ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/306
ޢަބްދުލްބާސިޠު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2015/HC-A/306
Abdhulbaasitu Mohamed v. Prosecutor General's Office 2015/HC-A/306 (2015/HC-A/306, High Court of the Maldives, 29 September 2016)
ޢަބްދުލްބާސިޠު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ދައުލަތުގެ ހެކިންގެ ހެކިބަހުން ކުށް ސާބިތުކޮށް، ޤާނޫނު ނަންބަރު 75/4 ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 އަހަރާއި (ށ) ގެ ދަށުން 5 އަހަރު، ޖުމްލަ 15 އަހަރު ޖަލަށްލުމަށް ޙުކުމްކުރި.
2008 ވަނަ އަހަރު އިސްތިއުނާފުކުރި ފަރާތް ސައިކަލަކަށް އަރާއިރު، އޭނާގެ އަތުގައި ތިންފޫޓުބައި ހުންނަ ވަރުގެ ކަނޑިއެއް އޮތްތަން ފުލުހުން ދުށްކަމަށް ބުނެ، ހަނގުރާމަވެރި ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ 2011 ވަނަ އަހަރު ދައުލަތުން އުފުލި. އޭނާ ދަޢުވާއަށް އިންކާރުކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތަޙުޤީޤު ކުރެވިފައިނުވާ ކުށެއްގެ މައްޗަށް ދަޢުވާކުރި ކަމަށާއި، ޤާނޫނު ނަންބަރު 2010/17 ގެ ލުއި އަދަބު ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭންޖެހޭ ކަމަށާއި، ހެކިތައް ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރުމަށް ނުފުދޭ ކަމަށާއި، ދިފާޢީ ހެކިން ޙާޟިރުނުކުރި ކަމަށާއި، މާރާމާރީގެ ކުށުގެ އަދަބު ލިބިފައިވަނިކޮށް ހަމަ އެ ޢަމަލަށް ދެވަނަ ދަޢުވާއެއް ކުރުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ހަނގުރާމަވެރި ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ ތަޙުޤީޤު ނުކުރެވި އުފުލިތޯ، މާރާމާރީގެ ކުށުގެ އަދަބު ލިބިފައިވަނިކޮށް މި ދަޢުވާ އުފުލުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފުތޯ، ދިފާޢީ ހެކިން ޙާޟިރުނުކުރުމާއި ހެކީގެ ކަފާއަތް، އަދި ޤާނޫނު ނަންބަރު 2010/17 ގެ ލުއި އަދަބު ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހައިކޯޓުން ދެކުނީ، ތަޙުޤީޤުގައި އިސްތިއުނާފުކުރި ފަރާތް ޙައްޤުތަކުން މަޙްރޫމްކުރިކަމުގެ ހެއްކެއް ނެތް ކަމަށާއި، މާރާމާރީއާއި ހަތިޔާރު އަތުގައި އޮތުމަކީ ތަފާތު ދެކުށް ކަމަށާއި، ދިފާޢީ ހެކިން ޙާޟިރުނުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށާއި، ދައުލަތުގެ ތިން ހެކިންގެ ހެކިބަހަށް ތަޢުނުކުރެވޭ ވަރުގެ ފުށުއެރުމެއް ދައްކާފައި ނުވާ ކަމަށާއި، ޤާނޫނު ނަންބަރު 75/4 ގެ ކުށުގެ އަދަބަށް ލުޔެއް ގެނެސްފައި ނުވާތީ ލުއި އަދަބު ނުލިބޭނެ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- މީހަކާމެދު މާރާމާރީ ހިންގުމާއި، ހަނގުރާމަވެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާފަދަ އެއްޗެއް އަތުގައި އޮތުމަކީ ކުށުގެ މާއްދީ ރުކުންތައް ތަފާތު ދެކުށެއް ކަމުން، މި ދެކުށުގެ ދަޢުވާ ކުރުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކުރެވިފައިވާ ދަޢުވާއެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ހެކިން ކޯޓަށް ޙާޟިރުކުރުމަކީ ވަކި ހަމަތަކެއްގެ މަތިން ޝަރީޢަތަށް ހުށަހެޅޭ، އަދި ވަކި ހަމަތަކެއްގެ މަތިން ކޯޓުން ބަލައިގަންނަ ކަމެއްކަމަށްވެފައި، މި އުޞޫލުތަކަށް ބެލުމެއްނެތި މައްސަލައެއްގެ ޚަޞްމަކު ކޯޓަށް ޙާޟިރުކުރަން ބޭނުންވާ ކޮންމެ މީހަކު ކޯޓަށް ޙާޟިރުކޮށް އެމީހެއްގެ ބަޔާންނެގުން ކޯޓުގެ މައްޗަށް ލާޒިމުނުކުރާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށުގެ ޢުންސުރުތަކާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ ޢުންސުރުތަކަކީ ތަފާތު ދެ ޢުންސުރުތަކެއް ކަމާއި، މިއީ ވަކިން ދަޢުވާކުރެވޭ ގޮތަށް އޮތް ވަކި ދެކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ))
- ދަޢުވާ އުފުލުނު ކުށުގެ އަދަބަށް ބަދަލެއް އައިސް، އެކުށުގެ އަދަބަށް ލުޔެއް ޤާނޫނަކުން ދީފައިވާކަން އެނގެން ނެތުމުން، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގައި ބުނެފައިވާ ކުށުގެ އަދަބެއްގެ ގޮތުން، ޤާނޫނު ނަންބަރު 2010/17 ގައި ބަޔާންކުރާ ލުއި އަދަބު ކަނޑައެޅިދާނެކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ))
- ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/17 ގެ 23 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި ޙަވާލާދީފައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (އިސްތިއުނާފުގެ ނުކުތާގައި ޙަވާލާދީފައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް