ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/321
2015/HC-A/321، 2015/HC-A/321
2015/HC-A/321 (2015/HC-A/321, High Court of the Maldives, 26 November 2017)
2015/HC-A/321
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ދިނުމަށް އަމުރު ނުކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ގެއްލުމުގެ ބަދަލު ދިނުމަށް ނިންމިއެވެ.
ރިސޯޓެއްގައި ވަޒީފާ އަދާކުރި ތިން މުވައްޒަފުން، ރިސޯޓުން ހުއްދަ ނުދޭނެކަމަށް އަންގާފައިވަނިކޮށް ރިސޯޓުގައި ބޭއްވި އެއްވުންތަކެއް އިންތިޒާމްކޮށް ބައިވެރިވި ކަމަށް ބުނެ، ނޯޓިހެއްނެތި ވަޒީފާއިން ވަކިކުރިއެވެ.
ކުންފުނިން ބުނީ ހެކިން ސާބިތުވާ ޙަޤީޤަތާ ޚިލާފަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ޙާލަތު ސާބިތުނުވާކަމަށް ނިންމާފައިވާކަމަށާއި، 2014/HC-A/149 އަދި 2011/HC-A/134 އަށް ތަބާނުވާކަމަށާއި، އެއްވުންތަކަކީ ޤާނޫނާ ޚިލާފު އެއްވުންތަކެއްކަމަށާއި، އެއްވުންތައް ބޭއްވީ TEAM އިންކަމަށް ކަނޑައަޅާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށެވެ.
މައިގަނޑު ސުވާލު
ހުއްދައެއްނެތި ރިސޯޓެއްގައި ބޭއްވި އެއްވުންތަކެއް އިންތިޒާމްކޮށް ބައިވެރިވުމުގެ ސަބަބުން މުވައްޒަފުން ނޯޓިހެއްނެތި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ފުލުހުންގެ ހުއްދައެއްނެތި ރިސޯޓުގައި ބޭއްވި އެއްވުންތަކަކީ ޤާނޫނާ ޚިލާފު އެއްވުންތަކެއްކަމުންނާއި، ރިސޯޓުގެ އެންގުމާ ޚިލާފަށް އެއްވުންތައް އިންތިޒާމްކޮށް ބައިވެރިވުމަކީ ވަކިކުރުމަށް އެކަށީގެންވާ ސަބަބަކަށް ވާތީއާއި، އެ ޢަމަލު ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުރުމުން އިތުރު ތަޙްޤީޤަކާއި ފުރުޞަތު ދިނުން ލާޒިމު ނުވާތީ، މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައަޅައި ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން، ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައެވެ. ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން، ނުވަތަ ޚިޔާނަތެއްވެފައިވުން، މި ދެޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެއެވެ. ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެއެވެ. އަދި އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރުވެސް، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވެންޖެހޭނެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުމެވެ. އިޖްރާއީ ޢަދުލުވެރިކަމަކީ، ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ އެމާއްދާގެ (ށ) ގެ (1) ނުވަތަ (2) ގައިވާ ގޮތުގެމަތިން އެމާއްދާގެ (ހ) ގައިވާ ދެ ޝަރުޠު ފުރިހަމަވެފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން، މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު ހުރިހާ ތަފްސީލަކާއެކު އެމުވައްޒަފަކަށް ދިނުމަށްފަހު، އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު، އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު، 23 ވަނަ މާއްދާގެ ދެ ޝަރުޠު ފުރިހަމަވާކަމަށް ތަޙްޤީޤަކަށް ފެނިގެން ވަކިކުރަން ނިންމައިފިނަމަ، ވަކިކުރި ސަބަބުތަކާއެކު އެކަން އެމުވައްޒަފަކަށް އަންގާފައިވާނަމައެވެ. އަދި މުވައްޒަފަކު އެދިފައި ވާނަމަ، އޭނާ ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް ދެވިފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރުމަށް ނިންމާ ކަމަކީ، އެކަމެއް އެމުވައްޒަފެއްގެ ފަރާތުން ހިނގާފައިވާކަން ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުންނާނެ ކަމެއްކަމުގައިވާނަމަ، އަދި 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި ވަކިކުރެވޭ ބާވަތުގެ ކަމެއްކަމަށްވާނަމަ، އެފަދަ މައްސަލަތަކުގައި ވަކިކުރުމުގެ ކުރިން އިތުރު ތަޙްޤީޤުތަކެއްކޮށް، ޖަވާބުދާރީވުމުގެ އިތުރު ފުރުސަތުތަކެއް ދިނުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ)، 3 (ރ))
- ޤާނޫނު ނަންބަރު 1/2013 ގެ 24 ވަނަ މާއްދާގެ (ށ) ގައި ޓޫރިސްޓް ރިސޯޓްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުންދޭ ހުއްދައާއެކު މެނުވީ އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން މަނާކުރެވިފައިވާތީ، އެހުއްދަ ނެތި ބާއްވާ އެއްވުންތަކަކީ ޤާނޫނާ ޚިލާފަށް ބޭއްވި އެއްވުންތަކެއްކަމުގައި ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ރިސޯޓުން އެއްވުން ނުބޭއްވުމަށް އަންގާފައިވީއިރު، ޤާނޫނާ ޚިލާފަށް އެއްވުންތައް އިންތިޒާމްކޮށް ބައިވެރިވުމަކީ، އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ރިސޯޓަށް ގެއްލުންތަކެއް ވެ ރިސޯޓުގެ ޢާއްމު މަޞްލަޙަތަށް ގެއްލުން ލިބިދާނެކަމެއްކަމުގައި ވީހިނދު، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤަވާޢިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު) ގެ 42 ވަނަ މާއްދާ
- 2010/HC-A/24
- 2011/HC-A/134
- 2014/HC-A/149
- 2015/HC-A/317
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް