ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/390
2015/HC-A/390، 2015/HC-A/390
2015/HC-A/390 (2015/HC-A/390, High Court of the Maldives, 26 November 2017)
2015/HC-A/390
މައްސަލައިގެ ޚުލާޞާ
ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން، ގޯތީގެ ވެރިފަރާތް ވިއްކުމަށް އިންކާރުކުރާތީ ޤަވާއިދުގެ 9(ހ) އާއި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1(ށ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއާތާއި އީޖާބާއި ޤަބޫލު ފުރިހަމަނުވާތީ، ވިއްކުމުގެ މުޢާމަލާތް ފުރިހަމަވެފައިވާކަމަށް ކަނޑައަޅައިނުދެވޭނެކަމަށް ޙުކުމްކުރިއެވެ.
ގޯއްޗަކާއި އޭގައިވާ ޢިމާރާތްތައް 100,000 ރުފިޔާއަށް ވިއްކުމަށް ދެފަރާތް އެއްބަސްވެފައިވާކަމަށް ބުނެ، ގަނެވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ފުރިހަމަކުރުމަށް ގަންނަ ފަރާތުން ހުށަހެޅިއެވެ. މީގެ ކުރިން ވިއްކުމަށް ހުށަހެޅި މައްސަލައެއް ޓެކްސް ނުދެއްކުމުން ނިމުމަކަށް ނާދެ، ހައިކޯޓުގެ 2011/HC-A/21 ޤަޟިއްޔާއިން އަލުން ހުށަހެޅުމުގެ ޙައްޤު ދީފައިވެއެވެ.
ގަންނަ ފަރާތުން ބުނީ ދަށުކޯޓުން ގުޅުމެއް ނެތް ނުކުތާތަކަށް ބިނާކޮށް ހަމްދަރުދީގެ މައްޗަށް ނިންމާފައިވާކަމަށާއި، ޤަވާއިދުގެ 9(ހ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، 2011/HC-A/21 ޤަޟިއްޔާއާ ޚިލާފުކަމަށާއި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1(ށ) އަކީ ގޯތި ވިއްކުމަށް ހިނގާ މާއްދާއެއް ނޫންކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަން އަމުރުކުރަންވީކަމަށެވެ.
މައިގަނޑު ސުވާލު
ގޯއްޗެއް ވިއްކުމަށް ޝަރީޢަތުން ބޭރުގައި ދެފަރާތް އެއްބަސްވެފައިވާއިރު، ގޯތީގެ ވެރިފަރާތް ވިއްކުމަށް އިންކާރުކުރާ ޙާލަތުގައި ގަނެވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ފުރިހަމަކުރުމަށް ލާޒިމްކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަވާނީ ޝަރީޢަތް މެދުވެރިކޮށް ހިންގުމުން ކަމަށްވާއިރު، ވެރިފަރާތް އިންކާރުކުރާ ޙާލަތުގައި ޝަރީޢަތުން މުޢާމަލާތް ފުރިހަމަކުރުމަށް ލާޒިމްކުރެވޭނެ ހަމައެއް ނެތެވެ. ދެއްކި ފައިސާއެއް ވާނަމަ އެއީ ވަކި މައްސަލައެއްގެ ގޮތުގައި ހޯދިދާނެ ފައިސާއެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާއިބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި، އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަނޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް އަމިއްލަކުރުމަށްފަހު ވިޔަސް، ވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަވާނީ ޝަރީޢަތް މެދުވެރިކޮށް އެ މުޢާމަލާތް ހިންގުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޯތީގެ ވެރިފަރާތުން އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް އިންކާރުކުރާ ޙާލަތުގައި، ޝަރީޢަތުގެ ފަރާތުން އެ މުޢާމަލާތް ފުރިހަމަކުރުމަށް ގޯތީގެ ވެރިފަރާތަށް ލާޒިމް ކުރެވޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ގޯތި ވިއްކުމަށް ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތަށް ފައިސާ ދީފައިވާނަމަ، އެ ފައިސާއަކީ ގަންނަ ފަރާތަށް ލިބެންޖެހޭ ފައިސާއެއް ކަމުން، އެ ފައިސާ ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާއިބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ނަންބަރު 2011/HC-A/21 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-DM/10 ޤަޟިއްޔާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް