ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/23
އާދަމް ޝަރީފް ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ، 2009/SC-A/23
Adam Shareef v. Bank of Maldives PLC 2009/SC-A/23 (2009/SC-A/23, Supreme Court of the Maldives, 24 November 2010)
އާދަމް ޝަރީފް ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ
މައްސަލައިގެ ޚުލާޞާ
މަދަނީ ކޯޓުގެ 1027/MC/2007 ޤަޟިއްޔާއިން އާދަމް ޝަރީފްގެ މައްޗަށް ޙުކުމްކުރުމުން، ހައިކޯޓުގެ 2008/HC-A/211 ޤަޟިއްޔާއިން އިއްތިފާޤުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އާދަމް ޝަރީފަށް ދޫކުރި ކްރެޑިޓް ކާޑާ ގުޅިގެން ބޭންކުން ކުރި ފައިސާ ހޯދުމުގެ ދަޢުވާއެކެވެ. އާދަމް ޝަރީފް 2005 ގައި ކްރެޑިޓް ކާޑަށް އެދި އެޕްލިކޭޝަން ފޯމެއް ފޮނުވައި އެ ފޯމުގައިވާ އިޤްރާރުގައި ސޮއިކޮށް، ބޭންކުން ދޫކުރި ކާޑު ބޭނުންކޮށްފައިވެއެވެ.
ކޮންޓްރެކްޓުގައިވާ ހުށަހެޅުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ޚިލާފު ހުށަހެޅުމެއް ކަމަށާއި، ކޮންޓްރެކްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ޣައިރު ޤާނޫނީ ކޮންޓްރެކްޓެއް ކަމަށް އާދަމް ޝަރީފް ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ކްރެޑިޓް ކާޑަށް އެދި ފޮނުވި އެޕްލިކޭޝަން ފޯމާއި ކާޑު ދޫކުރުމުން އުފެދުނު ކޮންޓްރެކްޓަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ޚިލާފު ހުށަހެޅުމެއް ހިމެނޭ، ނުވަތަ އެ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ޣައިރު ޤާނޫނީ ކޮންޓްރެކްޓެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ހުށަހެޅުމަކީ ދަޢުވަތަކަށް ނުވެ، ޔަޤީންވާ، ޤާނޫނީ ބަނދެވުން އުފެއްދުމުގެ ނިޔަތުގައި ކުރާ ހުށަހެޅުމަކަށް ވާންޖެހޭއިރު، އެޕްލިކޭޝަން ފޯމަކީ ސާފު ޞައްޙަ ލިޔުމެއް ކަމަށާއި، ބޭންކުން ފޯމު ބަލައިގަނެ ކާޑު ދޫކޮށް އާދަމް ޝަރީފް ކާޑު ބޭނުންކުރުމުން ޞައްޙަ ކޮންޓްރެކްޓެއް ޤާއިމްވެފައިވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ކާޑު ބޭނުންކޮށް މުޢާމަލާތްކުރުމަށްފަހު ހުށަހެޅުން ޔަޤީން ނުވާކަމަށް ބުނުމަކީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށާއި، ކޮންޓްރެކްޓަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ޣައިރު ޤާނޫނީ ކޮންޓްރެކްޓެއްގެ އެއްވެސް ސިފައެއް ހިމެނޭ ކޮންޓްރެކްޓެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނު ތަކުން ބާރު ލިބިގެން ހެދޭ ޤަވާޢިދު ތަކާއި އިސްލާމް ދީނުގެ އަޞްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފްނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދު ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކާއި ޤަބޫލުކުރާ ޤަބޫލު ކުރުމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށް ވެފައި (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ކޮންޓްރެކްޓް ކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ، ހުށަހެޅުމަށް ދެވޭ ދަޢުވަތަކަށް ނުވެ، އޭގައި ބުނާ އެއްޗެއް އޮޅުންފިލާ ނުވަތަ ޔަޤީންވާ، އަދި ރައްދުވާ ފަރާތައް ރައްދު ކުރެވިފައިވާ، ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ވާންޖެހޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7]، [8])
- ހުށަހެޅުން ހުށަހަޅާފަރާތަށް، ޤަބޫލުކުރާކަން އެންގުމުން، ޤަބޫލު ކުރުން ފުރިހަމަވީއެވެ. އަދި، ހުށަހެޅުން ޤަބޫލު ކުރާކަން ކަނޑައަޅާ ބުނެވިދާނެކަމާއި، ޢަމަލުކުރާ ގޮތަކުން ޤަބޫލު ކުރާކަން އެންގުނީ ކަމަށް ބެލެވިދާނެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ކްރެޑިޓް ކާޑުގެ ބޭނުންކޮށް، މުޢާމަލާތް ކުރުމަށް ފަހު، ހުށަހެޅުމެއް ނެތްކަމަށް ނުވަތަ ހުށަހެޅުން އޮޅުން ނުފިލާކަމަށް ނުވަތަ ހުށަޅުން ޔަޤީން ނުވާކަމަށް ބުނާބުނުމަކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- ޣައިރު ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލް އެއްޗެއްކަމާއި، ޣައިރު ޤާނޫނީ ކޮންޓްރެކްޓަކަށް ވަނީ އެފަދަ ކޮންޓްރެކްޓެއް ކުރުމަކީ ޤާނޫނު މަނާކުރާ ކަމަކަށްވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ބަދު އަޙްލާޤީ މަޤްޞަދަކަށްޓަކައި ކޮންޓްރެކްޓެއް ކޮށްފައިވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތަށް ކޮންޓްރެކްޓް ކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/23
