ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-C/46
ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް، 2011/SC-C/46
Abdhuﷲ Haseen v. State of Maldives 2011/SC-C/46 (2011/SC-C/46, Supreme Court of the Maldives, 17 November 2011)
ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް
މައްސަލައިގެ ޚުލާޞާ
މި މައްސަލަ ސުޕްރީމް ކޯޓަށް އައީ ދަށު ކޯޓެއްގެ ނިންމުމަކުން ކުރި އިސްތިއުނާފެއްގެ ގޮތުގައި ނޫނެވެ. ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސީދާ ހުށަހެޅި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ޢާންމު މަޞްލަޙަތުގެ ދަޢުވާ ބަލައިގަތުމުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ކޯޓުން ބަލައިގަތެވެ. މެންބަރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުގެ 233/HC-A/2011 ޤަޟިއްޔާއިން ތާއީދުކޮށްފައިވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ 2010/Cr-C/567 ޤަޟިއްޔާއިން ޖިނާއީ ކުށެއް ސާބިތުވެ 01 އަހަރާއި 06 މަސްދުވަހަށް އަރުވާލުމުގެ ޙުކުމް 29 އޯގަސްޓް 2011 ގައި ކުރުމާއި ގުޅިގެން، އެ ގޮނޑި ހުސްވެއްޖެތޯ ކަނޑައަޅައިދިނުމަށް އެދި ޢަބްދުﷲ ޙަސީން ދިވެހި ދައުލަތާ ދެކޮޅަށް ދަޢުވާ ހުށަހެޅިއެވެ. މޫސާ އަންވަރު، އިސްމާޢީލް ޢަބްދުލްޙަމީދު، އާދަމް އާޞިފް އަދި އިލްޙާމް އަޙްމަދު މައްސަލާގައި ތަދައްޚުލުވިއެވެ.
ފަރާތްތަކުގެ ހުށަހެޅުންތައް ޙުކުމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. ދަޢުވާކުރާ ފަރާތުން އެދުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެތޯ ކަނޑައަޅައިދިނުމަށެވެ.
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުން 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމުގެ ޙުކުމް ކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުގެ ގޮނޑި، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ޠަޢުނުކުރުމުގެ ޙައްޤު ބާޤީ ހުރިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން ހުސްވެއްޖެތޯ، އަދި އެ މެންބަރަށް މަޖިލީހަށް ހާޒިރުވުމާއި ވޯޓުދިނުމުގެ ޙައްޤު ލިބޭތޯ.
ނިންމި ގޮތް
ގޮނޑި ހުސްނުވޭ، ހާޒިރުވުމާއި ވޯޓުގެ ޙައްޤު ނުލިބޭ (އިއްތިފާޤުން)
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން ބާރަ މަސްދުވަހަށްވުރެ ދިގު ޙުކުމެއް ތަންފީޛުކުރަމުންދާ މެންބަރަކު މެންބަރުކަމުން ވަކިވާނެ ނަމަވެސް، އެ ޙާލަތު މެދުވެރިވެއްޖެކަމަށް ބެލެވޭނީ ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމި ޙުކުމް ނިހާއީ ޙުކުމަކަށް ވުމުންކަމަށާއި، ހައިކޯޓުގެ 233/HC-A/2011 ގެ ނިންމުމުގައި ޤާނޫނު ތަޠްބީޤުކޮށްފައިވާގޮތުގެ ޞައްޙަކަމާމެދު ސުޕްރީމް ކޯޓުގައި ޠަޢުނުކުރުމުގެ ޙައްޤު އަދި ބާޤީ ހުރުމުން ގޮނޑި ހުސްވެފައި ނުވާތީ އިންތިޚާބެއް ބޭއްވޭނެ ތަނެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (އ) އާއި 205 ވަނަ މާއްދާއަށް ބަލައި، ކުށް ސާބިތުވި ޙުކުމަށް ބަދަލެއް ނައިސް ދެމިއޮތްހައި ހިނދަކު އެ މެންބަރަށް މަޖިލީހަށް ހާޒިރުވުމާއި ވޯޓުދިނުމުގެ ޙައްޤު ނުލިބޭކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ ޙައިޘިއްޔަތު އިޖްރާއީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ކަމުގައިވިއަސް، "ޢާންމު މަޞްލަޙަތުގެ ދަޢުވާ" (Public Interest Litigation) ބަލައިގަތުމުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިޘިއްޔަތުން އެފަދަ ޤަޟިއްޔާއެއް މިކޯޓަށް ބަލައިގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުން ދާކަމަށް ވާނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން އެއްވެސް އޮޅުމެއް ނާރާގޮތަށް އެނގެންއޮތް ދުސްތޫރީ އަސާސެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
- ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަފްހޫމަކީ ފުރަތަމަ ދަރަޖާގެ ކޯޓު (court of first instance) ގެ ޙުކުމް އިސްތިއުނާފީ ކޯޓު (court of appeals) ގައި އިސްތިއުނާފުކުރެވި، އިސްތިއުނާފަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ އެންމެހައި ޤާނޫނީ ނުކުތާތަކާއި ވަޤާއިޢުތައް (facts) ދެވަނަ ފަހަރަށް އަލުން ބެލުމެވެ. ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް ދިވެހިރާއްޖޭގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަބްދައުގެ ދަށުން އިސްތިއުނާފީ ކޯޓުން ނިންމާ ނިންމުންތަކަކީ އެމައްސަލަތަކުގައި ހިމެނޭ ވަޤާއިޢުތަކާއި ގުޅޭގޮތުން ފައިޞަލާ ކުރުވަނިވި ނިހާއީ ޙުކުމްތަކެއް ކަމުގައި ވިއަސް، ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުކަމުގައިވާ ހައިކޯޓުގެ އެންމެހައި ނިންމުންތަކުގައި ޤާނޫނު ތަޠްބީޤު ކޮށްފައިވާގޮތުގެ ޞައްޙަކަން ބެލުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [11])
- މައްސަލައިގެ މައުޟޫޢަށް ފައިޞަލާކޮށް ކޯޓަކުން ކުރާ ކޮންމެ ޖިނާއީ ޙުކުމަކީ އޭގެ ޒާތުގައި ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިގެންވާ ޙުކުމެއްކަމުގައި ވިއަސް، އެ ޙުކުމަށް ފުރިހަމަ ތަންފީޒީ ބާރު ލިބެނީ އެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
- ޙުކުމެއް ނިހާއީ ޙުކުމަކަށްވާ ތަފާތު ގޮތްތަކެއް ވެއެވެ. އޭގެ ތެރެއިން އެއްގޮތަކީ ޤާނޫނަކުން އެ ޙުކުމަކީ އެއްވެސް ޙާލެއްގައި ޠަޢުނު ނުކުރެވޭނެ ޙުކުމެއްކަމުގައި ކަނޑައަޅައިފައި ވުމެވެ. ދެވަނަ ގޮތަކީ ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ ފަރާތެއްގެ މައްޗަށް ޙުކުމްކުރެވުނު ފަރާތުން ޙުކުމް ޠަޢުނު ނުކުރުމެވެ. ތިންވަނަ ގޮތަކީ ޙުކުމެއް ޠަޢުނުކުރާނަމަ އެ ޙުކުމް ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [12])
- ޠަޢުނުކުރެވޭ ޙުކުމް ތަންފީޒުކުރުން ޤާނޫނުގެ ބާރުން ހުއްޓުމަކަށް ނައަންނަ ޙާލަތްތަކުގައިވެސް، ޙުކުމުގެ ބާވަތަށާއި އިސްތިއުނާފުގެ މަރްޙަލާގައި ހުކުމް ތަންފީޒުކުރުމުން ލިބިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުމަކަށް ރިޢާޔަތްކޮށް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކީ އަބަދުވެސް އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ އިޚުތިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [13])
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޙުކުމެއް އިސްތިއުނާފުކުރެވުމުން އެ ޙުކުމެއް ތަންފީޒުކުރުން ޤާނޫނުގެ ބާރުން ހުއްޓުމަކަށް ނާއަންނަނެއެވެ. އެހެންނަމަވެސް އެ ޙުކުމް ތަންފީޒުކުރުން ވަގުތީގޮތުން ފަސްކުރުމަށް އަމުރުކުރުމުގެ ބާރު އެ ޙުކުމެއް އިސްތިއުނާފުކުރާ ކޯޓަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއިން ޤާއިމުކޮށްފައިވާ އުޞޫލުގެ ޙަޤީޤީ މަޤްޞަދަކީ، ޖިނާއީ މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުން އިސްތިއުނާފުކުރެވޭ ޙާލަތުގައި އެ ޙުކުމް ފަސްކުރުމާއިބެހޭ އަޙްކާމްތަކެއް ހިމެނޭ ޤާނޫނެއް ނެތީސް، އެއްވެސް އިސްތިސްނާއަކާ ނުލައި އެފަދަ ނިންމުންތައް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރެވޭ ގޮތަށް އޮތުމުން ގެއްލިގެން ހިނގައިދާނެ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
- އިސްތިއުނާފުކުރެވޭ ޖިނާއީ މައްސަލަތަކުގެ ފުރަތަމަ މަރްޙަލާގެ ޙުކުމް ވަގުތީގޮތުން ފަސްކުރުމުގައި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤަށާ، އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގަޔާއި ލިބިދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރާންވާނެކަމަށް ބުނެފައިވާ، ދީމްޤުރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް އިސްތިއުނާފީ ކޯޓުން ރިޢާޔަތްކުރާން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 77 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފުކުރެވޭ މައްސަލައެއްގެ ޙުކުމަށް ޢަމަލުކުރުން ވަގުތީގޮތުން ފަސްކުރުމަށް އެންގުމަށް މައްސަލަ އިސްތިއުނާފުކުރެވޭ ކޯޓަށް ލިބިފައި އޮންނަ އިޚްތިޔާރަކީ ޙަޤީޤަތުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ޙުދޫދޫގެތެރޭގައި ބޭނުންކުރެވޭނެ އިޚްތިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގައި ބުނެފައިވާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން" މި ޙާލަތު މެދުވެރިވެފައިވާ މީހަކު ކަމުގައި ބެލެވޭނީ ޖިނާއީ ޙުކުމް ޠަޢުނު ކުރުމުގެ މަރްޙަލާތައް ނިމިފައިވާ ނިހާއީ ޙުކުމަކަށް ވުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [15])
- ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ޝަރުޢީ ކޯޓެއްގެ ކުރިމަތީގައި ޖިނާއީ ކުށެއް ސާބިތުވުމަށްފަހު އެ ކުށުން ބަރީއަވުމުގެ ކުރިން އެ މެންބަރަކަށް ޕާރލަމެންޓުގެ ޖަލްސާތަކުގައި ބައިވެރި ނުވެވޭގޮތަށް އޮންނަ އޮތުމަކީ މިޒަމާނުގެ ޕާރލަމެންޓަރީ ޕްރެކްޓިސްގައި އިސްތިޤްރާރުވެފައިވާ އުޞޫލެކެވެ. އޭގެ ޙަޤީޤީ މަޤްޞަދަކީ ޕާރލަމެންޓްތަކުގެ ޙުރުމަތްތެރި އިމުގެތެރޭގައި ކުށްވެރިންނަށް ޖާގަ ނުދިނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއްގެ ތުހުމުތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގައި ބަޔާންވެގެން އޮންނައިރު، އެ ޙައްޤަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއްގެ ތުހުމުތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތު ފަހަނަޅާގޮސް ޝަރްޢީ ކޯޓެއްގައި އެ ކުށް އޭނާގެމައްޗަށް ސާބިތުވުމަށްފަހު އޭނާއަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (އ) ގައި "އެއްވެސް ޖިނާއީ ޙުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެކަމަށްވާނަމަ، އެ ޙުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު އޭނާ ދޫކޮށްލަންވާނެއެވެ." މިހެން ބަޔާންވެގެން އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ޙުކުމެއް ޤާއިމުވެ ދެމި އޮތްހައި ހިނދަކު އެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 462011/SC-C/
[1]ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޙަސީން، (ކޮރަލް ގާރޑްން 4B / މާލެ)
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް
[2]ތަދަލްޚުލްވާ ފަރާތް: މޫސާ އަންވަރު، އިސްމާޢީލް ޢަބްދުލްޙަމީދު، ޙުލުމާލެ 10103، އާދަމް އާޞިފް، ލ. ގަން ތުނޑި، ވުޑްލޭންޑް، އިލްޙާމް އަޙްމަދު،
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
[3]މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 02 ނޮވެމްބަރ 2011
ނިމުނު ތާރީޚް: 17 ނޮވެމްބަރ 2011
މައްސަލަ ނިންމި ގަޑި: 17:20
[4]މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މައްސަލައިގެ ޚުލާޞާ:
[5]މިއީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ އިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް 29 އޯގަސްޓް 2011 ގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައްޔިތުން ގެ މަޖިލީހުގައި އިސްމާޢީލް ޢަބްދުލް ޙަމީދު ފުރަމުން އައި ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާކަމަށް ބުނެ، އެ ގޮނޑި ހުސްވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް އެދި، ޢަބްދުﷲ ޙަސީން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދަޢުވާކުރުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ. އަދި މި މައްސަލާގައި ތަދައްޚުލުވެފައިވާ ފަރާތްތަކަކީ މޫސާ އަންވަރު، އާއި، އިސްމާޢީލް ޢަބަދުލް ޙަމީދު، ހުޅުމާލެ 10103 އާއި، އާދަމް އާޞިފް، ލ. ގަން ތުނޑި/ވުޑްލޭންޑް އާއި، އަދި އިލްޙާމް އަޙްމަދު، އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
[6]މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުންނާއި މައްސަލާގައި ތަދައްޚުލްވި ފަރާތްތަކުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ޖިނާއީ އިޖްރާއާތުގެ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ކޯޓުތަކުގެ ޙުކުމް ތަންފީޒުކުރުމާއިބެހޭ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މިމައްސަލަބެލި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
[7](ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއްކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ." މިހެން ބަޔާންވެގެން އޮންނައިރު، ބުނެވިދިޔަ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ ޙައިޘިއްޔަތު އިޖްރާއީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ކަމުގައިވިއަސް، ޢަބްދުﷲ ޙަސީން ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 46/SC-C/2011 ޤަޟިއްޔާ އިޖްރާއީގޮތުން މިކޯޓަށް ބަލައިގެންފައިވަނީ "ޢާންމު މަޞްލަޙަތުގެ ދަޢުވާ" (Public Interest Litigation) ބަލައިގަތުމުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިޘިއްޔަތުންކަން އެނގެން އޮންނަކަމެވެ.
[8](ށ) ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި "އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ." މިހެން ކަނޑައެޅުމަށްފަހު ހަމަ އެމާއްދާގެ (ނ) ގެ (2) ގައި " ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން" މިހެން ކަނޑައެޅި ބަޔާންވެފައި އޮތުމުން، ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުން ދާކަމަށް ވާނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން އެއްވެސް އޮޅުމެއް ނާރާގޮތަށް އެނގެންއޮތް ދުސްތޫރީ އަސާސެއްކަން އެނގެން އޮންނަ ކަމެވެ.
[9](ނ) ތިންވަނަ ކަމަކީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ޤާނޫނީގޮތުން ބެލެވޭނީ ކޮން ޙާލަތެއްގައިކަން ސާފުކޮށް އެނގިގެން މެނުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގައި ވާފަދަ ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެކަމަށް ކަނޑަނޭޅޭނެ ކަމުގައި ވީހިނދު، މި ނުކުތާއާއި ގުޅުންހުރި އިޖްރާއީ އުޞޫލުތަކާއި މަބްދައުތަކުގެ މައްޗަށް ނަޒަރުކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވާ ކަމެވެ.
[10]1- ޝަރީޢަތަށް ހުށަހެޅޭ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަބްދައަކީ މިޒަމާނުގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ ޢާންމު ޤާނޫނީ މަބްދައެއްކަމާއި، ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަފްހޫމަކީ ފުރަތަމަ ދަރަޖާގެ ކޯޓު (court of first instance) ގެ ޙުކުމް އިސްތިއުނާފީ ކޯޓު (court of appeals) ގައި އިސްތިއުނާފުކުރެވި، އިސްތިއުނާފަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ އެންމެހައި ޤާނޫނީ ނުކުތާތަކާއި ވަޤާއިޢުތައް (facts) ދެވަނަ ފަހަރަށް އަލުން ބެލުން ކަމުގައި ވީއިރު، ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމާއި، ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް ދިވެހިރާއްޖޭގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ށ) އިން އެނގެން އޮވެއެވެ.
