ސައިޓޭޝަން ކޮޕީ ކުރުމަށް
2014/SC-A/31
ޢަބްދުﷲ އުނައިސް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2014/SC-A/31
Abdhuﷲ Unais v. Prosecutor General's Office 2014/SC-A/31 (2014/SC-A/31, Supreme Court of the Maldives, 16 July 2015)
ޢަބްދުﷲ އުނައިސް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ޢަބްދުﷲ އުނައިސް ކުށްވެރިކޮށް ޢުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާގެ ޖޫރިމަނާ ކުރިއެވެ. ނަމަވެސް އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ޢަބްދުﷲ އުނައިސްގެ ޖީބުން ފެނުނު ސިޓީ އުރައަކުން ޑައިއެސިޓައިލްމޯފިން ފެނުމާ ގުޅިގެން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ އޭނާއާއި އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކުރިއެވެ. ޢަބްދުﷲ އުނައިސް ބުނީ، ސިޓީ އުރަ އޭނާގެ ޖީބަށް ލީ، ދައުލަތުގެ ހެކިވެރިއެއް ކަމަށްވާ ފުލުހެއް ކަމަށެވެ.
ޢަބްދުﷲ އުނައިސް ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ވަކީލެއްގެ ފުރުޞަތު ނުދީ މައްސަލަ ނިންމި ކަމަށާއި، މަޞްލަޙަތު ފުށުއަރާ ހެކިވެރިއެއްގެ ހެކިބަހަށް ރިޢާޔަތްކުރި ކަމަށާއި، ދިފާޢީ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ނުދިން ކަމަށާއި، މި ނުކުތާތަކަށް ހައިކޯޓުން ނުބެލި ކަމަށެވެ.
މައިގަނޑު ސުވާލު
ބަންދުގައި ހުރި ތުހުމަތުކުރެވޭ މީހާއަށް ވަކީލަކު ޢައްޔަންކުރުމާއި ދިފާޢީ ހެކިން ޙާޟިރުކުރުމުގެ މަގު ތަނަވަސްނުކޮށް ކުށް ސާބިތުކޮށް ކުރި ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ.
ނިންމި ގޮތް
ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ޖިނާއީ ޙުކުމެއް ބިނާވާންވާނީ ޞައްޙަ ހެކިތަކެއްގެ މައްޗަށް ކަމާއި، ޝަރުޠުތައް ފުރިހަމަނުވާ ހެކިވެރިއެއްގެ ހެކިބަހަކީ ޞައްޙަ ދަލީލެއް ނޫންކަމާއި، ޚަޞްމުންނަށް ހެކި ހުށަހެޅުމުގެ ހަމަހަމަ ފުރުޞަތު ދޭންވާނެކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. ބަންދުގައި ހުރި މީހަކަށް ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދެވުނީ ކަމަށް ބެލެވޭނީ އެ މަގު ތަނަވަސްކޮށްދީފައިވާނަމަ ކަމަށާއި، ޢަބްދުﷲ އުނައިސް ތަކުރާރުކޮށް އެކަން ބުނި ނަމަވެސް ކްރިމިނަލް ކޯޓުން އެކަމަށް ރިޢާޔަތް ނުކުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 53 ވަނަ މާއްދާގެ (ހ) ން ކަށަވަރުކޮށްދޭ ޙައްޤުން އޭނާ މަޙްރޫމްވި ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން އިބްރާހީމް ޝަޒްލީލް ބަރީއަކުރި ޙުކުމަށް ތާއީދުކުރަމުން، ޢަބްދުﷲ އުނައިސްގެ މައްޗަށް ކުށް ސާބިތުކުރި ކްރިމިނަލް ކޯޓުގެ ޙުކުމާއި ހައިކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރުން ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި، އެ ހެކިތަކާއި، ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރު، ޔަޤީނާ ޤާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަން "ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ ޢާންމު އެއް ޤާނޫނީ ހާއްސިއްޔަތުކަން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ހެކިބަސްދޭ ހެކިވެރިޔާގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހުރުން ލާޒިމްވާ ޝަރްޠުތަކާއި ސިފަތައް ފުރިހަމަވެގެން މެނުވީ އެ ހެކިވެރިޔާގެ ހެކިބަހަކީ ޤާނޫނީ ގޮތުން ޞައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- ޝަރީޢަތަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ބަލާ ވަޒަންކޮށް އޭގެ ޞައްޙަކަމާމެދު ވަކިގޮތެއް ނިންމުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ވިރާޘީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވީނަމަވެސް، ޚަޞްމުންނަށް ލިބިގެންވާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ހައްޤު، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި ޝަރީޢަތުން ޚަޞްމުންނަށް ލިބިދޭންވާނެކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13])
- ކުށުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހައްޔަރުކުރެވިފައިވާ މީހަކަށް ބުނެވިދިޔަ ގޮތުގެމަތިން ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދެވުނުކަމަށް ބެލެވޭނީ އެފަރާތަކަށް އެ މަގު ތަނަވަސް ކޮށްދެވިފައިވާނަމަ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 312014/SC-A/
ދަޢުވާކުރާ ފަރާތް: ޢަބްދުﷲ އުނައިސް
ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
[1]މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 08 ޖޫން 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޖޫން 2014
ނިމުނު ތާރީޚް: 16 ޖުލައި 2015
މައްސަލަ ނިންމި ގަޑި: 15:42
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/318
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 07 އޮކްޓޫބަރ 2013
ނިމުނު ތާރީޚް: 30 ޖަނަވަރީ 2014
މައްސަލައިގެ ޚުލާޞާ
[2]މި ޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ސ.ފޭދޫ، ރައިހާނުގޭ ޢަބްދުﷲ އުނައިސްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ފާހަގަކުރެވުނު ނުކުތާތައް
[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނުނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ، ޢަބްދުﷲ އުނައިސްގެ ފަރާތުން 03 ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
[4](ހ) ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތު ނުދީ މައްސަލަ ނިންމަވާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައިނުވުން.
[5](ށ) ދެވަނަ ސަބަބަކީ، މި މައްސަލާގައި މަސްލަޙަތު ފުށުއަރާ ފަރާތެއްގެ ހެކިބަސް ނަގައި، އޭނާގެ ހެކިބަހަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައިނުވުން.
[6](ނ) ތިންވަނަ ސަބަބަކީ، ދިފާއީ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ނުދީ މައްސަލަ ނިންމަވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައިނުވުން.
[7]ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެން އޮވެއެވެ.
[8]މި މައްސަލައާ ގުޅިގެން ދެ ފަރާތުން ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[9](ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާއަކީ، ޢަބްދުﷲ އުނައިސް އާއި އިބްރާހީމް ޝަޒްލީލް، 07 މެއި 2012 ވަނަ ދުވަހު 23:00 އެހައިކަންހާއިރު، ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގިތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތެކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެ ސަރަޙައްދުގައި މި ދެ މީހުންގެ ޙަރަކާތްތަކަށް ފުލުހުން ފާރަލަމުންދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން ސައިކަލުގެ ފަހަތަށް ޢަބްދުﷲ އުނައިސް އެރިވަގުތު، މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މި ދެ މީހުން ތިބި ސައިކަލުގެ ކައިރީ އޮތް ހުދުކުލައިގެ ސިޓީ އުރަ ނަގައި ފުލުހުން ޗެކްކުރިއިރު އޭގެ ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި އޭގެ ތެރެއިން ފެނުނު 01 ރަބަރު ޕެކެޓް ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 14.9058 ގްރާމް ޑައިއެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ އާއި، ސިޓީ އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި މި ޤަޟިއްޔާގައި އިލްތިމާސްކޮށްފައިވާ ޢަބްދުﷲ އުނައިސް އެރި ސައިކަލު ދުއްވަން އިން އިބްރާހީމް ޝަޒްލީލްގެ ވައަތު މެދު އިނގިލީގެ ނިޝާނާއި ކަނާއަތު މެދު އިނގިލީގެ ނިޝާނާއި ދިމާވާކަމަށް ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން ދައްކާތީ އާއި، މި ދެ މީހުންގެ ހަށިގަނޑު ބަލާ ފާސްކުރިއިރު ޢަބްދުﷲ އުނައިސް ލައިގެންހުރި ސޯޓުބުރީގެ ވާތްފަރާތު ފަހަތު ޖީބުގައި އޮތް ހުދުކުލައިގެ ސިޓީ އުރައިން ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި ހަމަ އެ ސިޓީ އުރައިގެ ތެރޭގައި އޮތް ހުދުކުލައިގެ ޓިޝޫގަނޑެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 01 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 46.084 ގްރާމް ޑައިއެސިޓައިލްމޯފިން / ހެރޮއިން ހުރިމަކަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ އުނައިސް އާއި އިބްރާހީމް ޝަޒްލީލްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި އެ ޤަޟިއްޔާގެ ޙުކުމުގައި ޢަބްދުﷲ އުނައިސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ އުނައިސް ޢުމުރަށް ޖަލަށްލުމާއެކު 100,000/- (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ މިއަދު (09 މެއި 2013) ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ޢަބްދުﷲ އުނައިސްއަށް އަންގާފައިވާކަން އެނގެން އޮންނައިރު، އެ މައްސަލާގައި ދަޢުވާ ލިބުނު ދެމީހުންގެ ތެރެއިން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައިވާކަން ފާގަހަކުރެވިފައިވެއެވެ.
[10](ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންވެގެން އޮންނައިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރުން ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި، އެ ހެކިތަކާއި، ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރު، ޔަޤީނާ ޤާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަން "ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ ޢާންމު އެއް ޤާނޫނީ ހާއްސިއްޔަތުކަން އެނގެން އޮވެއެވެ.
[11](ނ) ތިންވަނަ ކަމަކީ، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުން ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ ހެކިބަސް ވާންޖެހޭނީވެސް ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ހެކިބަހަކަށް ކަމަށާއި، މިގޮތުގެމަތިން ބަލާއިރު ހެކިބަސްދޭ ހެކިވެރިޔާގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހުރުން ލާޒިމްވާ ޝަރްޠުތަކާއި ސިފަތައް ފުރިހަމަވެގެން މެނުވީ އެ ހެކިވެރިޔާގެ ހެކިބަހަކީ ޤާނޫނީ ގޮތުން ޞައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެކަން އެނގެން އޮންނައިރު،
[12]މި މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ދަޢުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 4 ހެކިންގެ ތެރެއިން ހެއްކެއްކަމުގައިވާ، ލާންސް ކޯޕަރަލް ޢަލީ ޢާމިރަކީ، މައްސަލާގައި ހިމެނޭ ޢަބްދުﷲ އުނައިސްގެ ޖީބަށް (މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި) ސިޓީ އުރަ ލީ މީހާކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ އުނައިސް ބުނެފައިވާއިރު، ލާންސް ކޯޕަރަލް ޢަލީ ޢާމިރުގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ބުނާ ސިޓީ އުރައިގެ ފިންގަރޕްރިންޓް ނަގައި އޭގައި ޢަލީ ޢާމިރުގެ ފިންގަރޕްރިންޓް ހުރިކަން، ނުވަތަ ނެތްކަން ކަށަވަރުކުރަން ޖެހޭފަދަ ޙާލަތެއްގައި އެކަން ވެރިފައިކުރުމަކާއި ނުލާކަން ފާހަގަކުރެވިފައި އޮންނަކަމެވެ.
[13](ރ) ހަތަރުވަނަ ކަމަކީ، ޝަރީޢަތަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ބަލާ ވަޒަންކޮށް އޭގެ ޞައްޙަކަމާމެދު ވަކިގޮތެއް ނިންމުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ވިރާޘީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވީނަމަވެސް، ޚަޞްމުންނަށް ލިބިގެންވާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ހައްޤު، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ބުރަވުމަކާ ނުލައި ޝަރީޢަތުން ޚަޞްމުންނަށް ލިބިދޭންވާނެކަން އެނގެން އޮންނަހިނދު، އިސްތިއުނާފު މިކުރެވުނު މައްސަލާގައި ހިމެނޭ ޢަބްދުﷲ އުނައިސް އަކީ ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކުރެވުނު ވަގުތުން ފެށިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްކަމަށް ވެފައި، އޭނާއަށް ހެކިން ޙާޟިރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކޯޓަށް ފޯރުކޮށްދެވޭނެ އެކަށީގެންވާ މަގެއް ތަނަވަސްވެފައި ނެތްކަމަށް ތަކުރާރުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައި އޮންނަ އޮތުމެވެ.
[14](ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތު ނުދީ ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބެލިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ." މިފަދައިން ކަމާއި އަދި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި "ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހައްޔަރުކުރެވިފައިވާ މީހަކަށް ބުނެވިދިޔަ ގޮތުގެމަތިން ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދެވުނުކަމަށް ބެލެވޭނީ އެފަރާތަކަށް އެ މަގު ތަނަވަސް ކޮށްދެވިފައިވާނަމަ ކަމާއި، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޢަބްދުﷲ އުނައިސް އަކީ ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކުރެވުނު ވަގުތުން ފެށިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްކަމަށް ވެފައި، އޭނާއަށް ވަކީލަކު ޢައްޔަންކުރުމަށް އެކަށީގެންވާ މަގެއް ތަނަވަސްވެފައި ނެތްކަމަށް ތަކުރާރުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައި އޮތުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 53 ވަނަ މާއްދާގެ (ހ) އިން ކޮންމެ ދިވެހިރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުން ޢަބްދުﷲ ޢުނައިސް މަޙްރޫމްވެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[15]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރިއިރު، ޤާނޫނީ ވަކީލެއްގެ އެހީއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށްވެފައި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް ފަރާތަކަށްވާނަމަ، އެފަދަ ކޮންމެ ފަރާތަކަށްވެސް ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އިން އެނގެން އޮންނައިރު، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެކަމަށާއި، އަދި އެ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހަކުކަމުގައި ބެލެވުމުގެ ޙައްޤު ލިބިގެންވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށްވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާގައި ދަޢުވާ ލިބުނު ދެ މީހުންގެ ތެރެއިން ސ.ފޭދޫ، ރީތިގަސްދޮށުގޭ އިބްރާހިމް ޝަޒްލީލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ކުރެއްވި ޙުކުމަށް ތާޢީދުކުރުމާއެކު އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ދެވަނަ ފަރާތްކަމުގައިވާ ސ.ފޭދޫ، ރައިހާނުގޭ ޢަބްދުﷲ އުނައިސްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާގައި ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭނެ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާގައި ޙުކުމްކުރެއްވި ކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ އާއި 53 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 664/Cr-C/2012 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި މި ދެ ޙުކުމަކީ ބާޠިލް ދެ ޙުކުމްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި (ނ)
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 8 ޖޫން 2014 · ރަޖިސްޓްރީކުރީ 22 ޖޫން 2014 · ނިމުނީ 16 ޖުލައި 2015 (12.8 މަސް)