ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/156
2016/HC-A/156، 2016/HC-A/156
2016/HC-A/156 (2016/HC-A/156, High Court of the Maldives, 4 October 2017)
2016/HC-A/156
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޗެކުގެ ފައިސާއާއި ދަޢުވާ ހުށަހެޅުމުގެ ޚަރަދު ދަޢުވާލިބުނު ފަރާތުން ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައި ފައިސާ ދެއްކުމަށް ޙުކުމްކުރިއެވެ.
ލޯކަލް އިންވެސްޓްމަންޓަކަށް ސަޕްލައިކުރި 500 ކޭސް މަސްދަޅުގެ އަގުގެ ގޮތުގައި ދޫކުރި ދެ ޗެކު، އެކައުންޓުގައި ފައިސާ ނެތިގެން ބޭންކުން އަނބުރާ ރައްދުކުރުމުން، ޗެކުގެ ފައިސާ ހޯދުމަށް މިފްކޯއިން ދަޢުވާކުރި މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ މުދާ ކުރެޑިޓަށް އެދުނު ނަމަވެސް މުދާ ނުލިބޭތީ އަދި މުދާ ދޫކުރިކަން މިފްކޯއިން ސާބިތުނުކުރާތީ، ޙުކުމަކީ މުދައު ވިއްކުމާބެހޭ ޤާނޫނުގެ 2 އަދި 15 ވަނަ މާއްދާއާ ޚިލާފު ޙުކުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ވިއްކި މުދަލުގެ އަގުގެ ގޮތުގައި ދޫކޮށް ފައިސާ ނެތިގެން އަނބުރާ ރައްދުވި ދެ ޗެކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމް، މުދާ ނުލިބުނު ކަމަށް ބުނާ ދަޢުވާލިބުނު ފަރާތުގެ އިސްތިއުނާފުގައި ޤާއިމްކުރެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޗެކުތައް ދޫކުރިކަމާމެދު އިންކާރުނުކުރާ ހިނދު، ދެވަނަ ޗެކު ދޫކޮށްފައިވުމާއި ޝަކުވާއެއް ނުކުރުމުން ފައިސާއަކީ މުދަލުގެ ބަދަލުގައި ހޯދަން އެދޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށާއި، 2013/SC-A/29 ގައިވާ ފަދައިން ޝަކުލިއްޔާތު ފުރިހަމަ ޗެކަކީ ފައިސާ ދައްކަންޖެހޭކަމުގެ ހަރުދަނާ ހެއްކެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފުރަތަމަ ޗެކު ދޫކުރުމުން އެއްބަސްވިގޮތަށް މުދާ ދޫނުކުރިނަމަ ދެވަނަ ޗެކެއް ދޫކުރާނެކަމީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވެންނެތް ސަބަބެއްކަމާއި، ޗެކުތައް ދޫކުރުމަށްފަހު ލިބެންޖެހޭ މުދަލެއް ނުލިބިގެން އެކަމުގެ ޝަކުވާއެއް ކޮށްފައިވާކަން ސާބިތުވާފަދަ އެއްވެސް ޙުއްޖަތެއް ދެއްކިފައިނެތް ހިނދު، ހޯދުމަށް އެދިފައިވާ ފައިސާއަކީ ދޫކުރި މުދަލުގެ ބަދަލުގައި ހޯދުމަށް އެދިފައިވާ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮންނަކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުތަކާއި ނުލައި އެޗެކުގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު، އެ ޗެކް ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެޗެކް ދޫކުރި ފަރާތުން އުފުލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކަކީ، އެޗެކުގައިވާ ފައިސާ، އެޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާޤިޢާއެއް ޤާނޫނީ ގޮތުން ލާޒިމުނުވާ ގޮތުން އޭގެ ޒާތުގައިވެސް ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 6/91 (މުދައު ވިއްކުމާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އަދި 15 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- 2013/SC-A/29
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް