބިފައިވާ އިދާރާތަކުން އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު، އެމައްސަލައެއްގައި ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެމައްސަލައެއްގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވޭތޯ ބަލައި އެކަން ވަޒަން ކުރުމަކީ ޤާނޫނީގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައި އޮންނަ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5)
- ހާދިސާއަކާއި ގުޅިގެން ވަކި މީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ތަޙްޤީޤު އިދާރާއިން ފޮނުވާ މައްސަލައެއްގައި އެމީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ ކޮށްފައި ނެތުމަކީ، އެ ޙާދިސާއާއި ގުޅޭ އެހެން މީހުންގެ މައްޗަށް ދަޢުވާކޮށް ކޯޓަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގެންދިޔުމަށް ނުވަތަ ސާބިތު ނުވާކަމަށް ކަނޑައެޅުމަށް އޮތް ޙުއްޖަތެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5)
- ދައުލަތުން ހުށަހެޅި ދަޢުވާގެ މައުޟޫޢަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކުރައްވައިގެން ބައްލަވަންޖެހޭ މިންވަރަށް ބައްލަވާފައިނުވާ ނަމަ، އަދި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ޝަރުޢީ އަދި ޤާނޫނީގޮތުން ރިޢާޔަތްކުރައްވަންޖެހޭ މިންގަނޑުން ރިޢާޔަތް ކުރައްވައިގެން ޙުކުމްކުރައްވާފައިނުވާ ނަމަ، އެ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުވީލު ކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5، ޙުކުމް)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް