ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/177
2015/HC-A/177، 2015/HC-A/177
2015/HC-A/177 (2015/HC-A/177, High Court of the Maldives, 31 January 2017)
2015/HC-A/177
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 45,517.64 ރުފިޔާގެ ރިޓެންޝަން ފައިސާއާއި 966 ދުވަހަށް 1,980,300 ރުފިޔާގެ ޖޫރިމަނާ އެސް.ޓީ.އޯ އިން ދައްކަން ޙުކުމްކުރިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އާއި ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު ދެ އިމާރާތްކުރުމުގެ އެއްބަސްވުމެއްގެ ދަށުން ބެހެއްޓި ރިޓެންޝަން ފައިސާ އަނބުރާ ނުދިނުމުން، ރިޓެންޝަން ފައިސާއާއި ބިލުގައިވާ ދުވާލަކަށް 2,050 ރުފިޔާގެ ޖޫރިމަނާ ހޯދުމަށް ވައިޓްލައިނުން ދަޢުވާކުރިއެވެ.
އެސް.ޓީ.އޯ އިން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާއި ޝަރީޢަތުގެ އުޞޫލުތަކާއި 2013/HC-A/218 އާ ޚިލާފަށް، އުފުލަން ނުޖެހޭ ޒިންމާއެއް ލާޒިމުކޮށްފައިވާ ކަމަށެވެ. އިސްތިއުނާފުގައި އިޢުތިރާޟުކުރީ ޖޫރިމަނާގެ ބައިއަށެވެ.
މައިގަނޑު ސުވާލު
ރިޓެންޝަން ފައިސާ ހޯދުމަށް ފޮނުވި ފައިސާގެ ބިލެއްގައި ހިމަނާފައިވާ ދުވާލަކަށް ވަކި ޢަދަދެއްގެ ޖަޒާއީ ޝަރުޠެއްގެ ދަށުން ގެއްލުމުގެ ބަދަލު ސާބިތުކުރުމެއްނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ރިޓެންޝަން ފައިސާ ޤާއިމް، ޖޫރިމަނާގެ ބައި ބާޠިލު)
ހައިކޯޓުން ފާހަގަކުރީ ދަޢުވާގެ އަސާސް ބިލާ އެއްގޮތް ނުވާކަމާއި، ޝަރުތު ޖަޒާއީގެ ދަށުން ބަދަލު ނަގައިދެވޭނީ ގެއްލުމާއި އެކަށީގެންވާ މުނާސިބު މިންވަރަކަށް، ގެއްލުން ސާބިތުކުރުމަށްފަހު ކަމަށާއި (2015/SC-A/16)، ގެއްލުން ސާބިތުކުރާ ހެއްކެއް ހުށަހަޅާފައި ނުވާތީ ޖޫރިމަނާގެ ބައި ބާޠިލުކުރަންޖެހޭކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފޮނުވި ބިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމާއި ބިލުގައި ބަޔާންކޮށްފައިވާ ކަންކަން އެއްގޮތް ނޫންކަން އެނގެން އޮތުމުން، ހުށަހެޅި ދަޢުވާގެ އަސާސް ރަނގަޅު ނޫނެވެ. ބިލުގައި ޖަޒާއީ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފައިސާ ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ މިންވަރަކާ ގުޅޭގޮތުންކަމަށްވާއިރު، ދަޢުވާގައި އެދިފައިވަނީ ފައިސާ ނުދައްކައި ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުމަށްނަމަ ވެސް މެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޝަރުތު ޖަޒާއީ (penalty clause) އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުޠަށް ބޭނުންކުރެވޭ އިސްތިލާޙެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުޠުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުޠުތަކަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ކޮންޓްރެކްޓުގެ ބައިވެރިއަކު އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށެވެ. ޝަރުތު ޖަޒާއީއެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ ސީދާ ނުވަތަ ޙަޤީޤީ ގެއްލުމަކާ ނުވަތަ ބައިވެރިންނަށް ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޝަރުތު ޖަޒާއީ ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާ ކަމެކެވެ. "ލާ ޟަރަރަ ވަލާ ޟިރާރަ" މި ޤާޢިދާއަށް ރިޢާޔަތްކުރާއިރު، އެފަދަ ބަދަލުތައް ނެގުމަށް ޝަރުޠުކުރުމަކީ މީހުންގެ މުދާ އެބައިމީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ފައިސާގެ ބިލެއްގައިވާ ޖަޒާއީ ޝަރުޠެއްގެ ދަށުން ފައިސާ ނަގައިދިނުމުގެ ކުރިން، އެ ބިލު ޙަޤީޤަތުގައިވެސް އަނެއް ފަރާތަށް ރައްދުވެފައިވޭތޯއާއި، ބިލުގައިވާ ކަންކަމަށް އެ ފަރާތުން ޞަރީޙަ ބަހުން ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް، ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ކޮންގޮތަކަށްކަން އަދި ކިހާ މިންވަރެއްގެ ގެއްލުމެއްކަން ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެއެވެ. ކަނޑައަޅާފައިވާ މިންވަރަކީ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްތޯއާއި "ތަޢައްސުފު" ވެފައިވާ މިންވަރެއްތޯވެސް ބެލެވެންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ހަމައެކަނި ބިލު ރައްދުވެފައިވުމާއި ބިލުގައި ޢަދަދު ހިމަނާފައިވުމުގެ މައްޗަށް، ގެއްލުންވިކަން ސާބިތުކުރާނެ އެއްވެސް ޙުއްޖަތެއް ނުވަތަ ޤަރީނާއެއް ނެތި ޖަޒާއީ ޝަރުޠުގެ ދަށުން ބަދަލު ނަގައިނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- "ލާ ޟަރަރަ ވަލާ ޟިރާރަ" (ޙަދީޘް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2013/HC-A/218 ޤަޟިއްޔާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް