ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/488
ޢަލީ ޝަނީޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/488
Ali Shaneez v. Prosecutor General's Office 2016/HC-A/488 (2016/HC-A/488, High Court of the Maldives, 21 November 2016)
ޢަލީ ޝަނީޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ތުހުމަތުކުރެވޭ މައްސަލައަށް ބަލައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 10 ދުވަހަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އަމުރުކުރިއެވެ.
ރަހީނުކުރުން، ތޫނު ހަތިޔާރުން ބިރުދެއްކުން، ޖަމާޢަތް ހަދައިގެން ފޭރުން އަދި ހުއްދަ ނެތް ތަނަކަށް ވަނުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު ފަރާތެއްގެ ބަންދު އިތުރުކުރަން ފުލުހުން އެދުނެވެ. ހައްޔަރުކުރެވުނު ވަގުތު ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤު އަންގާފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހައްޔަރުކުރީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، އަދި 16 (ރ)، 48 (ށ)، 48 (ރ)، 53 (ހ) އާ ޚިލާފު އިޖުރާއަތެއްގެ މައްޗަށް ކަމަށްވާތީ، ޣައިރު ޤާނޫނީ ހައްޔަރެއްގެ މައްޗަށް ބިނާކޮށް ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ ސައްޙަ ނިންމުމެއް ނޫން ކަމަށެވެ.
މައިގަނޑު ސުވާލު
ހައްޔަރުކުރުމަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފު ޣައިރު ޤާނޫނީ ހައްޔަރެއް ކަމަށްވާތީ، އޭގެ މައްޗަށް ބިނާކޮށް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލުވާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ހައްޔަރުކުރެވުނީ ކޯޓު އަމުރެއްގެ ދަށުން ކަމާއި ވަކީލެއްގެ ޙައްޤު އަންގާފައިވާތީ ހައްޔަރުކުރުމުގެ އިޖުރާއަތުގައި ޤާނޫނީ ގޮތުން ސައްޙަނޫން ގޮތަކަށް ޢަމަލުކުރިކަމަށް ނުބެލެވޭތީ، އަމުރު ބާޠިލުކުރަން ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނޫންގޮތަކަށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރުން ބާޠިލުވާނެކަން އެމާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ އެމީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަން ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަށްފަހު، ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަން ސާބިތުކޮށްދިނުމަކީ ބަންދުކުރި ފަރާތުގެ ޒިންމާއެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައި އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މިނިވަންކަން ހިފެހެއްޓި ފަރާތެއް ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާއި އެއްގޮތަށްކަން އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު އެހައްޔަރުގެ ޤާނޫނީ ސައްޙަކަން ކަށަވަރުކޮށް ބަންދުގައި އިތުރަށް ބަހައްޓައިދިނުމަށް އެދި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ޙާޟިރުކުރެވިފައިވާނަމަ، ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ ކުރިން އޭނާއާމެދު ފުލުހުން ކަންކޮށްފައިވާކަމަށް ބުނާގޮތަކީ، އެކަމުގެ ސަބަބުން ބަންދުގައި ބެހެއްޓުމަށް ނެރުއްވި އަމުރުގެ ސައްޙަކަން ގެއްލި އެއަމުރު ބާޠިލުކުރުމަށް އޮތް ޤާނޫނީ ޙުއްޖަތެއްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް