ސައިޓޭޝަން ކޮޕީ ކުރުމަށް
2014/SC-A/17
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޤުލޭލާ ޚާލިދު، 2014/SC-A/17
Attorney General's Office v. Quleylaa Khaalidhu 2014/SC-A/17 (2014/SC-A/17, Supreme Court of the Maldives, 23 June 2015)
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޤުލޭލާ ޚާލިދު
މައްސަލައިގެ ޚުލާޞާ
ހައިކޯޓުގެ ރަޖިސްޓްރާރު 95-CR/32/2013/37 ނިންމުމުން، 60 ދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި ކަމަށްބުނެ އިސްތިއުނާފު ބަލައިނުގަތެވެ. އެ ނިންމުން މުރާޖަޢާކުރި ހައިކޯޓުގެ ފަނޑިޔާރުން HC-RM/2014/01(NR) ނިންމުމުން، ދައުލަތަށް އެކަށީގެންވާ ފުރުޞަތު ލިބިފައިވާތީ ރަޖިސްޓްރާރުގެ ނިންމުމަށް ބަދަލު ނުގެނެސް އަޣުލަބިއްޔަތުން ނިންމިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް އައީ ހައިކޯޓުގެ އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން އިލްތިމާސްއަށް އެދޭ ފޯމުން ހުށަހެޅުމުންނެވެ.
ފެމިލީ ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި ޤުލޭލާ ޚާލިދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން 17 ސެޕްޓެމްބަރު 2013 ގައި 66/VTR/2013 މައްސަލަ ނިންމިއެވެ. އެ ނިންމުން އިސްތިއުނާފުކުރަން ދައުލަތުން ނިންމި ނަމަވެސް 29 އޮކްޓޫބަރު 2013 އިން ފެށިގެން ބަންޑާރަނައިބުގެ މަޤާމު ހުސްވެފައި ވުމުން، އިސްތިއުނާފު ފޯމު ހައިކޯޓަށް ފޮނުވުނީ 29 ޑިސެންބަރު 2013 ގައި، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ 60 ދުވަސް ފާއިތުވުމަށް ފަހުގައެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، އިސްތިއުނާފު ލަސްވީ ބަންޑާރަނައިބުގެ މަޤާމު ހުސްވުމުން އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވެގެން ކަމަށާއި، ފެމިލީ ކޯޓުން އިސްތިއުނާފަށް އެދުނު ކަމަށާއި، އެކަމުގެ ތަފްސީލު ހުށަހެޅި ނަމަވެސް ހައިކޯޓުން އެކަމަށް ރިޢާޔަތް ނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ޓްރައިބިއުނަލްގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބުގެ މަޤާމު ހުސްވެގެން ދައުލަތުން އިސްތިއުނާފު ނުކުރެވުމަކީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ ދަށުން އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް ކަމުގައި ބަލަންޖެހޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުން ބާޠިލު؛ އިސްތިއުނާފު ބަލައިގަންނަން ޖެހޭ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤު ކޮންމެ ފަރާތަކަށް ލިބިގެންވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. ދައުލަތް ތަމްސީލުކުރާނެ ވަކި މީހަކު ކަނޑައަޅާފައި ނުވާ ޙާލަތެއްގައި އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބުގެ މަޤާމު ހުސްވެގެން އިސްތިއުނާފު ނުކުރެވުމަކީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ ދަށުން ބާރުނުފޯރާފަދަ ސަބަބެއް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނިންމުން ޞައްޙަނޫން ކަމަށާއި، ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ހުށަހަޅާ އިސްތިއުނާފު ހައިކޯޓުން ބަލައިގަންނަން ޖެހޭ ކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށްވެފައި، މިބާވަތުގެ މައްސަލަ ތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށްވާއިރު މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރާނޭ ވަކިމީހަކު ބަންޑާރަނައިބު ކަނޑައަޅާފައި ނުވާ ޙާލަތުގައި އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބުގެ މަޤާމު ހުސްވެގެން މައްސަލަ އިސްތިއުނާފު ނުކުރެވުމަކީ ހައިކޯޓުގެ ޤަވާޢިދުގައި ބުނާފަދަ ތިމާގެ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވުން ކަމުގައި ބަލަންޖެހޭ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- ޖިނާއީ މައްސަލަ ތަކުގައްޔާއި މަދަނީ މައްސަލަ ތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
- ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ޙާޟިރުވެ ވާހަކަ ދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވާކަމާއި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/17
ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: ޤުލޭލާ ޚާލިދު
މައްސަލައިގެ ބާވަތް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 13 ފެބްރުއަރީ 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 23 ޖޫން 2015
މައްސަލަ ނިންމި ގަޑި: 12:20
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ނިންމުން:
ނަންބަރު: HC-RM/2014/01(NR)
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 06 ޖެނުއަރީ 2014
ނިމުނު ތާރީޚް: 23 ޖެނުއަރީ 2014
މައްސަލައިގެ ޚުލާޞާ
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި އެ ކޯޓަށް ހުށަހެޅުމުން އެ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން، އެ ނިންމުން މުރާޖަޢާކޮށް ނިންމެވި ގޮތް ރަނގަޅު ނޫންކަމަށް ބުނެ، އެ ނިންމުން ރިވިއު ކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން މި ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާލިބޭ ފަރާތަކީ ޤުލޭލާ ޙާލިދު، އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[2]މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (NR) 01/2014/HC-RM ނިންމުމުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިއުންތަކުގެ މައްޗަށް ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[3](ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަށް ބެލިއިރު އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 66/VTR/2013 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވިގޮތް ރަނގަޅު ނޫންކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަ އޮތުމެވެ.
[4](ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމަށް ބެލިއިރު އެ ނިންމުމުގައިވަނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 66/VTR/2013 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މއ. ދިރޭ، ޤުލޭލާ ޚާލިދަށް ދަޢުވާ ރައްދުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައި ހައިކޯޓު ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 60 ދުވަސް ފާއިތުވުމަށްފަހު ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މި މައްސަލަ ބަލައިގަނެވެން ނެތްކަން އެންގީމެވެ." މިފަދައިން ކަމާއި، އެ ނިންމުން މުރާޖަޢާކޮށް ފަނޑިޔާރުން ނިންމެވި ގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2014/01(NR) ނިންމުމުގައިވަނީ، "މއ.ދިރޭ، ޤުލޭލާ ޚާލިދަށް ދަޢުވާ ރައްދުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހަޅުއްވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައިވާ 60 ދުވަސް ފާއިތު ވުމަށްފަހުގައި ކަމަށްވާއިރު، އެ މައްސަލަ ހައިކޯޓަށް ހުށަނޭޅި ލަސްވެފައިވަނީ 29 އޮކްޓޯބަރ 2013 އިން ފެށިގެން ދިގު މުއްދަތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވުމުގެ ސަބަބުން ކަމުގައި ބުނެފައިވާއިރު މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތަށް އެކަށީގެންވާ ފުރުސަތު ލިބިފައިވާކަން އެނގެން އޮތްއިރު، އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާފައި ނުވާކަން އެނގޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 (30 ޑިސެމްބަރ 2013) ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަން ޖެހޭތަނެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ނިންމީއެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.
[5](ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ (NR)01/2014/HC-RM ނިންމުން އެ ކޯޓުން ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުން ތިން ނުކުތާއެއް ފާހަގަކޮށްފައިވާ ކަމާއި އެއީ؛
[6]1- އިސްތިއުނާފުކުރަންޖެހޭ މި މައްސަލަ ހައިކޯޓުން، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅި ލަސްވެގެން ގޮސްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ބާރު ނުފޯރުވޭފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމުގައި ދަންނަވައި، އެކަމުގެ ތަފްސީލު ހައިކޯޓަށް ހުށައެޅިނަމަވެސް އެކަންކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
[7]2- އެގޮތުން، މި މައްސަލައަކީ ފެމިލީ ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި ޤުލޭލާ ޚާލިދު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ފެމެލީ ކޯޓުގެ ކައުންޓަރުގައި އެއްވެސް ފިޔަވަޅެއް ނާޅައި، ފެމިލީ ކޯޓަށް ހުށައެޅުނު ގިނަ ޢަދަދެއްގެ މައްސަލަ ފޯމުތަކެއް ބަހައްޓާފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅުމުން ޓްރައިބިއުނަލްއިން ބެއްލެވުމަށްފަހު 17 ސެޕްޓެމްބަރު 2013 ގައި ނިންމާފައިވާ މައްސަލައެއް ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ނިންމެވިގޮތުގެ ރިޕޯޓް ދިރާސާކުރެއްވުމަށްފަހު މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް ފެމެލީ ކޯޓުން އެދިވަޑައިގަތުމުގެ އިތުރުން، އެ ނިންމުމުގައި އިސްތިއުނާފުކުރަންޖެހޭ ޤާނޫނީ ނުކުތާތަކެއް ހިމެނޭކަމަށް މައްސަލަ ގެންގުޅުއްވި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށްވެސް ފާހަގަކުރެވިފައިވާތީ، ދައުލަތުން މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ދައުލަތުގެ ބަންޑާރަނައިބާއިއެކު މަޝްވަރާކުރުމަށްފަހު ގޮތެއް ކަނޑައެޅުމަށް ނިންމާފައިވަނީ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
[8]3- އެޓަރނީ ޖެނެރަލްގެ އޮފީހުން އެގޮތަށް ނިންމި ނަމަވެސް 29 އޮކްޓޫބަރު 2013 އިން ފެށިގެން ދިގު މުއްދަތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވުމުގެ ސަބަބުން މިކަމުގައި ވަކިގޮތެއް ކަނޑައެޅުން ލަސްވެގެން ދިއުމަށްފަހު، އަލުން ބަންޑާރަނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވި މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވަކިގޮތެއް ނިންމުނީ 23 ޑިސެންބަރު 2013 ގައި ކަމަށާއި، އެހެންކަމުން، މިކަމާ ގުޅޭގޮތުން ފެމެލީ ކޯޓާ އިތުރަށް މަޝްވަރާކުރުމަށްފަހު މި މައްސަލައިގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ފޮނުވިފައިވަނީ 29 ޑިސެންބަރު 2013 ގައިކަމުން، އޭރުވަނީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 60 ދުވަސް ފާއިތުވެ ގޮސްފައި ކަމުން މި މައްސަލަ އިސްތިއުނާފު ނުކުރެވި ލަސްވީ އަމިއްލަބާރު ނުފޯރާފަދަ ސަބަބެއް މެދުވެރި ވެގެންކަމަށާއި ނަމަވެސް އެކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
[9](ރ) ހަތަރުވަނަ ކަމަކީ، ޖިނާއީ މައްސަލަ ތަކުގައްޔާއި މަދަނީ މައްސަލަ ތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
[10](ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ޙާޟިރުވެ ވާހަކަ ދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވާކަމާއި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
[11](ޅ) ހަވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށްވެފައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލަ ނިމުނު ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތު ހަމަނުވަނީސް ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވާކަމާއި ބަންޑާރަނައިބުގެ މަޤާމު ހުސްވިއިރު މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ވަކިގޮތެއް ނިމިފައި ނުވާކަމާއި، މިބާވަތުގެ މައްސަލަ ތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށްވާއިރު މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރާނޭ ވަކިމީހަކު ބަންޑާރަނައިބު ކަނޑައަޅާފައި ނުވާ ޙާލަތުގައި އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބުގެ މަޤާމު ހުސްވެގެން މައްސަލަ އިސްތިއުނާފު ނުކުރެވުމަކީ ހައިކޯޓުގެ ޤަވާޢިދުގައި ބުނާފަދަ ތިމާގެ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވުން ކަމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ބުރަވެވޭ ކަމެވެ.
ޙުކުމް:
[12]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުމަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 66/VTR/2013 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވިގޮތް ރަނގަޅުނޫންކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ނިންމިނިންމުން ޞައްޙަނޫންކަމަށާއި، އެ މައްސަލައަކީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ ދަށުން ބާރުނުފޯރާފަދަ ސަބަބެއް މެދުވެރިވެގެން ހުށަނޭޅިއޮތް މައްސަލައެއްކަމަށާއި އެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށާއި، އެ މައްސަލަ ދައުލަތުގެ ފަރާތުން ހަތްދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅަންވާނެކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
- ހައިކޯޓު ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 ފެބުރުއަރީ 2014 · ރަޖިސްޓްރީކުރީ 26 ފެބުރުއަރީ 2014 · ނިމުނީ 23 ޖޫން 2015 (15.8 މަސް)