[11]2- ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަބްދައުގެ ދަށުން އިސްތިއުނާފީ ކޯޓުން ނިންމާ ނިންމުންތަކަކީ އެމައްސަލަތަކުގައި ހިމެނޭ ވަޤާއިޢުތަކާއި ގުޅޭގޮތުން ފައިޞަލާ ކުރުވަނިވި ނިހާއީ ޙުކުމްތަކެއް ކަމުގައި ވިއަސް، އެ ޙުކުމްތަކުގައި ހިމެނޭ ވަޤާއިޢުތަކަށް އިސްތިއުނާފީ ކޯޓުން ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ ޞައްޙަކަން ބެލުމަކީ މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޤަޟާއީ ހަރުފަތުގެ އެންމެ މަތީ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ވާއިރު، ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުކަމުގައިވާ ހައިކޯޓުގެ އެންމެހައި ނިންމުންތަކުގައި ޤާނޫނު ތަޠްބީޤު ކޮށްފައިވާގޮތުގެ ޞައްޙަކަން ބެލުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮވެއެވެ.
[12]3- ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ފުރަތަމަ މަރްޙަލާގެ ކޯޓުގެ ޙުކުމަކީ އިސްތިއުނާފީ ކޯޓުގައި ޠަޢުނު (challenge) ކުރެވިދާނެ ޙުކުމެއްކަމާއި، އަދި އިސްތިއުނާފީ ކޯޓުގެ ޙުކުމަކީ އެ ޙުކުމުގެ ޤާނޫނީ ޞައްޙަކަމާމެދު ސުޕްރީމް ކޯޓުގައި އަބަދުވެސް ޠަޢުނު ކުރެވިދާނެ ޙުކުމެއްކަމާއި، މައްސަލައިގެ މައުޟޫޢަށް ފައިޞަލާކޮށް ކޯޓަކުން ކުރާ ކޮންމެ ޖިނާއީ ޙުކުމަކީ އޭގެ ޒާތުގައި ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިގެންވާ ޙުކުމެއްކަމުގައި ވިއަސް، އެ ޙުކުމަށް ފުރިހަމަ ތަންފީޒީ ބާރު ލިބެނީ އެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެންކަމާއި، ޙުކުމެއް ނިހާއީ ޙުކުމަކަށްވާ ތަފާތު ގޮތްތަކެއް ވާކަމާއި؛ އޭގެ ތެރެއިން އެއްގޮތަކީ ޤާނޫނަކުން އެ ޙުކުމަކީ އެއްވެސް ޙާލެއްގައި ޠަޢުނު ނުކުރެވޭނެ ޙުކުމެއްކަމުގައި ކަނޑައަޅައިފައި ވުންކަމާއި، ދެވަނަ ގޮތަކީ ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ ފަރާތެއްގެ މައްޗަށް ޙުކުމްކުރެވުނު ފަރާތުން ޙުކުމް ޠަޢުނު ނުކުރުން ކަމާއި، ތިންވަނަ ގޮތަކީ ޙުކުމެއް ޠަޢުނުކުރާނަމަ އެ ޙުކުމް ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމުންކަން ތަހުޒީބު މުޖްތަމަޢުތަކުގެ އިޖްރާއާތުގެ ޤާނޫނުތަކަށް ބެލުމުން އެނގެން އޮވެއެވެ.