ދަޢުވާކުރާ ފަރާތް: އާދަމް ޝަރީފް ދަފްތަރު ނަންބަރު ރސ 7675
[1]ދަޢުވާ ލިބޭ ފަރާތް: ބޭންކް އޮފް މޯލްޑިވްސް ޕލކ. 11 ބޮޑުތަކުރުފާނުމަގު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 19 ޖުލައި 2009
ނިމުނު ތާރީޚް: 24 ނޮވެމްބަރު 20101 މާޗް 2009
މައްސަލަ ނިންމި ގަޑި: 10:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/211
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 23 ޖުލައި 2008
ނިމުނު ތާރީޚް: 26 މާރޗް 2009
މައްސަލައިގެ ޚުލާޞާ
[2]މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/211 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި މެދު ހިތްހަމަނުޖެހިގެން، އެ ޤަޟިއްޔާ އިލްތިމާސް ކުރުމަށް އާދަމް ޝަރީފް މ.މ.ޚ. ދަފްތަރު ނަންބަރު: ރސ 7675 ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. އާދަމް ޝަރީފް، ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ (ސެޓިފިކެޓް އޮފް ރަޖިސްޓްރޭޝަން ނަންބަރު C-22/1982) އެވެ.
[3]ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ދަޢުވާގެ ޚުލާޞާގައިވަނީ: "މިއީ، މަދަނީކޯޓުގެ ނަންބަރު 1027/MC/2007 ޤަޟިއްޔާ ނިންމާފައިވާ ގޮތާއިމެދު އާދަމް ޝަރީފު ހިތްހަމަނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދެއްވުންއެދި މިއާދަމް ޝަރީފު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ލިބުނީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށެވެ." މިހެންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ޤަޟިއްޔާ ނިންމަވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
[4]ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްގައި ވަނީ: "... މަދަނީ ކޯޓުގެ ނަންބަރު 1027/MC/2007 ގެ ޤަޟިއްޔާގައި ތ. ތިމަރަފުށީ އަޙްމަދީއާބާދު (ދަފްތަރު ނަންބަރު 7675) އާދަމް ޝަރީފްގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ، ރަނގަޅު ޙުކުމެއް ކަމަށް ކަމުގައިވާތީ މަދަނީ ކޯޓުގެ ނަންބަރު 1027/MC/2007 ގެ ޤަޟިއްޔާގައި މިއާދަމް ޝަރީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ." މިހެންނެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[5]މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީކޯޓުގެ ނަންބަރު 1027/MC/2007ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/211 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިއުން ތަކަށާއި، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ މައްޗަށާއި، އަދި ކޮންޓްރެކްޓާބެހޭ ޢިލްމީ ދިރާޞާތަކަށް ރިޢާޔަތްކޮށް ބެލުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
[6]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/211 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އާދަމް ޝަރީފް އިލްތިމާސް ކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އާދަމް ޝަރީފް އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓަކީ، ޤާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ޚިލާފް ހުށަހެޅުމެއް ހިމެނިފައިވާ ކޮންޓްރެކްޓެއް ކަމަށާއި، އަދި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ޣައިރު ޤާނޫނީ ކޮންޓްރެކްޓެއް ކަމަށް އާދަމް ޝަރީފް އިލްތިމާސް ކޮށްފައިވާ ދެނުކުތާ ފިޔަވައި މި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ސީދާ ގޮތެއް ކަނޑައަޅަންޖެހޭ ޝަރްއީ އަދި ޤާނޫނީ ނުކުތާއެއް އާދަމް ޝަރީފް އިލްތިމާސް ކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ.
[7]ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ކޮންޓްރެކްޓަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނު ތަކުން ބާރު ލިބިގެން ހެދޭ ޤަވާޢިދު ތަކާއި އިސްލާމް ދީނުގެ އަޞްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފްނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދު ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކާއި ޤަބޫލުކުރާ ޤަބޫލު ކުރުމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށް ވެފައި، ކޮންޓްރެކްޓް ކުރުމަށް ހުށަހަޅާ ހުށެހެޅުމަކީ، ހުށަހެޅުމަށް ދެވޭ ދަޢުވަތަކަށް ނުވެ، އޭގައި ބުނާ އެއްޗެއް އޮޅުންފިލާ ނުވަތަ ޔަޤީންވާ، އަދި ރައްދުވާ ފަރާތައް ރައްދު ކުރެވިފައިވާ، ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ވާންޖެހޭއިރު، އާދަމް ޝަރީފް އާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓްގައި ހިމެނޭ ކަމަށް އާދަމް ޝަރީފް ބުނާ އާދަމް ޝަރީފްގެ ހުށަހެޅުން، ޤާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާއި ޚިލާފް ކަމަށް އާދަމް ޝަރީފް ބުނާބުނުން ބެލިގެން މެނުވީ މިމައްސަލައާ މެދު ޝަރީޢަތުގެ ފަރާތުން ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތެވެ.
[8]ޤާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އެމާއްދާގައި ބުނަނީ، ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި ހުށަހެޅުން ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށެވެ.
[9]މި މައްސަލާގައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، 15 ފެބްރުއަރީ 2005 ގައި އާދަމް ޝަރީފް، ބޭންކް އޮފް މޯލްޑިވްސް އަށް ކްރެޑިޓް ކާޑެއް ހޯދުމަށް އެޕްލިކޭޝަން ފޯމެއް ފޮނުވާފައިވާކަމާއި، އެފޯމުގައި، އެ ބޭންކުން ކްރެޑިޓް ކާޑު ދޫކުރުމަށް ޝަރުތުކުރާ އިޤްރާރުގައި ސޮއިކޮށްފައި ވާކަމާއި، އާދަމް ޝަރީފް ހުށަހެޅި އެޕްލިކޭޝަން ފޯމަކީ، އޮޅުން ނުފިލާގޮތަކަށް ނުވަތަ ޔަޤީން ނުވާ ގޮތަކަށް އޮތް އެއްޗެއް ނޫން ކަން ވަރަށް ސާފުކޮށް އެގޭތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުނަށް އިއްތިފާޤުވެވެނީ، ބޭންކް އޮފް މޯލްޑިވްސް އަށް އާދަމް ޝަރީފް ފޮނުވި އެޕްލިކޭޝަން ފޯމަކީ، އޭގެ ޒާތުގައި، ޞައްޙަ ޑޮކިޔުމެންޓެއް ކަމަށެވެ.
[10]ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ބުނާ ގޮތުން، ހުށަހެޅުން ހުށަހަޅާފަރާތަށް، ޤަބޫލުކުރާކަން އެންގުމުން، ޤަބޫލު ކުރުން ފުރިހަމަވީއެވެ. އަދި، ހުށަހެޅުން ޤަބޫލު ކުރާކަން ކަނޑައަޅާ ބުނެވިދާނެކަމާއި، ޢަމަލުކުރާ ގޮތަކުން ޤަބޫލު ކުރާކަން އެންގުނީ ކަމަށް ބެލެވިދާނެކަމާއި، ޤަބޫލު ކުރުމަށް އިތުރު ގޮތެއް ނުވަތަ ޝަރުތެއް އޮވެގެން ނުވާނެކަމާއި، ހުށަހަޅާ ފަރާތުން އެހުށަހެޅުން ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައިވާ ނަމަ، ޤަބޫލު ކުރަންވާނީ އެގޮތަކަށް ކަމާއި، ޤަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ ޤަބޫލުކުރާނީ ޢާންމުކޮށް އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާ ގޮތަކަށް ކަމާއި، އަދި، ހުށަހެޅުމެއް ހުށަހަޅާ އެ ހުށަހެޅުން ޤަބޫލު ކުރުމުން، ޤާނޫނު ޤަބޫލުކުރާ ޙައްޤު ތަކަކާއި ޒިންމާ އެކުލެވިގެންވާ ކޮންޓްރެކްޓެއް ޤާއިމްވީއެވެ.