[13]4- ޖިނާއީ އިޖްރާއާތުގެ ޢާންމު އުޞޫލަކީ، ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ފުރަތަމަ މަރްޙަލާގެ ޖިނާއީ ޙުކުމެއް އިސްތިއުނާފު ކުރެވުމުން އެ ޙުކުމުގެ ތަންފީޒީ ބާރު ވަގުތީގޮތުން ހުއްޓުން ކަމާއި، މި އުޞޫލަކީ ޙަޤީޤަތުގައި ދެ ދަރަޖާގައި ޝަރީޢަތްކުރެވުމުގެ މަބްދައުގެ ދަށުން އިސްތިޤްރާރުވެފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤުގެ މަޤްޞަދު ޙާޞިލުކޮށްދޭ އުޞޫލެއްކަމާއި، އެހެނީ ފުރަތަމަ މަރްޙަލާގެ ޙުކުމް އިސްތިއުނާފުކޮށް ނިމުމުގެ ކުރިން އެ ޙުކުމް ތަންފީޒުކޮށް ނިމުމަކީ އިސްތިއުނާފުގެ ޙައްޤުގެ މަޤްޞަދު ގެއްލިގެން ދާނެކަމެއްކަމާއި، އެހެންނަމަވެސް އިސްތިއުނާފީ ކޯޓުގެ ޙުކުމުގެ ޤާނޫނީ ޞައްޙަކަމާއި މެދު ސުޕްރީމްކޯޓުގައި ޠަޢުނުކުރެވުމުން އެ ޙުކުމުގެ ތަންފީޒީބާރު ޢާންމު އުޞޫލެއްގެ ގޮތުގައި ބައެއް ޖުރިސްޑިކްޝަންތަކުގައި ހުއްޓުމަކަށް އަންނައިރު އަނެއްބައި ޖުރިސްޑިކްޝަންތަކުގައި ޢާންމު އުޞޫލެއްގެ ގޮތުގައި އެ ޙުކުމުގެ ތަންފީޒީބާރު ހުއްޓުމަކަށް ނައަންނަކަމާއި، ބުނެވިދިޔަ ޢާންމު އުޞޫލުތަކަށް ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިސްނާ ތަކެއް ވާކަމާއި، ޠަޢުނުކުރެވޭ ޙުކުމް ތަންފީޒުކުރުން ޤާނޫނުގެ ބާރުން ހުއްޓުމަކަށް ނައަންނަ ޙާލަތްތަކުގައިވެސް، ޙުކުމުގެ ބާވަތަށާއި އިސްތިއުނާފުގެ މަރްޙަލާގައި ހުކުމް ތަންފީޒުކުރުމުން ލިބިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުމަކަށް ރިޢާޔަތްކޮށް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކީ އަބަދުވެސް އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ އިޚުތިޔާރެއްކަން މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގެ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
[14]5- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި "ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ." މިހެން ބަޔާންވެގެންވާ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޙުކުމެއް އިސްތިއުނާފުކުރެވުމުން އެ ޙުކުމެއް ތަންފީޒުކުރުން ޤާނޫނުގެ ބާރުން ހުއްޓުމަކަށް ނާއަންނަކަމާއި، އެހެންނަމަވެސް އެ ޙުކުމް ތަންފީޒުކުރުން ވަގުތީގޮތުން ފަސްކުރުމަށް އަމުރުކުރުމުގެ ބާރު އެ ޙުކުމެއް އިސްތިއުނާފުކުރާ ކޯޓަށް ލިބިގެންވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ޤާއިމުކޮށްފައިވާ މި އުޞޫލުގެ ޙަޤީޤީ މަޤްޞަދަކީ، ޖިނާއީ މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުން އިސްތިއުނާފުކުރެވޭ ޙާލަތުގައި އެ ޙުކުމް ފަސްކުރުމާއިބެހޭ އަޙްކާމްތަކެއް ހިމެނޭ ޤާނޫނެއް ނެތީސް، އެއްވެސް އިސްތިސްނާއަކާ ނުލައި އެފަދަ ނިންމުންތައް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރެވޭ ގޮތަށް އޮތުމުން ގެއްލިގެން ހިނގައިދާނެ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުންކަން އެނގޭކަމާއި، އެހެންކަމުން ވަކިން ޚާއްޞަގޮތެއްގައި، އިސްތިއުނާފުކުރެވޭ ޖިނާއީ މައްސަލަތަކުގެ ފުރަތަމަ މަރްޙަލާގެ ޙުކުމް ވަގުތީގޮތުން ފަސްކުރުމުގައި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤަށާ، އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގަޔާއި ލިބިދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރާންވާނެކަމަށް ބުނެފައިވާ، ދީމްޤުރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް އިސްތިއުނާފީ ކޯޓުން ރިޢާޔަތްކުރާން ޖެހޭނެކަން އެނގެން އޮންނައިރު، އިސްވެ ބަޔާންވެގެންދިޔަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 77 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފުކުރެވޭ މައްސަލައެއްގެ ޙުކުމަށް ޢަމަލުކުރުން ވަގުތީގޮތުން ފަސްކުރުމަށް އެންގުމަށް މައްސަލަ އިސްތިއުނާފުކުރެވޭ ކޯޓަށް ލިބިފައި އޮންނަ އިޚްތިޔާރަކީ ޙަޤީޤަތުގައި ބުނެވިދިޔަ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ޙުދޫދޫގެތެރޭގައި ބޭނުންކުރެވޭނެ އިޚްތިޔާރެއްކަން ފާހަގަކުރެވެއެވެ.
[15](ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންވެގެންދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ރައްޔިތުންގެ މަޖިލީހުހެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލު ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ އިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް 29 އޯގަސްޓް 2011 ގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން، އިސްމާޢީލު ޢަބްދުލް ޙަމީދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ގައި ބުނެފައިވާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން" މި ޙާލަތު މެދުވެރިވެފައިވާ މީހެއްތޯ ބެލިއިރު، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޠަޢުނު ކުރުމުގެ މަރްޙަލާތައް ނިމިފައިވާ ނިހާއީ ޙުކުމަކަށް ނުވާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ޠަޢުނު ކުރުމުގެ ޙައްޤާއި، އަދި އެ މައްސަލައާއި ގުޅިގެން ހައިކޯޓުގެ ނިންމުމުގައި ޤާނޫނު ތަޠްބީޤުކޮށްފައިވާގޮތުގެ ޞައްޙަކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޠަޢުނުކުރުމުގެ ޙައްޤު އިސްމާޢީލު ޢަބްދުލް ޙަމީދަށް ލިބިގެންވާކަމާއި، ބުނެވިދިޔަ އިސްތިއުނާފީ މަރްޙަލާތަކުގައި ފުރަތަމަ މަރްޙަލާގެ ޖިނާއީ ޙުކުމް ތަންފީޒުކުރުން ފަސްކުރެވިފައި އޮތުމުގެ އިޙްތިމާލު އޮވެދާނެކަމާއި، އަދި އެއިން ކޮންމެ އިސްތިއުނާފީ މަރްޙަލާއެއްގައި ފުރަތަމަ މަރްޙަލާގެ ކޯޓުގެ ޙުކުމަށް ބަދަލު އައުމުގެ އިޙްތިމާލު އޮވެދާނެކަން އެނގެން އޮންނައިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލު ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއިގުޅިގެން އޭނާއަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތުގެ ޙުކުމެއް ތަންފީޒު ކުރަމުން ދާމީހަކުކަމުގައި ބެލެވޭނީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޙުކުމް ނިހާއީ ޙުކުމަކަށް ވުމުންކަން އެނގެން އޮންނައިރު، މިހާރު އެ ޙުކުމް ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި އެ ކޯޓުގެ ނަންބަރު 233/HC-A/2011 ޤަޟިއްޔާއިން ބަލައި ނިމިފައި ކަމުގައި ވީނަމަވެސް، ހައިކޯޓުގެ އެ ނިންމުމުގައި ޤާނޫނޫ ތަޠްބީޤުކޮށްފައިވާގޮތުގެ ޞައްހަކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޠަޢުނުކުރުމުގެ ޙައްޤު އިސްމާޢީލް ޢަބްދުލް ޙަމީދަށް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
[16](ބ) ފަސްވަނަ ކަމަކީ، ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ކުރުމުގެ ތުހުމަތުގައި ހިންގޭ ޖިނާއީ އިޖްރާއާތްތަކުގެ މަރުޙަލާގައި އެ މެންބަރަކަށް ޕާރލަމެންޓްގެ ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް ބައެއް ދައުލަތްތަކުގެ ޤާނޫނުތަކުގައި ކަނޑައެޅިފައިވާއިރު، އަނެއްބައި ދައުލަތްތަކުގެ ޕާރލަމެންޓަރީ ޕްރެކްޓިސްގައި އެފަދަ މެންބަރަކު ޕާރލަމެންޓުގެ ޖަލްސާތަކުގައި ބައިވެރި ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އެ މެންބަރަކު ތަބާވާ ޕާރލަމެންޓަކަށް ލިބިގެންވީކަމުގައި ވީނަމަވެސް، އެ ފަދަ މެންބަރެއްގެ މައްޗަށް ޝަރުޢީ ކޯޓެއްގެ ކުރިމަތީގައި ޖިނާއީ ކުށެއް ސާބިތުވުމަށްފަހު އެ ކުށުން ބަރީއަވުމުގެ ކުރިން އެ މެންބަރަކަށް ޕާރލަމެންޓުގެ ޖަލްސާތަކުގައި ބައިވެރި ނުވެވޭގޮތަށް އޮންނަ އޮތުމަކީ މިޒަމާނުގެ ޕާރލަމެންޓަރީ ޕްރެކްޓިސްގައި އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމާއި، އޭގެ ޙަޤީޤީ މަޤްޞަދަކީ ޕާރލަމެންޓްތަކުގެ ޙުރުމަތްތެރި އިމުގެތެރޭގައި