[11]ކްރެޑިޓް ކާޑެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އާދަމް ޝަރީފު އެޕްލިކޭޝަން ފޯމެއް ފޮނުވާފައިވާކަމާއި، ބޭންކް އޮފް މޯލްޑިވްސް އިން އެ އެޕްލިކޭޝަން ފޯމް ބަލައިގަންފައިވާކަމާއި ބޭންކް އޮފް މޯލްޑިވްސް އިން އާދަމް ޝަރީފަށް އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑެއް ދޫކޮށްފައިވާކަމާއި، ބޭންކް އޮފް މޯލްޑިވްސް އިން އާދަމް ޝަރީފަށް ދޫކުރި ކްރެޑިޓް ކާޑު އާދަމް ޝަރީފް ބަލައިގަނެ ބޭނުން ކޮށްފައިވާކަން މި މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުން ތަކުން ވަރަށް ސާފުކޮށް އެނގޭތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވެނީ އާދަމް ޝަރީފު އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ޞައްޙަ ކޮންޓްރެކްޓެއް ޤާޢިމްވެފައިވާކަމާއި، އެ ކޮންޓްރެކްޓަށް ވަނީ ޢަމަލު ކުރަން ފަށާފައިކަމާއި، ކްރެޑިޓް ކާޑުގެ ބޭނުންކޮށް، މުޢާމަލާތް ކުރުމަށް ފަހު، ހުށަހެޅުމެއް ނެތްކަމަށް ނުވަތަ ހުށަހެޅުން އޮޅުން ނުފިލާކަމަށް ނުވަތަ ހުށަޅުން ޔަޤީން ނުވާކަމަށް ބުނާބުނުމަކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަމެވެ.
[12]ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބަލާއިރު، ޣައިރު ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލް އެއްޗެއްކަމާއި، ޣައިރު ޤާނޫނީ ކޮންޓްރެކްޓަކަށް ވަނީ އެފަދަ ކޮންޓްރެކްޓެއް ކުރުމަކީ ޤާނޫނު މަނާކުރާ ކަމަކަށްވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ބަދު އަޙްލާޤީ މަޤްޞަދަކަށްޓަކައި ކޮންޓްރެކްޓެއް ކޮށްފައިވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތަށް ކޮންޓްރެކްޓް ކުރުމެވެ. އަދި މީގެ އިތުރުން، ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއެއް، މީހަކު ދިރިއުޅުމަށް ނުވަތަ އާމްދަނީ ހޯދުމަށްކުރާ މަސައްކަތަކަށް ހިފެހެއްޓުމެއް ނުވަތަ މަނާކަމެއް މެދުވެރިކުރާނަމަ، އެމާއްދާއެއްގެ ބާރު ހިންގޭނީ ހަމައެކަނި އެއީ އެކަށީގެންވާ ކަމަކަށްވެއްޖެ ހިނދެއްގައިކަމާއި، ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެ މާއްދާއަކީ ބާޠިލް މާއްދާއެއްކަން އެނގެއެވެ.
[13]އާދަމް ޝަރީފް އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދުވެފައިވާ ކޮންޓްރެކްޓަކީ ޤާނޫނު މަނާކުރާ ކަމެއް ކުރުމަށް ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ބަދު ޢަހްލާޤީ މަޤްޞަދަކަށްޓަކައި ނުވަތަ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ ގޮތަށް އޮތް ކޮންޓްރެކްޓެއްނޫންކަމާއި، މީހެއްގެ ދިރިއުޅުމަށް ނުވަތަ އާމްދަނީ ހޯދުމަށްކުރާ މަސައްކަތަކަށް ހިފެހެއްޓުމެއް ނުވަތަ މަނާކަމެއް މެދުވެރިކުރާ ކޮންޓްރެކްޓެއްނޫންކަމާއި، ކޮންޓްރެކްޓުގައި އޮތް އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާ ކޮންޓްރެކްޓެއްނޫންކަން، މި މައްސަލާގައި ހުށަހެޅުނު ލިޔެކިޔުން ތަކުން ވަރަށް ސާފުކޮށް އެނގެއެވެ.
[14]މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ދެކޭ ގޮތުގައި، މައްސަލައިގެ ޙަޤީޤަތްތައް ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އަދި މަދަނީކޯޓުގައި ބެލިފައެވެ. މި ސަބަބަށްޓަކައި، މައްސަލައިގެ ޙަޤީޤަތްތައް އިތުރަށް ބެލުމުގެ ޖާގައެއްނެތެވެ. ޙަޤީޤަތްތައް ބެލުމުގައި އެއްވެސް އޮޅުމެއް އަރާފައި ވާކަމަކަށްވެސް ނުފެނެއެވެ.
ޙުކުމް:
[15]ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމާއި އެކު މަދަނީ ކޯޓުގެ ނަންބަރު 1027/MC/2007 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/211 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/211 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
- ޤާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާ
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 ޖުލައި 2009 · ރަޖިސްޓްރީކުރީ 19 ޖުލައި 2009 · ނިމުނީ 24 ނޮވެމްބަރު 2010 (16.2 މަސް)