ކުށްވެރިންނަށް ޖާގަ ނުދިނުންކަމާއި، ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވާކަމަށް ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ޙުކުމެއް އައުމަށްފަހު އެ ޙުކުމަށް ބަދަލެއްނައިސް ދެމިއޮތްހައި ހިނދަކު އެ މެންބަރަކު ޤާނޫނުގެ ކުރިމަތީގައި ވާނީ ކުށްވެރިއަކަށް ކަމަށާއި، ކުށްވެރިންނަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި ރައްޔިތުން ތަމްޘީލުކުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ބައެއް ނޫންކަން އެނގެން އޮންނަހިނދު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއްގެ ތުހުމުތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގައި ބަޔާންވެގެން އޮންނައިރު، އެ ޙައްޤަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށެއްގެ ތުހުމުތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތު ފަހަނަޅާގޮސް ޝަރްޢީ ކޯޓެއްގައި އެ ކުށް އޭނާގެމައްޗަށް ސާބިތުވުމަށްފަހު އޭނާއަށް ލިބިގެންވާ ޙައްޤެއް ނޫންކަން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (އ) ގައި "އެއްވެސް ޖިނާއީ ޙުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެކަމަށްވާނަމަ، އެ ޙުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު އޭނާ ދޫކޮށްލަންވާނެއެވެ." މިހެން ބަޔާންވެގެން އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ޙުކުމެއް ޤާއިމުވެ ދެމި އޮތްހައި ހިނދަކު އެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންނުވާކަން ސާފުކޮށް އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލު ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ އިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށްފަހު، އެ ޙުކުމް ޠަޢުނުކޮށް އެ ޙުކުމުން ބަރީއަ ނުވާހާހިނދަކު އިސްމާޢީލު ޢަބްދުލް ޙަމީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
[17]އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލު ޢަބްދުލް ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާ އިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 233/HC-A/2011 ޤަޟިއްޔާއިން ޙުކުމް ކުރި ކުރުމުގައި ޤާނޫނު ތަޠްބީޤުކޮށްފައިވާގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ޙައްޤު އިސްމާޢީލް ޢަބްދުލް ޙަމީދަށް އަދި ގެއްލިފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށްބަލައި ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ އިންތިޚާބު އަދި ބޭއްވޭނެ ތަނެއް ނެތްކަމުގައި ވިއަސް، ބުނެވިދިޔަ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/567 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 233/HC-A/2011 ޤަޟިއްޔާއިން ކުރި ޙުކުމަށް ބަދަލެއް ނައިސް ދެމިއޮތްހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި އެ މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު ޤާނޫނީގޮތުން އިސްމާޢީލް ޢަބްދުލް ޙަމީދަށް ލިބިގެންނުވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިންފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފްފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
- ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (އ)
- ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާ
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 2 ނޮވެމްބަރު 2011 · ރަޖިސްޓްރީކުރީ 2 ނޮވެމްބަރު 2011 · ނިމުނީ 17 ނޮވެމްބަރު 2011 (15 ދުވަސް)